Noorul-islam.NET :: ނޫރުލްއިސްލާމްގެ ފަރާތުން ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިންގެ ދަރުސެއް ސްކައިޕް ކޮންވަޒޭޝަން މެދުވެރިކޮށް ބާއްވައިފި
ނޫރުލްއިސްލާމްގެ ފަރާތުން ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިންގެ ދަރުސެއް ސްކައިޕް ކޮންވަޒޭޝަން މެދުވެރިކޮށް ބާއްވައިފި
Category »  ޚަބަރު

ތާރީޚް: 17 މޭއި 2012

ލިޔުނީ : ނޫރުލްއިސްލާމް ނިއުސް ޓީމް

 

ނޫރުލްއިސްލާމްގެ ފަރާތުން އިސްނަގައިގެން މަޝްހޫރު ސްކައިޕް ސޮފްޓްވެއާ މެދުވެރިކޮށް، ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ، ޢަދާލަތުޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް، އަދި އިސްލާމީ ފިޤުހު އެކެޑެމީގެ މެންބަރު، ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިންގެ ދަރުސެއް ބާއްވައިފިއެވެ.

މިހިނގާ މޭއި މަހުގެ 15 ވީ އަންގާރަ ދުވަހުގެރޭ ރާއްޖޭ ގަޑިން 8:30 ގައި ފެށި މި ދަރުސް ބާއްވާފައިވަނީ ސްކައިޕް އޯޑިއޯ ކޮންވަޒޭޝަން މެދުވެރިކޮށެވެ. މި ދަރުސްގައި އެކަށީގެންވާ ޢަދަދަކަށް ޒުވާނުން ބައިވެރިވެފައިވެއެވެ. މިގޮތުން ރާއްޖެއާއި ސަޢުދީ ޢަރަބިއްޔާ އާއި، އަދި މެލޭޝިޔާގައި ދިރިއުޅޭ ދިވެހި ޒުވާނުންތަކެއް ބައިވެރިވެފައިވެއެވެ. ދަރުސް ނިންމާލާފައިވަނީ ސުވާލާއި ޖަވާބު ސެޝަނަކާއެކުގައެވެ. ސުވާލުތަކަށް ޖަވާބު ދެއްވާފައިވަނީ ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިން އެވެ.

މިއީ މިގޮތަށް ސްކައިޕް މެދުވެރިކޮށް ނޫރުލްއިސްލާމްގެ ފަރާތުން އިންތިޒާމް ކުރި ފުރަތަމަ ދަރުސެވެ. މި ދަރުސާއި ބެހޭގޮތުން ނޫރުލްއިސްލާމް ނިއުސްޓީމަށް މަޢުލޫމާތު ދެއްވަމުން އިންތިޒާމް ކުރެއްވުމުގައި އިސްކޮށް ޙަރަކާތްތެރިވެ ވަޑައިގެންނެވި ބޭފުޅަކު ވިދާޅުވީ، މިއީ އެބޭފުޅުން އެގޮތަށް އިންތިޒާމު ކުރި ފުރަތަމަ ދަރުސް ކަމަށް ވެފައި، އަދި ދަރުސް ބޭއްވުމަށް ތައްޔާރު ވުމަށް ލިބުނު ވަގުތަށް ބަލާއިރު، ހިތްހަމަޖެހޭވަރަށް ގިނަ ޒުވާން ބޭފުޅުން ދަރުސްގައި ބައިވެރިވެ ވަޑައިގެންފައިވާކަމަށެވެ.

"ދަރުސް ފެށިގެން ދިޔަ ވަގުތު ކޮންމެވެސް ވަރަކަށް އަޅުގަނޑުމެންގެ އިންޓަނެޓް ކަނެކްޝަނަށް ދިމާވި މައްސަލައަކާހުރެ، ކެނޑިގެން ދިޔަ. ނަމަވެސް ފަހުން ކަނެކްޝަން ސްޕީޑް ހަމައަކަށް އެޅި، ރަނގަޅަށް ކުރިއަށް ގެންދިޔައީ. ފުރަތަމަ ފަހަރާ އަޅާ ބަލާއިރު ވަރަށް ބޮޑު ކާމިޔާބީއެއް، މިދަރުސަކީ." އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ފަޟީލަތުއްޝައިޚް އިލްޔާސްއާ ދެއްކި ވާހަކައެއްގެ ތެރޭގައި ދެންނެވީ، މިގޮތަށް ދަރުސެއް އިންތިޒާމް ކޮށްލުން ކިހިނެތް ވާނެތޯ؟ ޝޭޚް ހުންނެވީ ތައްޔާރަށް. ދަރުސްގައި ބައިވެރިވާން ބޭނުންވެފައިތިބި ގިނަ ބޭފުޅުންގެ އިމްތިޙާނުތަކެއް ކުރިމަތީގައި އޮތުމާއެކު، އިމްތިޙާނުގެ ކުރިން ދަރުސް ބާއްވަން ބޭނުންވީ. އެހެންވެ ކުއްލި ގޮތަކަށް މާބޮޑު އިޢުލާން ކުރުމެއް ނެތި ބޭއްވީ. އެހެން ނަމަވެސް ވަރަށް ބޮޑު ތަރުޙީބެއް ލިބިގެން ދިޔަ. އަޅުގަނޑުމެން އެކަން ޝުކުރުވެރިކަމާއެކު ފާހަގަ ކުރަން." ދަރުސްގެ ކަންތައް ދިޔަ ގޮތާމެދު ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވިއެވެ.

ނޫރުލްއިސްލާމްގެ ފަރާތުން މަސައްކަތް ކުރަމުން މިހާރު ދަނީ، މީގެ އިތުރު ދަރުސްތަކެއް ބޭއްވުމަށާއި، އަދި ސިލްސިލާ ގޮތުގައި މެދުނުކެނޑި ކުރިއަށް ގެންދިޔުމަށެވެ. ޚާއްޞަގޮތެއްގައި އިންޑިޔާ، ސްރީލަންކާ އާއި އެނޫންވެސް ބޭރު ޤައުމުތަކުގައި ތިބޭ ދިވެހިންނަށް ޚާއްޞަކޮށް މިފަދަ ދަރުސްތައް އިންތިޒާމު ކުރުމަކީ ނޫރުލްއިސްލާމްގެ އަމާޒެވެ. އަދި މިފަދަ ދަރުސްތަކަކީ، ސުވާލާއި ޖަވާބުގެ ފުރުޞަތު ވީހާވެސް ބޮޑަށް ހުޅުވާލައިގެން ބޭއްވޭފަދަ ގޮތަކަށް ބޭއްވޭ ދަރުސްތަކަކަށް ހެދުމަށްވެސް ނޫރުލްއިސްލާމުން ވަނީ ވިސްނާފައެވެ. އަދި، ﷲ އިރާދަކުރެއްވިއްޔާ، ކައިރިމުސްތަޤްބަލެއްގައި ނޫރުލްއިސްލާމްގެ ފަރާތުން ޢާއްމުކޮށް ހުޅުވާލައިގެން، އޮންލައިން ދަރުސްތަކެއް ބޭއްވުމަށް ވަރަށް އަވަހަށް އިޢުލާނު ކުރެވޭނެއެވެ.

ސްކައިޕްގެ ކޮންފަރެންސް މެދުވެރިކޮށް މިމަހުގެ 12 ވަނަ ދުވަހުގެ ވަގުތެއްގައިވެސް ޒުވާނުންތަކެއް ވަނީ ދަރުސެއް ބާއްވާފައެވެ. އެދުވަހުގެ ދަރުސް އިންތިޒާމް ކޮށްފައިވަނީ މެލޭޝިޔާގައި ކިޔަވާ ދިވެހި ޒުވާނުން ކޮޅެއް ކަމަށް ނޫރުލްއިސްލާމަށް ވަނީ މަޢުލޫމާތު ލިބިފައެވެ. މި ދަރުސް ދެއްވާފައިވަނީ ފަޟީލަތުއްޝައިޚް ޢަލީ ޒާހިރު ޢަބްދުލްމައްނާން އެވެ. މި ދަރުސްގައިވެސް ރާއްޖެއާއި މެލޭޝިޔާ އަދި ސަޢުދީ ޢަރަބިއްޔާއިން ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވާފައި ވެއެވެ. ނޫރުލްއިސްލާމްގެ މިދަރުސްގެ އަޞްލަކީ އެދުވަހު ބޭއްވުނު ދަރުސެވެ.

ސްކައިޕް ފަދަ މުވާޞަލާތީ ވަޞީލަތްތައް ބޭނުންކޮށްގެން އިސްލާމްދީނުގެ މަޢުލޫމާތު ފޯރުކޮށްދިނުމަކީ އެއިގެ ސަބަބުން ގިނަ ގުނަ ފައިދާތަކެއް ކުރާނެ ކަމެއް ކަމުގައި ނޫރުލްއިސްލާމުން ދެކެމެވެ. ފޭސްބުކާއި ސްކައިޕް އަދި ޓުވިޓާ ފަދަ ވަޞީލަތްތަކަކީ ހަމައެކަނި ސިޔާސީ ގޮތުން މީސްތަކުންނާ ދިމާކުރުމަށާއި އެކަކު އަނެކާގެ އަބުރު ނަގާލުމަށް ބޭނުން ކުރެވޭނެ ވަޞީލަތްތަކެއް ނޫންކަމާއި، އިސްލާމްދީނުގެ އަޚްލާޤާއި ފުރިހަމަ ޢަޤީދާ ބަޔާންކޮށް، ދީނުގެ ޢިލްމުން މުޖުތަމަޢު އަލިކުރުމަށްޓަކައި ހަތިޔާރެއްގެ ގޮތުގައި މި ވަޞީލަތް ބޭނުން ކުރެވިދާނެ ކަމުގެ ހެއްކަކަށް މިކަންވެސް ފުދެއެވެ.

 

 


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި