Noorul-islam.NET :: ދުނިޔޭގެ ބޮޑެތި ބާރުތަކުގެ ޢަދުލުވެރިކަން

ދުނިޔޭގެ ބޮޑެތި ބާރުތަކުގެ ޢަދުލުވެރިކަން
Category »  މުޝްރިފްގެ ޤަލަމުން

ތާރީޚް: 18 އޮކްޓޯބަރ 2008

ލިޔުއްވީ : މުޙައްމަދު ޝަހީމް ޢަލީ ސަޢީދު



ޑިމޮކްރަސީގެ އުޞޫލުތަކުގެ ތެރެއިންލާފައި ރައްޔިތުންގެ ފުރިހަ އިތުބާރާއި، އަޣުލަބިއްޔަތު ލިބިގެން ޙަމާސް ޖަމާއަތް ފަލަޞްޠީނުގެ ވެރިކަމާއި ޙަވާލުވުމުން ހުޅަނގުގެ ޤައުމުތައް ތުރުތުރު އަޅަންފެށިއެވެ. ޑިމޮކްރަސީއަކީ އެމީހުން މާނަކުރަން ބޭނުން ގޮތަކަށް މާނަކުރާ އެއްޗެކެވެ. މިއިން އަންގައިދެނީ އެމީހުން ދަޢުވާކުރަމުންދާ އިންސާނީ ޙައްޤުތަކާއި، ގެންނަށް ބޭނުންވާ ޑިމޮކްރަސީގައި ފޮރުވިފައިވާ ޙަޤީޤަތްތަކެއްވާކަމެވެ.

ޙަމާސްޖަމާޢަތަކީ މުސްލިމުންގެ މިލްކިޔާތުގެ ތެރޭގައިވާ ފަލަޞްޠީނުގައި ޖިހާދުކޮށް، ރައްޔިތުންގެ ޙައްޤައްޓަކައި ޤުރުބާންވާ ބައެކެވެ. ފަލަސްޠީނު ބިމުގައި އިސްރާއީލުގެ ދައުލަތެއް ޤާއިމުކޮށްދިނީ އިނގިރޭސީންނެވެ. އެބިން އެބައިމީހުންނަށް ހަދިޔާކޮށް އެތަނުގައި ގަދަބާރުން ދައުލަތެއް ޤާއިމުކޮށްދިނެވެ. އަދުލު އިންސާފެއްނެތި އިސްރާއީލުން ދަނީ ލޭ އޮހޮރަމުންނެވެ. ފަލަސްޠީނުގެ އެތަކެއް ލީޑަރުންނެއްވަނީ ޝަހީދުކޮށްފައެވެ.

މިއަދު ޙަމާސް ވެރިކަމަށް އައުމުން އިންގިރޭސީންނާއި އެމެރިކާ އަޑީގައި ތިބެގެން ފަލަސްޠީނުގެ ރައްޔިތުންގެ މައްޗައް ދަތިކުރުމުގެ ފިޔަވަޅުތައްވަނީ އަޅާފައެވެ. އެއްވެސް އިންސާފެއް ޢަދުލުވެރިކަމެއް ނެތެވެ. އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ އިންގިރޭސިވިލާތުގެ ޖަމާޢަތްތައް ކޮބައިހެއްޔެވެ؟ ފައްޅިތަކުގައި ފަރުދާވެގެން ތިބީހެއްޔެވެ؟ އަހަރުމެންގެ އަޚުންނާއި އުޚުތުންނާއި މުޤައްދަސް ތަންތަނަށް އެއްވެސް ޙައްޤެއް ނެތީހެއްޔެވެ؟ ކުށައިކީ ކޮބައި ހެއްޔެވެ؟ މުސްލިމުންނަށް ވީތީ ހެއްޔެވެ؟؟

ދުވަހަކުވެސް އަހަރުމެން ތިޔަބައިމީހުންނަށް ގުދު ނުވާނަމެވެ. އަހަރުމެންގެ އުންމަތުގެ ޢިއްޒަތާ ޝަރަފަށްޓަކައެވެ. އިރާދަކުރެއްވިއްޔާ ތިޔަބައިމީހުންގެ މައްޗައް އަހަރުމެން ނަޞްރު ހޯދާނަމެވެ.

އަދިވެސް ޢިބުރަތް ލިބިގަންނަން ބޭނުންމަ ލިބިގަންނާށެވެ. ޢިރާޤުގެ ބައެއް ރައްޔިތުން، އިނގިރޭސިންނާއި އެމެރިކާގެ އެހީ ހޯދައިގެން، އެތަނުގައި އޮތް އަނިޔާވެރި ވެރިކަމެއް ވައްޓާލަން، މަސައްކަތްކުރިއެވެ. ޑިމޮކްރަސީ ގެނައުމުގެ ނަމުގައެވެ. ޞައްދާމު ވައްޓާލެވިއްޖެއެވެ. ނަމަވެސް ޑިމޮކްރަސީ ގެނެވިއްޖެތޯއެވެ؟ އަމަން އަމާންކަން ޤާއިމުވެއްޖެތޯއެވެ؟ ނަތީޖާ އަކީ ފުރާތު ކޯރު ލެއަށް ބަދަލުވެގެން ދިއުމެވެ. އިންސާނީ ޙައްޤުތަކަށް ދަޢުވާކުރާ ފަރާތްތައް ކޮބައިތޯއެވެ؟ ފައްޅިތަކުގައި ފިލާތިބީއެވެ؟ ޚަބަރެއް ނުވެއެވެ.

މުސްލިމު އަންހެނުންގެ ޢިއްފަތްރެރިކަން ފޭރެމުންދަނީއެވެ. ކުޑަކުދީންތައް މަރާލަނީއެވެ. ޤައުމުގެ ޚަޒާނާތައް ލޫޓުވަނީއެވެ. މިސްކިތްތައް އަމާޒުތަކަކަށް ވެގެންދަނީއެވެ. ނަޞާރާ ދީން ފަތުރަނީއެވެ. ދާޚިލީ ހަމަނުޖެހުން އިންތިހާއަށް ބޮޑުވަނީއެވެ. މަޒްހަބީ ބައިބައިވުން އުފެދެނީއެވެ. ޖަލުތަކުގައި އަނިޔާކުރީއެވެ. އިސްލާމުންގެ ޙަޟާރަތުގެ ދަންމަރު ޢިރާޤު ތާރީޚުގެ ސަފްޙާތަކަށް ތަންދެމުން، މުސްލިމުންގެ އަތުން ބީވެގެން ދިޔައީއެވެ. އިނގިރޭސިންނާއި އެމެރިކާގެ ގޮނޑިކޮށްކޮ ސަރުކާރެއް ޤާއިމުވެގެންދިޔައެވެ. އިނގިރޭސީން ގެންނަން ބޭނުންވާ ޑިމޮކްރަސީއަކީ އެއީއެވެ. އެބައިމީހުންގެ ދީން ފެތުރުމާއި މުސްލިމު އުންމަތް އެބައިމީހުނަށް އަޅުވެތިކުރުމެވެ. މުސްލިމުންގެ ޚަޒާނާތަކަށް އަތްގަދަކުރުމެވެ.

އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުން އިންގިރޭސީންގެ ފައިބުޑުން ނައްޓާނުލެވިގެން އެބައިމީހުންގެ ފަސްފަހަތުން ދުވެ، ޝިކާރައަކަށް ވެގެން މިއުޅޭ އުޅުމާމެދު އަޖައިބުވަމެވެ. 

ކަޝްމީރުގެ މުސްލިމުން އެއްވެސް ކޮޅެއްގައި ނުޖެހި، އިނޑިޔާއާއި، ޕާކިސްތާނުގެ ޝިކާރައަކަށް ވުމުގެ އަޞްލަކީ އިނގިރޭސިންނެވެ. އަފްޣާނިސްތާނުގެ ރައްޔިތުން އަދާހަމައަށް ތަޙައްމުލް ކުރަމުން އެދާ ހިތާމަތަކުގެ އަޞްލަކީ އިނގިރޭސިންނާއި، އެމެރިކާ އެވެ. އިސްލާމީ ޤައުމުތަކުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަދެ ކަންކަމާ ބެހި ހަދަނީ ކީއްވެގެންބާވައެވެ.

ފިނިފެންމަލުގެ ދާނުގައި އަހަރުމެން ބައިތިއްބައިގެން އިނގިރޭސިވިލާތުން އަހަރުމެންގެ މެދުގައި ޢަދުލުވެރިކަން ޤާއިމުކޮށްދޭނެކަމަށް ހީކުރުމަކީ ފޫ ނެތް ފާޔަށް ފެންފުރުން ފަދަ ކަމެކެވެ. ހަމަ ކަށަވަރުންވެސް އެއީ ނުވާނެކަމެކެވެ.

    އަޅުގަނޑުމެންގެ ޤައުމުގެ ދާޚިލީ ކަންކަމުގެ ތެރެއަށް އިނގިރޭސިން ނުވައްދާށެވެ. އެއީ ނުރައްކާތެރިބައެކެވެ. އެބައިމީހުންނަކީ އިސްލާމީ އުންމަތް އަޅުވެތިކޮށް، ބައިބައިކޮށް، އެބައިމީހުންގެ ދީން ފަތުރަން އުޅޭބައެކެވެ. ދުވަހަކުވެސް މުސްލިމުންނަކަށް އެބައިމީހުންގެ ފުށުން އަމާންކަމެއްނެތެވެ. އެބައިމީހުންގެ މިއްލަތަކަށް މުސްލިމުން ތަބާވެއްޖައުމަށް ދާންދެން އެބައިމީހުންގެ ހިތްތަކުގައި މުސްލިމުންނާ މެދުވަނީ ޙަސަދަވެރިކަމެވެ.

މިހާރުވެސް، ފަހުންވެސް، މާދަމާވެސް އިނގިރޭސިންނަށް ނޫނެކޭ ބުނާށެވެ! އަލްމަސްޖިދުލްއަޤުޞާ މަތިން ހަނދާކުރާށެވެ. ބަޣުދާދު މަތިން ހަނދާންކުރާށެވެ. ކަޝްމީރު މަތިން ހަނދާންކުރާށެވެ. ކާބުލް މަތިން ހަނދާންކުރާށެވެ. މާދަމާ ދިވެހިރާއްޖެއެވެ. އެބައިމީހުންނަކީ ރަޙުމަތްތެރިންކަމުގައި ނުހަދާށެވެ.

 

 


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި