Noorul-islam.NET :: ހަގީގަތުގައިވެސް އިސްބާލު ކުރުން ހަރާމް ހެއްޔެވެ؟

ހަގީގަތުގައިވެސް އިސްބާލު ކުރުން ހަރާމް ހެއްޔެވެ؟
Category »  ދީނީ ލިޔުން

ތާރީޚް: 25 ޖެނުއަރީ 2012

ލިޔުއްވީ : ޢަބްދުﷲ ޞިއްދީޤް (ނޫރުލްއިސްލާމްގެ ޑިޕިޔުޓީ އެޑިޓަރ)

ފަހެ ހަމަކަށަވަރުން އެންމެ ތެދު ބަހަކީ މާތް ﷲގެ ބަސްފުޅެވެ. އަދި އެންމެ ހެޔޮ މަގަކީ މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلمގެ މަގެވެ. އަދި އެންމެ ނުބައި ކަންކަމަކީ ދީނުގެ ތެރެއަށް އަމިއްލައަށް ގެނެސްގަންނަ ކަންކަމެވެ. އެފަދަ ކަންކަމަކީ ބިދުޢަ ތަކެކެވެ. ކޮންމެ ބިދުޢަ އަކީ މަގުފުރެދުމެކެވެ.  އަދި ކޮންމެ މަގުފުރެދުމެއް ވަނީ ނަރަކައިގައެވެ. ފަހެ މުސްލިމުންގެ ޖަމާޢަތާ އެކުގައި ވާށެވެ. ﷲ ތަޢާލާ ވަނީ މުއުމިނުތަކުންނާ އެކުގައެވެ. މުއުމިނުންގެ ޖަމާޢަތާ ވަކިވެގެން ދިޔުމުގެ ފަހުނަތީޖާ އަކަށް ވާހުށީ ޖަހައްނަމައެވެ. ﷲ އަހަރުމެން އެންމެންވެސް އެ ވޭންދެނިވި އަޒާބުން ސަލާމަތް ކުރައްވާނދޭވެ.

ލޮބުވެތި މުސްލިމުންނެވެ. ހަމަކަށަވަރުން ﷲތަޢާލާ ވަނީ ޢަދަދު ނުކުރެވޭހާ ނިޢްމަތްތަކެއް އަޅަމެނަށް މިންވަރު ކޮށްދެއްވަވާފައެވެ. އެކަލާނގެ ވަޙީ ކުރެއްވިއެވެ. ((وَإِن تَعُدُّوا نِعْمَةَ اللَّـهِ لَا تُحْصُوهَا ۗ إِنَّ اللَّـهَ لَغَفُورٌ رَّحِيمٌ)) މާނައަކީ؛ " ތިޔަބައިމީހުން اللَّه ގެ نعمة ހިމަނައި، عدد ކުރަން އުޅުނަސް، ތިޔަބައިމީހުންނަކަށް އެ نعمة އެއް ނުހިމެނޭނެއެވެ. ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ رحيم ވަންތަ ރަސްކަލާނގެއެވެ."

އިންސާނާގެ ސުލޫކަށާއި އަޚްލާގަށް އެކަލާނގެ މިންވަރު ކުރެއްވެވި އެއްމެ މަތިވެރި އަދި ޝަރަފްވެރި އެއް ނިޢުމަތަކީ އެބައިމީހުންގެ ލިބާހެވެ. ފޭރާމެވެ. އާދަމުގެ ދަރިޔާގެ ޢައުރަނިވާކޮށް އަދި މީހާގެ ހައިއަތަށާއި ހައިބަތަށް އެ ފޭރާމުގެ ސަބަބުން އިރުތު ފުރިހަމަ ކަމެއްގެނެސް ދެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. " ((يَا بَنِي آدَمَ قَدْ أَنزَلْنَا عَلَيْكُمْ لِبَاسًا يُوَارِي سَوْآتِكُمْ وَرِيشًا ۖ وَلِبَاسُ التَّقْوَىٰ ذَٰلِكَ خَيْرٌ ۚ ذَٰلِكَ مِنْ آيَاتِ اللَّـهِ لَعَلَّهُمْ يَذَّكَّرُونَ)) މާނައަކީ؛ " އޭ آدم ގެދަރިންނޭވެ! ތިޔަބައިމީހުންގެ عورة ތައް ނިވައިކުރަނިވި ހެދުމާއި، ޒީނަތްތެރި ފޭރާން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ދެއްވީމެވެ. އަދި تقوى ގެ ފޭރާން މާހެޔޮކަން ބޮޑެވެ. އެކަންތައްތައްވަނީ، اللَّه ގެ آية ތަކުގެ ތެރެއިންނެވެ. (އެއީ) އެއުރެން ހަނދުމަ ކުރުމަށްޓަކައެވެ."

އިންސާނާޔަށްވާ އެންމެ މަތިވެރި  ފޭރާމަކީ ތަޤްވާގެ ފޭރާމެވެ. ފަހެ އެއިން ޒީނަތްތެރިވެ ރީތިވުން ނުހަނު އެދެވިގެންވެއެވެ. ތަޤްވާ ވެރިކަމަކީ ޝަރުޢީއަމުރެއްގެ އިތުރުން އިސްލާމް ދީނުގެ މަތިވެރި މަޤްޞަދެކެވެ. މިހެން މިކަން ނުވާންވީ ސަބަބެއްވެސް ފަހެ ނެތެވެ. މިހެނީ ތަޤްވާގެ ސަބަބުން މެނުވީ އެންމެ މަތީ ދަރަޖައަށް ވާޞިލެއް ނުވެވެ އެއެވެ. ފަހެ ތަޤްވާ އަކީ ތިމާޔާއި ﷲތަޢާލާގެ ޢަޒާބާ ދެމެދުގައި، ހުރަހެއް ޤާއިމް ކުރަމެވެ. މި ހުރަސް ޤާއިމްކުރެވޭނީ ހެޔޮކަންތަށް ކުރުމުންނާއި ނުބައި ކަންކަމުން ދުރުވެ ހުރުމުންނެވެ.

ފޭރާމުގެ ނިޢުމަތަކީ މަތިވެރިވެގެންވާ ނިޢުމަތެކެވެ. ޝުކުރުވެރިވުން ޙައްޤުވާފަދަ މަތިވެރި މިންނެތެކެވެ. ރަސޫލުﷲ  صلى الله عليه وسلم  ޙަދީޘް ކުރެއްވިއެވެ." ((تركت فيكم شيئين لن تضلّوا بعدهما ، كتاب الله وسنتي)) =رواه البزّار وله شواهد= މާނައަކީ؛ "އެ ދެ އެއްޗެއްގައި ތިޔަބައިމީހުން ހިފަހައްޓައިފިނަމަ ދުވަހަކުވެސް މަގުފުރެދި ނުދާނޭ ދެ އެއްޗެއް ތިޔަބައިމީހުންގެ ތެރެއަށް ތިމަންކަލޭގެފާނު ދޫކުރެއްވީމެވެ. އެއީ ﷲތަޢާލާގެ ފޮތާއި ތިމަންކަލޭގެ ފާނުގެ ސުންނަތެވެ." ނޯޓް : ސުންނަތަކީ ރަސޫލުﷲ  صلى الله عليه وسلم ވިދާޅުވި ބަސްފުޅާއި ކުރެއްވި ޢަމަލުފުޅާއި، އަދި ކުރިފުޅުމަތީ ކަމެއްހިނގައި އެކަމެއް މަނާނުކުރައްވާ ކަންކަން މިއެވެ.

އަހަރުތައް ފައިތުވެ ޒަމާންތައް ވޭތުވެ މީސްތަކުން ތިމާމެންގެ ހައްމަކީ (ހުރިހައިވެސް ކަމަކީ) ހުވަފެނީ  މިޙަޔާތް، ދުނިޔެ ކަމަށް ހަދައި، އިސްލާމްދީން އުނގެނުމުންނާއި އުނގަންނައި ދިނުމުން ދުރުވެ ބީރައްޓެހިވެ، އަދި ތިމާމެންގެ އެތައް ގަރުނެއް ކުރިން ނިމިދިޔަ ޖާހިލީ ކާބަފައިންނަށް ތަބާވެ، ނަޞާރާއިންނާއި ޔަހޫދީންގެ ގޮތްތަކުގައި ހިފައި، އަދިވެސް މިނޫން އެތައް ކަމަކާހުރެ އިސްލާމީ އުއްމަތުގެ ތެރޭގައި އަނދިރިކަމާއި ޖާހިލުކަންވަނީ އިންތިހާއަށް ބޮޑުވާން ފަށާފައެވެ. ދީނުގެ ނަމުގައި އިންޓަރނެޓްގެ ތަފާތު ޞަފްހާ ތަކުންނާއި އެއްވެސް އިތުބާރެއްނެތް ވެބްސައިޓްތަކުން މީސްތަކުންނަށް ދޭ ސާބިތު ނުހިފޭ މަޢުލޫމާތުގެ ސަބަބުން ޙިކުމަތްތެރި ﷲތަޢާލާގެ  ޙުކުމްތައްވަނީ އޮޅޭގޮތްވެފައެވެ. ދުނިޔޭގެ އެދުމުން ފޯވެފައިވާ ފަތުވާތަކުން މިފަދަ ކަންކަން އޮޅެމުން ވަކަރުވަމުންގޮސް ޖަހާލަތުގެ ތެރެއަށް މީސްތަކުން ވަނީ މިސްރާބު ޖަހައިފައެވެ.

ﷲ އާއި އެކަލާނގެ ރަސޫލާ  صلى الله عليه وسلم ގެ ޙުކުމްފުޅުތައް މީސްތަކުންނަށް އޮޅި އެކަންކަމަށް ޢަމަލު ނުކޮށް އެކަންކަމާ ދުރަށް ދިޔުމަކީ ޤިޔާމަތުގެ ޢަލާމާތްތަކެކެވެ. އިސްލާމީ އުންމަތް ފިތުނަޔާއި ފަސާދައިގެ ތެރެއަށް ވެއްޓި ސަލާމަތްނުވެވިދާނޭ ހިސާބަށް ދިޔުމަކާ ދުރެއް ނޫނެވެ. ހިތާމައިގެ ކޮޅެއްވެސް ނެތެވެ. ﷲ ތަޢާލާގެ ކޯފާޔާއި ޢަޒާބު ޙައްގުވެދާނޭ އެތައްކަމެއް ހިނގަމުން އެބަދެއެވެ.

ﷲ ތަޢާލާގެ ފުރިހަމަ ކަމާއެވެ. އެކަލާގެ ނަބިއްޔާގެ ހިދާޔަތުގެ އަލިގަދަކަމާއެވެ. ރަސޫލުﷲ  صلى الله عليه وسلم މަގުނޫން ދެން އޮތީ ސީދާ ކޮންމަގެއް ތޯއެވެ؟ ﷲ ވަޙީކުރެއްވިއެވެ. ((وَمَا آتَاكُمُ الرَّسُولُ فَخُذُوهُ وَمَا نَهَاكُمْ عَنْهُ فَانتَهُوا)) މާނައަކީ "އަދި رسول އާ ތިޔަބައިމީހުންނަށް ގެނެސްދެއްވި ކޮންމެ އެއްޗެއްގައި، ފަހެ، ތިޔަބައިމީހުން ހިފާށެވެ! އަދި އެކަލޭގެފާނު ތިޔަބައިމީހުންނަށް ނަހީކުރެއްވި ކޮންމެ ކަމަކުން، ފަހެ، ތިޔަބައިމީހުން ދުރުވެގަންނާށެވެ!"

މިއަށްފަހު ދެން އޮތީ ކޮން ޢުޒުރެއްހެއްޔެވެ؟ އަމުރުފުޅުތައް ދޫކުރަނީއެވެ. މަނާ ކުރެއްވި ކަންކަމަށް އަރައިގަނެ އަދި އެކަން ދިފާޢު ކުރުމަށް ޙުއްޖަތްތައް ދައްކަނީއެވެ. މިފަދަ ޢަމަލުތަކުން ސަލާމަތް ވެގަންނާނެ މަގެއް ހޯދާނީ ކިހިނަކުންތޯއެވެ؟ ﷲ ޖައްލަޖަލާލުހޫ ވަޙީކުރެއްވިއެވެ. ((وَمَن يَبْتَغِ غَيْرَ الْإِسْلَامِ دِينًا فَلَن يُقْبَلَ مِنْهُ)) މާނައަކީ؛ "دين އެއްގެ ގޮތުގައި إسلام دين ނޫން دين އެއް އެދޭމީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ ކިބައިން (އެކަން) قبول އެއް ނުކުރައްވާ ހުށްޓެވެ."  އަދިވެސް ވަޙީކުރެއްވިއެވެ. ((أَيَبْتَغُونَ عِندَهُمُ الْعِزَّةَ فَإِنَّ الْعِزَّةَ لِلَّـهِ جَمِيعًا)) މާނައަކީ؛ " އެ كافرންގެ ގާތުން عزّة ލިބިގަތުމަށް އެއުރެން އެދެނީހެއްޔެވެ؟ ފަހެ، ހަމަކަށަވަރުން އެންމެހައި عزّةއެއް މިލްކުވެގެންވަނީ اللَّه އަށެވެ." ޢުމަރު رضي الله عنه ވިދާޅުވިއެވެ "كنّا أذلّةً فأعزنا الله بالإسلام" މާނައަކީ؛ " ދެރަނިކަމެތި ކަމުގައި އަހަރުމެން ވަނިކޮށް އިސްލާމް ދީނުގެ ސަބަބުން ﷲ ތަޢާލާ އަހަރުމެންނަށް ޢިއްޒަތާއި ޝަރަފު ދެއްވިއެވެ." ނޯޓް: ދެރަނިކަމެތިކަމަކީ ޖާހިލުކަމާއި ކުފުރެވެ.

އާނއެކެވެ. އިސްލާމްކަމާއި އިސްލާމްދީނުންބޭރުގައި ޢިއްޒަތް ހޯދަން އުޅެފި މީހަކު ނިކަމެތިވެ ގެއްލެނި ކުރައްވާނެކަން ކަށަވަރެވެ.

ރަސޫލުﷲ صلى الله عليه وسلم ((كلوا واشربوا والبسوا وتصدقوا في غير إسراف ولا مخيلة)) މާނައަކީ؛ "ކާށެވެ! އަދި ބޯށެވެ! އަދި ފޭރާންލާށެވެ! އަދި ޞަދަޤާތް ކުރާށެވެ! އިސްރާފު ނުކުރާށެވެ! ކިބުރުވެރިވެ ނުގަންނާށެވެ." "خيلة" މާނައަކީ ކިބުރުވެރިކަމެވެ. ބޮޑާކަމެވެ. ކިބުރުވެރި ކަމަކީ ޙައްޤަށް އިންކާރު ކުރުމެވެ. ﷲ އަށް ތަވާޟުޢުވެރި ވުމަކީ މީހާގެ ދަރަޖަ އުފުލިގެންދާ ކަމެއްކަމާއި، ﷲތަޢާލާގެ މައްޗަށް ބޮޑާވެގަތުމަކީ ތިމާ ނިކަމެތިވެގެންދާ ކަމެއްކަން އެބައިމީހުނަށް ނޭނގެނީ ބާވައެވެ!

ރަސޫލުﷲ صلى الله عليه وسلم ޙަދީޘު ކުރެއްވިއެވެ. ((أزرة المسلم إلى نصف الساق ، ولا حرج عليه فيما بينه وبين الكعبين وما كان أسفل الكعبين فهو في النار)) =حديث صحيح رواه أبو داود والنسائي وغيرهما= މާނައަކީ؛ "މުސްލިމާގެ އިޒާރުގެ މިނަކީ ކަށިމަތީގެ މެދެވެ. (ކަކުލުހުޅާއި ތަނބިކަށީގެ މެދެވެ.) އެ ހިސާބާއި ތަނބިކައްޓާ ދެމެދު ކޮންމެ އިސާބެއްގައި ހުއްޓަސް ރަނގަޅެވެ. (ކަށިމަތީގެ މެދާއި ތަނބި ކަށްޓާއި ދެމެދުން ކޮންމެ ހިސާބެއްގައި ހުއްޓަސް މައްސަލައެއް ނެތެވެ.) ތަނބިކަށިން ތިރިއަށް ހުންނަނަމަ ނަރަކައިގެ އަލިފާނުން ޢަޒާބު ލިބޭނެއެވެ." (ނޯޓް: އިޒާރު އަކީ ފިރިހެނާގެ އުނަގަނޑުން ތިރި ނިވާކުރަން ލާ ހެދުމާއި އިޒާރުގެ މާނައިގައި ޝަރުޢީ ގޮތުން އައިސްފައި ހުރި އެއްޗެހިއެވެ. މުންޑު، ފަޓްލޫނު، ޖިންސް،  ހަރުވާޅު، ޖުއްބާ...)

ވީމާ މިއާ އެއްގޮތަށް ޢަމަލު ނުބެހެއްޓުމަކީ އިސްވެ ބަޔާން ކުރެވުނު ޤުރުއާނާއި ސުންނަތުގެ ތެރެއިން ސުންނަތަށް ކޮންމެވެސް ހިސާބަކުން އިންކާރު ކުރެވުނީކަމާ މެދު ޝައްކެއްނެތެވެ. އެފަދަމީހުން ﷲ ޙަރާމް ކުރައްވާފައިވާ ކަންތައް ތަކަކަށް އަރައިގަތްކަން ޔަގީނެވެ. އަދި މާތް ނަބިޔާ صلى الله عليه وسلم ސުންނަތްތަކެއް ދޫވެސް ކޮށްފިކަން ކަށަވަރެވެ. ސުންނަތަށް އިންކާރު ކުރުމުގައި ވަކި ހިސާބަކަށް ދެވިއްޖެނަމަ އެހިސާބުން އެމީހާ މުސްލިމަކަށް ނުވާނެއެވެ. ކާފިރަކަށް ވެދާނެއެވެ.

ކުޑަ ކަމެއްކަމަށް ހީކޮށް ރަސޫލު ﷲ صلى الله عليه وسلم އެންމެ ސުންނަތެއް ދޫކުރިނަމަވެސް، އެބަޔަކު ދީނުގެ އަމުރުފުޅު ތަކަކަށް ނުކިޔަމަންތެރި ވެއްޖެއެވެ. ސުވަރުގެއަށް ދިޔުމުގެ އެދުމުން ދުރުވެގެންފިއެވެ. އަދި ނަރަކަ ދިޔުމުގެ މަގަށް އެދިގެންފިއެވެ.

ވަރަށް ގިނަބަޔަކު ވަނީ ނޭނގުމާއި ޖާހިލުކަމުން އެބައިމީހުންގެ އިޒާރު ކަނޑައެޅިފައިވާ ޙައްދުން ބޭރުވާވަރަށް ތިރިކޮށްފައެވެ. އެއީ ކަނޑައެޅިގެން ހުރި ޙަރާމްކަމެއްކަން އެބައިމީހުން ހަނދާން ނެތުނީ ބާވައެވެ؟ ރަސޫލުﷲ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. ((أنّ أزرة المسلم ما بين الكعب إلى نصف الساق ، فمن أرخى ثوبه عن الكعب فقد وقع في الحرام ، وعرّض نفسه للعذاب والآلام ، ومن رفع ثوبه فوق نصف الساق فقد تنطع في دين الله ، وابتدع فيه )) މާނައަކީ؛ މުސްލިމާގެ އިޒާރުގެ މިންގަނޑަކީ ތަނބިކަށްޓާއި ކަށިމަތީގެ މެދާ ދޭތެރެއެވެ. (އެދެމެދުން ކޮންމެ ހިސާބަކަށް ހުރިނަމަވެސް މައްސަލައެއްނެތެވެ.) ފަހެ ތަނބިކަށްޓަށްވުރެ ތިރިއަށް އިޒާރު ބަހައްޓައިފިނަމަ ޙަރާމްކަމަކަށް އަރައިގެންފިއެވެ. އަދި ނަފްސު ވޭނާއި ޢަޒާބުގެ ތެރެއަށް ހުށަހަހަޅައިފިއެވެ. އަދި އިޒާރު ކަށިމަތީގެ މެދަށްވުރެ މައްޗަށް ހިއްލައިފި މީހާ ފަހެ އެކަމުގައި ހައްދު ފަހަނައަޅައި ގޮސްފިއެވެ. އަދި އެކަމުގައި ދީނުގައި ނެތް އާގޮތެއް ހަދައިފިއެވެ." ރަސޫލުﷲ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. "ޙައްދުފަހަނައަޅައި ދިޔަމީހުން ހަލާކު ވެއްޖެއެވެ. ޙައްދުފަހަނައަޅައި ދިޔަމީހުން ހަލާކު ވެއްޖެއެވެ." ((هلك المتنطعون، هلك المتنطعون)) =رواه مسلم= ނޯޓް: އިސްބާލު ކުރުމަކީ ތަނބިކަށީގެ ތިރީކައިރިއަށް ވުރެން އިޒާރު ތިރިކުރުމެވެ.

ފަހެ ފިރިހެނުން އިސްބާލު ކުރުމަކީ ޝަރުޢީ ގޮތުން ޙަރާމްކަމެކެވެ. ފަރުދުންގެ ހައްގުގައިވެސް އަދި މުޖުތަމަޢްގެ ހައްގުގައިވެސް މިއީ ޙަރާމްކަމެކެވެ. އިންކާރުކުރުމާއި ކިބުރުވެރިކަމާއި މުޑުދާރުކަން ފިޔަވައި އެހެން ކަމެއް އިސްބާލު ކުރުމުގައި ނުހިމެނެއެވެ.

އިސްބާލުގެ ބިރުވެރިކަން ނުހަނު ބޮޑެވެ. އެކަމުގެ ފާފަ ނުހަނު ނުރައްކަލެވެ. ފަހެ އެއީ ތިމާ ކުރާ ހެޔޮ ޢަމަލު ޤަބޫލު ނުކުރެވި، އަދި ތިމާ ދަންނަވާ ދުޢާ އިޖާބަ ނުކުރެވި ރައްދު ކުރެވޭ ސަބަބުތަކުގެ ތެރެއިންވާ ކަމެކެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘް ކުރައްވަނީ ((وإنّ الله لا يقبل صلاة رجل مسبل)) =حديث ضعيف= މާނައަކީ؛ "އިސްބާލު ކޮށްގެން ހުންނަ މީހާގެ ނަމާދު ﷲތަޢާލާ ޤަބޫލުފުޅު ނުކުރައްވާނެތެވެ." މި ބަލި ޙަދީޘްފުޅަށް ބާރުދޭ އެހެން ޙަދީޘް ފުޅެއް އިބުން މަސްޢޫދު رضي الله عنه ރިވާކުރައްވާފައިވެއެވެ. رسول الله صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. ((من أسبل إزاره في صلاته خيلاء ، فليس من الله في حل ولا حرم)) =أبو داود= މާނައަކީ؛ "ކިބުރުވެރިކަމާ އެކު ނަމާދުގައި އިސްބާލު ކޮށްފިމީހާގެ މައްޗަށް ﷲތަޢާލާ ނަރަކަ ޙަރާމެއްނުކުރައްވާނެއެވެ. އަދި ސުވަރުގެ ޙަލާލެއްވެސް ނުކުރައްވާނެތެވެ"

އަދި އިސްބާލު ކުރާމީހާގެ ދުޢާ އިޖާބަ ނުކުރައްވަވައި ރައްދުކުރައްވާނެކަން ޞައްޙަ މަގުން އެނގެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. ((الرجل يطيل السفر أشعث أغبر يمد يديه إلى السماء يارب ، يارب ، ومطعمه حرام ، ومشربه حرام ، وملبسه حرام ، وغُذي بالحرام ، فأنّى يستجاب له)) = مسلم = މާނައަކީ؛ "ދިގު ދަތުރެއްގައިވާ މީހާ ހިރަފުސް ބުރައި ބޯހޭވިފައިވާޙާލު ދެއަތް މައްޗަށް އުފުލައި  އޭ ހައްދަވައި ގެންގުޅުއްވާ އިލާހުއޭ، ގޮވާ ހިނދު އޭނާގެ ކާބޯތަކެއްޗާއި ފޭރާމަކީ ޙަރާމް އެއްޗެތި ކަމުގައިވެފައި އޭގެ ސަބަބުން އޭނާގައިގަ މަސްޖަހައި ބޮޑުވެފައިވާ މީހާގެ ދުޢާ އިޖާބަ ކުރައްވަވާނީ ފަހެ ކިހިނަކުންތޯއެވެ؟" މީގެ ސަބަބުން ތިބާގެ ޢަމަލެއްވެސް އަދި ދުޢާއެއްވެސް ﷲ ޤަބޫލު ނުކުރައްވަވާނެއެވެ. އަދި ތިބާޔަށް އަޒާބު ލިބޭނެކަންވެސް ވަނީ ޔަގީންވެފައެވެ. އިސްބާލުވެފައިވާ ފޭރާމެއްގައި ކުރާ ނަމާދާ މެދުވެސް އިތުރު ވިސްނުމަކަށް ދާން އެބަޖެހެއެވެ. ސަބަބަކީ ނަމާދުގައި ތިބާގެ ފޭރާމަކީ ޝަރުޢީ ޙައްދުން ބޭރުވެފައިވާ ފޭރާމެކެވެ. އެއީ ހުއްދަނޫން ޙަރާމް ފޭރާމެކެވެ. ތަޤްވާގެ ފޭރާމުން ބޭރުގައިވާ ފޭރާމެކެވެ.

އިސްބާލުވެފައިވާ މީހާގެ ނަމާދު ބައެއް ޢިލްމުވެރިންގެ އަރިހުގައި ޞައްޙަވާއިރު އަނެއްބައި ޢިލްމުވެރިންގެ އަރިހުގައި އޭނާގެ ނަމާދު ފާފަވެރިވާ ޙާލު ޞައްޙަވެގެންވެއެވެ. ވީމާ މިމައްސަލައަކީ ވަރަށް ސީރިއެސް މައްސަލައެކެވެ.

ފަހެ މިކަމުގެ ސަބަބުން ތިބާގެ ނަމާދު ﷲ ޤަބޫލުފުޅު ނުކުރައްވައިފިނަމަ ކިހާ ދެރަތޯއެވެ! ނަމާދަކީ ޤިޔާމަތް ދުވަހުން ތިބާގެ ޢަމަލުތަކުގެ ތެރެއިން އެންމެ ފުރަތަމަ ހިސާބު ބެއްލެވޭނޭ ޢަމަލެވެ. ނަމާދުގެ ޙިސާބުކިތާބު ޞައްޙަ ވެއްޖެނަމަ ތިބާގެ އެހެނިހެން ޢަމަލުތައް ޞައްޙަވާނެކަމަށް ރަސޫލުﷲ صلى الله عليه وسلم ޚަބަރު ދެއްވިއެވެ. ވީމާ ނަމާދު ޤަބޫލު ނުކުރެވުނު މީހާގެ ބާކީ ހުރި ޢަމަލު ތަކުގެ ފައިދާއަކީ ފަހެ ކޮބައިތޯއެވެ؟

ރަސޫލުﷲ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. ((ثلاثة لا يكلمهم الله يوم القيامة ، ولا ينظر إليهم ، ولا يزكيهم ، ولهم عذاب أليم : المسبل إزاره ، والمنان فيما أعطى ، والمنفق سلعته بالحلف الكاذب)) =رواه مسلم= މާނައަކީ؛ "މާނައަކީ؛ "ޤިޔާމަތް ދުވަހުން ﷲތަޢާލާ އެމީހަކަށް ބަސްވަޙީ ނުކުރައްވަވާނެ، އަދި އެމީހަކު ކުށްފާފައިން ޠާހިރުކޮށް ނުދެއްވާނެ، އަދި އެމީހަކަށް (އެކަނލާގެ ރަޙްމަތުގެ ބެއްލެވުމުން) ނުބައްލަވާނެ ތިން މީހަކު ވެއެވެ. އެއުރެންނަށް ގަދަވެގެންވާ ޢަޒާބު ހުއްޓެވެ. (ފުރަތަމައީ) އިޒާރުން އިސްބާލު ކުރާމީހާއެވެ. (ދެވަނައީ) ޞަދަޤާތްކޮށްފަ ކަލަ ގޮވާ މީހާއެވެ. (ތިންވަނައީ) މީހަކަށް އެއްޗެއް ވިއްކާއިރު (ތިމަންނާ އެތަކެތި ގަތީ މިވެނިއެވެނި ވަރަކަށޭ ކިޔައި) ﷲ ގަންދީ ދޮގު ހުވައިކޮށް ވިއްކާމީހާއެވެ." އަދިވެސް ޙަދީޘް ކުރެއްވިއެވެ. ((من جرّ ثوبه خيلاء لم ينظر الله إليه يوم القيامة)) =رواه البخاري= މާނައަކީ؛ "ކިބުރުވެރިކަމާއެކު ތިމާގެ އިޒާރު ދަމައިފި މީހާ (ތަނބިކަށިން ތިރިޔަށް އިޒާރު ބަހައްޓާ މީހާ)އަށް ޤިޔާމަތް ދުވަހުން ރަޙުމަތުގެ ބެއްލެވުމަކުން ﷲތަޢާލާ އެމީހަކަށް ބައްލަވައި ވޮޑި ނުގަންނަވާނެއެވެ." މި ދެ ޙަދީޘްފުޅުން އިސްބާލުކުރުމަކީ ޙަރާމްކަމެއކަން ވަރަށް ރަނގަޅަށް ސާބިތުވެއެވެ. އަދި އެޢަމަލު ކުރާމީހާއަށް ވޭންދެނިވި ޢަޒާބު ލިބޭނެކަންވެސް ޔަގީންވެއެވެ. އިސްބާލުކުރުމުގެ ސަބަބަކީ ކިބުރުވެރިކަމާއި އިންކާރު ކުރުންކަންވެސް އެނގެއެވެ. މަލާމާތާއި ފުރައްސާރަ ކުރުމުގެ ނިޔަތުގައި އިސްބާލު ކޮށްފި މީހާގެ ކާފިރުކަމާ މެދު ޢިލްމުވެރިން ދެބަސްވެ ނުލައްވައެވެ.

ފިރިހެނާ އަޅާ ކޮންމެ ފޭރާމެއްގައިވެސް އިސްބާލުކުރުމަކީ ކަނޑައެޅިގެން ޙަރާމްކަމެއްކަން އެންމެ ތެދުވެރި އިންސާނާ، މުޙައްމަދު صلى الله عليه وسلم ވަނީ ބަޔާންކޮށް ދެއްވައި، އަދި މީގެ އިތުރުން ޢަމަލުފުޅުންނާއި ބަސްފުޅުން މުޅި އުއްމަތަށް އެކަލޭގެފާނު ވަނީ ދައްކަވާފައެވެ. ހަމަކަށަވަރުން އިސްބާލުކުރުން ޙަރާމް ވުމުގެ ސަބަބުތައް ބޮޑާކަމާއި ކިބުރުވެރިކަމާއި، އަދި ﷲތަޢާލާގެ މައްޗަށް ބޮޑާވެގަތުން ފިޔަވައި އެހެން ކަމަކަށް ނުފެތެއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. ((إرفع إزارك إلى نصف الساقين ، فإنّ أبَييت فإلى الكعبين ، وإيّاك وإسبال الإزار فإنها من المخيلة ، وإن الله لا يحب المخيلة)) =حديث صحيح رواه أحمد وأبو داود والترمذي = މާނައަކީ؛ "ކަށިމަތީގެ މެދަށް ތިބާގެ އިޒާރު ހިއްލާށެވެ. ފަހެ އެހިސާބަށް ނޫންނަމަ ތަނބިހުޅުގެ ތިރީކައިރިއަށެވެ. އިސްބާލު ކުރުމުން ތިބާ ސަމާލުވާށެވެ. ފަހެ ހަމަކަށަވަރުން އިސްބާލުކުރުމަކީ ކިބުރުވެރި ކަމެކެވެ. އަދި ﷲތަޢާލާ ކިބުރުވެރީން ދެކެ ލޯބިވެވޮޑިގެން ނުވެއެވެ."

ހަމަކަށަވަރުން މިއީ ހިތި ޙަޤީޤަތެކެވެ. ވޭންދެނިވި ވަގުތެކެވެ. އިސްބާލުކުރާ ކޮންމެ މީހަކުވެސް ސަލާމަތް ވުމަށް ދެމިގަންނަ ހޮރެކެވެ. ޢިލްމުގައި ކަންފުޅެއްވެސް ނެތް އަދި ޝަރީޢަތް ފަހުމް ވުމުގައި މިޘްޤާލެއްވެސްނެތް މީހުންގެ ތެރެއިން ފޭރާން އެވަރަށް ދިގުކޮށްގެން އުޅޭ މީހުން، ތިމަންނަ މިކަން މިގޮތަށް ކުރަނީ ބަޔަކަށް ބިރުން ނުވަތަ ބިރުވެތިވާންކަމަށް ބުނެއެވެ. އެފަދަ މީހުން މިފަދަ އާޔަތްތަކުން ޢިބުރަތް ލިބިނުގަންނަނީ ބާވައެވެ؟ ((أَتَخْشَوْنَهُمْ ۚ فَاللَّـهُ أَحَقُّ أَن تَخْشَوْهُ إِن كُنتُم مُّؤْمِنِينَ)) މާނައަކީ؛ " ތިޔަބައިމީހުން، އެއުރެންދެކެ ބިރުގަންނަނީ ހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން مؤمن ން ކަމުގައިވާނަމަ، ތިޔަބައިމީހުން ބިރުވެތިވުން حق ކަން ބޮޑީ، اللَّه އަށެވެ. " ނުވަތަ އެފަދަ މީހުން ބުނެ އުޅެއެވެ. ތިމަންނަމެން އިސްބާލުކުރަނީ (މިވަރަށް ހެދުން ބަހައްޓަނީ) ބަޔަކުދެކެ ލަދުގަންނާތީއެވެ. މިއީ ހިތާމަ ހުރިކަމެކެވެ. ﷲގެ ރުހިވޮޑިގަތުން ލިބިގަތުމަށް ވުރެން މީސްތަކުންގެ ރުހުން ލިބިގަތުމަށް އިސްކަން ދިނުމަކީ ވަރަށް ބޮޑު ގޯހެކެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. ((فالله أحق أن يستحيا منه)) މާނައަކީ؛ ".ފަހެ އެއްމެ ޙައްޤުކަން ބޮޑީ ﷲތަޢާލާޔަށް ލަދުވެތި ވުމެވެ."

އާދަކާދައިގެ ގޮތުން އިސްބާލު ކުރާމީހުންނަށް މި ދުނިޔޭގައިވެސް އަދި އެދުނިޔޭގައިވެސް ދައްކާނެ ބުރަދަން ހުރި ޙުއްޖަތެއްނެތެވެ. އެފަދަ މީހަކު އިސްވެ ބަޔާންވެދިޔަ އާޔަތްތަކާއި ޙަދީޘްފުޅުތަކުގެ މައްޗަށް ދައްކާނީ ފަހެ ކޮން ދަލީލެއް ހެއްޔެވެ؟ ހަތް އުޑުމަތިން ﷲ ބާވައިލެއްވެވި މި ޝަރީއަތާއި ޚިލާފު ވެއްޖެނަމަ ޢުރުފުގެވެސް ނުވަތަ އާދަކާދައިގެސް ބޭނުންނެތި އަގެއްނެތް އެއްޗެއް ކަމުގައި ވީއެވެ. އެހެންނޫނީ އިސްބާލުކުރާ މީހުން ބުނާނީ ޔަހޫދީން ބުނިގޮތަށް ހެއްޔެވެ؟ ((سَمِعْنَا وَعَصَيْنَا)) މާނައަކީ؛ "ތިމަންމެން އަހައިފީމުއޭ، އަދި، ތިމަންމެން އުރެދިއްޖައީމުއޭ" ހެއްޔެވެ؟

މާތް ﷲގެ ފޮތާއި އެކަލާގެ ނަބިއްޔާގެ ގޮތުގައި ހިފުމަށް އަހަރުމެންގެ ހުރި ޝަޥްޤަކީ ފަހެ ކޮބައިހެއްޔެވެ؟ މި ދޭތި (ޤުރުއާނާއި ސުންނަތް) ފިޔަވައި އެހެން އެއްވެސް އެއްޗެއްގައި ކާމިޔާބެއް ނުމެނެތްމެވެ. ސުވަރުގެއިން ކާމިޔާބެވެ. ނަރަކައިން ނާކާމިޔާބެވެ.

ފޭރާން އިސްބާލުކުރާ މީހުން ޙުއްޖަތެއްކަމުގައި މާތް ﷲ ރުއްސުންލެއްވި އަބޫ ބަކުރުގެފާނު އިސްބާލު ކުރެއްވިކަމަށް ބުނުމަކީ އެމީހުންގެ ޖާހިލުކަމާހުރެ ދުރުކަމެއް ނޫނެވެ. އެއީ ތިމާގެ ކޮޅަށް ދަލީލެއް ނުވަތަ ޙުއްޖަތެއް ކަމުގައި ދައްކާ  ކަމުގައިވަނީނަމަ ވިސްނާށެވެ. އަޑުއަހާށެވެ. ނަބިއްޔާ صلى الله عليه وسلم  "ބޮޑާ ކަމާއެކު ހެދުން ބިމުގައި ދަމައިފި މީހަކަށް ޤިޔާމަތް ދުވަހުން ﷲ ބައްލަވައި ވޮޑި ނުގަންނަވާނެޔޭ" ޙަދީޘް ކުރެއްވި އަޑު އިވިވަޑައިގެން މާތްﷲ ރުއްސުންލެއްވި އަބޫބަކުރުގެ ފާނު ސުއާލުދެންނެވިއެވެ. ((إن أحد شقّ إزاري يسترضي إلا أني أتعاهده)) މާނައަކީ؛ "ހަމަކަށަވަރުން ތިމަންނަގެ އިޒާރުގެ އެއްފަރާތް އަބަދުވެސް ވެއްޓެއެވެ. އަދި އެއިން ކޮންމެ ފަހަރަކު ތިމަންނަ އިޒާރު މައްޗަށް ހިއްލަވާ ބަންނަވަމެވެ." ރަސޫލުﷲ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. لست ممن يفعله خيلاء "ކަލޭގެ ފާނު ކިބުރުވެރިންގެ ތެރެއިން ނުވެއެވެ." ރަސޫލުﷲ صلى الله عليه وسلم ވަނީ އަބޫބަކުރު رضي الله عنه އަށް ސުވަރުގޭގެ އުފާވެރިކަމުގެ ޚަބަރު ދެއްވާފައެވެ. އަދި އަބޫބަކުރު رضي الله عنه އިސްބާލުކުރެއްވީ ބޮޑާވެގަތުމުގެ ގޮތުން ނޫންކަމަށްވެސް ރަސޫލާ صلى الله عليه وسلم ވަނީ ޚަބަރު ދެއްވާފައެވެ. އަބޫބަކުރު رضي الله عنه އަކީ ވަރަށް ހަށިކޮޅުގައި މަސް މަދު ހިކި ބޭކަލެކެވެ. އޭގެ ސަބަބުން އެކަލޭގެފާނުގެ އިޒާރު މިންގަނޑުގައި ހަރުނުލައެވެ. އަދި ތަނބިކަށިން ތިރިވާ ކޮންމެ ފަހަރަކު މައްޗަށް ހިއްލަވާ އިތުރަށް ބަންނަވައެވެ. ފަހެ މިގޮތަށް ތިބާ ޢަމަލު ބަހައްޓަން ތޯއެވެ؟ އެކަލޭގެ ފާނުވެސް އިޒާރު ތިރިއަށް ދޫކޮށް ބެހެއްޓެވީއެއް ނޫނެވެ. މައްޗަށް ހިއްލެވީއެވެ. ހުއްދަނޫން ޙަރާމް ކަމަކަށް ވީމައެވެ.

އިސްބާލު ކުރެވިފައި ތިބި މީހުންނަށް ބުނަމެވެ. މި އުއްމަތުގެ ނަބިއްޔާ صلى الله عليه وسلم އަބޫބަކުރު رضي الله عنه އަށް ސުވަރުގެ ވަދެވޭނެކަމުގެ ޔަގީންކަން ދެއްވިހެން ތިބާއަށް އެފަދުގެ ޔަގީންކަމެއް އެކަލޭގެފާނު ދެއްވިތޯއެވެ؟ އަދި ރަސޫލާ صلى الله عليه وسلم އަބޫބަކުރު رضي الله عنه އިސްބާލު ކުރެވިފައި ހުއްޓާ "ކަލޭގެ ފާނު ކިބުރުވެރިންގެ ތެރެއިން ނުހިމެނެއެވެ." މިފަދަ ބަސްފުޅެއް ތިބާއަށް ރަސޫލާ ވިދާޅުވި ހެއްޔެވެ؟ އަދި އިޒާރު ތަނބިކަށްޓަށް ވުރެ ތިރިވާ ކޮންމެފަހަރަކު ތިބާގެ އިޒާރު މައްޗަށް ހިއްލަން ހެއެޔެވެ؟ މިއިން ކޮންމެ ސުވާލެއްގެ ޖަވާބުގައި ތިބާ ނޫނެކޭ ބުނާނެކަން ޔަގީނެވެ. މިއީ ހިތިވިޔަސް ޙައްޤެވެ. ޙަގީގަތެވެ. އަޚާއެވެ! ޙައްޤު ހިތިވެފައި އޭގެނަތީޖާ ފޮނިވާނެއެވެ.

ފަހެ ތިބާ ތައުބާ ވާށެވެ. ތައުބާ ވުމުގެ ކުރިން ތިބާގެ ފުރާނަ ﷲ ގެންދަވައިފިނަމަ އިސްބާލު ކުރުމުގެ ވަޢީދު ބަސްފުޅުގެ ތެރެއަށް ތިބާ ވަންނާނެނޫން ހެއްޔެވެ؟ ފަހެ އެއީ ނަރަކައިގެ އަލިފާނުން ޢަޒާބު ލިބުމެވެ. އިސްވެ ބަޔާވެދިޔަ ފަދައިން އިސްބާލުގެ ސަބަބުން ތިބާގެ ނަމާދު ﷲ ޤަބޫލުފުޅު ނުކުރައްވައިފިނަމަ ނުވަތަ ތިބާގެ އެއްވެސް ދުޢާއެއް އިޖާބަ ނުކުރެވި ރައްދު ކުރެވިއްޖެނަމަ ތިބާގެ އަޅުކަމުގެ ބޭނުމަކީ ފަހެ ކޮބައި ހެއްޔެވެ؟ ތިބާގެ ޙަޔާތުގެ މަޤްޞަދަކީ އޭރުން ކޮބައި ހެއްޔެވެ. ލޮބުވެތި އަޚާއެވެ! އެނބުރި ﷲގެ ޙަޟްރަތަށް އަންނާށެވެ. މިހާރުވެސް ތިބާ މަރުވެދާނެއެވެ. ތައުބާ ވުމަށް އަވަސް ވެގަންނާށެވެ. ތިބާގެ ފާފަ ކިތަންމެ ގިނަވިޔަސް ﷲ ތިބާގެ ތެދުވެރިތައުބާ ޤަބޫލުކުރައްވާނެކަން ޔަގީނެވެ.

އިސްބާލުވަނީ ހަމަ އެކަނި ތިބާގެ "އުނު" ހިޔާކުރާ ފޭރާމަކުން ނޫނެވެ. ގަމީހުގެ އަތުކުރިވެސް އަތުގެ ކުޑަ ހުޅަށްވުރެ ދިގު ވެއްޖެނަމަ ޙައްދުން ބޭރުވެ އިސްބާލު ވީއެވެ. ބޮލުގައި އަޅާ ފޮށާގެ ފަހަތަށް ވެއްޓިފަ އޮންނަ ބައި އުނަގަނޑަށް ވުރެ ތިރި ނުކުރާށެވެ. މިކަންކަމަށް ފަރުވާ ބަހައްޓާށެވެ. ކުޑަ ކަމެއްކަމުގައި ދީނުގެ އެއްވެސް ކަމެއް ދޫކޮށް ނުލާށެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. ((الإسبال في الإزار والقميص والعمامة ، من جر شيئاً خيلاء لم ينظر الله إليه يوم القيامة)) =حديث صحيح رواه أهل السنن إلاّ الترمذي= މާނައަކީ؛ "ފޮށާއާއި ގަމީހާއި އިޒާރުގައި އިސްބާލު ކުރެއެވެ. ކިބުރުވެރިކަމުން އިޒާރު ދަމައިފިނަމަ (އިޒާރު ތަނބިހުޅުށްވުރެ ތިރި ކޮށްފިނަމަ) ރަޙްމަތުގެ ބެއްލެވުމަކުން ﷲތަޢާލާ އެމީހަކަށް ޤިޔާމަތްދުވަހުން ބައްލަވައި ވޮޑިނުގަންނަވާނެއެވެ."

ވީމާ އިސްބާލު ކޮށްގެން ހުންނަމީހާ އެހުންނަނީ ﷲތަޢާލާ އަށާއި އެކަލާނގެ ނަބިއްޔާ صلى الله عليه وسلم އަށް ފުރިހަމައަށް ކިޔަމަންތެރިކަން އަދާ ނުކޮށެވެ. އެ މީހާ އެހުންނަނީ ﷲތަޢާލާ ކަނޑައެޅުއްވި ޙައްދުން ބޭރުގައެވެ. އެފަދަ ކޮންމެ މީހަކީ ޢަޒާބުލިބޭނޭ މީހެކެވެ. ﷲވަޙީ ކުރެއްވިއެވެ. ((وَمَن يَعْصِ اللَّـهَ وَرَسُولَهُ وَيَتَعَدَّ حُدُودَهُ يُدْخِلْهُ نَارًا خَالِدًا فِيهَا وَلَهُ عَذَابٌ مُّهِينٌ)) މާނައަކީ؛ "އަދި، اللَّه އަށާއި، އެކަލާނގެ رسول އާއަށް އުރެދި، އެކަލާނގެ ކަނޑައަޅުއްވާފައިވާ އިންތައް ފަހަނަޅައިދާމީހަކު، ނަރަކަޔަށް ވައްދަވާނެތެވެ. އެތާނގައި އެމީހަކު ދެމިހުންނަނިވި ގޮތުގައެވެ. އަދި، އެމީހަކަށް އިހާނަތްތެރިކަން ދެނިވި عذاب ހުށްޓެވެ." އެފަދަ މީހެއްގެ އީމާކަން ފުރިހަމަ ނުވެއެވެ. އަދި އެފަދަ މިހާގެ ޢަޤީދާގައި ބަލިކަށިކަމެއް ވެއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. (("لا يؤمن أحدكم حتى يكون هواه تبعاً لما جئت به))متفق عليه މާނައަކީ؛ "މީހާ އޭނާގެ ހަވާނަފްސުގެ އެދުންތައް ތިމަން ކަލޭގެފާނުގެ ސުންނަތާ އެއްގޮތަށް އަނބުރައިފުމަށް ދާނދެން އޭނާގެ އީމާންކަން ފުރިހަމަ ނުވެއެވެ."  އިސްބާލުކޮށްގެން ހުންނަމީހާ އެހުންނަނީ ނަބިއްޔާ صلى الله عليه وسلمއަށް ފުރިހަމައަށް ތަބާ ނުވެކަން މި ޙަދީޘްފުޅުން ސާފުކޮށް އެނގެއެވެ. ނަބިއްޔާ صلى الله عليه وسلم ގެންނެވި ކޮންމެ ކަމަކީ މިހާ މުހިއްމު، ބޭނުންތެރި ކަމެކެވެ. އިސްބާލު  ކުރުމަކީ ލޮބުވެތި ރަސޫލާ صلى الله عليه وسلم ނުހަނު ކޯފާވެވަޑައިގަންނަވާ ޢަމަލެކެވެ. އެކަލޭގެފާނު صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ.

އިސްބާލުކުރުމަކީ ލަޢްނަތް ލެއްވިގެންވާކަމެކެވެ. ނޯޓް: ލަޢްނަތް ލެއްވިގެން ވުމަކީ ދުނިޔެއާއި އާޚިރަތުގައި އެމީހާ ﷲގެ ރަޙްމަތުނެ ބޭރުކުރެވިފައިވުން. މިހެނީ އިސްބާލުކޮށްގެން ހުންނަމީހާ އެހުންނަނީ އަންހެނެއްގެ ފޭރާމާ އެއްގޮތަށް ފޭރާން އަޅައިގެންނެވެ. އަންހެނުންނާ އެއްގޮތަށް ފިރިހެނުން ފޭރާން އެޅުމަކީ ލަޢްނައްލެއްވިގެންވާ ކަމެކެވެ. އަންހެން ކަނބަލުންނަށްވަނީ އެކަނބަލުންގެ ޢައުރަ ނިވާވާނޭހެން ފޭރާން ދިގުކުރުމަށް އަމުރު ވެވިގެންނެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. ((" لعن رسول الله صلى الله عليه وسلم الرجل يلبس لبسة المرأة ، والمرأة تلبس لبسة الرجل ")) رواه أبو داود بإسناد صحيح މާނައަކީ؛ "އަންހެނާގެ ފޭރާން އަޅާ ފިރިހެނާ އަށާއި ފިރިހެނާގެ ފޭރާން އަޅާ އަންހެނާއަށް ރަސޫލުﷲ صلى الله عليه وسلم ލަޢްނަތް ލެއްވިއެވެ.

ވީމާ އިސްބާލުކުރުމަކީ ﷲ އަށާއި ޤިޔާމަތް ދުވަހަށް އީމާންވާ އެއްވެސް ފިރިހެނަކަށް ހުއްދަކަމެއް ނޫނެވެ. އެއީ ކަނޑައެޅިގެން ޙަރާމް ކަމެކެވެ. ޙަރާމްކަމަކަށް މެނުވީ ޢަޒާބެއް ނުދެއްވައެވެ.


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި