Noorul-islam.NET :: ޤައުމުގެ އަފުރާދުންނަށް ބޭނުންވަނީ އިސްލާމީ ތަރުބިއްޔަތެވެ. (1)




ޤައުމުގެ އަފުރާދުންނަށް ބޭނުންވަނީ އިސްލާމީ ތަރުބިއްޔަތެވެ. (1)
Category »  މުޖުތަމަޢު

ތާރީޚް: 9 މާޗް 2012

ލިޔުއްވީ : ޢަބްދުލްހާދީ ޙުސައިން

 

ދުނިޔެ ތަރައްޤީއާއި ތަމައްދުނުގެ ރޮނގުން ކުރިއަރަމުންދާ ހިނދު ތަފާތު ހާލަތްތައް މެދުވެރިވާނޭ ބައެއް މުފައްކިރުން ވިދާޅުވާ އިރު އެ ޤައުމެއް ހިމާޔަތްކޮށް ރައްކާތެރި ކުރުމަކީ އެޤައުމެއްގެ ދަރިންގެ ޒިންމާއެކެވެ. ތަފާތު އޮއެވަރުތަކާއެކު އަންނަ ކޮންމެ ކަމެއް ބަލައިގަތުމަކީ މިއަދު ވިސްނަން ޖެހިފައިވާ ކަމެކެވެ. އާދެ ޚާއްޞަކޮށް ޤައުމުގެ އިޖްތިމާޢީ ފޭރާން ބަލިކަށިވާ ކޮންމެ ކަމަކީ އަޅުގަނޑުމެން އެކަންކަމާމެދު ފުންކޮށް ވިސްނަންޖެހިފައިވާ ޙަޤީޤަތެކެވެ. ޤައުމެއްގެ އިޖްތިމާޢީ ފޭރާން ހެޔޮގޮތުގައި ރައްކާތެރި ކުރުމަކީ ޤައުމުގެ ދާޚިލީ ހަމަޖެހުމަށް އެންމެ ނުހަނު އެއްކަމެވެ. މިގޮތުން އިޖްތިމާޢީ ފޭރާން ރައްކާތެރި ކުރުމަށްޓަކައި މުޖުތަމަޢުގެ އަފުރާދުންގެ މެދުގައި އިސްލާމީ ރިވެތި ތަރުބިއްޔަތުގެ މަތިވެރި ޞިފަތައް އަށަގަންނުވަން ޖެހެއެވެ. ކުރުގޮތަކަށް ދަންނަވަނީ ނަމަ ޤައުމުގެ ހުރިހާ ފަންތިއަކާއި ޢުމުރު ފުރައަކަށް އިސްލާމީ ތަރުބިއްޔަތު އެބަ ދޭން ޖެހެއެވެ.

އާދެ! އިސްލާމީ ތަރުބިއްޔަތަކީ އޭގައި ހުޅަނގުގެ ތަރުބިއްޔަތާއި ތަފާތުތަކެއް ވާ އެއްޗެކެވެ. އިސްލާމީ ތަރުބިއްޔަތު ވަނީ އިންސާނުންގެ ފަރުދަށާއި މުޅި މުޖުތަމަޢަށް ރިޢާޔަތް ކޮށްފައެވެ. ރިވެތި އަޚްލާޤާއި ދެދުނިޔޭގެ ކާމިޔާބީއަށް ވާޞިލު ވުމަކީ މި ތަރުބިއްޔަތުގެ މޭވާއެވެ. ތިބާގެ ޖިސްމާނީ ހަރަކާތްތަކާއި ޢަމަލުތަށް ވަކި ގޮތަކަށް ބެހެއްޓުމަށްޓަކައި ވަކި ކަންތައްތަކަކާއި އުޞޫލުތަކެއް ވެއެވެ. ނަމާދާއި ޙައްޖު ފަދަ އަޅުކަންތަކާއި ކެއުމާއި ބުއިން ފަދަ ކަންކަމުގެ އުޞޫލުތަކަކީ މީގެތެރެއިން ހިމެނޭ ކަންކަމެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އިންސާނާއަށް ދެއްވާފައިވާ އެންމެ އަގު ހުރި ޖައުހަރަކީ އޭނާގެ ބުއްދިއެވެ. ބުއްދި ތަރައްޤީ ކުރުމަށްޓަކައި ފިކުރު ކުރުމާއި ވިސްނުމާއި ހިތުދަސްކުރުމަށް ބާރުއަޅާފައި ވާއިރު އަދި ބުއްދި ތަޣައްޔަރު ވާނެފަދަ ޢަމަލުތަކުން ދުރުހެލިވުމަށް ވަނީ އަންގަވާފައެވެ. އިޖްތިމާޢީ ގުޅުން ރަނގަޅު ކުރުމަށްޓަކައި ޢާއިލާ އާއި ރަޙިމުގެ ގުޅުން ބަދަހި ކުރުމަށް ދެއްވާފައިވާ އަހައްމިއްޔަތު ކަމަކީ އެހެން އެއްވެސް ދީނެއްގައިވެސް އަދި ދުނިޔަވީ ފަލްސަފާއެއްގައިވެސް ދީފައި ނުވާ ވަރުގެ އަހައްމިއްޔަތުކަމެކެވެ. އަދި މިގުޅުން އިތުރު ކުރުމަށްޓަކައި ރަހުމަތްތެރިކަމުގެ ޙައްޤު ފުރިހަމައަށް ވަނީ ރައްކާތެރި ކުރައްވާފައެވެ. އަޚްލާޤިއްޔާތު ކުރިއަރުވާ ހިފެހެއްޓުމަށްޓަކައި ދޮގުބުނުން ފަދަކަންކަން އިސްލާމް ދީނުގައި ވަނީ ޙަރާމް ކުރައްވާފައެވެ. އަދި ތެދުވެރިވުމާއި އަމާނާތްތެރިކަން ފަދަ ޞިފަތައްކަކީ ކޮންމެ މީހެއްގެ ކިބައިގަވެސް ހުންނަން ޖެހޭ ޞިފަތަކެކެވެ. މުޖްތަމަޢައެއް ބިނާ ކުރުމަށްޓަކައި އިސްލާމީ ތަރުބިއްޔަތު ވަނީ މި ހުރިހާ ކަމަށް އިސްކަން ދީފައެވެ.

އިސްލާމީ ތަރުބިއްޔާގެ އެންމެ މުހިއްމު މަޤްޞަދަކީ އިންސާނާ ނެތުމުގެ ތެރެއިން ހައްދަވާ ބޮޑުކުރެއްވި އިލާހު، ﷲ ޞުބުޙާނަހޫ ވަތަޢާލާއަށް އަޅުކަން ކުރުމެވެ. މާތް ﷲ ވަހީ ކުރައްވަނީ: (( وَمَا خَلَقْتُ الْجِنَّ وَالْإِنسَ إِلَّا لِيَعْبُدُونِ)) سورة الذاريات 56 މާނަ: " ތިމަންރަސްކަލާނގެއަށް އަޅުކަންކުރުމަށް މެނުވީ، ތިމަންރަސްކަލާނގެ ޖިންނީންނާއި، އިންސީން ނަހައްދަވަމެވެ. " އިންސާނާ މި ކައުނުގައި ވުމުގެ އަސާސީ މަޤްޞަދަކީ މާތްﷲ އަށް ފުރިހަމައަށް އަޅުވެތި ވުމެވެ. އަދި ޚަލީފާއިންކަމުގައި ވީހިނދު މި ބިން ތަޢުމީރު ކުރުމެމެވެ.

ބަޔާންވެ ދިޔަ ޢާއްމު މަޤްޞަދު ޙާޞިލު ކުރުމަށްޓަކައި ކުރަންޖެހޭ ކަންތައްތަކެއް އެބަ ވެއެވެ. މިގޮތުން:

-          މާތް ﷲ އަށް ޙައްޤު ގޮތުގައި އަޅުވެތިވުމަށްޓަކައި ޞައްޙަ ޢާޤީދާއެއް އިސްލާމީ މުޖުތަމަޢުގެ ދަރިންގެ މެދުގައި އަށަގެންނެވުން:

-          މުޖުތަމަޢުގެ ކޮންމެ ފަރުދަކުވެސް ރިވެތި އަޚްލާގުގެ ފޭރާމުން ފޭރާން ލުން: މިގޮތުން އަމާނާތްތެރިކަމާއި ތެދުވެރިކަންފަދަ އެންމެހައި ރިވެތި އަޚްލާޤުތަކުގެ އަހުލުވެރިންނަށް ވުމެވެ. އެހެނީ މި އުއްމަތުގެ މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އަކީ މަތިވެރި އަޚުލާޤެއްގެ ވެރިއެއްކަން މާތްﷲ ވަނީ ހެކިވެވޮޑިގަންނަވާފައެވެ. އެކަލާނގެ ވަޙީ ކުރައްވަނީ: ((وَإِنَّكَ لَعَلَىٰ خُلُقٍ عَظِيمٍ)) سورة القلم 4  މާނަ: " އަދި ހަމަކަށަވަރުން، ކަލޭގެފާނު ވަނީ މާތްވެގެންވާ خلق ފުޅެއްގެ މަތީގައިކަން ކަށަވަރެވެ.  އަދި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތަށް ތަބާވުމުގެ ގޮތުންނެވެ. ހަދީޘް ކުރައްވަނީ: ( إِنَّمَا بُعِثْتُ ; لِأُتَمِّمَ مَكَارِمَ الْأَخْلَاقِ) މާނަ: "ހަމަކަށަވަރުން ތިމަންކަލޭގެފާނު ފޮނުއްވުނީ މަތިވެރިވެގެންވާ އަޚްލާޤު ފުރިހަމަ ކޮށްދެއްވުމަށްޓަކައެވެ." މިއިން ރިވެތި އަޚްލާޤަށް ދެއްވާފައިވާ އަހައްމިއްޔަތުކަން ވެސް ދޭހަވެއެވެ. އަދިވެސް ޙަދީޘް ކުރައްވައެވެ. އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެން ވެއެވެ. (سُئِلَ النَّبِيُّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - عَنْ أَكْثَرِ مَا يُدْخِلُ النَّاسَ الْجَنَّةَ ، فَقَالَ : تَقْوَى اللَّهِ وَحُسْنُ الْخُلُقِ) މާނަ: "މީސްތަކުން އެންމެ ގިނައިން ސުވަރުގެއަށް ވަންނާނީ ކޮންކަމަކުންހޭ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައާއި ސުވާލު ކުރެވުނެވެ. ހަދީޘް ކުރެއްވިއެވެ: " މާތްﷲ އަށް ތަޤުވާވެރި ވުމާއި ރިވެތި އަޚްލާޤެވެ."

-          އެކަކު އަނެކަކާމެދު އަދި އެއްބަޔަކު އަނެއްބަޔަކާމެދު އިހްތިމާމް ބަހައްޓާ އުޚުއްވަތްތެރިކުރުވައި މުޖުތަމަޢުގެ ވަކިވަކި އަފުރާދުންނާމެދު އިޖްތިމާޢީ ރޫހެއް އުފެއްދުން: މާތް ﷲ މިކަމަށް އިޝާރާތްކުރައްވާ ވަޙީ ކުރައްވަނީ: (( إِنَّمَا الْمُؤْمِنُونَ إِخْوَةٌ فَأَصْلِحُوا بَيْنَ أَخَوَيْكُمْ ۚ وَاتَّقُوا اللَّـهَ لَعَلَّكُمْ تُرْحَمُونَ )) سورة الحجرات 10 މާނަ: " مؤمن ން ވާކަންކަށަވަރީ، أخ ންތަކެއް ކަމުގައެވެ. ފަހެ، ތިޔަބައިމީހުންގެ ދެ أخ ން ދެމެދު ތިޔަބައިމީހުން صلح ކުރާށެވެ! އަދި ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! (އެއީ) ތިޔަބައިމީހުންނަށް رحمة ލެއްވުމަށްޓަކައެވެ." ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވަނީ: ( مَثَلُ الْمُؤْمِنِينَ فِي تَوَادِّهِمْ وَتَرَاحُمِهِمْ وَتَعَاطُفِهِمْ مَثَلُ الْجَسَدِ إذَا اشْتَكَى مِنْهُ عُضْوٌ تَدَاعَى لَهُ سَائِرُ الْجَسَدِ بِالسَّهَرِ وَالْحُمَّى) މާނަ: " ލޯބިވުމާއި ރަޙުމްކުރުމާއި އޯގާތެރިވުމުގައި މުއުމިނުންގެ މިސާލަކީ އެއް ހަށިގަނޑެއްގެ މިސާލެވެ. ހަށިގަނޑުގެ ގުނަވަނަކަށް ކަމެއް (ބައްޔެއް) ވެއްޖެނަމަ ހޭލާ ހުރުމާއި ހުންއައުމުގައި މުޅި ހަށިގަނޑު އޭގެ ބުރަ އުފުލައެވެ."

-          ޢުމްރާނީ ގޮތުންނާއި އިޤްތިޞާދީ ގޮތުން މުޖުތަމަޢުގެ ކަންކަން ކުރިއަރުވާ ހަރަކާތްތެރިވުމަށް ޖިސްމާނީ ގޮތުން ކުޅަދާނަ ބަޔަކަށް ހެދުން: މިގޮތުން މިކަމަކީ އިސްލާމްދީން އެކަމަށް ތަރުހީބުދޭ ކަމެކެވެ.

-          މުޖުތަމަޢު ބިނާ ކުރުމުގައި އިސްލާމީ ހިޔާވަހިކަމުގެ ތެރޭގައި މަސައްކަތް ކުރާނެ ފަރުދުންތަކެއް ބިނާކުރުން.

......(ނުނިމޭ)..........


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި