Noorul-islam.NET :: މުސްލިމުންނާއި، އިސްލާމްދީން ޙިމާޔަތްކުރާނެ ދައުލަތެއްޤާއިމުކުރެއްވުމަށް ކުރެއްވި މަތިވެރި ދަތުރުފުޅު

މުސްލިމުންނާއި، އިސްލާމްދީން ޙިމާޔަތްކުރާނެ ދައުލަތެއްޤާއިމުކުރެއްވުމަށް ކުރެއްވި މަތިވެރި ދަތުރުފުޅު
Category »  މުޝްރިފްގެ ޤަލަމުން

ތާރީޚް: 18 އޮކްޓޯބަރ 2008

ލިޔުއްވީ : މުޙައްމަދު ޝަހީމް ޢަލީ ސަޢީދު


 

ލޮބުވެތި އަޚުންނާއި އުޚުތުންނެވެ! އިސްލާމީ އުއްމަތުގެ ދަރީނެވެ! ޢިއްޒަތާ މަޖުދުގެ އަހުލުވެރިންނެވެ! ހިޖުރީ އާއަހަރުގެ ހެޔޮއެދުންތަކާއި، ތަހުނިޔާ ތިޔަ އެންމެހައި އަޚުންނާއި އުޚުތުންނަށް ފޮނުވަމެވެ.

އާދެ! ހިޖުރައިން އެއްހާސް ހަތަރުސަތޭކަ ހަތާވީސް އަހަރު ފާތުވެގެންދިޔައީއެވެ. އަޅުގަނޑުމެންގެ ލޮބިވެތި ނަބިއްޔާ، އަދި ދުނިޔެއަށް އެންމެ ވަރުގަދަ އިޞްލާޙީ އިންޤިލާބެއް ގެނެސްދެއްވި މަތިވެރި ސާހިބާގެ ހިޖުރައެވެ. ހިޖުރައެވެ. މާނައަކީ ކޮބައިތޯއެވެ؟ އެއީ ކީއްވެގެން ކުރެއްވި ހިޖުރައެއްތޯއެވެ؟ އަމިއްލަ ލޯބިވާ ވަޠަން ދޫކުރައްވައި ވަޑައިގެންނެވީ ކީއްވެތޯއެވެ؟ އެމާތް މައްކާ ފަތަޙަ ވުމަށް ފަހު ވެސް އެނބުރިވަޑައިނުގެންނެވީ ކީއްވެތޯއެވެ؟ ތައުޙީދަށް ގޮވާލެއްވުމަށް މައްކާގައި ބާރަ، ނުވަތަ ތޭރަ ވަރަކަށް އަހަރު އުޅުއްވާފައި މަދީނާއަށް ވަޑައިގެނެވީ ކީއްވެގެން ހެއްޔެވެ؟ އިސްލާމީ ތާރީޚެއް އެންމެ ފުރަތަމަ ޖެއްސެވީ ބޭކަލަކީ އަމީރުލްމުއުމިނީސް ޢުބަރު ބުނި ޚައްޠާބެވެ. އެކަލޭގެފާނު އެތާރީޚަކަށް، ނަބިއްޔާ އަށް ނަބީކަން ލިބިވަޑައިގެންނެވި ތާރީޚު އިޚުތިޔާރު ނުކުރައްވައި، ހިޖުރަ ކުރެއްވި ތާރީޚު އެއީ އިސްލާމީ ތާރީޚުގެ ފެށުން ކަމުގައި ބެއްލެވީ ކީއްވެތޯއެވެ؟

ދަންނަވަންތޯއެވެ؟ ހިޖުރައާމެދު ޙަޤީޤީ ވިސްނުމަކުން ވިސްނައިފިނަމަ، ލޯތައް ކަރުނުން ފުރިގެންދާނެއެވެ. ނާމާންކަމުގެ ތެރެއިން، އަމާން ބައްރަކަށް ވަޑައިގަތުމަށް ކުރެއްވި މަތިވެރި ދަތުރުފުޅެކެވެ. ﷲ ގެ ދީން ރައްކާތެރިކުރެއްވުމަށް ކުރެއްވި ދަތުރުފުޅެކެވެ. މިދަތުރުފުޅުގެ ސަބަބުން މުސްލިމުންނަށް ޢިއްޒަތް ލިބިގެން ދިޔައެވެ. އިސްލާމްދީނާއި، މުސްލިމުން ޙިމާޔަތްކުރާނޭ ދައުލަތެއް ޤާއިމުވެގެން ދިޔައެވެ. މިކަން ވެގެންދިޔައީ އިސްލާމުންނަށް ލިބުނު ޢިއްޒަތަކަށެވެ. ފެށިގެންދިޔަ އާޞަފްޙާއަކަށެވެ. މިހެންކަމުން، އެމަތިވެރި ދަރުތުފުޅު ކުރެއްވި ތާރީޚު އިސްލާމީ ތާރީޚެއްކަމުގައި ވެގެންދިޔައީއެވެ. މިތާރީޚު އިޚްތިޔާރު ކުރެއްވީ އަމީރުލްމުއުމިނީން ޢުމަރު ބުނި ޚައްޠާބުއެވެ.

 

 

 

މައްކާދޫކުރައްވައި ހިޖުރަކުރެއްވީ ކީއްވެ؟

ﷲ ގެ ދީނަށް ގޮވާލެއްވި ގޮވާލެއްވުމުގެ ސަބަބުން، މުޙައްމަދު ނަބިއްޔާއާއި ގޮންޖެހުންތަށް ކުރިމަތި ވެގެންދިޔައެވެ. މައްކާގެ ބޮޑުންނާއ ފައިސާވެރިންގެ ފަރާތުންނެވެ. ޙަސަބާއި ނަސަބުގެ ސަބަބުން ފަޚުރުވެރިވެފައިވާ މީހުންގެ ފަރާތުންނެވެ. އިހާނެތިކޮށް ހިތުނެވެ. އެކަލޭގެފާނުގެ ދަޢުވަތު ދޫނުކުރެއްވުމުން، ދެން ހުށަހެޅުނީ ފައިސާއާއި، މަޤާމެވެ. ނަމަވެސް ޖަވާބަކީ އެބައިމީހުން އިރު ގެނެސް ތިމަންކަލޭގެފާނުގެ ކަނާތްފުޅުގައި ބަހައްޓައި، ހަނދު ގެނެސް ވައަތްޕުޅުގައި ބެހެޓިޔަސް އިސްލާމްދީނަށް ގޮވާލެއްވުން ދޫނުކުރައްވާނެ ކަމުގައެވެ. ނުވަތަ އެކަމުގެ ސަބަބުން އެކަލޭގެފާނު މަރުވެ ދިއުމެވެ. ނުވަތަ ނަޞްރު ލިބުމެވެ.

މީގެ ސަބަބުން މުޞީބާތްތައް އިތުވެގެން ދިޔައެވެ. ނަތީޖާއަކީ އެކަލޭގެފާނު ޝަހީދުކޮށްލުމަށް ނުބައިރޭވުންތައް ރާވައި އަނިޔާވެރި ޖަރީމާއެއް ހިންގުމަށް މައްކާގެ ބޮޑުން ސައްލާކުރުމެވެ. އެބައިމީހުން އެކަލޭގެ ފާނު ޝަހީދުކޮށްލުމަށް އުޅުނު ރޭ ﷲ އެކަލޭގެފާނު މަދީނާއަށް ވަޑައިގަތުމަށް އަމުރުކުރެއްވިއެވެ. އޭގެ ކުރިން މުސްލިމުންގެ ތެރެއިން ގިނަވެގެންވާ ބަޔަކު ވަނީ މަދީނާއަށް ހިޖުރަކުރައްވާފައެވެ. އެކަލޭގެފާނު މަދީނާއަށް ވަޑައިގަތުމާއެކު އިސްލާމުންގެ ދައުލަތް އިޢުލާންކުރެއްވިއެވެ.

 

ހިއްވަރުފުޅުގަދަ  އަޚު  

ހިޖުރައިގެ ވާހަކަ ހަނދާނަށް ވެރިވާ ކޮންމެ ހިނދަކު އާލާވެގެންދަނީ އެމާތް ޞަޙާބީންގެ ހިއްވަރުފުޅުގަދަކަމެވެ. ކީރިތި ނަބިއްޔާ ޝަހީދުކޮށްލުމަށް މުޝްރިކުން އުޅުނު ރޭގައި، އެކަލޭގެފާނުގެ ރިދާކޮޅުއަޅުއްވައިގެން އެކަލޭގެފާނުގެ ނިދި އަވަހާރަފުޅުލައްޕަވާ އެނދުދާންކޮޅުގައި އެކަލޭގެފާނުގެ މަޤާމުގައި އޮންނެވީ އެކަލޭގެ ފާނުގެ ބޮޑުބޭބޭފުޅު ގެ ދަރިކަލުން ކަމުގައިވާ ހިއްވަރުފުޅުގަދަ ޢަލީ ބުނި އަބީޠާލިބެވެ. މަރުގެ ތުންފަތް މައްޗައް އެވަޑައިގެންނެވީ މާތް ރަސޫލާދެކެ ކިހާ ލޯބިވާތީ ހެއްޔެވެ؟ އެފަދަ ބޭކަލުން ދެން މިދުނިޔެއިން ފެންނާނެ ހެއްޔެވެ؟ ނުފެންނާނެކަން ކަށަވަރެވެ.

 

ނާމާން ދަތުރުގެ ބައިވެރިޔާ

މިހެން ދެންނެވުމުން ވެސް އެއީ ކޮންބޭކަލެއްކަން ތިޔަބޭފުޅުންނަށް ޔަޤީން ކުރެވިދާނެއެވެ. އެއީ އައްޞީޤުއެވެ. އަބޫބަކުރުގެފާނެއެވެ. އެކަލޭގެފާނުގެ ޖާނާއި މާލު ﷲ އަށްޓަކައި ޤުރްބާންކުރެއްވި މާތް އިންސާނާއެވެ.

އެ ނާމާން ދަތުރުގައި އިތުރު ރަސޫލާގެ ކުރިފުޅުމަތިން ބައެއް ފަހަރު ހިންގަވައެވެ. އަނެއްބައިފަހަރު ފަހަތްޕުޅުން ހިންގަވައެވެ. ނުރައްކަލެއް އަތުވެދާނޭ ހީފުޅުކުރެއްވޭތީއެވެ. އެއީ މާތް ނަބިއްޔާ އެންމެ ލޯބިވާ ޞަޙާބީއެވެ. އެކަލޭގެފާނުގެ ޙަޔާތުގައި އެކަލޭގެފާނަށް އެބޭކަލެއްގެ ފުށުން އެންމެ އެކުވެރިކަމާއި، އޯގާވެރިކަން ލިބިވަޑައިގެނެވި ބޭކަލަކީ އަބޫބަކުރެވެ. އެކަލޭގެފާނަށް ފަހު، މިއުންމަތުގެ ދައުލަތުގެ ވެރިކަން ކުރެއްވި ބޭކަލަކީ އެއީއެވެ. ޘައުރު ގެ ހޮހަޅައިގައި ތިންދުވަސް ވަންދެން ތިއްބެވިއެވެ. މުޝްރިކުންގެ ފަރާތުން ހަމަލާއެއް އަތުވެދާނޭ ކަމާމެދު ފިކުރުކުރައްވައި އަބޫބަކުރުގެފާނު ހިތާމަކުރެއްވުމުން [ ދެރަނުވާށެވެ! ﷲ ވަނީ އަހަރުމެންނާ އެކުގައެވެ. ] ކީރިތި ރަސޫލާ މިހެން ވިދާޅުވިއެވެ.

 

 

ހިޖުރައިގެ ނަތީޖާ، ނުވަތަ މޭވާ އަކީ ކޮބާ؟

ހިޖުރަ ކުރެއްވުމާއެކު މުސްލިމުންގެ ދައުލަތް އިޢުލާންކުރެއްވިއެވެ. މިއީ އިސްލާމްދީނަކީ ހަމަ އެކަނި އަޅުކަމުގެ ދީން ކަމަށް ހަދަން އުޅޭ މީހުންނަށް ހުރި ފިލާވަޅެކެވެ. އިސްލާމްދީނަކީ އަޅުކަމާއި ވެރިކަމެވެ. އިސްލާމީ ދައުލަތުގެ ބާނީ އަކީ މުޙައްމަދު ނަބިއްޔާއެވެ. މިއީ ހިޖުރައިގެ މޭވާއެވެ.

މުސްލިމުންގެ ދައުލަތުގެ އެންމެ ފުރަތަމަ ވެރިރަށަކަށް މަދީނާ ވެގެން ދިޔައެވެ. ކީރިތި ރަސޫލާ ތަންތަނަށް ސަފީރުން ފޮނުއްވިއެވެ. ވަށައިގެންވާ ޣައިރު މުސްލިމު ޤަބީލާތަކާއެކު މުޢާހަދާތައް ޤާއިމު ކުރައްވައި ޞުލްޙަވެރިކަން ޤާއިމުކުރެއްވިއެވެ. ޢަދުލު އިންޞާފު ޤާއިމުކުރެއްވުމަށް ހަނގުރާމަތައްކުރެއްވިއެވެ. މުސްލިމުން އަޚު ކުރެއްވިއެވެ.

މަދީނާގެ ދައުރުގައި އިސްލާމްދީނުގެ ބޮޑެތި ޙުކުމްތައް ﷲ ބާވާލެއްވިއެވެ. ކައިވެނި، ވަރި، ޖިހާދު، ހަނގުރާމައިގެ ޙުކުމްތައް، ޙައްޖު، ރޯދަ، ޒަކާތް، ޒިނޭގެ ޙުކުމް، ލިޢާނުގެ ޙުކުން، ޡިހާރުގެ ޙުކުމް، ރަލުގެ ޙުކުމް އަދި ޣައިރު މުސްލިމުންނާ މެދު ޢަދުލުވެރި ވުމަށް އެނގުނެވެ. އަދި މިނޫންވެސް ވަރަށް ގިނަ ޙުކުމްތައް ބާވާލެއްވުނެވެ. އިސްލާމީ ދައުލަތުގެ ވެރިއާގެ ގޮތުގައްޔާއި، ނަބިއްޔެއްގެ އަހަރު ތަކެއް ހޭދަކުރެއްވުމަށް ފަހު، ދުނިއަށް އިޞްލާޙީ އެންމެ ވަރުގަދަ އިންޤިލާބު ގެނެސްދެއްވުމަށް ފަހު ސުވަރުގެވަޑައިގަތީއެވެ.

އިތުރު ރަސޫލާގެ ހިޖުރައިގެ ސަބަބުން މުސްލިމުންނާއި، އިސްލާމްދީން ޢިއްޒަތްތެރި ވެގެންދިޔައެވެ. އަދި ދައުލަތެއް ޤާއިމުވެގެން ދިޔައެވެ. މިހެންކަމުން ހިޖުރައިގެ ތާރީޚު މުހިއްމުވެގެންދިޔައީ ކަމުގައި މުއައްރިޚުންނާއި، ސިޔަރަތުގެ ދަންނަބޭކަލުން ހާމަކުރައްވައެވެ.

މާތް ﷲ އިތުރު އެކަލޭގެފާނަށް ޞަލަވާތާ ސަލާމްލައްވާށިއެވެ. އާމީން.


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި