Noorul-islam.NET :: ޢަސްކަރީގޮތުން ކުރިމަތި ނުލައްވާށެވެ!!!
ޢަސްކަރީގޮތުން ކުރިމަތި ނުލައްވާށެވެ!!!
Category »  ކުރީގެ މުޝްރިފްގެ ޤަލަމުން

ތާރީޚް: 18 އޮކްޓޯބަރ 2008

ލިޔުއްވީ : މުޙައްމަދު ޝަހީމް ޢަލީ ސަޢީދު 

ދީނީ މައްސަލަތައް ޙައްލުކުރެއްވުމަށް ޢިލްމުވެރިން މެދުވެރިކުރައްވައި މަސައްކަތްކުރެއްވުން ބުއްދިވެރި ކަމުގައި އަޅުގަޑު ދެކެމެވެ. މިއީ ފިކުރީ ވަރަށް ބޮޑު މައްސަލައެކެވެ. ވީމާ މިކަމާ ކުރިމަތި ލާންޖެހޭނީ ހަމަ ފިކުރީ ގޮތުންނެވެ. ވޭތުވެދިޔަ ޒަމާނުގައި މިފަދަ ކަންކަމާ ސަރުކާރުން ކުރިމަތި ލެއްވީ ޢަސްކަރީ ގޮތުންނާއި ޤާނޫނީ ގޮތުންނެވެ. މި ފިކުރުގެ ކުރިމަތީގައި  އެ ގޮތްތައް ވަނީ ފެއިލްވެފައެވެ. ވީމާ މިކަމުގައި ބުއްދިވެރި ޙިކުމަތްތެރި ވިސްނުމަކަށް ދިއުން ހުއްޓެވެ.

ޢަސްކަރީ ގޮތުން މިފަދަ ފިކުރުތަކާ ކުރިމަތިލި ބައެއް ޤައުމުތަކުގައިވަނީ ހުޅުރޯވެފައެވެ. ހަނގުރާމަކުރެވިފައެވެ. މިސާލަކަށް މިޞްރު، އަލްޖީރިއާ، ޕާކިސްތާން، ސަޢޫދީ ޢަރަބިއްޔާ ފަދަ ޤައުމުތަކުގައި ހަރުކަށި ފިކުރުތައް ފެތުރިގެން އައި ދުވަސްވަރު މީހުން ޖަލައްލައި، އަނިޔާކޮށް، ދިގުމުއްދަތައް ޙުކުމްކޮށް، އަދި ބައެއް ޤައުމުތަކުގައި ބައެއް މީހުން ދަންޖައްސާ މަރާލާފައިވެސް ވެއެވެ. ނަތީޖާ އަކީ މިފިކުރު ފެތުރިގެން ދިޔުމެވެ. އެއަށް ބާރެއް ލިބުމެވެ. ސަރުކާރާ އެމީހުންނާ މެދު ޢަދާވާތްތެރިކަމާ ރުޅިވެރިކަން އުފެދިގެން ދިއުމެވެ. މިކަމުގެ ސަބަބުން އެޤައުމުތަކަށް އަންނަ ފަތުރުވެރިންވެސް ޖިހާދުގެ ނަމުގައި މަރައި، މުސްލިމުން ދިރިއުޅޭ ތަންތަނަށް ވެސް ހަމަލާދެވި ކުށެއް ނެތް އެތައްބަޔަކުވަނީ ދީނުގެ ނަމުގައި މަރާލެވިފައެވެ.

ސަޢޫދީ އަރަބިއްޔާގެ ސަރުކާރުން މިހާރު '' މުނާޞަޙާ '' ނަސޭހަތުގެ ޕްރޮގްރާމެއް އުފައްދައި އެމެރިކާގެ ޖަލުތަކުގައި ތިބި އެޤައުމުގެ ވަރަށް ގިނަ މި ފިކުރުގެ މީހުން ގެނެސް ޢިލްމުވެރިން މެދުވެރިކޮށް ނަސޭޙަތްތެރިވުމުގެ ސަބަބުން ވަރަށް ބޮޑަށް އެމީހުން ބަދަލުވެ ވަރަށް ގިނަ ބަޔަކު އިޞްލާޙުވަމުން އެބަދެއެވެ. މި ޕޮރޮގްރާމް ވަރަށް ކާމިޔާބު ކަމުގައި ވަރަށް ފަހުން ސަޢޫދީ ސަރުކާރުންވަނީ ހާމަކޮށްފައެވެ.

މިޞްރުގެ ޖަލުން އެޤައުމުގެ އިސްލާމީ ހަރުކަށި ޖަމަޢާތެއްގެ ވަރަށް ގިނަ ބަޔަކު ދިގުމުއްދަތަކަށް ފަހު ވަނީ އިހައްދުވަހު ދޫކޮށްފައެވެ. 200 އަށް ވުރެ ގިނަ މީހުން ވަނީ ދޫކޮށްފައެވެ. އެމީހުންނަކީ ޖިހާދު ކުރުމުގެ ނަމުގައި ތަންތަން ގޮއްވައި ފަތުރުވެރިން މަރައި، މީހުން ކާފަރުކޮށް އުޅުނު ބަޔެކެވެ. ނަމަވެސް ޖަލުތަކުގައި އެމީހުން ތިބި ދުވަސްވަރު ޢިލްމުވެރިން މެދުވެރިކޮށް ޢިލްމީ ދިރާސާތައް ކޮށް އެމީހުންނާ ވާހަކަ ބަދަލުކުރެވި ވަނީ އެމީހުންގެ ފިކުރުބަދަލުވެފައެވެ. އެމީހުން ކުރިން ތިބި ގޮތް ގޯސްކަމާއި މިހާރު މައްސަލަތައް ފިޤުހީ ގޮތުން މުރާޖިޢާކުރެވިފައިވާ ކަން އެޖަމާޢަތުންވަނީ މީޑިޔާއަށް ހާމަކޮށްފައެވެ. ނަތީޖާ އަކީ ރަނގަޅު ޢަޤީދާއެއްގެ ބަޔަކަށް އެމީހުންވެ އެމީހުން މުޖުތަމަޢަށް ނިކުތުމެވެ.  މިހާރު މިމައްސަލަތައް ޙައްލުކުރުމުގައި އިސްލާމީ ޤައުމުތަކުން ދަނީ މިގޮތައް ޢަމަލުކުރަމުންނެވެ.

އާދެ! އަޞްޙާބު ބޭކަލުންގެ ދުވަސްވަރު އުފެދުނު '' ޚަވާރިޖުންގެ '' ގެ މައްސަލަ ވެސް އެބޭކަލުން ޙައްލުކޮށްފައިވަނީ ފަހުން ވާހަކަ ދައްކައި ޙުއްޖަތްތައް ދައްކައި ޤުރްއާނާ ސުންނަތުގެ އަލީގައެވެ. އަޞްޙާބު ބޭކަލުންގެ ތެރޭގައި ހުންނެވި އެންމެ ބޮޑު ޢިލްމުވެރިޔާ އިބުނު ޢައްބާސް ޚަވާރިޖުންގެ ގާތައް އެމީހުންނަށް ވިސްނުވާ ދެއްވުމަށްޓަކައި ފޮނުއްވުނެވެ. ނަތީޖާ އަކީ ވަރަށް ގިނަ ބަޔަކު ހެޔޮމަގަށް އައުމެވެ.

ޚަވާރިޖުންނަކީ މުސްލިމުން ކާފަރުކޮށް އިސްލާމީ ޖަމާޢަތާއި ވަކިވެގެންގޮސް އަމިއްލަ އަށް ޖަމާޢަތް ހަދައި ހުކުރުކޮށް އުޅުނު ބަޔެކެވެ. އެމީހުން ދިޔައީ އެމީހުން ދުށް ގޮތަކީ ޙައްޤު ގޮތް ކަމުގައި ދެކިގެންނެވެ. އެއްވެސް އަޞްޙާބު ބޭކަލަކު އޭގައި ނުހިމެނެއެވެ. އެއީ ފަހުން އިސްލާމްވީ ބައެކެވެ.

މިއަދު ދީނީ ގޮތުން ޚިޔާލު ތަފާތުވެގެން އެ އުޅޭޒުވާނުންނަކީ ''ޙައްޤު '' ހޯދަން އުޅުނު ބަޔެެކެވެ. އެމީހުންނަށް އަދަބުތައް ނުދެއްވައި އޯގާތެރިވެލެއްވުމަށް އަޅުގަނޑު އެދެމެވެ. އެއިން ކޮންމެ ޒުވާނަކީ ދީނަށް އުޅެން ބޭނުންވެގެން އުޅޭ ކުއްޖެކެވެ. ސުންނަތްދެކެ ލޯބިވާން ބޭނުންވާ މީހެކެވެ. ނަމަވެސް ކިހިނަކުން ހެއްޔެވެ؟ އެގޮތް ނޭގެނީ އެވެ.   އެމީހުންނަށް އެހެންދިމާވީ ދީނީ ގޮތުން އެމީހުންނަށް ލިބެންވީ ޙައްޤުތައް ނުލިބުމުގެ ސަބަބުންނެވެ. މިކަމުގައި ރާއްޖޭގެ އެންމެހައި ދީނުގެ ޢިލްމުވެރިންނާ ސަރުކާރުގެ މުއައްސަސާތައް ޒިންމާ ނަންގަވަންޖެހޭނެއެވެ.

އާދެ! ނަތީޖާ އަކަށްވީ އިތުބާރު ނުހިފޭ ވަސީލަތްތަކުން އެކުދިން ދީން ނެގުމެވެ. އިސްލާމީ ބައެއް ޖަމާޢަތްތަކުގެ ފިކުރުތައް ޤަބޫލުރީއެވެ. ނަތީޖާ އަކީ މުޖުތަމަޢުން އެމީހުން އެކަހެރިވެގެން ދިއުމެވެ. ކާފިރުކަމާ ދުރައް ދިއުމުގެ ނަމުގައި މުސްލިމުންގެ ޖަމާޢަތާ ވަކިވެގެން ދިއުމެވެ.

އިސްލާމީ އެހެނިހެން ޤައުމުތަކުން ޢިބުރަތް ހޯދައި ޙިކުމަތްތެރިކަމާއެކު މިފަދަ ފިކުރު ތަކާ ކުރިމަތި ލެއްވުމަށް ސަރުކާރަށް ގޮވާލަމެވެ. ދީނުގެ ޙައްޤު ގޮތް ޒުވާނުންނާ ހަމައަށް ފޯރުކޮށްދެއްވުމައްޓަކައި މިދަނޑިވަޅުގައި ސަރުކާރާއި ޤައުމުގެ ޢިލްމުވެރިން ގުޅިގެން މަސައްކަތްކުރުން މުހިންމު ކަމުގައި އަޅުގަނޑު ދެކެމެވެ. މިފަދަ ދަނޑިވަޅެއްގައި އެންމެން ގުޅިގެން މަސައްކަތްކުރުމަށް އަޅުގަނޑު ފަށްފަށުން ގޮވާލަމެވެ. ދީނާއި ޤައުމުގެ ދެކެލޯބިން ޤައުމުގެ އިސްލާމީ ވަޙުދަތު ޙިމާޔަތްކޮށް މަޒުހަބީ ޚިޔާލުތަފާތުވުންތަކުން ޤައުމު ރައްކާތެރިކުރުމަށް މަސައްކަތްކުރުމަށް އެންމެހައި މުއައްސަސާތަކަށް ގޮވާލެމެވެ. ނޫންނަމަ މިފަދަ ފިކުރުތަކުގެ ސަބަބުން ވަރަށް ބޮޑެތި މައްސަލަތައް ނިކުމެ ޤައުމު ފަސާދަވެގެން ހިނގައިދާނެކަމީ ޔަޤީންކަމެކެވެ.

 


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި