Noorul-islam.NET :: އުއްމަތަށް ބޭނުން ވަނީ މިފަދަ ޒުވާނުން!




އުއްމަތަށް ބޭނުން ވަނީ މިފަދަ ޒުވާނުން!
Category »  އިސްލާމީ ތާރީޚް

ތާރީޚް: 16 މާޗް 2012

ލިޔުއްވީ : ޢަބްދުލްހާދީ ޙުސައިން

ހަމަކަށަވަރުން ޞާލިހު ޒުވާނުންނަކީ މި އުއްމަތުގެ ތަނބެވެ. ޒުވާނުންވަނީ އިސްލާމްދީން މަތިވެރި ކޮށްފައެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަޔާތްޕުޅުގައްޔާއި އޭގެފަހުގެ ޒަމާންތަކުގައެވެ. ބަދުރު ހަނގުރާމައިގެ ތެރެއަށް ނަޒަރު ހިންގަވާށެވެ. ޢަބްދުއްރަޙްމާން ބިން ޢައުފު ރަޟިޔަﷲ ޢަންހު، ބަދުރު ހަނގުރާމައިގެ ދުވަހު އެކަލޭގެފާނުގެ އަރިހުން ފެނުނު ކުޑަ ދެކުދިންގެ ވާހަކަ ވިދާޅުވިއެވެ.  "ހަމަކަށަވަރުން ތިމަންނާ ވީމޭ ބަދުރުގެ ދުވަހުގެ ޞަފުގައި، ތިމަންގެ ކަނައާތް ފަރާތައް އަދި ވާއަތް ފަރާތައް އެނބުރެލި އިރުވެސް ފެނިގެންދަނީ އުމުރުގެ ގޮތުން ޅަ، ކުޑަ ދެކުދިން ހަރަކާތްތެރިވާ ތަނެވެ."

 

ލޮބުވެތި ޒުވާނުންނޭވެ! ނިކަން އަޑު އައްސަވާށެވެ! އެކުޑަ ދެކުދިން ޢަބްދުއްރަޙްމާން ބިން ޢައުފު ރަޟިޔަﷲ ޢަންހުގެ އަރިހުން އެދުނީ އެ ދެކުދިން ހިމާޔަތް ކުރާކަށްނޫނެވެ. އެހެންނެއް ކަމަކު އިސްލާމްދީނުގެ ޢަދުއްވެއްގެ ޚަބަރު ދިނުމަށެވެ. ޢަބްދުއްރަޙްމާން ބިން ޢައުފު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ." ފަހެ އެތަނުން އެއް ކުއްޖަކު އަނެއްކުއްޖާއަށް ސިއްރުން ތިމަންނައަށް ބުންޏެވެ. "އޭ ބޮޑުބޭބެއެވެ. ތިމަންނާއަށް އަބޫ ޖަހުލު ދައްކާށެވެ." ދެން ތިމަން ބުނީމެވެ. "އޭ ތިމަންގެ އަޚާގެ ދަރިޔާއެވެ! އޭނައިން ތިބާ ކުރާނީ ކޮންކަމެއްހޭ؟" އެ ކުއްޖާ ބުންނޏެވެ. "އަހަރެން މާތްﷲ އަށް އަޙުދު ހިފައިފީމެވެ. އޭނަ ފެނިއްޖެނަމަ ތިމަންނާ އޭނާ ގަތުލު ކުރުމަށް ނުވަތަ އެކަމުގައި މަރުވެ ދިއުމަށް" ފަހެ ދެން ހުރި ކުއްޖާވެސް ސިއްރުން ހަމަ އެފަދައިން ތިމަން ކައިރީ ބުންޏެވެ."

 

ލޮބުވެތި އަޚުންނޭވެ! ޢަބްދުއްރަޙްމާން ބިން ޢައުފް ރަޟިޔަﷲ ޢަންހު އެދެ ކުދިންނަށް އަބޫ ޖަހުލު ދެއްކެވުމުން އަބޫ ޖަހުލު ފެނި އެދެ ކުދިން ފަހަތަށް ޖެހުނީއެއް ނޫނެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. "ތިމަންކަލޭގެފާނު އަބޫޖަހުލަށް އިޝާރާތްކޮށް އެދެކުދިންނަށް ދެއްކީމެވެ. ވިދާޅުވިއެވެ. ފަހެ ބާޒެއް ފަދައިން އޭނާގެ (އަބޫޖަހުލުގެ) މައްޗަށް އެ ދެކުދިން ގަދަވެގަތެވެ. އަދި އެއީ ޢަފަރާއުގެ ދެ ކުދިންނެވެ."

މިއީ އިސްލާމް ތާރީޚުން އަޅުގަނޑުމެންނަށް ފެނިފައިވާ ހާޤީޤަތެކެވެ. އަޅުގަނޑުމެންގެ މާތް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައާއި މިދީނަށް ނަޞްރު ދިނުމަށްޓަކައި މި ދީނުގެ ޒުވާނުން ކުރައްވާފައިވާ މަތިވެރި ޖިހާދެވެ.

 

މީގެ އިތުރު ޙާދިޘާއެކެވެ. ޒުވާން ޞަޙާބީން އެބޭކަލުންގެ ފުރާނަތައް މާތްﷲ ގެ ދީނުގެ ދިފާޢުގައި ފިދާކުރުމަށް ތައްޔާރަށްތިބި ތަނެވެ. އަދި އެބޭކަލުންގެ ވެރި ރައްބުގެ ރުއްސެވުން ހޯދުމަށް އަވަސްވެވަޑައިގެން ތިއްބެވި މަންޒަރެވެ. ސަޢުދު ބިން ޢަބީ ވައްޤާޞް ރަޟިޔަﷲ ޢަންހު އަށް އެކަލޭގެފާނުގެ އަޚް ވިދާޅުވި ބަސްފުޅެވެ. ބަދުރުގެ ދުވަހެވެ. އެކަލޭގެފާނަށް އަޚް ޢުމައިރު ރަޟިޔަﷲ ޢަންހު ފެނިވަޑައިގަތުމުން އެއްސެވިއެވެ. " އޭ އަޚާއެވެ! ކިހިނެއްވީތޯއެވެ؟ އެހިނދު ވިދާޅުވިއެވެ. "ތިމަންނާ ބިރުގަންނަމެވެ. ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމައަށް ތިމަންނާ ފެނިވަޑައިގެން ކުޑަކުއްޖެއްކަމުގައި ދެކިވަޑައިގެން ފޮނުވާލައްވަފާނެތީ، ތިމަންނާ ހަނގުރާމައަށް ނުކުތުމަށް ލޯބިކުރަމެވެ. ފަހަރެއްގައި މާތްﷲ ތިމަންނާއަށް ޝަހީދަކަށްވުމުގެ ރިޒުޤުދެއްވަފާނެތެވެ." (ސަޢުދު ރަޟިޔަﷲ ޢަންހު) ވިދާޅުވިއެވެ." ފަހެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ފެނިވަޑައިގެން، އެކަލޭގެފާނު (ޢުމައިރު ރަޟިޔަﷲ ޢަންހު) ކުޑަކުއްޖެއްކަމުގައި ދެކިވަޑައިގެން ފޮނުއްވައިލެއްވިއެވެ. ފަހެ އެހިނދު ކީރިތި ކުރައްވަން ފެއްޓެވިއެވެ. އަދި އެކަލާގެފާނަށް ހުއްދަ ދެއްވިއެވެ."

 

އެހަނގުރާމައިގައި ޝަހީދުވެގެންދިޔަ ބޭކަލުންގެ ތެރޭގައި ޢުމައިރު ބިން އަބީ ވައްޤާޞް ރަޟިޔަﷲ ޢަންހު ވިއެވެ. އެއިރު އެކަލޭގެފާނުގެ ޢުމުރަކީ އެންމެ 16 އަހަރެވެ.

 

މިއަދު އަޅުގަނޑުމެންގެ އިސްލާމީ އުއްމަތް މިވަނީ މިފަދަ ޒުވާނުންނަށް ބޭނުންވެފައެވެ. އިސްލާމްދީން މަތިވެރިކޮށް މާތްﷲ ގެ ޝިޢާރުތައް މަތިވެރިކުރުމަށެވެ. އިސްލާމްދީނުގެ މަތިވެރި ޙިލްމާއި ޢިލްމުގެ ބޭނުން ހިފައިގެން ދީނަށް ނަޞްރު ދިނުމަށްޓަކައެވެ. އެތެރެއާއި ބޭރުން އިސްލާމްދީނަށް އަންނަ ގޮންޖެހުންތަކުން މި ދީން ދިފާޢު ކުރުމަށްޓަކައެވެ. މާތްﷲ އަޅަމެންނަށް ހެޔޮ ވިސްނުން ދެއްވާ އިސްލާމްދީނަށް ނަޞްރުދޭ ބައެއްކަމުގައި އަޅަމެން ލައްވާށި! އާމީން!!

 


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި