Noorul-islam.NET :: ޓްރެފިކް ޤަވާޢިދުތަކަށް ޙުރުމަތްތެރިކޮށް ހިތުމަކީ ކުރަންޖެހޭ ކަމެއްބާ؟




ޓްރެފިކް ޤަވާޢިދުތަކަށް ޙުރުމަތްތެރިކޮށް ހިތުމަކީ ކުރަންޖެހޭ ކަމެއްބާ؟
Category »  ކުރީގެ މުޝްރިފްގެ ޤަލަމުން

ތާރީޚް: 18 އޮކްޓޯބަރ 2008

ލިޔުއްވީ : މުޙައްމަދު ޝަހީމް ޢަލީ ސަޢީދު



 

ޕާކު ކުރަންޖެހޭ ތަންތާގައި ޕާކު ކުރުމާއި، ދުއްވަން ކަނޑައަޅާފައިވާ މިންގަނޑުތެރޭގައި ދުއްވުމާއި، މިނޫނަސް ވެސް މިބާވަތުގެ ޤަވާޢިދުތަކަށް އިޙުތިރާމްކުރުމަކީ ކޮންކަހަލަ ކަމެއް ހެއްޔެވެ؟

މި ޤަވާޢިދު ތަކާ ޚިލާފު ވުމުން، މީހުންގެ ފުރާނައަށާއި، މުދަލަށް ކިހާވަރެއްގެ ގެއްލުމެއް މެދުވެރިވޭހެއްޔެވެ؟ މިއީ މިއަދު ވަރަށް ބޮޑަށް ވިސްނަންޖެހިފައިވާ މަސައްލައެކެވެ. މި ޤަވާޢިދުތަކާ ޚިލާފުވުމުގެ ސަބަބުން ގެއްލިފައިވަނީ ކިތައް ލޮބުވެތި ފުރާނައެއް ހެއްޔެވެ؟ މެދުވެރިވެފައިވަނީ ކޮންފަދަ ބޮޑެތި ވޭންތަކެއް ހެއްޔެވެ؟

ވަކިން ޚާއްޞަކޮށް ޓެރެފިކްލައިޓްކައިރީގައި ހުއްޓި ތިބުމަކީ މުހިންމު ކަމެއްހެއްޔެވެ؟ ބައެއް މީހުންގެ ނަޒަރުގައި އެގޮތައް ހުއްޓި ތިބުން މުހިންމު ކަމަކަށް ނުވެދާނެއެވެ. ބައެއް ފަހަރު މާބޮޑު ކަމަކަށް ނުހަދާ ހުރަސްކޮށް ދާތަންވެސް ފެނެއެވެ. މިކުރެވެނޭ ކޮންކަހަލަ ކަމެއް ހެއްޔެވެ؟ ވިސްނުން ހުއްޓެވެ!

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ޤައުމުގެ އަމަންއަމާންކަމާއި، ރައްޔިތުންގެ މަޞްލަޙަތާއި، ނިޒާމު ދެމެހެއްޓުމަށްޓަކައި އިސްލާމްދީނާ ޚިލާފު ނުވާގޮތައް ސަރުކާރުން ކަނޑައަޅާ ޤަވާޢިދުތަކާއި، ޤާނޫނޫ ތަކަށް ބޯލެނބުމަކީ ދީނީ ގޮތުން ވާޖިބުވެގެންވާ ކަމެކެވެ.

ދީނާ ޚިލާފު ނުވާގޮތައް ޤައުމުގެ އަމަންއަމާންކަމާއި، ރައްޔިތުންގެ މަޞްލަޙަތާއި، ނިޒާމު ދެމެހެއްޓުމަށްޓަކައި ޤާނޫނާއި ޤަވާޢިދު އެކުލަވާލުމަކީ ދީނީ ގޮތުން ޙާކިމަށް ދެއްވާފައިވާ ބާރެކެވެ. މިއަށް އުޞޫލުލްފިޤްހު ފޮތްތަކުގައި ކިޔާއުޅެނީ މަޞްލަޙަތުލްމުރްސަލާ އެވެ.

މީގެ އަލީގައި ދެންނެވޭނީ ޓްރެފިކާ ބެހޭ ޤަވާޢިދަކީ ދީނާ އެއްގޮތަކަށް ވެސް ޚިލާފުވުމެއްނެތި، ޤައުމާއި، ރައްޔިތުންގެ މަޞްލަޙަތާއި، އެބައިމީހުންގެ ފުރާނައިގެ ސަލާމަތައްޓަކައި އެކުލަވާލެވިފައިވާ އެއްޗެއްކަމެވެ.

މިހެންކަމުން އެ ޤަވާޢިދުތަކަށް ޙުރުމަތްތެރިކޮށް ހިތައި އެއާ އެއްގޮތަކަށް ޢަމަލުކުރުމަކީ ދީނީ ގޮތުން ކުރަންޖެހޭ ކަމެއްކަމުގައި މިޒަމާނުގެ ދަންނަބޭކަލުން ވިދާޅުވެއެވެ.

މިފުރްޞަތުގައި ޓްރެފިކްޤަވާޢިދުތަކާ  ބެހޭގޮތުން ބެހޭގޮތުން ސަޢުދީ ޢަރަބިއްޔާގެ ދަންނަބޭކަލުންގެ މަޖިލީހާ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެމަޖިލީހުން ނެރުއްވާފައިވާ ފަތުވާގެ ތަރުޖަމާ މިތަނުގައި ނަޤުލު ކޮށްލާނަމެވެ.

އެފަތުވާ އެމަޖިލީހުން ނެރުއްވި އިރު އެމަޖިލީހުގެ ރައީސަކީ މިހާރު އަވަހާރަވެފައިވާ މަޝްހޫރު ޢިލްމުވެރިޔާ އިބުނު ބާޒު އެވެ.

ތިރީގައި މިވަނީ ފަތުވާގެ ތަރުޖަމާއެވެ،

 

ފަތުވާ ނަމްބަރު: 15752

 

ސުވާލު: ޤަވާޢިދާ ޚިލާފަށް ޓްރެފިކްލައިޓް ހުރަސްކޮށް ދިއުމާއި، އަދި މިނޫނަސްވެސް މިކަމުގައި ޤަވާޢިދާ ޚިލާފަށްކުރެވޭ ކަންކަމުގެ ސަބަބުން ފާފަވެރިވާނެ ތޯއެވެ؟  މިސާލަކަށް ކަނޑައެޅިފައިވާ މިންގަނޑަށްވުރެ ބާރުމިނުގައި ރަށުތެރޭގައްޔާއި، ބޭރު ސަރަޙައްދުތަކުގައި ދުއްވުމާއި، ޤަވާޢިދާ ޚިލާފަށް ޕާކުކުރުމާއި، ވަކިން ޚާއްޞަކޮށް ނަމާދު ވަގުތުތަކުގައި، ސަބަބަކާލައިގެންވެސް، ނުވަތަ ސަބަބެއްނެތި އެހެން މީހުންނަށް ހުރަސްއެޅެގޮތަށް ކަންތައްކުރުމަކީ ދީނީ ގޮތުން ކޮންކަހަލަ ކަމެއް ހެއްޔެވެ؟ ޙަރާމްކަމެއް ހެއްޔެވެ؟ ނުވަތަ މަކުރޫހަ ކަމެއް ހެއްޔެވެ؟ މިކަމުގައި އަޅުގަނޑުމެންނަށް ފަތުވާއެއްދެއްވުމް އެދެމެވެ. ތިޔަބޭފުޅުންނަށް މާތް ﷲ ހެޔޮ ޖަޒާދެއްވާށިއެވެ.

 

ޖަވާބު : ޓްރެފިކް ޤަވާޢިދުތަކަކީ މުސްލިމުންގެ ޢާއްމު މަޞްލަޙަތު ދެމެހެއްޓުމަށްޓަކައި ހެދިފައިވާ އެއްޗެކެވެ. މިހެންކަމުން އެޤަވާޢިދުތަކަށް ކިޔަމަންވެ، އެއަށް ޙުރުމަތްތެރިކޮށް ހިތުން ދުއްވާ މީހުންގެ މައްޗައް ވާޖިބުވެގެންވެއެވެ. އެހެނީ އެކަމުގައި މީސްތަކުގެ މަޞްލަޙަތު ވާތީއެވެ. އެެއާ ޚިލާފުވުމުގެ ސަބަބުން ވަރަށް ގިނަ އެކްސިޑެންޓްތައް ހިނގުމާއި، އެތައް ގެއްލުންތަކެއް މީސްތަކުންނަށް ލިބެއެވެ. ނަތީޖާއެއްގެ ގޮތުން ބޮޑެތި އެހެން ގެއްލުންތައް ކުރިމަތިކުރުވައެވެ.

މިސްކިތްތަކުގެ ކައިރީގައި ވަގުތުކޮޅަކަށް ޕާކުކުރުން ދަންނައެވެ! މީސްތަކުންނަށް އުދަގޫނުވާގޮތައް އެމީހުންގެ އާދަކާދައިގެމަތިން، ( ނަމާދުވަގުތުތަކުގައި ) މިސްކިތްތަކުގެ ކައިރީގައި ޕާކުކޮށްލުމުގައި ﷲ އިރާދަކުރެއްވިއްޔާ މައްސަލައެއް ނެތް ކަމަށް އަޅުގަނޑުމެން ދެކެމެވެ.

ތައުފީޤު ދެއްވާނީ މާތް ﷲ އެެވެ. އެކަލާނގެ ނަބިއްޔާ އަށް ޞަލަވާތާ ސަލާމްހުއްޓެވެ.

ފަތުވާ އާއި، ޢިލްމީ ބަޙުޘްތަކާބެހޭ ދާއިމީ މަޖިލިސް

މިފަތުވާގައި ސޮއިކުރައްވާފައިވަނީ އަންނަނިވި ބޭކަލުންނެވެ.

سماحة الشيخ عبد العزيز بن عبد الله بن باز ( ދަންނަބޭކަލުންގެ މަޖިލީހުގެ ކުރީގެ ރައީސް، އަދި މުފްތީ ޢާއްމު)

فضيلة الشيخ عبد الله بن غديان  ( މެންބަރު )

فضيلة الشيخ صالح الفوزان  ( މެންބަރު )

فضيلة الشيخ عبد العزيز آل الشيخ ( މެންބަރު )

فضيلة الشيخ بكر أبو زيد  ( މެންބަރު )

 

މިއީ ޙަޤީޤަތުގައިވެސް ވަރަށް ބޭނުންތެރި ވާހަކަތަކެކެވެ. އިސްލާމްދީން އަޅުކަން ކުރަން އުގަންނައިދިން ފަދައިން އުޅެންވެސް ވަނީ އުގަންނައިދީފައެވެ. މުސްލިމުންނަކީ ފޮތެއް އޮތް، ގޮތެއްވެސް ހުންނަންޖެހޭނެ ބައެކެވެ.

 


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި