Noorul-islam.NET :: އަންހެންކުދިންނާ ފިރިހެން ކުދިން (ލޯބީގެ ގޮތުން) ރައްޓެހިވުމަކީ ކޮންކަލަކަމެއް؟

އަންހެންކުދިންނާ ފިރިހެން ކުދިން (ލޯބީގެ ގޮތުން) ރައްޓެހިވުމަކީ ކޮންކަލަކަމެއް؟
Category »  ސުވާލާއި ޖަވާބު

ތާރީޚް: 18 އޮކްޓޯބަރ 2008

ޖަވާބު ދެއްވީ : އައްޝައިޚް އަޙްމަދު ސަމީރު އިބްރާހީމް ޙުސައިން

ސުވާލު: އަންހެންކުދިންނާ ފިރިހެން ކުދިން (ލޯބީގެ ގޮތުން) ރައްޓެހިވުމަކީ ކޮންކަލަކަމެއް؟

 

ޖަވާބު: ހިލޭ އަންހެން ކުދިންނާ ފިރިހެން ކުދިން ރައްޓެހިވެ ގައިގޯޅިވެ ތަންތަނުގައި އެކަހެރިވެ އުޅުމަކީ އިސްލާމްދީން ވަރަށް ބޮޑަށް  މަނާ ކުރައްވާފައިވާ ކަމެކެވެ. އެއީ އެކަމުގެ ސަބަބުން އިސްލާމީ މުޖުތަމަޢުތައް ފަސާދަވެ ލަދުވެތިކަމާއި ، ޢިތްފަތްތެރިކަން ގެއްލިގޮސް މާތްﷲގެ ކޯފާއަށް އެތަނެއް ހުށައެޅިގެންދިޔުމުގެ ސަބަބަކަށް އެކަންވެގެން ދާތީއެވެ. މާތްﷲ އެކަލާނގެ އަޅުތަކުންގެ ޙާލު މޮޅަށް ދެނެވޮޑިގެންވާތީ ފިތުނަ އާއި ފަސާދައަށް އިންސާނާ ހިނގައިދާނެ ހުރިހާ ދޮރެއް ވަނީ ބަންދު ކުރަށްވާފައެވެ. ޒިނޭއާ ގާތް ނުވުމަށް ވަނީ އަމުރުކުރައްވާފައެވެ.

ފިރިހެނުންގެ ބެލުން ތިރިކުރުމަށް ފިރިހެނުންނަށް އަމުރުކުރެއްވިފަދައިން އަންހެނުންނަށްވެސް އެކަނބަލުންގެ ލޯތައް ތިރިކުރުމަށް ވަނީ އަމުރުކުރައްވާފައެވެ. އަދި އަންހެނުންގެ ޒީނަތްތެރިކަން ފާޅުނުކުރުމަށާއި، ހިލޭފިރިހެނުންނަށް އަޑު އިވޭ ހިސާބުގައި ތުއި އަޑުން ވާހަކަ ނުދެއްކުމަށާއި، އަންހެނުންގެ ފައިގެ ތަކަހޮޅީގެ އަޑު އިއްވުމަށްޓަކައި ބިމުގައި އެކަނބަލުންގެ ފައިން ނުޖެހުމަށް ވަނީ އަމުރު ކުރައަވާފައެވެ. އަދި ސަލާމާއި ޞަލަވާތް ލެއްވި މާތް ނަބިއްޔާ ވަނީ އަންހެނުން މަޙުރަމަކާ އެކުނޫނީ ދަތުރު ނުކުރުމަށާއި، ހިލޭ ފިރިހެނުންނާ އެކަހެރި ނުވުމަށާއި، މީރުވަސް ދުވާ އަތަރާއި ސެންޓު ޖަހައިގެން ފިރިހެނުންގެތެރެޔަށް ނިކުމެ ނޫޅުމަށް އަމުރުކުރަށްވާފައެވެ. މިހުރިހާ ކަމެއްވެސް އަންގަވާފައިވަނީ މުސްލިމު އަންހެނާގެ ކަރާމަތާއި ޢިތްޒަތް ވެއްޔާމޮޑެވިގެން ދިޔަނުދިނުމަށްޓަކައެވެ. ކެހިވެރިންގެ އަނިޔާވެރި ވަކިތަކުން އަންހެނާ ޙިމާޔަތްކުރުމަށްޓަކައެވެ. 

މާތްﷲ ރުއްސުންލެއްވި ޢުޤުބާ ބިން ޢާމިރު ގެ ކިބައިން ރިވާވެގެންވެއެވެ . ހަމަ ކަށަވަރުން ސަލާމާއި ޞަލަވާތް ލެއްވީ ކީރިތި ރަސޫލާ ޙަދީޡް ކުރެއްވިއެވެ''( إِيَّاكُمْ وَالدُّخُولَ عَلَى النِّسَاءِ فَقَالَ رَجُلٌ مِنْ الْأَنْصَارِ يَا رَسُولَ اللَّهِ أَفَرَأَيْتَ الْحَمْوَ قَالَ الْحَمْوُ الْمَوْتُ ) ( ބުޚާރީ : ޙަދީޡް ނަމްބަރު : 4831) ''  މާނައީ : ތިޔަބައިމީހުން (ހިލޭ ) އަންހެނުންގެތެރެޔަށް ވަދެ އުޅުމުން ދުރުވެ ރައްކާތެރިވެތިބޭހުށިކަމެވެ. އެހިދު އަންޞާރިއްޔަ ބޭކަލަކު ދެންނެވިއެވެ '' ފިރިމީހާގެ އެއްބަނޑު އެއްބަފާ ފިރިހެނާ އޭނާގެ އަޚާގެ އަންހެނުންގެގާތަށް ވަދެނިކުމެ އުޅުމާއިމެދު ދެކެވަޑައިގަންނަނީ ކިހިނެއްހެއްޔެވެ؟''  ޙަދީޡްކުރެއްވިއެވެ''  ފިރިމީހާގެ އެއްބަނޑު އެއްބަފާ ފިރިހެނާ އަކީ މަރެވެ'' މީގެ މާނަކީ އެއީ ހަލާކެވެ. އެއީ ނުރައްކާ ކަމެކެވެ.

    މީހަކާ އިނުމަށްޓަކައި ކުއްޖަކާ ގުޅޭނަމަވެސް އެކަން ހިނގަންވާނީ ދެކުދީންގެ މައިންބަފައިންގެ ބެލުމުގެދަށުންނެވެ. ވާހަކަ ދެކެވެން ޖެހޭނީ ބެލެނިވެރީންގެ ޙާޟިރުގައެވެ. މާތްﷲ ބަރަކާތް ލައްވަނީ އެކަލާނގެ ކަނޑައެޅުއްވި ޝަރުޢީ ހަމަތަކުގެމަތީން ގުޅޭ ދެމީހެއްގެ ޙަޔާތުގައެވެ. ދެމީހުން ދަސްވުމުގެ ނަމުގައި ﷲ ކަނޑައެޅުއްވި އިންތައް ފަހަނައަޅައި ގޮސްފައިވާ ދެމީހަކު ކިތެންމެ ލޯތްބެއް އަނެކާދެކެ ވިޔަސް އެދެމީހެއްގެ ގުޅުމުގައި މާތް ﷲ ބަރަކާތް ނުލައްވައިފިނަމަ އެދެމީހެއްގެ ޙަޔާތަކީ ބާއްޖަވެރި ޙަޔާތަކަށް ނުވާނެއެވެ. މުޖުތަމަޢުގެ ޙާލަތަށް ބަލައިލުމުން މިކަން ވަރަށް ރަނގަޅަށް ސާފުވާނެއެވެ. މިހާރު ކުރެވޭ ކައިވެނިތަކަކީ މުޅިންހެން ރައްޓެހިވެގެން އުޅޭތާ އެތައް އަހަރެއް ވެފައިކުރެވޭ ކައިވެނިތަކެވެ. ނަމަވެސް މާގިނަދުވަހެއް ނުވެ ފެންނަނީ ވަކިވާތަނެވެ. ހަމަ ދެމީހުން ދަސްނުވަނީހެއްޔެވެ؟

 

އޭ މުސްލިމު ޒުވާނުންނޭވެ! އަދިވެސް ނިދިން ހޭލާކަށް ނުވޭހެއްޔެވެ؟ ތިޔަކުދީންގެ ޙަޔާތުގައި ﷲ ބަރަކާތްލެއްވުމަކަށް ތިޔަކުދީން ނޭދެމުހެއްޔެވެ؟ والله أعلم

 

ޖަވާބު ދެއްވީ: އައްޝައިޚް އަޙްމަދު ސަމީރު ބިން އިބްރާހީމް ޙުސައިން ، ށ ފޯކައިދޫ


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި