Noorul-islam.NET :: ދިވެހިރާއްޖޭގެ ކުރީގެ ބަންޑާރަ ނައިބު ޑޮކްޓަރ ޙަސަން ސަޢީދު ސަޢުދީ އަރަބިއްޔާއިން ކިޔަވާ ދަރިވަރުންގެ ބޮލުގައި އެޅުއްވި ތުހުމަތަކީ ޙައްދުފަހަނައަޅާފައިވާ ޢަމަލެއް

ދިވެހިރާއްޖޭގެ ކުރީގެ ބަންޑާރަ ނައިބު ޑޮކްޓަރ ޙަސަން ސަޢީދު ސަޢުދީ އަރަބިއްޔާއިން ކިޔަވާ ދަރިވަރުންގެ ބޮލުގައި އެޅުއްވި ތުހުމަތަކީ ޙައްދުފަހަނައަޅާފައިވާ ޢަމަލެއް
Category »  މުޝްރިފްގެ ޤަލަމުން

ތާރީޚް: 18 އޮކްޓޯބަރ 2008

ލިޔުއްވީ : މުޙައްމަދު ޝަހީމް ޢަލީ ސަޢީދު 

 

ސަލްޓަން ޕާކުގައި ދެވުނު ޙަމަލާއާއި ގުޅިގެން ބޭރުގެ ނޫހަކަށް އިންޓަވިއުއެއް ދެއްވަމުން ދިވެހިރާއްޖޭގެ ކުރީގެ ބަންޑާރަ ނައިބު ޑޮކްޓަރ ޙަސަން ސަޢީދު، ސަޢޫދީ ޢަރަބިއްޔާއާއި ޕާކިސްތާނުން ކިޔަވައިގެން އައިސްފައިވާ މީހުންގެ ބޮލުގައި ނުބައިވެގެންވާ ތުހުމަތު ތަކެއް އަޅުއްވާފައިވެއެވެ. ޙައްދުފަހަނައަޅާފައިވާ ނުވަތަ ރެޑިކަލް ވައްހާބީ ފިކުރު ފަތުރާ ބަޔަކީ އެތަންތަނުން ކިޔަވައިގެން އަންނަ މީހުންކަމަށް ތުހުމަތު ކުރައްވާފައިވެއެވެ. އަޅުގަނޑުމެންނާއި ރާއްޖޭގައި މިޤައުމުތަކުން ކިޔަވައިގެން ތިބި އެތައްބަޔަކު ބަދުނާމުކޮށް ޑޮކްޓަރ ޙަސަން މި ވިދާޅުވި ބަސްފުޅު ކުށްވެރިކުރެވެން އޮތް އެންމެ މަތީ ދަރަޖައިގައި ކުށްވެރި ކުރަމެވެ.

ޕާކިސްތާނުން ކިޔަވާ ކޮންމެ މީހަކީ ޓެރަރިސްޓެއް ކަމުގައި ވަނީ ނަމަ ޑޮކްޓަރ ޙަސަން ސަޢީދު ވެސް ވާނީ އެއިގެ މީހަކަށްނޫންތޯއެވެ؟ ޑޮކްޓަރ ޙަސަންގެ ތަޢްލީމުގެ ފެށުމަކީ ވެސް ޕާކިސްތާނު ނޫންތޯއެވެ؟ އަދި ކިއެއްތޯ ފައިޞަލްއާބާދުގެ ޖާމިޢާ ސަލަފިއްޔާ ނޫންތޯއެވެ؟

އަދި ޑޮކްޓަރ ޙަސަންގެ ބެސްޓް ފުރެންޑް އަލްއުސްތާޛު މުޙައްމަދު ޖަމީލުއަކީ ވެސް ޕާކިސްތާނުން ކިޔަވާ ވިދާޅުވި ބޭފުޅެއްނޫންތޯއެވެ؟ އޭނާވެސް ފަސްޓް ޑިގްރީ ނަންގަވާފައިވަނީ ޕާކިސްތާނުން ނޫންތޯއެވެ؟ އެހެންވީމާ ތިޔަ ވިދާޅުވި ބަސްފުޅުގެ ތެރޭގައި ތިޔަ ދެބޭފުޅުންވެސް ހިމެނިވަޑައިގަންނަވާނޭތާއެވެ؟  

ޙަސަންގެ އެއްބަނޑު އެއްބަފާ ލޮބުވެތި ބޭބެ، ޑޮކްޓަރ އަބްދުﷲ ސަޢީދު އަކީ ވެސް މަދީނާ ޔުނިވަރސިޓީގެ ދަރިވަރެކެވެ. އޭނާ ފަސްޓްޑް ޑިގްރީ ނެންގެވީ މަދީނާއިންނެވެ. މިއަދު އޭނާ އަކީ އޮސްޓްރޭލިޔާގެ އެންމެ މަޝްހޫރު އެއް ޔުނިވަރސިޓީ ކަމުގައިވާ މެލްބަން ޔުނިވަރސިޓީގެ އިސްލާމިކް ޑިޕާޓްމަންޓްގެ ވެރިޔާ އެވެ. އޭނާ އަކީ އެޔުނިވަސިޓީގެ ޕްރޮފިސަރެކެވެ.

ސަޢޫދީން ކިޔަވާފައިވާ ބައެއް ދަރިވަރުން އެދަރިވަރުންގެ  ޤައުމުތަކުގެ ވަޒީރުންގެ ގޮތުގައްޔާއި ރައްޔިތުންގެ މަޖިލިސްތަކުގެ ރައީސުންގެ ގޮތުގައްޔާއި، ޤައުމުތަކުގެ ސަފީރުންގެ ގޮތުގައްޔާއި ނައިބުންގެ ގޮތުގައްޔާއި ވެރިންގެ މުސްތަޝާރުންގެ ގޮތުގައި ތިއްބެވިކަން ކަށަވަރުކަމާއެކު އަޅުގަނޑު ދަންނަމެވެ.

ދެން އަނެއްކޮޅުން ތިޔަވިދާޅުވަނީ އިމާމު މުޙައްމަދު ބިން ޢަބްދުލްވައްހާބުގެ ދަޢުވަތަކީ ޙައްދުފަހަނައަޅާފައިވާ ދަޢުވަތެއްކަމުގައެވެ. މިއީ ކޮން ހައިސިއްޔަތަކުން ވިދާޅުވި އެއްޗެއް ހެއްޔެވެ؟ އިމާމު މުޙައްމަދު ބިން ޢަބްދުލްވައްހާބު އުޅުއްވި ދުވަސްވަރުގައި ޝިކުރުގެ ނުބައިކަމާއި ޖަހާލަތު އޮތީ ޢަރަބިކަރައިގައި އިންތިހާ އަށް ފެތުރިފައެވެ. އެކަލޭގެފާނަކީ ތަޢުޙީދަށް ގޮވާލެއްވި އިމާމެކެވެ. އިސްލާމީ އުންމަތުން ފާހަނގަކޮށްލެވޭ ބޭކަލެކެވެ. ޢަދްލު އިންސާފު ޤާއިމުކުރުމަށާއި ޤުރްއާނާއި ސުންނަތައް ރުޖޫޢަވުމަށް އެކަލޭގެފާނު ގޮވާލައްވާފައިވެއެވެ. މީހުން ފެންނަހާ ތަނަކުން ޤަތުލުކޮށް ކާފިރުކޮށް، ތަންތަން ގޮއްވައި ހުޅުޖަހައި ހެދުމަށް އެކަލޭގެފާނު ގޮވާލައްވާފައިވޭ ހެއްޔެވެ؟ ދެންފަހެ އެކަލޭގެފާނުގެ އިސްތަށިފުޅުގައި ތިޔައަޅުއްވަނީ ކޮންފަދަ ބޮޑު ބުހުތާނެއް ހެއްޔެވެ؟

ތުނބުޅި ހުރި ކޮންމެ މީހަކީ ޓެރަރިސްޓެއްކަމުގައި ވާންޖެހޭނެ ކަމަށް ހީފުޅުކުނުކުރައްވާށެވެ. އަދި ތުނބުޅިހުރި ކޮންމެ މީހަކީ ބުއްދި ނެތް މީހަކު ކަމުގައިވެސް ދެކެވަޑައިނުގަންނަވާށެވެ. ތުބުޅިއަކީ މީހުން މިނެކިރަން ގެންގުޅޭ މީޒާންކަމުގައި ވެސް ނުހައްދަވާށެވެ.

އެއްވެސް ބޭފުޅަކު ހިތުގައި ހުރި ރުޅިވެރިކަމާއި ޢަދާވާތްތެރިކަމުގެ ސަބަބުން އިސްލާމީ އުންމަތުގެ އިޚްލާޞްތެރި ދަރީންނާއި ޢިލްމީ މުއައްސަސާތައް ބަދުނާމުކުރައްވައިގެންނުވާނެއެވެ. ކުށެއްކުރިމީހަކާ މެދު ބަސްވިދާޅުވާށެވެ. ކޮންމެ ތާކުން ކިޔެވިޔަސް ކުށެއްކޮށްފިމީހަކު ނަމަ އެކަން ހާމަކުރެވެންވާނެއެވެ. މަދީނާއެއް އެހެންތަނެއް ނޯންނާނެއެވެ.  ނަމަވެސް އިންޞާފުވެރިވާން ޖެހޭނެއެވެ. ނުބައި ތުހުމަތެއް އެއްވެސް ބައެއްގެ ބޮލުގައި އަޅުއްވައިގެންނުވާނެއެވެ.

ޑޮކްޓަރ ޙަސަން އެވެ. މައްސަލައަކީ މުޅިއަކުން ކިޔަވާދޭ ތަންތަނުގެ މައްސަލައެއް ނޫނެވެ. މީހުންގެ ވިސްނުމުގެ މައްސަލައެކެވެ. ދިވެހިރާއްޖޭގައި ފެތުރިގެން އުޅޭ ޙައްދުފަހަނައަޅާފައިވާ ފިކުރުގެ ތެރޭގައި ސަޢޫދީން ކިޔަވާފައިވާ ބަޔަކު ނޫޅޭނެއެވެ. ޕާކިސްތާނުން ވެސް ރަނގަޅަށް ކިޔަވައިގެން އައިސްފައި ހުރި މީހަކު ޙައްދުފަހަނައަޅަފައިވާ މީހުންގެ ތެރޭގައި ނޫޅެއެވެ.

ނަމަވެސް އެކިބޭނުން ތަކުގައި ޕާކިސްތާނަށް ގޮސް، ނުވަތަ ޕާކިސްތާނު މަގުން އަފްޣާނިސްތާނަށް ގޮސްފައި އައިސްފައި އުޅޭ މީހުން އުޅެއެވެ. އެއީ ކިޔަވައިގެން އުޅޭބައެއްނޫނެވެ. އެމީހުން ކިޔެވިތަނެއް ވެސް ނުހުންނާނެއެވެ. ނަމަވެސް މިފަދަ މީހުންގެ ސަބަބުން އެންމެން ބަދުނާމުވާ ގޮތައް ބަސްބުނުމަކީ އިންޞާފަކަށްވާނެތޯއެވެ؟  

ހަމައެއާއެކު، އެމެރިކާއާއި އިނގިރޭސިވިލާތުން އައިސް ޙައްދުފަހަނައަޅާފައިވާ ދީނީ ވިސްނުން ގެންގުޅޭ މީހުން އުޅެއެވެ. މި ދެޤައުމަށް އެކިދާއިރާތަކުން ކިޔަވަން ގޮސްފައި ނުކިޔަވައި ޝައިޚުންނަށް ވެގެން ދިވެހިރާއްޖެއަށް އައިސް އުޅޭ މީހުން ވަކި މަދެއްނޫނެވެ. އެއްބަޔަކު ޖިހާދަށް ވެސް ގޮސްފައިވެއެވެ. އެމީހުންގެ ފަތުވާތައް ވެސް މަދެއްނޫނެވެ. އިނގިރޭސިބަހުން ހުންނަ ބައެއް ފޮތްތައް ކިޔައި ހަރުކަށި ފަތުވާދީ ހަދާ މީހުން މަދެއްނޫނެވެ. އަޅުގަނޑަށް ނަންތައް ވެސް ދަންނަވަން އެނގެއެވެ. ނަމަވެސް، ކޮންމެ ބަހަކަށް ވެސް މަޤާމެއް ވެއެވެ.   

ސަޢޫދީން ކިޔަވާ ދަރިވަރުން، ނުވަތަ މަދީނާ ޔުނިވަރސިޓީގެ އަންނަ ދަރިވަރުންނަކީ ޞުލްޙަވެރިކަމާއި އިންޞާފަށް ލޯބިކުރާ ބައެކެވެ. އިސްލާމީ އުޞޫލުތަކާއި ޝަރުޢީ ހަމަތައް ދަންނަ ބައެކެވެ. ޝަރުޢީ އަޞްލެއް ނެތި މީހުން ކާފިރުކުރުމާއި މިފަދަ ނޭއްގާނީ ކަންތައްތަކުން ދުރުވެގެންވާ ބައެކެވެ. މުސްލިމުންގެ ޖަމާޢަތާ ވަކިވެ، ގޭގައި ނަމާދުކޮށް، ކައިވެނިކޮށް، ހުކުރުކޮށް އުޅޭ ބައެއްނޫނެވެ.  

ދުނިޔޭގެ އެއްވެސް ހިސާބެއްގައި ހިންގަމުންދާ ޓެރަރިޒަމްގެ ޙަރަކާތެއްގައި ޚާޢްޞަކޮށް މަދީނާ ޔުނިވަރސިޓީގެ ދަރިވަރުން ބައިވެރިވެފައިނެތެވެ. ދިވެހިރާއްޖޭގައި ވެސް މީގެ އެތަކެއް އަރަހުތަކެއްގެ ކުރިން ފެށިގެން މަދީނާއިން ތަޢްލީމު ޙާޞިލްކޮށްފައިވާ ބޭފުޅުން އަންނަނީ މަސައްކަތްތައްކުރަމުންނެވެ. ދިވެހި ސަރުކާރުގެ ވަރަށް މަތީ މަޤާމުތައްވެސް އެބޭފުޅުންވަނީ ފުރުއްވާފައެވެ. މިބޭފުޅުންނަކީ ޓެރަރިޒަމްގެ ޙަރަކާތްތަކަށް ގޮވާއުޅޭ ބައެއްނޫނެވެ.

ސަޢޫދީން އަންނަމީހުން ދީނުގެ އުޞޫތަކުގައި ހިފުމަށާއި އިސްލާމީ ޝިޢާރުތައް ދިރުވަން މަސައްކަތްކޮށްފައިވެއެވެ. މިއީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. މިކަމަށްޓަކައި ރުޅިއަންނަ ބަޔަކު ރުޅި އަންނަންވީއެވެ. ބަޔަކު ރުޅި އަޔަސް މިޔަކީ ދޫކޮށްލެވޭނޭ ކަމެއްނޫނެވެ. ހެޔޮކަންތައްތަކަށް ގޮވައި ނުބައިވެގެންވާ ކަންތައް މަނާކުރުމަކީ ނަބީބޭކަލުންގެ ރިސާލަތުތަކުގެ އެންމެ މުހިންމު އަސާސެވެ. އެއީ އެބޭކަލުން ވާރުތަކުރައްވާފައިވާ ކަމެކެވެ. ތައުޙީދުގެ އަހުލުވެރިން ކުރަންޖެހޭނޭ ކަމެކެވެ.  

ހުޅަނގުން އިސްލާމްދީނަށް ހުރަސްތައް ކުރިމަތިކުރުވައި ދީނަށްޓަކައި މަސައްކަތްކުރާ މީހުންނާއި މުއައްސަސާތައް ނައްތާލަން މަސައްކަތްކުރަމުން އެބަދެއެވެ. ޓެރަރިޒަމްގެ ނަމުގެވެ. ބޭނުމަކީ ދީން ހަލާކުކޮށްލުމެވެ. އިސްލާމްދީން މިސްކިތުގެ މިޙްރާބަށް ލައި ކަސްތަޅު އެޅުވުމެވެ. މުޖުތަމަޢުން ދީން ވަކިކޮށްލުމެވެ. ޤާނޫނޫތަށް ވެސްޓަން ފަލްސަފާއަށް ފެއްތުމެވެ. ނަމަވެސް މާތް ﷲ އިރާދަކުރެއްވިއްޔާ އެކަމެއްނުވާނެއެވެ. ﷲ އެކަލާނގެ ދީން ފުރިހަމަކުރައްވާނެއެވެ.


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި