Noorul-islam.NET :: ވެރިކަން ހިންގުމުގެ ނިޒާމުން ދީން ވަކިކޮށްލުމަކީ ޖަރީމާއެއް

ވެރިކަން ހިންގުމުގެ ނިޒާމުން ދީން ވަކިކޮށްލުމަކީ ޖަރީމާއެއް
Category »  މުޝްރިފްގެ ޤަލަމުން

ތާރީޚް: 19 އޮކްޓޯބަރ 2008

ލިޔުއްވީ : މުޙައްމަދު ޝަހީމް ޢަލީ ސަޢީދު



ﷲ އިސްލާމްދީން ބާވާލެއްވީ އަޅުތަކުން އެއަށް އެންމެ ފުރިހަމަ ގޮތުގައި ތަބާވުމަށެވެ. އެއީ ހަޔާތުގެ ދުސްތޫރެވެ. ދައުލަތުގެ ޤަނޫނެވެ. އެއާ ތަޢާރުޟްވާގޮތަށް އެއްވެސް ޤާނޫނެއް، ޤަވާޢިދެއް ހެދިގެންނުވާނެއެވެ. އަޅުގަނޑުމެން ހަދާކޮންމެ ޤާނޫނަކާ ޤަވާޢިދެއްގެ އަޞްލަކަށް ވާންވާނީ ﷲ ގެ ދުސްތޫރެވެ.

މިގޮތުން ﷲ ގެ ޝަރީއަތާ ޚިލާފު ނުވާގޮތަށް މުޖުތަޢުގެ ޢާއްމު މަޞްލަޙަތު ދެމެހެއްޓުމުގެ ގޮތުންނާއި، ޞުލްޙަވެރިކަން ޤާއިމުކުރުމަށާއި، ދައުލަތް އިންތިޒާމުކުރުމަށް، ވަޟްޢީ ޤާނޫނުތައް ހެދުމަކީ ޙާކިމަށާއި، އުއްމަތަށް އިޚުތިޔާލުލިބިގެންވާ ކަމެކެވެ. ދީން ހުއްދަކުރާ ކަމެކެވެ.

މުސްލިމުންނަށް ވާޖިބުވެގެންވަނީ ހުރިހާ ކަމެއްގައިވެސް، ހުރިހާ ޒަމާނެއްގައިވެސް، ހުރިހާ ތަނެއްގައިވެސް އެބައިމީހުންނަށް ﷲ ބާވާލެއްވި ޝަރީޢަތް ޤާއިމު ކުރުމަށެވެ.

    އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިގެންވާ ޙައްދުތަކާއި، ޢުޤޫބާތްތައް އެކަށީގެންވާ އެންމެ ފުރިހަ ގޮތުގައި ޤާއިމު ކުރެވޭނަމަ، މުޖުތަމަޢުގައި ޞުލްޙަވެރިކަން އޮންނާނެއެވެ. އަމާންކަންވެސް ޤާއިމު ކުރެވޭނެއެވެ. މުޖުތަމަޢުގައި ކުށްކުރުންވެސް މަދުވާނެއެވެ.

އިސްލާމީ މުޖުތަމަޢުގައި ކުށްކުރުން ގިނަވެ، އަނިޔާވެރިކަންފެތުރި، މުންކަރާތްތަކާއި، ފާޙިޝްކަންތައްތައް ގިނަވެފައިވަނީ ﷲ ގެ ޝަރީޢަތް އެކަހެރިކޮށްލުމުގެ ނަތީޖާއެއްގެ ގޮތުންނެވެ. މުސްލިމުންގެ ޤާނޫތަކުގައި ދައުލަތުގެ ދީނަކީ އިސްލާމްދީންކަމުގައި ލިޔެވެއެވެ. ނަމަވެސް ދައުލަތްތަކުގެ ޙަޤީޤީ ނިޒާމުތަކުން އިސްލާމްދީނުގެ ކުލަވަރެއް ނުފެނެއެވެ. މިހެންކަމުން ފެންނަމުންދަނީ މުސްލިމު މުޖުތަމަޢުތައް ހަލާކުވެނެތިވެ ގޮސްފައިވާތަނެވެ.

މިކަމުން ސަލާމަތްވާން އޮތް ހަމަ އެކަނި މަގަކީ ދީނަށް ރުޖޫއަވުމެވެ. ޝަރީޢަތް ޤާއިމުކުރުމެވެ. ހުޅަނގުން ހަދާފައި ހަދިޔާކުރި ނިޒާމެއް އިސްލާމީ ޤައުމުތަކަކަށް ޙަޤީޤަތުގައި ބޭނުމެއްނޫނެވެ. އިލާހީ ޤާނޫނެއްގެ އަހުލުވެރި ބަޔަކީ ހަމަ މުސްލިމުންނެވެ.

އެހެންނަމަވެސް މިއަދު މުސްލިމުންވަނީ ބަލިކަށިވެފައެވެ. ނިކަމެތިވެފައިވެއެވެ. އެއީ އަމިއްލައަށް ނިކަމެތިވެގަތީއެވެ. މިއަދަވަޅުގަނޑުން ސަލާމަތްވާން މިއަދު ފަސޭހައެއްނޫނެވެ. އަޅުގަނޑަށް ދެންނެވޭނީ މިއީ ނިހާޔަތަށް ހިތާމަކުރަންޖެހޭކަމެއްކަމަށެވެ.

އަޅުގަނޑުމެން އަމިއްލައަށް ﷲ އަޅުގަނޑުމެންނަށް ދެއްވި މަތިވެރި ޝަރީޢަތް ނަގާ އެއްލާލީއެވެ. އޭގެ ބަދަލުގައި އިސްތިޢުމާރީ ނަޒަރިއްޔާތަކުގައި ހިފީއެވެ. އެނިޒާމުތައް އަމިއްލަކުރީއެވެ.

މިގޮތުން މިއަދު މުސްލިމުން ބަލިކަށިވެފައިވުމުން އެބައިމީހުންގެ ޤައުމުތަކުގައި ޝަރީޢަތް ޤާއިމު ނުކުރެވެއެވެ. މަޖުބޫރުވެފައިވަނީ ހުޅަނގުގެ ޑިމޮކްރަސީއަށާއި، އިސްތިޢުމާރީ އޮއިވަރަށް ތަބާވުމަށެވެ.

ޑިމޮކްރަސީއަކީ ދައުލަތް ހިނގުމުގެ ނިޒާމުން ދީން ވަކިކޮށްލާ ނިޒާމެކެވެ. އަދި އިސްލާމްދީން ހުއްދަނުކުރާ ބައެއް ނުކުތާތަކުގެ މައްޗައް އެކުލެވިގެންވާ ނިޒާމެކެވެ. މިހެންކަމުން، އަޅުގަނޑުމެން މުސްލިމުންގެ ބަލިކަށިކަމުން، އަދު ﷲ ގެ ޝަރީޢަތް އަޅުގަނޑުމެންގެ ޤައުމުތަކުގައި ޤާއިމު ނުކުރެވުނަސް، ޑިމޮކްރަސީގެ ހުރިހާ އުޞުލުތަކާ އެކު ޑިމޮކްރަސީ ބަލައިގަތުމަކީ ކުރެވިގެންވާނެކަމެއްނޫނެވެ.

ދުނިޔޭގެ ޤައުމުތަކަށް ބަލާއިރު އެއިން ކޮންމެ ޤައުމެއްވެސް ޑިމޮކްރަސީ ބައްޓަން ކުރަނީ އެބަޔަކު ދެކޭ ހަމަތަކެއްގެ މައްޗަށެވެ. މިހެންކަމުން ޑިމޮކްރަސީގައި ހުރި އިސްލާމްދީނާއި ތަޢާރުޟްވާ ކަންތައްތައް އެއްކިބާކޮށްފައި، އިސްލާމްދީނާއި ގުޅުންހުރި، ދީން މަނާކޮށްފައިނުވާ އުޞޫލުތަކުގައި ހިފައިގެން ކުރިއަށް ދިއުމަކީ އެންމެ ރަނގަޅު ކަމެއްކަމަށް އަޅުގަނޑު ދެކެމެވެ.

އޭރުން ރާއްޖެފަދަ ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގައި އެހެނިހެން ދީންތަކަށް ފުރުޞަތެއް ނޯންނާނެއެވެ. އެހެނިހެން ދީންތަކަށް މިނިވަންކަންދިނުމަށް ކުރެވޭ ދަޢުވާތައް އުފުލާކަށް ފުރުޞަތެއްވެސް ނޯންނާނެއެވެ.

 އޭރުން ދީންތަކަކަށް މިނިވަންކަމެއްނުދެވޭނެއެވެ. ޝަރީޢަތާ ޚިލާފު ކަމަކަށް ކިތައްމެ އަޣުލަބިއްޔަތެއް ލިބުނަސް ފާހެއްނުވާނެއެވެ. އިސްލާމީ ޝަރީޢަތް އެކަހެރިކޮށްފައި އެކީ އެކައްޗަކަށް ޑިމޮކްރަސީ ބަލައިގަތުމަކީ ކަނޑައެޅިގެން ޙަރާމްކަމެކެވެ. އަދި ޑިމޮކްރަސީ އެކީއެކައްޗަކަށް ޙަރާމޭ ބުނެ އަތް އުރާލައިގެން ހުސްއެކަނި އަޅުކަން ކުރަން ތިބުމަކީ ވެސް ހުއްދަކަމަކަށް ނުވާނެއެވެ.

އިސްލާމްދީނާ ޚިލާފު ކަންތައްތަކުން ޤައުމު ޙިމާޔަތްކުރުމަކީ ވާޖިބުކަމެކެވެ. މިގޮތުން ޤާނޫނާއި ޤަވާޢިދުތައް އެކުލަވާލެވޭ ތަންތަނަށް ވަދެވެން އޮތީ ސިޔާސީ ނިޒާމުގެ ތެރެއަށް ވަދެގެން ކަމުގައިވަނީ ނަމަ، އަދި ވަދެވެން އޮތީ މިސާލަކަށް ޕާޓީ ނިޒާމުގެ ތެރެއިންނަމަ، ދީން ޙިމާޔަތް ކުރުމަށްޓަކައި އަޑު އުފުލުމަށް ޕާޓީ ހެދުމަކީ ކަނޑައެޅިގެން ވާޖިބުވެގެންވާ ކަމެއްކަމުގައި އަޅުގަނޑު ދެކެމެވެ. ދީނަށް ނަޞްރު ދިނުމަކީ ވާޖިބުކަމެކެވެ. އެވާޖިބު ފުރިހަމަ ގޮތުގައި އަދާކުރެވެން އޮތީ ވަކި ކަމެއް ކުރުމުން ކަމުގައިވަނީ ނަމަ އެކަމެއް ކުރުން ކަނޑައެޅިގެން ވާޖިބުވާނެއެވެ. 

ބަލަބަލައި ތިއްބާ ޝަރީޢަތް އެކަހެރިވަމުންދަނީއެވެ. މަތިވެރި އިލާހީ ޝަރީޢަތް އެކަހެރި ކޮށްފައި ހުޅަނގުގެ ޑިމޮކްރަސީގެ ޝިކާރައަކަށް ޤައުމު ވެގެން ދިއުމަށް ދޫކޮށްލުމަކީ ފާފަވެރި ނުވާނޭ ކަމެއް ހެއްޔެވެ؟ ވިސްނާލުން ހުއްޓެވެ! އިސްލާމްދީނަކީ ހަމައެކަނި މިސްކިތުގެ ދީނެއްނޫނެވެ. އެއީ އަޅުކަމާއި ވެރިކަމުގެ ދީނެވެ.

ހުޅަނގުގެ ޑިމޮކްރަސީގައި ހުރިހާ ބާރެއް އޮތީ ރައްޔިތުންނަށެވެ. ވެރިކަމުގެ ބާރުތައް ފެށިގެން އަންނަނީ އެބައިމީހުންގެ ކިބައިންނެވެ. އެބައިމީހުން އެދޭ ގޮތަކަށެވެ. ދީނާއި އިންސާނީ ފިޠުރަތާ ޚިލާފުވި ކަމުގައި ވިޔަސް ކަން އޮތީ މިހެންނެވެ. މިއީ ވަރަށް ނުރައްކާތެރި ކަންކަމެވެ.

    އިސްލާމީ ނިޒާމުގައި ހުރިހާ ބާރެއް އޮތީ ﷲ ގެ ޝަރީޢަތަށެވެ. އެއަށް ފަހު އުއްމަތުގެ މަޝްވަރާއަށެވެ. މަޝްވަރާއަކީ ދައުލަތް ހިންގުމުގެ އެއް އަސާސެވެ.

ޙާކިމު އިޚުތިޔާރު ކުރުމުގެ ފުރުޞަތު އޮތީ މަޝްވަރާގެ މަތިން ރައްޔިތުންގެ އަތްމައްޗައް ދޫކޮށްފައެވެ. އޭނާ ﷲ ގެ މަގުން ކަސިޔާރުވެ، އުއްމަތަށް ޚިޔާނާތްތެރިވެއްޖެނަމަ އޭނާ ވެރިކަމުން ދުރުކުރުމުގެ ޙައްޤު އޭނާގެ ރައްޔިތުންނަށް ލިބިގެންވެއެވެ.

    މިހެންކަމުން ދައުލަތް ހިނގުމުގައި އޮތް އެންމެ ފުރިހަމަ ނިޒާމަކީ އިސްލާމީ ނިޒާމުކަން ކަށަވަރެވެ. އެންމެހައި މުސްލިމުންގެ މައްޗަށް ވާޖިބުވެގެންވަނީ އެނިޒާމު ޤައިމުވޭތޯ ދުޢާކޮށް، އެކަމަށް މަސައްކަތްކޮށް، ދީނަށް ރުޖޫޢަވުމެވެ. މާތް ﷲ އަޅުގަނޑުމެންނަށް އެކަލާނގެ ރުހިވޮޑިގެންވާ މަގަށް މަގުދައްކަވައި ތައުފީޤު ދެއްވާށިއެވެ. އާމީން.

 


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި