Noorul-islam.NET :: ޞަލީބީންގެ ޕޯޕު މަޢާފަށް އެދެންޖެހޭނެ!

ޞަލީބީންގެ ޕޯޕު މަޢާފަށް އެދެންޖެހޭނެ!
Category »  މުޝްރިފްގެ ޤަލަމުން

ތާރީޚް: 18 އޮކްޓޯބަރ 2008

ލިޔުއްވީ : މުޙައްމަދު ޝަހީމް ޢަލީ ސަޢީދުހުޅަނގުން އެކިގޮތްގޮތުން އިސްލާމްދީނާ ހަނގުރާމަކުރަމުން އެބަދެއެވެ. ފިކުރީ ގޮތުން އިސްލާމީ ޤައުމުތަކުގެ ޒުވާނުންނާ، ކުޑަކުދީންގެ ވިސްނުމާ ފިކުރާ ޚިޔާލު އެދަނީ ބަދަލުކުރަމުންނެވެ.

އިސްލާމީ ޤައުމުތަކުގެ ޤަނޫނުތަށް ޞަލީބީން ބޭނުން ގޮތަކަށް ބަދަލު ކުރަމުންދަނީއެވެ. މުސްލިމުންގެ ބިންތަކަށް އަރައި އަޅުވެތިކޮށް އެޤައުމުތަކުގެ ސަރުކާރުތަކަށް ވެރިވެ އެތައް ކަމެއް ކުރަމުން އެބަދެއެވެ.

އެއްވެސް ޙާލެއްގައި އިސްލާމީ އެއްވެސް ޤައުމަކީ ބާރުލިބިފައިވާ ޤައުމަކަށް ވާކަށް މިބައިމީހުން ބޭނުމެއްނުވެއެވެ. އެފަދަ އިޝާރާތްތަކެއް ވިޔަސް ޞަލީބީން އެޤައުމެއް އިނދަޖައްސައި ބިންމަތިން ފުހެލައެވެ.

މިހުރިހާކަމެއްގެ ކުރިމަތީގައި ޢަރަބީންގެ ސަރުކާރުތަކާއި، އިސްލާމީ ދުނިޔޭގެ ވެރިން ނުކުޅެދިފައިވީ ހިނދު، ދުނިޔޭގެ އިސްލާމީ ޖަމާޢަތްތަކާއި، ރައްޔިތުންނާއި، މުއައްސަސާތަކުން ދަނީ, ދީނާއި، މުސްލިމުންގެ ޢަޤީދާ ޙިމާޔަތްކުރުމަށްޓަކައި ކުރެވެން ހުރި  ހުރިހާ ކަމެއްކުރަމުންނެވެ.

އެންމެ ފަހުން، އިހަށް ދުވަހު އަޑުއިވިގެން އެދިޔައީ ވެޓިކަން ފައްޅީގެ އެންމެ އިސްފާދިރީ އިސްލާމްދީނަށް ފުރައްސާރަކުރި ވާހަކައެވެ. އަދި އިސްލާމްދީނުގެ ނަބިއްޔާގެ ޝަޚުޞިއްޔަތަށާއި، އެކަލޭގެފާނުގެ ރިސާލަތަށް ފުރައްސާރަކުރި ވާހަކައެވެ. މިއިން އަންގައިދެނީ މުސްލިމުން ނިކަމެތިވެފައިވާ މިންވަރެވެ. ބިންތަށް އަޅުވެތިކުރީއެވެ. ދިރާސީ މަންހަޖުތަށް ބަދަލުކުރީއެވެ. ޤާނޫނުތަށް ވެސް އެޞަލީބީން ބޭނުން ގޮތަކަށް ބަދަލުކޮށްލީއެވެ. އެންމެ ފަހުން ޢަޤީދާއާއި، ނަބިއްޔާއަށް ވެސް ފުރައްސާރަކުރީއެވެ.

ދުނިޔޭގައި ހައްދުފަހަނައަޅާފައިވާ ޢަމަލުތަކަށް މަގުފަހި ކޮށްދިނީ ކާކު ހެއްޔެވެ؟ ޢިރާޤަށް އެރީ ކީއްވެގެން ހެއްޔެވެ؟ ފަނާކުރަނިވި ނުރައްކާތެރި ހަތިޔާރު އެޤައުމުން ފެނުނު ހެއްޔެވެ؟ އެޤަމުގެ ވެރިއަކަށް ހުރި ޞައްދާމު ޙުސައިން އެބައިމީހުންގެ ޝިކާރައަކަށް ހަދައި އެޤައުމު އަޅުވެތި ކުރީ ކޮންސަބަކާހުރެ ބާވައެވެ. ފަލަޞްޠީނުގައި ޔާހޫދީންނަށް ދައުލަތެއް ޤާއިމުކޮށްދިނެވެ. އަފްޣާނިސްތާނުގެ މުސްލިމުންނާއި، ލުބުނާނަށް ހެދީ ކިހިނެއް ހެއްޔެވެ؟ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު އެބައިމީހުން ބޭނުންގޮތަކަށް ބަދަލުކޮށް އެ އޮތީ ހުށަހަޅާފައެވެ. އޭގެ އެތައް މައްސަލަތަކެއް އެބަހުއްޓެވެ. އޭތި ބަލާލުމުގެ ފުރްޞަތު ލިބިފައިވެއެވެ. ތުރުކީވިލާތް ހަލާކުކޮށްލިފަދައިން ދިވެހިރާއްޖެވެސް ހަލާކުކޮށްލުމަށް އެބައިމީހުން މަސައްކަތްކުރަމުން އެބަދެއެވެ.

އ.ދ އޭ އެކިޔާ ތަނަކީ ވެސް ޞަލީބީންގެ ބޭނުންތައް ފުއްދުމަށްޓަކައި އުފައްދައިގެން އުޅޭ ޖަމިއްޔާއެކެވެ. އެތަނުން މުސްލިމުންނަށް ވީ ކޮންފައިދާއެއް ހެއްޔެވެ؟ ވަރަށް ފަހުން އެމެރިކާގެ ރައީސަކަށް ހުންނަވާ ހައްދުފަހަނައަޅާފައިވާ ޞަލީބީ އިންސާނާ ދެއްކިވާހަކައިގައި ބަޣުދާދުގައި އިސްލާމުން ބޭނުންވަނީ ޚިލާފަތެއް ޤާއިމުކުރަންކަން ހާމަކޮށްފައިވެއެވެ. އެއްގޮތަކަށް ވެސް މިކަން ވިޔަދީގެން ނުވާނެކަމުގައި އޭނާ ބުންޏެވެ. އަދި އޭނާ ބައިނަލްްއަޤުވާމީ މުޖުތަމަޢަށް ގޮންޖަހައި ޢިރާޤަށް އެރި އިރު އިޢުލާންކުރީ އެއީ ޞަލީބީ ހަނގުރާމައެއް ކަމަށެވެ. ޙާލަތު ހުރީ މިހެންނެވެ.

އިސްލާމީ ޤައުމުތަކުގެ ވެރިންނާއި، ރަސްރަސްކަލުން ތިބީ މިބައިމީހުންގެ ޝިކާރައަކަށް ވެފައެވެ. ޙަޤީޤަތުގައި ކުށްވެރިންނަކީ މިއީއެވެ. މިބައިމީހުންގެ ފިނޑިކަމުންނެވެ. އެމެރިކާއިން މުސްލިމުން ކަތިލަމުންދަނީ އިސްލާމީ ބިންތަށް ބޭނުންކޮށްގެންނެވެ. އިސްލާމުންގެ ތެޔޮ ބޭނުންކޮށްގެންނެވެ. ހިތާމައަކީ މިއީއެވެ.

އިސްލާމްދީން ދިފާޢުކުރުމަށް މަސައްކަތްކުރާ މީހުންނާ، ޚުދު އެބައިމީހުންގެ ސަރުކާރުތަކުން ދަނީ އެކި ގޮތްގޮތުން ހަނގުރާމަކުރަމުންނެވެ. އިސްލާމްދީނުގެ އަހުލުވެރިން މިފަދަ ނިކަމެތި ދަރަޖައަކަށް ވެއްޓިގެން ދިޔަ އެއް ސަބަބަކީ މިއީއެވެ.

ހުޅަނގުގެ ޞަލީބީން މާތް ނަބިއްޔާގެ މާތް ޝަޚުޞިއްޔަތަށް ހުތުރުވާ ގޮތަށް ކާޓޫނު ވެސް ކުރެހީއެވެ. އެއްމެ ފަހުން އެކަލޭގެފާނުގެ ރިސާލަތަށް ޢައިބު ބަސްތައް ރައްދުކުރީއެވެ.

އެބައިމީހުން ބޭނުންވަނީ އިސްލާމްދީން ފޮހެލާށެވެ. އެހެން އެކަމެއް ނުވާނެއެވެ. އެހެން ނަމަ، މިއަދާ ހަމައަށް މިމަތިވެރި ޝަރީޢަތް ނައީހެވެ. ﷲ ގެ ނޫރު އެބައިމީހުންނަކަށް ފޮހެނުލެވޭނެއެވެ.

ޚުދު ޞަލީބީންގެ ކަހީނުންތައް، ޢިސާގެފާނާއި، އެކަލޭގެފާނުގެ މާތް މަންމާފުޅަށް، ނުކުރާ ޤަދަރު އިސްލާމްދީނުގައި ދެއްވާފައިވެއެވެ. އެދެމައިކަބަލުންގެ ޤަދަރު މަތިވެރިކުރައްވާފައިވެއެވެ. ޢިސާގެ ފާނަށް އީމާންވުމަކީ ދީނުގެ ތެރެއިންވާ ކަމެކެވެ. އަދި އިސްލާމްދީނުގެ ޝަރީޢަތް ރަނގަޅަށް ދިރާސާކުރުމުން، މިއީ ބުއްދީގެ ހަމަތަކަށް ފެތޭ، އިލާހީ މަތިވެރި ޝަރީޢަތެއްކަން އެނގިގެންދާނެއެވެ. ޖިހާދުކުރުން ލައްވާފައިވަނީ ބިންމަތިން އަނިޔާވެރިކަން ފިލުވައި، ޢަދުލުވެރިކަން ޤާއިމުކުރުމަށެވެ. މިގޮތުން އިސްލާމްދީނުގެ ހަމަތަކުންބޭރުވެ، ބަޔަކު ހިންގާ ޓެރަރިޒަމަކީ ދީނުގެ ބައެއްކަމަށް ބުނާނީ ތަންދޮރު ނުދައްނަ މީހެކެވެ. ވެޓިކަން ފައްޅީގެ ޕޯޕުގެ ވާހަކައިން އޭނާއަށް ރަނގަޅަށް އިސްލާމްދީން އޮޅުންފިލާފައި ނެތްކަން ފާހަނގަކުރެވެއެވެ. އަދި އޭނާގެ ހިތުގައި އިސްލާމްދީނުގެ ނަބިއްޔާއާމެދުގައި އޮތް ޢަދާވާތްތެރިކަން ފާޅުވެއެވެ.

މުޙައްމަދުގެފާނު ގެނެސްދެއްވީ މަތިވެރި ރިސާލަތެކެވެ. އެކަލޭގެފާނުގެ ރިސާލަތުގެ ސަބަބުން ޢިލްމުގެ ތެރެއަށް ދުނިޔެ ނޭވާލިއެވެ. ހުޅަނގަށް އެތަހުޒީބު ގެން ގޮސް ދިނީ ކޮންބައެއް ހެއްޔެވެ؟ އިސްލާމުންނެވެ. ވީމާ އެފަދަ ނާތަހުޒީބު ވާހަކައެއް އެއްވެސް ބަޔަކު ޤަބޫލެއް ނުކުރާނެއެވެ.

ދުނިޔޭގެ މުސްލިމު ރައްޔިތުންގެ ލޭވަނީ ހޫނުވެފައެވެ. ޞަލީބީންގެ ޕޯޕު އިސްލާމީ އުންމަތުގެ ކިބައިން މަޢާފަށް އެދެންޖެހޭނެކަމަށް އިސްލާމީ ބައެއް ޤައުމުތަކާއި، މުއަސްސަސާތަކުން ގޮވަމުން އެބަދެއެވެ. ޙަޤީޤަތުގައިވެސް ޞަލީބީންގެ ޕޯޕު މަޢާފަށް އެދެންޖެހޭނެއެވެ.

މުސްލިމު ރައްޔިތުންނަށް އަޅުގަނޑުމެން ގޮވާލަނީ މިފަދަ ކަންތައްތަކާ ޙިކުމަތާއެކު ކުރިމަތި ލުމަށެވެ. ފިކުރާއި، ބުއްދި ބޭނުންކޮށްގެން ހެޔޮ ގޮތުގައި ޖަދަލު ކުރަންވީއެވެ. ނަޞްރު ލިބޭނީ އިސްލާމްދީނަށެވެ!

 


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި