Noorul-islam.NET :: ސަލްޓަން ޕާކުގައި ދެވުނު ޙަމަލާއާމެދު ނޫރުލް އިސްލާމްގެ ބަސް

ސަލްޓަން ޕާކުގައި ދެވުނު ޙަމަލާއާމެދު ނޫރުލް އިސްލާމްގެ ބަސް
Category »  މުޝްރިފްގެ ޤަލަމުން

ތާރީޚް: 18 އޮކްޓޯބަރ 2008

ލިޔުއްވީ : މުޙައްމަދު ޝަހީމު ޢަލީ ސަޢީދު

بسم الله الرحمن الرحيم

 

إن الحمد لله، نحمده ونستعينه ونستغفره، ونعوذ بالله من شرور أنفسنا وسيئات أعمالنا، من يهده الله فلا مضل له ومن يضلل فلا هادي له، وأشهد أن لا إله إلا الله وحده لا شريك له وأشهد أن محمدا عبده ورسوله وبعد:  

މިދިޔަމަހުގެ 29 ވީ ހޮނިހިރު ދުވަހު މެންދުރުފަހުގެ ވަގުތެއްގައި ރާއްޖެއައިސް ތިބި މެހްމާނުންނަށް އަމާޒުކުރެވިގެން ސަލްޓަން ޕާކުގައި ދެވުނު ޙަމަލާއަކީ އިސްލާމީ ޝަރީޢަތާއި އަޚްލާޤިއްޔާތުން އެއްކިބާވެފައިވާ ޙައްދުފަހަނައަޅާފައިވާ ވަރަށް ނުރައްކާތެރި ޖަރީމާއެކެވެ.

މިޙަމަލާގެ ސަބަބުން އިސްލާމްދީނާއި ދީނަށް އުޅޭ މީހުންނާއި ޤައުމު ވަރަށް ބޮޑަށް ބަދުނާމުވެގެން ހިނގައްޖެއެވެ. އަދި މީގެ ސަބަބުން ދިވެހިރާއްޖޭގެ އިޤްތިޞާދަށް އިންތިހާ އަށް އަސަރުކުރާނޭ ކަމީ ޝައްކެއް އޮތް ކަމެއްނޫނެވެ.  

މިޢަމަލު މިސައިޓްގެ ފަރާތުން އިންތިހާ ދަރަޖައިގައި ކުށްވެރިކުރަމެވެ. މިފަދަ ޢަމަލުތަކަކީ އިސްލާމްދީން އެއިން ބަރީއަވެގެންވާ ޢަމަލުތަކެކެވެ. މިކަންކުރިބަޔަކާ މެދު އިސްލާމްދީން ހުއްދަކުރާ އެންމެ ހަރުކަށި ފިޔަވަޅުއެޅުއްވުމަށް ދިވެހިސަރުކާރަށް ގޮވާލަމެވެ. މިފަދަ ޢަމަލުތަކުގެ ސަބަބުން ބަދުނާމުވަނީ އިސްލާމްދީނާއި މުސްލިމުންނެވެ. އިސްލާމީ ދަޢުވަތުގެ މަގަށް އެތައް ހުރަސްތަކެއް ކުރިމަތިވާނޭ ކަމީ ޔަޤީންކަމެކެވެ. މިއީ އިންތިހާ އަށް ހިތާމަހުރި ކަމެކެވެ.  

ޤައުމަށް އަމާންކަން ލިބިގެން ޤާނޫނީ އޮނިގަނޑުތެރެއިން ވަދެ ތިބޭ ޣައިރު މުސްލިމުންނަށް އިޙްތިރާމްކޮށް އެބައިމީހުންނަށް އަމާންކަން ދިނުމަކީ ޤައުމުގެ އެންމެހައި ރައްޔިތުންނާއި ސަރުކާރުގެ މައްޗަށްވާ ދީނީ ވާޖިބެކެވެ. ފަތުރުވެރިންގެ ގޮތުގައި އިސްލާމީ ދައުލަތެއްގެ ތެރެއަށް ވަދެ އުޅޭ ޣައިރު މުސްލިމުންނަށް ކަމޭހިތުމަކީ ދީނުގެ ބައެކެވެ. ދީނާއި ޤައުމާއި ހަނގުރާމަ ނުކުރާ ޣައިރު މުސްލިމުންނާ މެދު ޢަދުލުވެރިކޮށް ހިތުމަށް އިސްލާމްދީންވަނީ އަމުރުކުރައްވާފައެވެ.

މިއަދު އިސްލާމީ ދައުލަތްތަކަށް އަރައި ހަނގުރާމަކުރަމުން ދާ ޤައުމުތަކުން އެ ޢަމަލުތައް ހިންގަމުން އެދަނީ އެބައިމީހުންގެ ރައްޔިތުންގެ ރުހުމާ ދެކޮޅަށެވެ. އެމެރިކާއާއި އިނގިރޭސިވިލާތުގެ އެންމެ ފަހުގެ ދިރާސާތަކުން ވެސް ދައްކަނީ އެޤައުމުގެ ރައްޔިތުން ބޭނުންވަނީ އެބައިމީހުންގެ ލަޝްކަރުތައް ޤައުމަށް އެބުރި އައުމަށް ކަމުގައެވެ. އެބައިމީހުން ކުރަމުންދާ ހަނގުރާމަތަކަކީ ރައްޔިތުންގެ ރުމާ ދެކޮޅަށް ކުރެވޭ ހަނގުރާތަކެކެވެ. މިހެންކަމުން މުސްލިމުން މިކަމުގައި އެ ޤައުމުތަކުގެ ރައްޔިތުންނަށް ރުޅިވެރިކަން ބޭލުމަކީ އެއްވެސް ޙާއްލެއްގައި އިންސާފެއްނޫނެވެ. އަދި އެމީހުން ފެނުނުހާ ތަނަކުން ޙަމަލާ ދިނުމަކީ އިސްލާމްދީނުގެ އެއްވެސް އަޞްލެއް އުޞޫލެއް ތަންދޭ ކަމެއްނޫނެވެ. އަޅުގަނޑުމެންނާ މެދު ބަޔަކު ކުރާ ކަމަކުން އަޅުގަނޑުމެން، އަޅުގަނޑުމެންގެ ދީނުގެ ހަމަތަކުން އެއްކިބާވެގެން ގޮސްގެން ނުވާނެއެވެ. އަޅުގަނޑުމެން ޢަމަލުކުރަންޖެހޭނީ ދީނުގައި އަންގަވާފައިވާ ގޮތަށެވެ.

އިސްލާމްދީނަކީ ރަޙްމަތުގެ ދީނެވެ. މާތްވެގެންވާ ރޯދަ މަހުގައި ޙައްދުފަހަނައަޅާފައިވާ މިފަދަ ޖަރީމާއެއް ރާއްޖޭގައި ހިންގި ބަޔަކީ ހިތުގައި އެއްވެސް ރަޙްމެއް އޮތް ބަޔަކަށް ނުވާނެއެވެ. އަދި އެއީ ދީންދެކެ ޙަޤީޤީ ލޯބިވާ ބަޔަކަށް ވެސް ނުވާނެއެވެ. މިފަދަ ކަމެއްކުރާ އިރު އެކަމުގެ ޙުކުމާއި، ނަތީޖާއެއް ބެލުމެއްނެތި އެކަމެއް ކުރުމަކީ ހެޔޮވާނޭ ކަމެއްނޫނެވެ. މިއީ ޤަޞްތުގައި ބަޔަކު މެރުމަށް ދެވުނު އަނިޔާވެރި ޙަމަލާއެކެވެ. އިސްލާމްދީނުގައި މީހުންގެ ފުރާނަތަކަކީ ޙުރުމަތްތެރި ވެގެންވާ އެއްޗެކެވެ. ދެޙާލަތެއްގައި ނޫނީ ޤަސްތުގައި މީހަކު ޤަތުލުކުރުމަށް އިސްލާމްދީން ހުއްދަކުރައްވާފައިނުވެއެވެ. އެއް ޙާލަތަކީ އިސްލާމްދީނުގައި ގަނޑައެޅިފައިވާ ޙައްދެއް ތަންފީޒުކުރުމުގެ ގޮތުންނެވެ. މިސާލަކަށް މަރަށް މަރު ހިފުމެވެ. އަނެއް ޙާލަތަކީ އިސްލާމުންގެ ވެރިމިހާ، ނުވަތަ ލަޝްކަރުތަކުގެ ވެރިޔާގެ އަމުރަށް މުސްލިމުންނާއި ކާފަރުންނާ ދެމެދު ކުރެވޭ ހަނގުރާމައިގެ މައިދާނުގައި ދުޝްމަނުންގެ ލަޝްކަރުގެ މީހުންނަށް ޙަމަލާދިނުމެވެ. މިނޫން ގޮތަކަށް މީހެއްގެ ފުރާނައަށް އަމާޒުކުރެވިގެން ދެވޭ ޙަމަލާ އަކީ ޖަރީމާއެކެވެ.

ޙައްދުފަހަނައަޅާފައިވާ ވިސްނުން ރާއްޖޭގައި އުފެދިގެން އުޅޭތާ ވަރަށް ގިނަ ދުވަސްވެއްޖެއެވެ. މިކަމުގެ ކުރީ ކޮޅުގައި އެކަމަށް އެކަށީގެންވާ އިޖްތިމާޢީ، ދީނީ ފަރުވާ ނުދެވުމުގެ ސަބަބުން މިއަދު އެފިކުރުވަނީ ވަރަށް ބޮޑަށް ފެތުރިފައެވެ.

މި ފިކުރުން ޤައުމު ސަލާމަތް ކުރުމަކީ ސަރުކާރާއި ރާއްޖޭގެ އެންމެހައި ޢިލްމުވެރިންގެ ބޮލުގައި އެޅިފައިވާ ވަރަށް ބޮޑު ވާޖިބެކެވެ. އެންމެން ގުޅިގެން މަސައްކަތްކޮށްގެން ނޫން ގޮތަކުން މިވަބާ އިން މުޖުތަމަޢު ސަލާމަތްކުރުމަކީ ވަރަށް އުދަގޫ ކަމެކެވެ.

މިކަމުން ޤައުމު ސަލާމަތްކުރުމަށް ސަރުކާރުގެ ދީނީ ސިޔާސަތު ހަރުދަނާކުރުމާއި ދީނީ މުއައްސަސާތަކުގެ ދައުރު ފުޅާކުރަންޖެހޭނޭ ކަމުގައި އަޅުގަނޑު ދެކެމެވެ. އާދި ރާއްޖޭގެ އެންމެހައި ޢިލްމުވެރިން ޝާމިލްވާނޭ ފަދަ ގޮތަކަށް މަސައްކަތްތަކެއް ރޭވެންވެއްޖެ ކަމުގައި އަޅުގަނޑު ދެކެމެވެ.     

إن أريد إلا الإصلاح ما استطعت وما توفيقي إلا بالله عليه توكلت وإليه أنيب.

وآخر دعوانا أن الحمد لله رب العالمين.

 


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި