Noorul-islam.NET :: "ނަމާދު ކުރަންޏާ ދައްލައެއް ނުދާނެ!"

"ނަމާދު ކުރަންޏާ ދައްލައެއް ނުދާނެ!"
Category »  ދީނީ ލިޔުން

ތާރީޚް: 25 ޖެނުއަރީ 2012

ލިޔުއްވީ : ޢަބްދުﷲ ޞިއްދީޤް (ނޫރުލްއިސްލާމްގެ ޑިޕިޔުޓީ އެޑިޓަރ)

ލޮބުވެތި އަޚާއެވެ. ނަމާދަކީ ވަރަށް މުހިއްމު އަޅުކަމެކެވެ. ނަމާދަކީ އިސްލާމް ކަމުގެ 2 ވަނަ ރުކުނެވެ. ނަމާދަކީ ކޮންމެ ފަރުދަކުވެސް އަދާ ކުރަންޖެހޭ ޢައިނިއްޔަ ފަރުޟެކެވެ. ނަމާދަކީ ތިމާގެ އެހެން ޢަމަލުތައް ޤަބޫލު ކުރެއްވުމުގެ ސަބަބެވެ. ނަމާދަކީ ކާމިޔާބުގެ ތަޅުދަނޑިއެވެ.

ފަހަރެއްގައިވެސް ނަމާދަށް ފަރުވާ ކުޑަ ނުކުރާށެވެ. ނަމާދަށް ފަރުވާކުޑަ ކުރާ މީހާވާހުށީ ދެދުނިޔޭގައިވެސް ނާކާމިޔާބުވާ މީހުންގެ ތެރެއިންނެވެ. ބައެއް ނަމާދުތަކަށް ރައްކާތެރިވެ އަނެއްބައި ނަމާދު ދޫނުކުރާށެވެ. ފަހެ އެފަދަމީހާ ވާހުށި ނަމާދު ނުކުރާ މީހުންގެ ތެރެއިންނެވެ.

ނަމާދަކީ މުޝްރިކުކަމާއި މުސްލިމު ކަމުގެ ފަރަޤެވެ. އަހަރުމެންގެ ރަސޫލާގެ އިތުރުން ކުރީގެ ރަސޫލުންވެސް ވަނީ ނަމާދު ކުރުމަށް ގޮވާލައްވާފައެވެ.

ނަމާދު ނުކުރާ މީހުންނާމެދު އައިސްފައިވާ ވަޢީދުގެ ބަސްފުޅުތައް ނުހަނު ގިނަގުނައެވެ. ނަމާދުގެ މުހިންމުކަން ބޮޑުކަމުންނެވެ. ނަމާދަށް ފަރުވާ ކުޑަ ކުރާމީހުން ވާނީ މުނާފިޤުންގެ ތެރެއިންނެވެ. އަދި މުނާފިގުންވާހުށީ ނަރަކައިގެ އެންމެ އަޑީގައެވެ. އެ ނަރަކައަކީ ތިބުމަށް ނުބައި އަދި ވޭން ހުރި ތަނެކެވެ.

ކުރީގެ ހެޔޮލަފާ ޞާލިޙު އަޅުން ވަނީ ނަމާދާމެދު ޚާއްޞަ އަހައްމިއްޔަތުކަމެއް ދެއްވާފައެވެ. އެބޭކަލުން ވަނީ ނަމާދަށް ފަރުވާ ތެރި ވުމުގައި ނަމާދުގެ ފުރަތަމަ ތަކުބީރު ފާއިތު ނުވާނޭހެން އެ ނަމާދަށް ރައްކާތެރިވުމަށް އެއްބޭކަލަކު އަނެއްބޭކަލަކަށް ނަޞޭޙަތްތެރިވެ ވަޑައިގެންފައެވެ. އެބޭކަލުންނަށް ދިމާވާ ކޮންމެ ކަމެއްގައި އެބޭކަލުން ނަމާދުން ވާގިވެރިކަމާއި ކެތްތެރިކަން ލިބިވަޑައިގަނެއެވެ. ކަމެއް ދިމާވާހިނދު ވުޟޫކުރައްވައި ދެ ރަކުޢަތް ނަމާދެއް ﷲއަށްޓަކައި ކޮށް އެކަމަކަށް އެކަލާނގެ ޙަޟުރަތުން ވާތްގަށް އެދެއެވެ.

ހިތާމައަކީ އަހަރުމެންނަށް މިކަމުގައި ފަރުވާ ކުޑަ ކުރެވޭތީއެވެ. މިކަމާމެދު ފިކުރުކޮށް ނުލެވޭތީއެވެ. ﷲއަށް ބިރުވެތިވުން ޙައްޤު ގޮތުގައި ބިރުވެތި ވެވޭނަމަ އެއްމެ ނަމާދަކަށްވެސް ފަރުވާކުޑަ ނުކުރާނެކަން ޔަޤީނެވެ. އެނަމާދަށް ފަރުވާކުޑަ ކުރުމުގެ ސަބަބުން އުޚްރަވީ ޙަޔާތުގައި ތަޙައްމަލް ކުރަންޖެހޭ ޢަޒާބުގެ ކުޑަމިންވަރެއްވެސް ދުނިޔެ މަތީގައި ތަޙައްމަލު ކުރަން ޖެހިއްޖެނަމަ އެނަމާދައް ހަމަ އެކަކުވެސް ފަރުވާ ކުޑަ ނުކުރީހެވެ.

ﷲ އަށް ބިރުވެތިވާށެވެ. ހެޔޮ ޙާލުގައި ދުނިޔަވީކަންކަމުގައި މަޝްޢޫލުވެ ތިމާ ހަމަހޭގައި ހުންނަ ވަގުތު މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ލޮލުގެ ފިނިކަން ކަމުގައި ލެއްވުނު މި ނަމާދަށް ރައްކާތެރިވާށެވެ. ފަންސާސް ނަމާދު ފަސް ނަމާދަށް ލުއި ކުރެވި ފަންސާސް ނަމާދުގެ ސަވާބުގައި މި ފަސްނަމާދު ލެއްވުނީ ހަމަ ތިބާގެ މަޞްލަޙަތުގައެވެ. ވީމާ މިނަމާދަށް ފަރުވާކުޑަ ނުކުރާށެވެ.

((فَخَلَفَ مِن بَعْدِهِمْ خَلْفٌ أَضَاعُوا الصَّلَاةَ وَاتَّبَعُوا الشَّهَوَاتِ ۖ فَسَوْفَ يَلْقَوْنَ غَيًّا)) މާނައަކީ؛ "ފަހެ، އެބޭކަލުންނަށްފަހު، އެހެންބަޔަކު އައޫއެވެ. އެއުރެން ނަމާދު ދޫކޮށްލޫއެވެ. އަދި هوى نفس ގެ އެދުންތަކަށް تبع ވޫއެވެ. ފަހެ، ނިކަންހުރެ އެއުރެން ހަލާކާ ކުރިމަތިލާހުށްޓެވެ!" ވީމާ ހަވާ ނަފްސުގެ އެދުމަށް ތިމާގެ އުޅުމާއު ގުޅުން ބައްޓަން ނުކުރާށެވެ. ވަގުތުން ވަގުތަށް ނަމާދަށް ޙާޟިރުވާށެވެ. މިހާރުން މިހާރަށް ނަމާދަށް ފަރުވާތެރި ވުމަށް ނުގުޑާފަދަ ޢަޒުމެއް ކަނޑައަޅާށެވެ.

ނާމާދަށް ފަރުވާތެރި ވެއްޖެ މީހާ ދެދުނިޔޭގައިވެސް ކާމިޔާބު މީހަކަށް ވާނެކަން ޤުރުއާނާއި ސުންނަތުގައި ވަރަށް ސާފުކޮށް ބަޔާންވެގެން ވެއެވެ. ހެޔޮއެދޭ ބަފަޔަކު ދަރިޔަކަށް ދިން ނަޞޭޙަތެއްގައި ބުންޏެވެ. "ނަމާދު ކުރަންޏާ ދައްލައެއް ނުދާނެއެވެ." މުރާދަކީ މަގުއޮޅި އެއްކިބާވެ ނުދާނެއެވެ. ﷲ ތަޢާލާ އެބައްޕަޔަށް ރަޙުމް ކުރައްވާދޭވެ!

 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި