Noorul-islam.NET :: ޤައުމަށް ކުރިމަތިވެފައިވާ ނުރައްކާތެރި ދަނޑިވަޅުގައި ބުއްދި އިސްކުރުމުގެ މުހިއްމުކަން




ޤައުމަށް ކުރިމަތިވެފައިވާ ނުރައްކާތެރި ދަނޑިވަޅުގައި ބުއްދި އިސްކުރުމުގެ މުހިއްމުކަން
Category »  މުޖުތަމަޢު

ތާރީޚް: 11 ފެބްރުއަރީ 2012

ލިޔުއްވީ : ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ

إِنَّ الْحَمْدَ لِلَّهِ، نَحْمَدُهُ وَنَسْتَعِيْنُهُ وَنَسْتَغْفِرُهُ، وَنَعُوْذُ بِاللهِ مِنْ شُرُوْرِ أَنْفُسِنَا وَمِنْ سَيِّئَاتِ أَعْمَالِنَا، مَنْ يَهْدِهِ اللَّهُ فَلاَ مُضِلَّ لَهُ وَمَنْ يُضْلِلْ فَلاَ هَادِيَ لَهُ، وَأَشْهَدُ أَنْ لاَّ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَشَرِيْكَ لَهُ، وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُوْلُهُ، أَرْسَلَهُ اللَّهُ بِالْهُدَى وَدِيْنِ الْحَقِّ، فَبَلَّغَ الرِّسَالَةَ وَأَدَّى الأَمَانَةَ وَنَصَحَ الأُمَّةَ، وَجَاهَدَ فِى اللهِ حَقَّ جِهَادِهِ، وَتَرَكَ أُمَّتَهُ عَلَى بَيْضَاءَ لَيْلُهَا كَنَهَارِهَا لاَ يَزِيْغُ عَنْهَا إِلاَّ هَالِكٌ، فَصَلَوَاتُ اللَّهِ وَسَلاَمُهُ عَلَيْهِ وَعَلَى آلِهِ وَأَصْحَابِهِ وَمَنْ تَبِعَهُمْ بِإِحْسَانٍ إِلَى يَوْمِ الدِّيْنِ.

أَمّا بَعْدُ: فَيَا عِبَادَ اللهِ اِتَّقُوا اللَّهَ حَقَّ تُقَاتِهِ وَلاَتَمُوْتُنَّ إِلاَّ وَأَنْتُمْ مُسْلِمُوْنَ.

އެންމެހައި ޙަމްދުޘަނާ އާއި ތަޢުރީފު ޙައްޤުވެގެންވަނީ ގަދަކީރިތިވަން الله އަށެވެ. އަޅަމެން އެ ކަލާނގެއަށް ޙަމްދުކުރަމެވެ. ފާފަ ފުއްސެވުމަށާއި، ކަންކަމުގައި އަޅަމެން ވާތްގަށް އެދެނީ އެ ކަލާނގެ ޙަޟްރަތުންނެވެ. الله މެނުވީ ޙައްޤުވެގެން އަޅުކަމެއް ވެވޭ އިލާހަކު ނުވާކަމަށް އަޅު ހެކިވަމެވެ. އެކަލާނގެއަށް އެއްވެސް ބައިވަރިޔަކު ޝަރީކަކު ނުވެއެވެ. އަދި މުޙައްމަދުގެފާނީ އެކަލާނގެ އަޅާކަމަށާއި، ރަސޫލާކަމަށް އަޅު ހެކިވަމެވެ. މާތް الله އެކަލޭގެފާނު ފޮނުއްވީ ޙައްޤު ދީނައިގެން ހިދާޔަތުގެ މަގު ދެއްކެވުމަށެވެ. އެކަލޭގެފާނު ވަނީ ރަސޫލުކަން ފުރިހަމަގޮތުގައި ފޯރުކޮށް ދެއްވައިފައެވެ. އަދި އެކަލޭގެފާނާ ޙަވާލުކުރެވުނު އަމާނާތް އެންމެ ފުރިހަމަ ގޮތުގައި އަދާކުރައްވައިފައެވެ. އުއްމަތަށް ނަޞޭޙަތްތެރިވެ ވަޑައިގެންފައެވެ. އަދި اللهގެ މަގުގައި ޖިހާދުކުރުން ޙައްޤުގޮތުގައި ޖިހާދު ކުރައްވައިފައެވެ.

މާތްالله! މުޙައްމަދުގެފާނަށާއި އެކަލޭގެފާނުގެ އާލުންނާއި އެންމެހައި ޞަޙާބީންނަށް ޞަލަވާތާއި ސަލާމާއި ބަރަކާތް ލައްވާށިއެވެ! އަދި ޤިޔާމަތަށް ދާނދެން ހެޔޮގޮތުގައި އެބޭކަލުންނަށް ތަބާވީހައި ބަޔަކު ވެސް މި ޞަލަވާތާއި ސަލާމުގައި ޝާމިލުކުރައްވާށިއެވެ!

މުސްލިމު އަޚުންނޭވެ! ތިޔަބައިމީހުން މާތް ﷲއަށް ބިރުވެތިވެ ތަޤުވާވެރިވާށެވެ! ފަހެ، އެކަލާނގެ ވަޙީކުރައްވާފައިއެވެ. يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ حَقَّ تُقَاتِهِ وَلا تَمُوتُنَّ إِلا وَأَنْتُمْ مُسْلِمُونَ [آل عمران 102] މިވަޙީ ބަސްފުޅުގެ މާނައީ: "އޭ އީމާންވީ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲއަށް ބިރުވެތިވުން ޙައްޤު ގޮތުގައި އެކަލާނގެއަށް ބިރުވެތިވާށެވެ! އަދި މުސްލިމުން ކަމުގައިވާ ޙާލުގައި މެނުވީ ތިޔަބައިމީހުން މަރުވެ ނުދާށެވެ!"

ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން!

ޝައްކެއްނެތް ގޮތުގައި ކީރިތިވަންތަ الله سبحانه وتعالى އަޅުގަނޑުމެން ދިވެހީންނަށް ދެއްވާފައިވާ އެންމެ ބޮޑު ނިޢުމަތަކީ އިސްލާމްދީނުގެ ހިދާޔަތުކަން ކަށަވަރު. އަދި އަޅުގަނޑުމެންގެ މިޤައުމުގެ މިނިވަންކަމާއި ވަޙުދަތުގެ ބިންގަލަކީ، މިމަތިވެރި ދީންކަމާމެދަކު ޝައްކެއްނެތް. އެހެންކަމުން ޤައުމުގެ މިނިވަންކަމާއި ވަޙުދަތާއި ސިޔާދަތު ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައިވެސް، މިލޮބުވެތި ދިވެހި ޤައުމުގެ ދީނީ ވަޙުދަތު ރައްކާތެރިކޮށް ދެމެހެއްޓުމީ އަޅުގަނޑުމެން ކުރެ ހަމަކޮންމެ މީހެއްގެ މައްޗަށް ލާޒިމުވެގެންވާ ކަމެއްކަން ކަށަވަރު.

ލޮބުވެތި މުސްލިމު އަޚުންނޭވެ! ދިވެހިރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނޭވެ!

އަޅުގަނޑުމެންގެ މިރާއްޖެއަކީ، އެއް ޤައުމިއްޔަތެއް އޮންނަ އެއްބަހަކުން ވާހަކަ ދައްކާއުޅޭ، އެއްދީނަކަށް ތަބާވާ ރައްޔިތެއް އޮންނަ ޤައުމެންކަން އަބަދުމެ އަޅުގަނޑުމެން ހަނދާންކުރަންވާނެ! މިރާއްޖެ އިސްލާމްވީއްސުރެ ފެށިގެން، ފާއިތުވެގޮސްފައި މިވާ ދިގު ތާރީޚުގައި، ދިވެހިން ފާއިތު ކޮށްފައިވަނީ، ބައިބައިވުންތަކާއި ދެކޮޅުވެރިވުންތަކުން އެއްކިބާވެތިބެ، ވަރަށްވެސް އެކުވެރި، އަޚުވަންތަ ބައެއްގެ ގޮތުގައެވެ. މާތްވެގެންވާ އިސްލާމް ދީން އަޅުގަނޑުމެންނަށް ދައްކުވައިދިން ރިވެތި އަޚްލާޤުގެ މަތީގައެވެ. އަޅުގަނޑުމެންގެ ތެރޭގައި ޚިޔާލުތަފާތުވުންތަކެއް ހުރިއިރުވެސް މީގެ އަހަރުތަކެއް ކުރިން ރާއްޖެއަށް ކުރިމަތިވި ސުނާމީގެ ހިތާމަވެރި ޙާދިސާއާ ގުޅިގެން ދިވެހިން ދައްކުވައި ދީފައިވަނީ ހަމަ މިފަދަ އެކުވެރިކަމަކާއި އެއްބައިވަންތަ ކަމެކެވެ.

ނަމަވެސް، ރާއްޖޭގެ ސިޔާސީ މަސްރަޙުން މިއަދު ފެންނަމުންމިދާ މަންޒަރުތަކަކީ، ހަމަގައިމުވެސް މީގެ ކުރިން ދިވެހިން ދުށުމަށް އެދިއެދި ތިބި މަންޒަރުތަކެއް ނޫނެވެ. ޚިޔާލުތަފާތުވުމަކީ ޠަބީޢީކަމެއް ކަމުގައިވީނަމަވެސް، އެކަމުގެ ސަބަބުން އުފެދޭ ދެކޮޅުވެރިކަމާއި ރުޅިވެރިކަމުގެ ނޭދެވޭ އަސަރު، ޤައުމުގެ ޢާއްމު މަޞްލަޙަތަށް ކުރަމުންދާ ކަމުގައިވަނީނަމަ، މިއީ ހަމަ ޤައިމުވެސް އަޅުގަނޑުމެން ފުންކޮށް ވިސްނަންޖެހޭ ކަމެކެވެ. އަޅުގަނޑުމެންގެ ތެރޭގައި މިވަގުތު އުފެދިފައިމިވާ ސިޔާސީ ހަމަނުޖެހުމަކީ ހަމައެކަނި ޚިޔާލުތަފާވުންތަކެއް ކަމުގައި ބެލެވެންނެތްކަން، މިއަދު އަޅުގަނޑުމެންނަށް މިދަނީ ފެންނަމުންނެވެ. މާދަމާ ދިވެހި ތާރީޚު ލިޔެވޭއިރު، މިކަންތައްތައް އަޅުގަނޑުމެންނަށް ނިސްބަތް ކުރެވުމަކީ ކުރިޔަށް އޮތްތަނުގައި އަންނަންއޮތް ޖީލުތަކުން އަޅުގަނޑުމެންނަށް މަލާމާތުގެ ބަސްތައް ރައްދުކުރާނޭ ކަމެއްކަން ކަށަވަރު.

އަރައިރުންވުމާއި ދެބަސްވުމާއި ތަޅާފޮޅުމުން ގެއްލުން ލިބެނީ ހަމަ އަޅުގަނޑުމެންނަށްކަން މިދަނީ ފެންނަމުން ނޫންތޯއެވެ. މިކަމުގެ ތެރޭގައި އަޅުގަނޑުމެންގެ އަމިއްލަ އަތުން މިހަލާކު ކޮށްލަނީ ހަމަ ރައްޔިތުންގެ މުދަލާއި ތަކެތި ނޫންތޯއެވެ. އޮހޮރުވާލެވެނީ ހަމަ އަޅުގަނޑުމެންގެ ދަރިންނާއި ގާތްތިމާގެ މީހުންގެ ލޭ ނޫންތޯއެވެ. މިފަދަ ނާޒުކު ދަނޑިވަޅެއްގައި ދިވެހިކޮންމެ ރައްޔިތަކުމެ ހަމަބުއްދި އިސްކުރަންޖެހޭ ކަމުގައި ދެކެން.

އާދެ! މިފެބްރުއަރީ މަހުގެ 8 ވީ ބުދަ ދުވަހަކީ ދިވެހިރާއްޖޭގެ މިފަހުގެ ތާރީޚުގައި ފާއިތުވެގޮސްފައިވާ އެންމެ ހިތާމަވެރި އެއް ދުވަސް. އެދުވަހަކީ ޤާނޫނު އަސާސީން ރައްޔިތުންނަށް ކަށަވަރު ކޮށްދީފައިވާ ގިނަގުނަ ޙައްޤުތައް ގެއްލިގެން ދިޔަ ދުވަހެއް. އެތަކެއް ރައްޔިތަކަށް ގިނަގުނަ އަނިޔާ ލިބުނު ދުވަހެއް. ހަމައެއާއެކު ޤައުމުގެ ތަރައްޤީއަށްޓަކައި ޤާއިމުކުރެވިފައިވާ އެތަކެއް ވަސީލަތެއް ދާދި ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ހަމަ އަޅުގަނޑުމެންގެ ތެރެއިން ބަޔަކު ނުކުމެ ހަލާކުކޮށްލި ދުވަހެއް

އާދެ! އައްޑޫގައި ހުރި ޕޮލިސް އެކަޑަމީއާއި ގިނަ ރަށްރަށުގައިވާ ފުލުހުންގެ މަރުކަޒުތަކާއި ރަށު ކޯޓުތަކާއި ކައުންސިލުތަކުގެ އިދާރާތަކާއި އެތަކެއް އުޅަނދުފަހަރެއް މިވަނީ އަންދާލެވިފައި. މިވަސީލަތްތައް ރާއްޖޭގެ ރައްރަށުގައި ޤާއިމުކުރެވިފައި މިވަނީ ކިހާ ގިނަ މަސައްކަތަކުން ކިހާގިނަ ހޭދަތަކެއް ކުރެވިގެން، ކިހާ ގިނަ ދުވަހަކުންތޯ ތިޔައިން ހަމަކޮންމެ ބޭފުޅަކުވެސް ފިނިހިތަކާއިގެން އިންނަވައި ނިކަން ވިސްނަވާލައްވާ! އެހެނަސް މިއަދު އަޅުގަނޑުމެން މިވަނީ އަޅުގަނޑުމެންގެ އަމިއްލަ އަތުން މިތަކެތި ހަލާކުކޮށްލާފައި. އަލުން އަނބުރައި މިވަސީލަތްތައް ޤާއިމުކުރުމަށް ނަގާނެ މުއްދަތާއި އެކަމަށްޓަކައި ރައްޔިތުންގެ މުދަލުން ކުރަންޖެހޭނޭ ހޭދައާއި އުފުލަންޖެހޭނޭ ބުރަ ތިޔައިން ހަމަ ކޮންމެ ބޭފުޅަކުވެސް ހިތްޕުޅަށް ގެންނަވާ!

ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން!

މިނާޒުކު ދަނޑިވަޅުގައި އަޅުގަނޑުމެން ބުއްދި އިސްނުކޮށްފިނަމަ، އަޅުގަނޑުމެންގެ ތެރޭގައި ދާޚިލީ ހަނގުރާމައެއް ފެށުމަކީ ވެސް މާދުރުގައިވާ ކަމެއްނޫންކަން އަޅުގަނޑުމެން ހަނދާން ނައްތާލައިގެން ނުވާނެ. އާދެ! ޤައުމެއްގައި ދާޚިލީ ހަނގުރާމައެއް ފެށިއްޖެނަމަ އެހަނގުރާމައެއް ހުއްޓުވުމަކީ ފަސޭހަ ކަމަކަށް ނުވާނެކަން ބައެއް އަވަށްޓެރި ޤައުމުތަކުންވެސް މިފަހުގެ ތާރީޚުގައި އަޅުގަނޑުމެންނަށް ވަނީ ފެނިފައި. އެހެންކަމުން، އެއްވެސް ރައްޔިތަކަށް ނުޙައްޤުން އެއްވެސް އަނިޔާއެއް ނުކުރެއްވުމަށް، ރާއްޖޭގެ ދިފާޢީ ބާރުތަކަށާއި ފުލުހުންނަށް ވަޞިއްޔަތްކޮށް ނަޞޭޙަތްތެރިވަން. އެއްވެސް މީހަކު ކުށެއްކޮށްފައިވާނަމަ، އެމީހަކާދޭތެރޭ ފިޔަވަޅު އެޅެންޖެހޭނީ ޤާނޫނީ އިމުގެތެރެއިންކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނޭ އެއްބަޔަކީވެސް ހަމަ ތިޔަބޭކަލުން ކަމުގައި އަޅުގަނޑު ދެކެން

ލޮބުވެތި މުސްލިމު އަޚުން!

ކީރިތިވަންތަ ﷲ އަޅުގަނޑުމެންނަށް އަމުރުކުރައްވާފައި ވަނީ ހެޔޮކަންކަމުގައި އެއްބަޔަކު އަނެއްބަޔަކަށް ވާގިވެރިވުމަށާއި، ނުބައި ކަންކަމުގައި އެއްބަޔަކު އަނެއްބަޔަކަށް ވާގިވެރިނުވުމަށެވެ. މާތް ﷲ ވަޙީކުރައްވައެވެ. وَتَعَاوَنُوا عَلَى الْبِرِّ وَالتَّقْوَىٰ وَلَا تَعَاوَنُوا عَلَى الْإِثْمِ وَالْعُدْوَانِ وَاتَّقُوا اللَّـهَ إِنَّ اللَّـهَ شَدِيدُ الْعِقَابِ [المائدة2] މާނައީ"ހެޔޮކަންތައްތަކުގައި ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވެ ވާގިވެރިވާށެވެ! އަދި ފާފަވެރިވުމާއި ޢަދާވާތްތެރިވުމުގެ މައްޗަށް، ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް ވާގިވެރި ނުވާށެވެ!"

އާދެ! ދުޝްމަނުންނާ އެކުވެސް ޞުލްޙަވުން އޮންނައިރު، އަޅުގަނޑުމެން އެއް ޤައުމިއްޔަތެއް އޮންނަ އެއް ޤައުމެއްގައި ދިރިއުޅެމުންދާ އެއްދީނެއްގެ އަހުލުވެރި އެއްރައްޔިތެއްގެ މެދުގައި ޞުލްޙަ ނުވެވެންވީ ކީއްވެތޯއެވެ.

ރާއްޖޭގެ ސިޔާސީ މަސްރަޙުގައި ޙަރަކާތްތެރިވެ ވަޑައިގަންނަވާ އެންމެހައި ފަރާތްތަކުން، މިނާޒުކު ދަނޑިވަޅުގައި ޙިކްމަތްތެރިކަމާއެކު ފުންކޮށް ވިސްނަވައި، ބުއްދިއާއި ވިސްނުން އިސްކުރައްވައި ޞުލްޙައިގެ މޭޒު ދޮށަށް އައުމަށް ނަޞޭޙަތް ތެރިވެ ގޮވާލަމެވެ.

ޤައުމުގެ ޢާއްމު މަޞްލަޙަތަށް އިސްކަން ދިނުމަށާއި، ޤައުމުގެ ހަމަޖެހުމާއި އިސްތިޤުރާރު ދެމެހެއްޓުމަށް އިސްކަން ދިނުމަށް ސިޔާސީ މަސްރަޙުގައި ޙަރަކާތްތެރިވާ ފަރާތްތަކަށާއި ސިޔާސީ ޕާޓީތަކުގެ އިސްވެރިންނަށް ގޮވާލަމެވެ. ޒާތީ މަޞްލަޙަތުން އެއްކިބާވެތިބެ، ޤައުމާއި ރައްޔިތުންގެ ޙައްޤުގައި މަސައްކަތް ކުރެއްވުމަށްވެސް ގޮވާލަމެވެ. ކަންތައްތައް ޙައްލުކުރެއްވުމުގައި، ޙިކުމަތްތެރިކަމާއި ވިސްނުންތެރިކަން ކުރިޔަށް ނެރެ، ހަމަބުއްދި ބޭނުންކުރެއްވުމަށް ގޮވާލަމެވެ. މިދިވެހި ޤައުމުގެ މަޞްލަޙަތަށް ޓަކައެވެ. އަޅުގަނޑުމެން އެންމެންގެ މަންފާއާއި ލާބައަށް ޓަކައެވެ.

މާތް ﷲގެ މިވަޙީ ބަސްފުޅާ މެދު ނިކަން ވިސްނާލައްވާ! އެކަލާނގެ ވަޙީކުރައްވަނީ (وَاعْتَصِمُوا بِحَبْلِ اللَّهِ جَمِيعًا وَلا تَفَرَّقُوا وَاذْكُرُوا نِعْمَةَ اللَّهِ عَلَيْكُمْ إِذْ كُنْتُمْ أَعْدَاءً فَأَلَّفَ بَيْنَ قُلُوبِكُمْ فَأَصْبَحْتُمْ بِنِعْمَتِهِ إِخْوَانًا وَكُنْتُمْ عَلَى شَفَا حُفْرَةٍ مِنَ النَّارِ فَأَنْقَذَكُمْ مِنْهَا كَذَلِكَ يُبَيِّنُ اللَّهُ لَكُمْ آيَاتِهِ لَعَلَّكُمْ تَهْتَدُونَ) [آل عمران 103] މާނައީ:"ތިޔަބައިމީހުންނަށް ﷲ ދެއްވި ނިޢުމަތް ތިޔަބައިމީހުން ހަނދާންކުރާށެވެ! ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް ޢަދާވާތްތެރިން ތަކެއް ކަމުގައިވަނިކޮށް، އެކަލާނގެ ތިޔަބައިމީހުންނަށް ދެއްވި އިސްލާމް ދީނުގެ މަތިވެރި ނިޢުމަތުގެ ސަބަބުން ތިޔަބައިމީހުން އަޚުން ތަކެއްކަމުގައި ވެގެން ހިގައްޖެއެވެ. އަދި ތިޔަބައިމީހުން ނަރަކައިގެ ތުންފަތްމަތީގައި ވަނިކޮށް އެކަލާނގެ ތިޔަބައިމީހުން ސަލާމަތް ކުރެއްވިއެވެ. އެކަލާނގެ އާޔަތްތައް ތިޔަބައިމީހުންނަށް ބަޔާންކޮށްދެއްވަނީ މިފަދައިންނެވެ. އެއީ ތިޔަބައިމީހުން ހިދާޔަތު ލިބިގަތުމަށްޓަކައެވެ".

بَارَكَ اللّهُ لِى وَلَكُمْ فِي الْقُرْآنِ الْعَظِيْمِ وَنَفَعَنِى وَإِيَّاكُمْ بِمَا فِيْهِ مِنَ الآيَاتِ وَالذِّكْرِ الْحَكِيْمِ ،أَقُوْلُ قَوْلِى هَذَا وَأَسْتَغْفِرُاللَّهَ الْعَظِيْمَ الْجَلِيْلَ لِى وَلَكُمْ وَلِجَمِيْعِ الْمُؤْمِنِيْنَ وَالْمُسْلِمِيْنَ مِنْ كُلِّ ذَنْبٍ فَاسْتَغْفِرُوْهُ إنَّهُ هُوَ الْغَفُوْرُ الرَّحِيْمِ

ފަހު ޚުޠުބާ

اَلْحَمْدُ لِلَّهِ الَّذِيْ أَحْسَنَ كُلَّ شَيْءٍ خَلَقَهُ وَبَدَأَ خَلَقَ الْإِنْسَانِ مِنْ طِيْنٍ ، ثُمَّ جَعَلَ نَسْلَهُ مِنْ سُلاَلَةٍ مِنْ مَاءٍ مَهِيْنٍ ، ثُمَّ سَوَّاهُ وَنَفَخَ فِيْهِ مِنْ رُوْحِهِ ، فَتَبَارَكَ اللَّهُ أَحْسَنُ الْخَالِقِيْنَ ، وَأَشْهَدُ أَنْ لاَ إِلَـهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيْكَ لَهُ ، وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُوْلُهُ سَيِّدُ الْمُرْسَلِيْنَ وَإِمَامُ الْمُتَّقِيْنَ ، اَللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِـهِ وَصَحْبِهِ وَالتَّابِعِيْنَ لَهُمْ أَجْمَعِيْنَ ، وَسَلِّمْ تَسْلِيْمًا كَثِيْرًا . أَمَّا بَعْدُ:

فَاتَّقُوْا اللَّهَ عِبَادَ اللَّهِ وَاخْشَوْهُ، فَإِنَّ التَّقْوَى هِيَ خَيْرُ زَادٍ يَتَزَوَّدُ بِهَا الْعَبْدُ فِيْ هَذِهِ الْحَيَاةِ الدُّنْيَا.

އެންމެހައި ޙަމްދު ޘަނާއާއި ތަޢުރީފު ޙައްޤުވެގެން ވަނީ މާތްﷲ އަށެވެ. އެކަލާނގެ އެއްކައުވަންތަކަމަށް އަޅު ހެކިވަމެވެ. އަދި މުޙައްމަދުގެފާނީ އެކަލާނގެ އަޅާކަމަށާއި ރަސޫލާކަމަށް ވެސް ހެކިވަމެވެ. މާތްﷲ މުޙައްމަދުގެފާނަށާއި އެކަލޭގެފާނުގެ އާލު އަޞްޙާބުންނަށް ޞަލަވާތާއި ސަލާމާއި ބަރަކާތް ލައްވާނދޭވެ!

މުސްލިމު އަޚުންނޭވެ! ތިޔަބައިމީހުން މާތްﷲއަށް ބިރުވެތިވެ، ތަޤުވާވެރިވާށެވެ. ހަމަކަށަވަރުން ދިންނަވައި ނަޞީބު ލިބެނިވި މީހުންނަކީ ތަޤުވާވެރިންނެވެ. އަދި އަޅުތަކުން ﷲއަށް ބިރުވެތިވުމަށް އޮތް އެންމެ ރަނގަޅު މަގަކީ، ތަޤުވާވެރިވުން ކަމުގައި ތިޔަބައިމީހުން ދަންނާށެވެ!

ލޮބުވެތި މުސްލިމު އަޚުންނޭވެ!

އަރައިރުންވުމާއި ދެބަސްވުމުން ލިބޭނީ ހަމަ ގެއްލުމާއި ހަލާކުކަން އަބަދުވެސް ހަނދުމަފުޅު ބަހައްޓަވާ! ކީރިތި ޤުރްއާނުގެ މިބަސްފުޅާމެދު ނިކަން އަޅުގަނޑުމެން ވިސްނާލަމާތޯއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. وَأَطِيعُوا اللَّـهَ وَرَسُولَهُ وَلَا تَنَازَعُوا فَتَفْشَلُوا وَتَذْهَبَ رِيحُكُمْ وَاصْبِرُوا إِنَّ اللَّـهَ مَعَ الصَّابِرِينَ [الأنفال: ٤٦] މާނައީ "އަދި ﷲއަށާއި، އެކަލާނގެ ރަސޫލާއަށް ތިޔަބައިމީހުން ކިޔަމަންވާށެވެ! އަދި ދެބަސްވެ އަރައިރުން ނުވާށެވެ! އެހެން ހަދައިފިނަމަ، ތިޔަބައިމީހުން ފިނޑިވެ، ތިޔަބައިމީހުންގެ ބާރުކެނޑި ވަސްވެސް ނެތި ހިނގައިދާނެއެވެ. އަދި ތިޔަބައިމީހުން ކެތްތެރިވާށެވެ! ހަމަކަށަވަރުން ﷲ ވޮޑިގެންވަނީ، ކެތްތެރިންނާ އެކުގައެވެ."

މުސްލިމުންގެ މެދުގައި އޮންނަންވާ އުޚުއްވަތްތެރިކަމަށް ބުރޫއަރާފާނޭ އެއްވެސް ޢަމަލެއް ނުކުރުމަށް ރަސޫލުﷲ صلى الله عليه وسلم ވަނީ އަޅުގަނޑުމެންނަށް ވަޞިއްޔަތް ކުރައްވާފައެވެ. އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. (لاَ تَحَاسَدُواْ وَلاَ تَبَاغَضُوا وَلاَ تَدَابَرُواْ وَكُوْنُواْ عِبَادَ اللهِ إخْوَاناً، اَلْمُسْلِمُ أَخُو الْمُسْلِمِ لاَ يَظْلِمُهُ وَلاَ يَخْذُلُهُ) މާނައީ: "ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް ޙަސަދަވެރި ނުވާށެވެ! އަދި އެއްބަޔަކު އަނެއްބަޔަކަށް ރުޅިވެރި ނުވާށެވެ! އަދި އެއްބަޔަކު އަނެއްބަޔަކާ ގުޅުންކަނޑާ ނުލާށެވެ! ތިމާމެންނީ ﷲގެ އަޅުންކަމުގައިވާ ޙާލު، އަޚުންތަކެއްކަމުގައި ތިޔަބައިމީހުން ވާށެވެ! އެއް މުސްލިމަކީ އަނެއް މުސްލިމެއްގެ އަޚާއެވެ. އޭނާގެ އަޚާއަށް އޭނާ އަނިޔާވެރިއެއް ނުވާނެއެވެ. އަދި އޭނާ އޭނާގެ އަޚާ ނިކަމެއްޗެއްވެސް ކޮށްނުލާނެއެވެ."

ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން!

އަޅުގަނޑުމެން އެންމެންނީ މުސްލިމުން ކަމަށްވީތީ، މުސްލިމުންގެ މެދުގައި އޮންނަންވާ އިސްލާމީ އުޚުތްވަތްތެރިކަން ދަމަހައްޓަން އަޅުގަނޑުމެން މަސައްކަތް ކުރަންވާނެ. މާތް ﷲ ވަޙީޚުރައްވަނީ إِنَّمَا الْمُؤْمِنُونَ إِخْوَةٌ فَأَصْلِحُوا بَيْنَ أَخَوَيْكُمْ وَاتَّقُوا اللَّهَ لَعَلَّكُمْ تُرْحَمُونَ [الحجرات 10] މާނައީ"ހަމަކަށަވަރުން އެންމެހައި މުއުމިނުންނަކީ އަޚުންތަކެކެވެ. ފަހެ، ތިޔަބައިމީހުންގެ ދެ އަޚުން ދެމެދު ތިޔަބައިމީހުން ޞުލްޙަ ކުރާށެވެ! އަދި ތިޔަބައިމީހުން اللَّه އަށް ބިރުވެތިވާށެވެ! އެއީ ތިޔަބައިމީހުންނަށް އެކަލާނގެ ރަޙްމަތް ލައްވާތޯއެވެ.

މުސްލިމު އަޚުންނޭވެ! އިސްލާމީ ރިވެތި އަޚްލާޤުން ޒީނަތްތެރިވެ ތިބެ، އިޞްލާޙަށާއި ޞުލްޙަވެރިކަމަށް މަސައްކަތްކުރާ ބަޔަކަށް އަޅުގަނޑުމެން ވަމާ ހިންގަވާށެވެ! ޒާތީ ކަންތައްތައް ކުރިއަށް ނެރެ، ޤައުމުގެ އަމަންއަމާން ކަމާއި ސުލްހަމަސަލަސްކަން ތިމާމެންގެ އަމިއްލަ އަތްތަކުން ނަގާލާ ބަޔަކަށް އަޅުގަނޑުމެން ނުވަމާ ހިންގަވާށެވެ! މާތް ﷲ ގެ މިވަޙީބަސްފުޅާމެދު އަޅުގަނޑުމެން ނިކަން ފުންކޮށް ވިސްނާލަމާތޯއެވެ. އެކަލާނގެ ވަޙީކުރައްވާފައިވަނީ: وَمَا كَانَ رَبُّكَ لِيُهْلِكَ الْقُرَى بِظُلْمٍ وَأَهْلُهَا مُصْلِحُونَ [هود 117] މާނައީ: ''ރަށްތަކުގެ އަހުލުވެރިން އިޞްލާޙުކުރުމަށް މަސައްކަތްކުރާހާ ހިނދަކު، ކަލޭގެފާނުގެ ވެރިއިލާހު އެރަށްތައް ހަލާކުކުރައްވާކަށް އިރާދަ ނުކުރައްވަތެވެ.''

އާދެ! މިއާޔަތުން ދޭހަކޮށްދެނީ، ބައެއްގެ ތެރޭގައި އިސްލާހުކުރުމުގެ ރޫޙު އޮތްހާހިނދަކު އެބަޔަކަށް ﷲގެ ކޯފާ ނާންނާނެކަމެވެ. އެހެންކަމުން އަޅުގަނޑުމެންކުރެ، ހަމަކޮންމެ މީހަކީވެސް ދޭދޭ ފަރުދުންގެ މެދުގައި އިސްލާހުކުރުމަށް މަސައްކަތްކުރާ، ޤައުމުގެ ސުލްޙަމަސަލަސްކަން ނަގަހައްޓަން މަސައްކަތްކުރާ އިސްލާޙަށް ގޮވާލާ މީހަކު ކަމުގައި ވަމާ ހިންގަވާށެވެ!

އަޚުންނޭވެ! ދުނިޔެމަތީގައި ތިމާމެން ކޮށްފައިވާ ކަންތައްތަކުގެ ހިސާބު ޤިޔާމަތްދުވަހު ބެލެވޭނޭކަން އެއްވެސް މީހަކު ހަނދާންނައްތާލައިގެން ނުވާނެއެވެ. ފެހެ، އެދުވަހު ހެޔޮ ޢަމަލުކޮށްފައިވާމީހުން އެކަމުގެ ހެޔޮތައުފީޤު ތިމާމެންނަށް ދެއްވިކަމުގެ މައްޗަށް ﷲ އަށް ޙަމްދުކުރުން ހުއްޓެވެ. އެނޫން ގޮތަކަށް ދުނިޔެވީ ޙަޔާތް ހޭދަކޮށްފައިވާ މީހުން މަލާމާތްކުރާހުށީ ހަމައެމީހެއްގެ އަމިއްލަ ނަފްސަށްކަން ކަށަވަރު. އެދުވަހު ތިމާގެ ހެޔޮޢަމަލުތަކުގެ ތިލަފަތް ބަރު ވެއްޖެ މީހަކަށް އުފާވެރިކަން ހުރި. އެއާޚިލާފަށް އެމީހެއްގެ ހެޔޮ ޢަމަލުތަކުގެ ތިލަފަތް ލުއިވެއްޖެ މީހާގެ ހިތާމައިގެ ކޮޅެއްވެސް ނެތް. މާތް ﷲ! އަޅަމެން އެންމެން ނަރަކައިގެ ޢަޛާބުން މިންޖުކުރައްވާށި! އާމީން!

މާތް ﷲ ވަޙީކުރައްވާފައިވެއެވެ. كُلُّ نَفْسٍ ذَائِقَةُ الْمَوْتِ وَإِنَّمَا تُوَفَّوْنَ أُجُورَكُمْ يَوْمَ الْقِيَامَةِ فَمَنْ زُحْزِحَ عَنِ النَّارِ وَأُدْخِلَ الْجَنَّةَ فَقَدْ فَازَ وَمَا الْحَيَاةُ الدُّنْيَا إِلا مَتَاعُ الْغُرُورِ [آل عمران 185] މާނައީ"ކޮންމެ ނަފްސަކީ ވެސް، މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެކެވެ. ޤިޔާމަތްދުވަހުން ތިޔަބައިމީހުން ކުޅަ ޢަމަލުތަކަށް ތިޔަބައިމީހުންނަށް ފުރިހަމަޔަށް ޖަޒާ ދެއްވާނެކަން ކަށަވަރެވެ. ފަހެ، ނަރަކައިން އެއްކިބާކުރައްވައި، ސުވަރުގެޔަށް ވެއްދެވި މީހާ ދަންނާށެވެ! ފަހެ، ނަޞީބު ލިބިއްޖެމީހަކީ އެމީހަކުކަން ކަށަވަރެވެ. ކެހިވެރިކަމުގެ ވަގުތީ އުފަލެއް ދޭ އެއްޗެއްކަމުގައި މެނުވީ، ދުނިޔޭގެ ދިރިއުޅުން ނުވެއެވެ.

މުސްލިމު އަޚުންނޭވެ! މާތް الله ވަނީ ވަރަށް މަތިވެރި އަމުރަކުން އަޅުގަނޑުމެންނަށް އަމުރު ކުރައްވާފައެވެ. އެކަލާނގެ ވަޙީކުރައްވައެވެ. (إِنَّ اللهَ وَمَلاَئِكَتَهُ يُصَلُّوْنَ عَلَى النَّبِيِّ يَا أَيُّهَا الَّذِيْنَ آمَنُوْا صَلُّوْا عَلَيْهِ وَسَلِّمُوْا تَسْلِيْما) [الأحزاب 56] މާނައީ:" މާނައީ: ހަމަކަށަވަރުން ﷲ އާއި އެކަލާނގެ މަލާއިކަތުން، ނަބިއްޔާގެ މައްޗަށް ޞަލަވާތް ލައްވަތެވެ. އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން އެކަލޭގެފާނުގެ މައްޗަށް ޞަލަވާތް ލެއްވުން އެދި ދުޢާކުރާށެވެ! އަދި އެކަލޭގެފާނު މައްޗަށް ސަލާމް ލެއްވުންއެދި ތިޔަބައިމީހުން ގިނަގިނައިން ދުޢާކުރާށެވެ!

اَللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا صَلَّيْتَ عَلَى إِبْرَاهِيْمَ وَعَلَى آلِ إِبْرَاهِيْمَ إِنَّكَ حَمِيْدٌ مَجِيْدٌ، وَبَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا بَارَكْتَ عَلَى إِبْرَاهِيْمَ وَعَلَى آلِ إِبْرَاهِيْمَ إِنَّكَ حَمِيْدٌ مَجِيْدٌ.

اَللَّهُمَّ ހައްދަވާ ބޮޑުކުރައްވައި ގެންގުޅުއްވާ އަޅަމެންގެ ވެރި އިލާހު! އަޅަމެންނަށް ތެދުމަގު ދެއްކެވުމަށް އިބަ އިލާހު ފޮނުއްވި މާތް ނަބިއްޔާ މުޙައްމަދުގެފާނަށާއި އެކަލޭގެފާނުގެ އާލު އަޞްޙާބުންނަށް ޞަލަވާތާއި ސަލާމާއި ބަރަކާތް ލައްވާނދޭވެ! އަދި އެކަލޭގެފާނުގެ ތެދުމަގު ލިބިވަޑައިގެން ތިއްބެވި ހަތަރު ޚަލީފާއިންނަށާއި އެންމެހައި އަޞްޙާބު ބޭކަލުންނާއި ތާބިޢީ ބޭކަލުން، މި ޞަލަވާތާއި ސަލާމުގައި ޝާމިލު ކުރައްވާދޭނވެ! އާމީން!

ހައްދަވާ ބޮޑުކުރައްވާ ގެންގުޅުއްވާ އަޅަމެންގެ ވެރި އިލާހު! އަޅަމެންގެ ހިތްތައް އެކުވެރި ކުރައްވައި، ރުޅިވެރިކަމާއި ދެކޮޅުވެރިކަމާއި ޢަދާވާތްތެރިކަން އަޅަމެންގެ ތެރެއިން ނެތިކުރައްވާނދޭވެ! އަޅަމެންނަކީ، އަޅަމެންގެ ދީނަށް ލޯބިކުރާ ބަޔަކު ކަމުގައި ލައްވާނދޭވެ! ނުރައްކާތެރި ރޯގާތަކާއި ބަލިމަޑުކަމުން އަޅަމެންގެ ރާއްޖެ ސަލާމަތް ކުރައްވައި، ފުރިހަމަ ޞިއްޙަތާއި ޢާފިޔަތުގެ ނިޢުމަތް އަޅަމެންނަށް ދެއްވާނދޭވެ! ރާއްޖެ ތިޔާގިކުރައްވައި އަބަދުގެ އަބަދަށް ތިޔާގިކަން ދަމަހައްޓަވާދޭނވެ! ހައްދަވާ ބޮޑުކުރައްވައި ގެންގުޅުއްވާ އިލާހު! ޙަލާލު ރިޒުޤުން ރިޒުޤު ދެއްވައި އަޅަމެންގެ ރޯދި ބަރަކާތް އިތުރު ކުރައްވައި، ތަނަވަސްކަން ދެއްވާނދޭވެ! ރާއްޖޭގެ ކަނޑުތަކުގައި މަސްވެރިކަމާއި އެންވެރިކަން ލައްވައި ރިޒުޤު ތަނަވަސްކޮށް ދެއްވާނދޭވެ! އަޅަމެންގެ ދީނާއި ދުނިޔޭގެ ކަންތައް އިޞްލާޙްގެ މަގުން ހިންގެވުމަށް އިބަ އިލާހު މިންވަރުކުރައްވާފައިވާ ފަރާތްތަކަށް އެކަމުގެ ހެޔޮ ތައުފީޤު ދެއްވާނދޭވެ! އަޅަމެންގެ ތެރެއިން މަރުވެ ގޮސްފައިވާ މީހުންނާއި ދިރިތިބި މީހުންގެ ފާފަ ފުއްސަވައި، ރަޙްމަތް ލައްވާފާނދޭވެ! ދުނިޔޭގައިވެސް ހެޔޮކަން އާޚިރަތުގައިވެސް ހެޔޮކަން ދެއްވައި، ނަރަކައިގެ ޢަޛާބުން އަޅަމެން މިންޖުކުރައްވާދޭނވެ!

اَللَّهُمَّ اغْفِرْ لِلْمُؤْمِنِيْنَ وَالْمُؤْمِنَاتِ، وَالْمُسْلِمِيْنَ وَالْمُسْلِمَاتِ، اَلأَحْيَاءِ مِنْهُمْ وَالأَمْوَاتِ، إِنَّكَ سَمِيْعٌ قَرِيْبٌ مُجِيْبُ الدَّعَوَاتِ يَارَبَّ الْعَالَمِيْنَ. اللَّهُمَّ رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي الآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ.

بِرَحْـمَتِكَ يَا أَرْحَمَ الرَّاحِمِيْنَ، اُذْكُرُوا اللهَ الْعَظِيْمَ يَذْكُرْكُمْ، وَاشْكُرُوْهُ عَلَى نِعَمِهِ يَزِدْكُمْ، وَادْعُوْهُ يَسْتَجِبْ لَكُمْ، وَلَذِكْرُ اللهِ أَكْبَرُ وَاللهُ يَعْلَمُ مَا تَصْنَعُوْنَ.

 

 

ނޯޓް: މިއީ ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީގެ ވެބްސައިޓްގައި ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.

10 ފެބްރުއަރީ 2012 ހުކުރު مسجد السلطان محمد تكرفان الأعظم


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި