Noorul-islam.NET :: މަސްޖިދުލްއަޤުޞާ ތިޔަ ބޭފުޅުންގެ ދުޢާއަކަށް އެދި ރޮނީއެވެ؟؟

މަސްޖިދުލްއަޤުޞާ ތިޔަ ބޭފުޅުންގެ ދުޢާއަކަށް އެދި ރޮނީއެވެ؟؟
Category »  މުޝްރިފްގެ ޤަލަމުން

ތާރީޚް: 24 ޖެނުއަރީ 2009

ލިޔުއްވީ : މުޙައްމަދު ޝަހީމް ޢަލީ ސަޢީދު

މުސްލިމުންނޭވެ! މުޙައްމަދުގެފާނުގެ އުންމަތުގެ އަހުލުވެރިންނޭވެ! ފަލަޞްޠީނަކީ މުސްލިމުންގެ ބިމެކެވެ. މުސްލިމުންގެ ތަރިކައެކެވެ. އިނގިރޭސި ވިލާތުން ވަނީ އެތަން ޔަހޫދީންނަށް ހަދިޔާކޮށްފައެވެ. އެތަނުގައިވާ މާތް މިސްކިތަކީ މުސްލިމުންގެ މުޤައްދަސް މިސްކިތެކެވެ. ފަލަޞްޠީނުގެ ބިމުން ކައިވަތެއްވެސް ޔަހޫދީންނަށް ނުދެވޭނެއެވެ. ޞަލީބީ ސަރުކާރުތަކާއި، ޚިޔާނާތްތެރި ޢަރަބި ވެރިން ވަނީ ފަލަޞްޠީނަށް ޣަދަރުވެރިވެފައެވެ. ޞަލީބީންގެ މުއައްސަސާތަކުންވަނީ މުސްލިމުންގެ ބިމާމެދު އިހުމާލުވެފައެވެ.

ﷲ އިރާދަކުރެއްވިއްޔާ އިސްރާއީލު ފަލަޞްޠީނުގެ ބިމުން ނިކަމެތިކަމާއެކު ނެރޭނެ ދުވަސް އެބައާދެއެވެ. އެބައިމީހުންނާ ހަނގުރާމަކުރާ ލަޝްކަރުގެ ތެރެއިން އަޅަމެން ލައްވަވާނދޭވެ! މަސްޖިދުލްއަޤުޞާ މިނިވަންކުރާ އިސްލާމީ ލަޝްކަރުގެތެރެއިން އަޅަމެން ލައްވަވާނދޭވެ! މާތް ﷲ އިރާދަކުރެއްވިއްޔާ އިސްލާމީ ޚިލާފަތް ދެން ޤާއިމުވެގެންދާނީ މާތްވެގެންވާ ޤުދުސްގައެވެ.

މިއަދު މުސްލިމުން ނިކަމެތިކުރެވި، އިސްލާމްދީން ބަދުނާމު ވުމުގެ އެއްސަބަބީ އިސްލާމްދީނާއި، އެދީނުގެ އަހުލުވެރިން ޙިމާޔަތްކުރާނޭ ދައުލަތެއް ނެތުމެވެ. އިސްލާމީ ޚިލާފަތް އޮތް ނަމަ އެންމެހައި މުސްލިމުންނަށް ޙިމާޔަތްދޭނެ ބާރެއް އޮންނާނެއެވެ. މުސްލިމުން ނިކަމެތިވެގެން ދިޔައީ ޚިލާފަތް ވެއްޓުމަށްފަހުގައެވެ. ފަހު ޒަމާނުގައި މުސްލިމުންގެ ބޮޑު ވެރިކަން އިސްލާމީ ޚިލާފަތު ޤާއިމުވާނޭ ކަމުގައި ނަބިއްޔާ ޚަބަރުކުރައްވާފައިވެއެވެ. އަޅުގަނޑުމެންގެ އުންމީދަކީ އިސްލާމީ ޚިލާފަތް ޤުދުސުގައި ޤާއިމުވެގެންދިޔުމެވެ.

އިސްރާއީލު ޖެހޭނީ ފަލަސްޠީނުންގެ ބިމުން ހުޅަނގަށް ނަގުލު ކުރާށެވެ. އިސްރާއީލް ވުޖޫދުގައި އޮތުމަކަށް އަޅުގަނޑުމެން މުސްލިމުން ދެކޮޅު ނުހަދަމެވެ. ނަމަވެސް ފަލަސްޠީނުގެ ބިމަކުނޫނެވެ. އެމީހުންނަށް ދައުލަތެއް ދޭން ބޭނުންނަމަ ހުޅަނގުން ހުސްބިމެއް ދޭށެވެ! ނަމަވެސް ހުޅަނގުން ބޭރުކޮށްލި ބަޔަކު އަލުން ބަލައިގަންނާނެ ބާވައެވެ؟

ލޮބުވެތި އަޚުންނާއި، އުޚުތުންނެވެ. އަޅުގަނޑުމެންގެ މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އިސްރާއާއި މިޢުރާޖުގެ މަތިވެރި ދަރުފުޅުގެ މަންޒިލަކީ އަލްމަސްޖިދުލް އަޤުޞާއެވެ. އެތަނުން އެކަލޭގެފާނު މަތިވެރިވެގެންވާ އުޑުތަކަށް ﷲ ގެ ޢިނާޔްތެރިކަމާއެކު ދަތުރުކުރެއްވިއެވެ.

 

މަސްޖިދުލް އަޤުޞާވަނީ އިސްތިޢުމާރު ކުރެވިފައެވެ. ޔަހޫދީންގެ އަނިޔާވެރިކަމުގެ ދަށުގައެވެ. އެތަނުގެ ދަށުގައި ހޮހަޅަ ހަދައިގެން އެތަން ހަލާކު ކުރުމަށް އެބައިމީހުން މަސައްކަތް ކުރަމުންދަނީއެވެ.

ޔަހޫދީން ބޭނުންވަނީ އެތަން ތަޅައި ހަލާކުކޮށް އެތަނުގައި ޔަހޫދީންގެ ބޮޑު ފައްޅި އެޅުމަށެވެ. އެތައް ފަހަރަކު އެތަނުގައި ހުޅުޖަހާފައިވެއެވެ. މާތް ﷲ ވަނީ އަދާހަމައަށް އެތަން ޙިމާޔަތްކުރައްވާފައެވެ. ﷲ އިރާދަ ކުރެއްވިއްޔާ ޤިޔާމަތާ ޖެހެންދެންވެސް އެތަން ޢިއްޒަތްތެރި ތަނެއްގެ ގޮތުގައިލައްވާނެއެވެ.

ފަލަޞްޠީނު މިނިވަންކުރުމަށްޓަކައި އަޑު އުފުލި ވަރަށް ގިނަ ބަޔަކު ވަނީ ޝަހީދުވެފައި ގޮސްފައެވެ. ޔަހޫދީންގެ އަމާޒަކަށް ވެގެން ގޮސްފައެވެ. މިއިން ދޭހަވަނީ މި މާތް ބިމާމެދު ޔަހޫދީން ދަހިވެތިވެފައިވާ މިންވަރެވެ.

މަސްޖިދުލްއަޤުޞާއަކީ މިއުންމަތުގެ އަހުލުވެރިންގެ ފުރަތަމަ ޤިބުލައެވެ. އެންމެ މާތް ތިން މިސްކިތުން ކުރެ އެއް މިސްކިތެވެ. އެތަން އެވަނީ ބިންމަތީގައިވާ އެންމެ އަނިޔާވެރި ޔަހޫދީން ގެ ޝިކާރައަކަށް ވެފައިވަނީ އެވެ.

ހިތާމަހުއްޓެވެ! އަރަބީންގެ ސަރުކާރުތަކަށާއި، އިސްލާމީ ސަރުކާރު ތަކުގެ ސިފައިންނަށް އެމާތް މިސްކިތް މިނިވަންކުރުމަށް ވަނީ ނުކުޅެދުންތެރި ވެފައެވެ. ޔަހޫދީންނާއި، އެކު ޞުލްޙަވެރިކަމެއް ޤާއިމު ކުރެވޭތޯ ޢަރަބީން އަދިވެސް އެދަނީ ކޮންޑެލިޒާ ރައިސްގެ ފަހަތުނެވެ. ކޮންޑެލިޒާ އަށް މިއުންމަތަށް ހޯދައިދެވޭނީ ކޮން ނަޞްރެއް ހެއްޔެވެ؟

ހަމަކަށަވަރުންވެސް ޔަހޫދީންނާއެކު ހަނގުރާމަ ނުކޮށް މުސްލިމުންގެ ތަރިކައެއް ކަމުގައިވާ ފަލަޞްޠީނުގެ ބިން އަނބުރާ ނުލިބޭނެއެއެވެ. ޤުދުސެއްވެސް، އަދި އަޤުޞާ މިސްކިތްވެސް މިނިވަން ނުކުރެވޭނެއެވެ. ޢިރާޤެއްވެސް މިނިވަން ނުކުރެވޭނެއެވެ. އިރާދަކުރެއްވިއްޔާ އިސްލާމީ ލަޝްކަރުތައްދަނީ އިސްރާއީލާ ޤާތްވަމުންނެވެ. މުސްލިމު ރައްޔިތުން ދަނީ މިކަމަށް ތައްޔާރު ވަމުންނެވެ.

އަދި އެތަން މިނިވަންކުރުމަށްޓަކައި މަސައްކަތްކުރާ ޙަމާސް ވެރިކަމަށް އައުމުން ޞަލީބީން ވަނީ ފަލަޞްޠީނުގެ ރައްޔިތުންގެ މައްޗައް ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ. ޢަރަބި ބައެއް ސަރުކާރުތައްވެސް މިކަމުގައި ބައިވެރިވެއެވެ. ނަމަވެސް މާތް ﷲ ގެ ނަޞްރު ވަނީ ވަރަށް ގާތުގައެވެ.

ލޯބުވެތި އަޚުންނާއި އުޚުތުންނެވެ! އަލްމަސްޖިދުލްއަޤުޞާއާއި، ފަލަޞްޠީނުގެ އެންމެހައި ރައްޔިތުންނަށްޓަކައި ދުޢާކުރާށެވެ. މި މާތް މައްސަރުގައެވެ. މިއީ ޖިހާދުގެ މައްސަރެވެ. ބޮޑެތި ހަނގުރާމަތައް އިސްލާމީ ތާރީޚުގައި ކުރެވިފައިވަނީ ރޯދަމަހުގައެވެ. ނަޞްރާއި ފަތަޙަ ލިބިފައިވަނީ ރޯދަމަހުގައެވެ. އަޅުގަނޑުމެންނަށް ނަފުސުން ޖިހާދުކުރުމަށް ނުދެވުނަސް، އަދި އަތުގައި ދީފާނެ ލާރިއެއް ނެތަސް، އެ ނިކަމެތިވެ ޙާލުގައި ޖެހިފައިވާ މުސްލިމުންނަށް ދުޢާ ކުރެވިދާނެއެވެ. އަޅުގަނޑުމެންގެ މަތިން އެބައިމީހުން އެކުރަނީ ވަރަށް ބޮޑު ޖިހާދެކެވެ. އަލްމަސްޖިދުލް އަޤުޞާ މިނިވަންކުރުމަކީ މިއަދު އުންމަތުގެ ބޮލުގައި އެޅިފައިވާ ވަރަށް ބޮޑު ވާޖިބެކެވެ. މިމާތް މައްސަރުގައި އެންމެހައި މުސްލިމުންނަށްޓަކައި ދުޢާކުރާށެވެ. މާތް ﷲ ތިޔަބޭފުޅުންގެ ދުޢާ އިޖާބަ ކުރައްވާނެތެވެ.

އަޚުންނާއި، އުޚުތުންނެވެ! މުސްލިމު އުންމަތުގެ ބިމަކަށް ފަހު ބިމެއް އަތުން ބީވެގެންދަނީއެވެ. ފަލަޞްޠީނެވެ. އިސްލާމީ ޙަޟާރަތުގެ ދައްމަރު ޢިރާޤެވެ. ހިއްވަރުގަދަ ރައްޔިތުންގެ ތިބި އަފުޣާނިސްތާނެވެ. ލުބުނާނެވެ.

ޙައްދު ފަހަނައަޅާފައިވާ ޞަލީބީން ވަނީ މުސްލިމުންގެ ބިންތަކަށް އަރައި އިންސާނިއްޔަތާ ޚިލާފު އެތައް ޖަރީމާއެއް ހިންގާފައެވެ. ކުޑަ ކުދީންނާއި، އަންހެނުންނާއި، މުސްކުޅިންނާއި، އެންމެން ކަތިލަމުންދަނީއެވެ. މިއަނިޔާވެރިކަމުންނާއި، އަދި ފިޑި، ހުޅަނގުގެ އެޖެންޓުންގެ ގޮތުގައި ތިބި މުސްލިމުންގެ ދައުލަތްތަކުގެ ވެރިކަން ފޭރިގެން އުޅޭ މީހުންގެ ވެރިކަން ނެތިކުރައްވާތޯ ދުޢާ ކުރާށެވެ!

ކުރިއަށް އޮތް ގަރުނަކީ މާތް ﷲ އިރާދަކުރެއްވިއްޔާ އިސްލާމްދީނާއި، މުސްލިމުންގެ ޤަރުނެވެ. އެމެރިކާ ވެއްޓިގެންދަނީއެވެ. ނަޞްރާއި ނަޞީބާއި ކާމިޔާބު ލިބޭނީ މުސްލިމުންނަށެވެ!


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި