Noorul-islam.NET :: އިސްލާމީ ދައުލަތެއް ޤާއިމުކުރުމަކީ އަޅުގަނޑުމެންގެ އެންމެ ވަރުގަދަ ޢަޒުމު
އިސްލާމީ ދައުލަތެއް ޤާއިމުކުރުމަކީ އަޅުގަނޑުމެންގެ އެންމެ ވަރުގަދަ ޢަޒުމު
Category »  ކުރީގެ މުޝްރިފްގެ ޤަލަމުން

ތާރީޚް: 18 އޮކްޓޯބަރ 2008

ލިޔުއްވީ : މުޙައްމަދު ޝަހީމް ޢަލީ ސަޢީދު


 

އިސްލާމްދީނަކީ ﷲ ތަޢާލާ އެކަލާނގެ އަޅުތަކުން އެދީނަކަށް ތަބަޢަވުމަށް އަމުރުކުރައްވާފައިވާ މާތް ދީނެވެ. އެނޫން ދީނެއް ﷲ އަޅުތަކުންގެ ކިބައިން ޤަބޫލު ނުކުރައްވާނެކަން ކީރިތި ޤުރްއާނުގައި އެކަލާނގެވަނީ ކަށަވަރުކުރައްވާފައެވެ.

އިސްލާމްދީން ބިންމަތީގައި ދެމިއޮތުމައްޓަކައާއި އެދީނުގެ ޙުކުމްތައް ޤާއިމުކޮށް ތައުޙީދު ޙިމާޔަތްކުރާނޭ ދައުލަތެއް އޮތުމަކީ ވާޖިބުވެގެންވާ ކަމެއްކަމުގައި ސުންނަތް ޖަމާޢަތުގެ ދަންނަބޭކަލުން ވިދާޅުވެއެވެ. އެއީ އެންމެހައި މުސްލިމުންގެ ބޮޑު ވެރިކަމެވެ.      " ޚިލާފަތެވެ. " ނުވަތަ " އަލްއިމާމަތުލްޢުޡްމާ"  އެވެ. އިސްލާމީ ފިޤްހުގައި މިވެރިކަމަށް ޚާއްޞަ ޙުކުމްތަކެއް ވެއެވެ.  

އާދޭހެވެ! ޝައްކެތް ނެތް ގޮތުގައި އިސްލާމްދީނުގެ އަހުލިވެރިން ރަމްޒުކޮށްދޭ، ﷲ ގެ ޝަރީޢަތް ޤާއިމުކުރާނޭ ޚިލާފަތެއް މުޅި އުންމަތުގައި އޮތުމަކީ ވާޖިބުވެގެންވާ ކަމެކެވެ. ނަމަވެސް މިއަދު މުސްލިމުންވަނީ އެކަމަށް ނުކުޅެދިފައެވެ. ދީންވަނީ ދައުލަތްތަކުން ވަކިވެފައެވެ. ދާޚިލީ މައްސަލަތަކުގެ ތެރެއަށް ޤައުމުތައްވަނީ ވެއްޓި ޣަރަޤުވެފައެވެ. ސިޔާސީ މަސްރަޙުން ދީން އެކަހެރިކޮށްލުމަށް ލާދީނީ މީހުންނާއި ދީނަށް ލޯބިނުކުރާ ވެރީން ދަނީ ގަދަ އަޅައި މަސައްކަތްކުރަމުންނެވެ.

އިސްލާމުންނަށް ލިބުނު އެންމެ ބޮޑު ހިތާމައަކީ އެބައިމީހުންގެ ދީން ޙިމާޔަތްކޮށް ދުނިޔޭގެ ކަންތައްތައް އިޞްލާޙުގެ މަގުން ހިންގައިދިން، އަދި، މުސްލިމުންގެ ހައިބަތާއި ޤަދަރު އުފުލާދިން ޚިލާފަތު ވެއްޓިގެން ދިޔަކަމެވެ.

އަޅުގަނޑުމެން މުސްލިމުންގެ ބޮޑު ވެރިކަން ޚިލާފަތު ވަނީ ފޭރިގެންފައެވެ. އެއީ އަޅުގަނޑުމެންގެ މަޖުދެވެ. އެއީ އަޅުގަނޑުމެންގެ ޢިއްޒަތެވެ. މިއީ ދެމީހަކު ދެބަސްވާނޭ ކަމެއްނޫނެވެ.

މުސްލިމުންގެ ޚިލާފަތު ވެއްޓިގެންދިޔައީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޝަރުޢުގައި މުސްލިމުން ހިފަންޖެހޭ ވަރަށް ނުހިފުމުގެ ސަބަބުންނާއި، ކީރިތި ރަސޫލާގެ ސުންނަތުން އެކަހެރިވެގެން ދިއުމުގެ ސަބަބުންނެވެ.

އަދި ބިދުޢަތަކާއި މުންކަރާތްތައް އުންމަތުގައި ފާޅުވެ ފަސާދަ ޢާއްމުވެގެން ދިއުމުގެ ސަބަބުންނެވެ. އަދި ހަމަ އެއާއެކު މުނާފިޤުން ގިނަވެ، ދުޝްމަނުންގެ ރޭވުންތަކަށް ތަބާވާ މީހުން ގިނަވެ އިސްލާމީ މުޖުތަމަޢުން ދުޝްމަނުންގެ ވަކީލުންނަށް ފުރްޞަތު ބޮޑުވެގެން ދިއުމުގެ ސަބަބުންނެވެ.

މީގެ އިތުރުން ބައިބައިވުންތަކާއި، ދީނީ ޚިލާފުވުންތަކާއި، ދެބަސްވުންތައް ގިނަވުމީ ވެސް ސަބަބެކެވެ.

ނަތީޖާއަކީ، އިސްތިޢުމާރުގެ ނުބައި ވަކިތައް އުއްމަތައް ފެތުރިގެން ދިއުމެވެ. މުސްލިމުންގެ ބިންތައް ފޭރުމެވެ. ޚަޒާނާތައް ލޫޓުވުމެވެ. މުސްލިމުން ބައިބައިވުމެވެ. ޖޯގްރަފީ ގޮތުން މުސްލިމް އުއްމަތް ބައިބައިވެ ކޮންމެ ބަޔަކުވެސް ވަކި ދިދައެއް ނަގައި ބޯޑަރު ލާން ފެށުމެވެ. ކުދި ކުދި ދައުލަތް ތަކަށް އިސްލާމުން ވިއްސިވިހާލިވެގެން ދިއުމެވެ.

މިއަދު މިވަނީ މުސްލިމުންގެ ބޮޑު ވެރިންކަން އަނބުރާ ގެނައުމަށްޓަކައި ބޮޑެތި ޤުރްބާނީތައް ވާންޖެހިފައިވެއެވެ. އެންމެހައި މުސްލިމުން ކިޔަމަންވާންޖެހޭ މުސްލިމުންގެ ބޮޑު ވެރިކަން  ކުދި ކުދި ޤައުމުތަކުގައި ޤާއިމުކުރުމަކީ ފަހަރުގައި ދަތިކަމަކަށް ވެދާނެއެވެ. ނަމަވެސް ބޮޑު ވެރިކަން ޤާއިމުކުރުމަށް އެޅޭ ފިޔަވަޅުތަކެއްގެ ގޮތުން އިސްލާމީ ސަރުކާރުތަކެއް ޤާއިމުކުރުމަކީ އިސްލާމީ ރައްޔިތުންގެ އަތްމަތީގައި އޮތްބާރެކެވެ. އެބައިމީހުން މިގޮތް ބޭނުން ނަމަ، މާތް ﷲ އެބައިމީހުންނަށް ކާމިޔާބު ދެއްވާނޭ ކަމީ ހަމަ ޔަޤީންކަމެކެވެ.  

އާދެ! ބައިބަޔަށް ބެހިގެންދިޔަ ޤައުމުތަކުގައި އިސްލާމީ ޝަރީއަތް ޤާއިމު ކުރާ ސަރުކާރުތައް ޤާއިމުކުރުމަށް ވަރަށް ބޮޑެތި މަސައްކަތްތަކެއް މުސްލިމު އިޚްލާޞްތެރި ލީޑަރުންވަނީ ކުރައްވާފައެވެ. މިޒަމާނަށް ބެލިކަމުގައި ވިޔަސް ދުނިޔޭގެ އެކިކަންކޮޅުތަކުން މިޙަޤީޤަތަކީ ފެންނަމުން ދެއެވެ. ކުރިމަތިވެފައިވާ ގޮންޖެހުންތަކާއެކު ވެސް އިޚްލާޞްތެރި އިސްލާމީ ދަރީންދަނީ މިމަސައްކަތްތައްކުރަމުންނެވެ.   

އިސްލާމީ ޚިލާފަތު އަބުރާ ގެނައުމަށް ކުރެވޭ އުންމީދުގެ މަރުޙަލާއެއްގެ ގޮތުން މުސްލިމުންގެ ޤައުމުތަކުގައި އިސްލާމީ ޝަރީޢަތް ޤާއިމު ކުރާ ސަރުކާރުތައްވަނީ ޤާއިމުކުރަން ޖެހިފައެވެ.

މިފަދަ ސަރުކާރުތައް ޤާއިމުކުރުމަކީ މިއަދު މުސްލިމުން ވަރަށް ދިގު ރާސްތާއެއް ކަނޑައްތުކުރަންޖެހޭ ކަމެއްކަން ޔަޤީނެވެ. މިކަމުގައި ޖީލަކަށް ފަހު ޖީލެއް ފާއިތުވެގެން ދިއުމަކީ ވެސް ހަމަ ވެދާނޭ ކަމެކެވެ. ނަމަވެސް މާތް ﷲ އަށް ވަކީލުކޮށް ކޮންމެ މުސްލިމަކުވެސް އެމީހަކަށް ކުޅަދާނަކަން ލިބިގެންވީ މިންވަރަކުން ދީނަށްޓަކައި މަސައްކަތްކޮށް ދަޢުވަތު ފޯރުކޮށްދިނުމަކީ ވާޖިބުވެގެންވާ ކަމެކެވެ.  

އަޅުގަނޑުގެ ނަޒަރުގައި މިކަމުގައި ކަނޑައްތުކުރަންޖެހޭ މަރުޙަލާތައް ދަންނަވާލާނަމެވެ.

(ހ) ދީނަށް ލޯބިކުރާ މުސްލިމު ފަރުދަކު ބިނާކުރުން:

ބިންމަތީގައި އިސްލާމީ ޝަރީޢަތް ޤާއިމުވެގެން ދިއުމުގެ ކުރީން މުސްލިމު ފަރުދުގެ އަމިއްލަ ނަފުސުގައި ދީން ޤާއިމުވާން އެބަޖެހެއެވެ. އެއިރުން ބިންމަތީގައި އެޝަރީޢަތް ޤާއިމުވުމަށް ފަސޭހަ ވެގެންދާނެއެވެ. ކީރިތި ޤުރްއާނަށް ތަބާވާ، ކީރިތި ރަސޫލާގެ ސުންނަތައް ތަބާވާ، ދީނަށްޓަކައި ޖާނާއި މާލުން ޤުރްބާންވާން ތައްޔާރަށް ހުރި މުސްލިމު ފަރުދަކީ އިސްލާމީ ދައުލަތުގެ ބިންގަލެވެ.

 

 

(ށ) ދީނަށް ތަބާވާ ޢާއިލާއެއް ބިނާވުން:

މިއީ ދެވަނަ މަރުޙަލާއެވެ. އިސްލާމީ އަޚްލާޤާއި އެއްގޮތައް ބިންގާ އެޅިފައިވާ ޢާއިލާތައް އުފެދެންޖެހެއެވެ. ދަރީން ހެޔޮގޮތުގައި ތަރުބިޔަތު ކުރެވެން ޖެހެއެވެ. މިއީ އިސްލާމީ ދައުލަތެއް އުފެއްދުމަށް ކުރެވޭ މަސައްކަތުގެ ދެވަނަ މަރުޙަލާއަށް ވުން މުހިންމެވެ.

 

(ނ) އިސްލާމީ މުޖުތަމަޢެއް ބިނާވުން:

މުސްލިމު ޞާލިޙު ޢާއިލާތަކުގެ ބިންގަލަކީ މުސްލިމު ޞާލިޙު ފަރުދުންނެވެ.  މުޖުތަމަޢުގެ ތަނބުތަކަކީ އެ ޢާއިލާތަކެވެ. މުންކަރާތްތަކުން ދުރުވެގެންވާ، ހެޔޮކަންކަމަށް އަމުރުކުރާ މުޖުތަމަޢެއް އުފެއްދުމަކީ އިސްލާމީ ދައުލަތެއް އުފެދެން މެދުވެރިވުމުގެ އެންމެ ހެޔޮ އަދި މަތިވެރި އެއް ވަސީލަތެވެ.

މިފަދަ ޒަމާނެއްގައި އިސްލާމީ ޝަރީޢަތް ޤާއިމު ކުރާނޭ ސަރުކާރެއް ގެނައުންވަނީ ރައްޔިތުންގެ އަތްމަތީގައެވެ. ރައްޔިތުންނަށް މިވިސްނުން ގެނެސްދޭނޭ އެއްޗަކީ އެބައިމީހުންނަށް ލިބޭ ދީނީ މަޢްލޫމާތާއި، ތަރުބިޔަތެވެ. ކީރިތި ރަސޫލާ މަދީނާގައި ދައުލަތް ޤާއިމު ކުރެއްވުމުގެ ކުރީން ވަރަށް މަތިވެރި ފިޔަވަޅުތަކެއް އެޅުއްވިއެވެ. އޭގެ ތެރޭގައި އެތައް އަހަރެއް ވާންދެން މީސްތަކުންގެ ޢަޤީދާ ހަރުދަނާކުރެއްވިއެވެ. އަދި މަދީނާ އަށް ހިޖުރަކުރައްވައި މުހާޖިރުންނާއި އަންޞާރުން އަޚްކުރައްވައި، މިސްކިތްބިނާކުރައްވައި މަދީނާ ވަށައިގެންވާ ޤަބީލާތަކާއެކު ޞުލްޙަޤާއިމުކުރައްވައި، އިސްލާމީ ވެރިކަން ޤާއިމުކުރެއްވިއެވެ. އަދި ޤައުމުތަކަށް ސަފީރުން ފޮނުއްވައި އިސްލާމްދީން އިޢުލާންކުރެއްވިއެވެ. މިއީ ވަރަށް ކެތްތެރިކަމާއެކު ކުރެއްވި މަތިވެރި މަސައްކަތްޕުޅުތަކުގެ ނަތީޖާއެވެ. އަދި އެކަލޭގެފާނު ތަރުބިޔަތު ކުރެއްވި ނަމޫނާ ޖީލަކީ އެ ދައުލަތުގެ އަންޞާރުންނެވެ.

މިހެންކަމުން މިސުންނަތުގެ އަލީގައި އިސްލާމީ ޢަޤީދާގެ މަތީގައި މުސްލިމު ފަރުދަކު ބިނާކުރަމާ ހިނގާށެވެ. މުސްލިމު ޢާއިލާއެއް ބިނާކުރަމާ ހިނގާށެވެ. އިސްލާމީ މުޖުތަމަޢެއް ބިނާކުރަމާ ހިނގާށެވެ. އެއިރުން ކޮންމެވެސް ދުވަހަކުން ޤައުމުގައި އިސްލާމީ ދައުލަތެއް ޤާއިމު ވެގެން ދާނޭކަމީ ކަށަވަރުކަމެކެވެ. އަދި އެދައުލަތަށް ނަޞްރުދޭނޭ ބަޔަކު ވެސް އެދުވަހަކު ތިބޭނެއެވެ. 

 

މުޙައްމަދު ޝަހީމު ޢަލީ ސަޢީދު

(ނޫރުލް އިސްލާމްގެ މުޝްރިފް)


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި