Noorul-islam.NET :: މެދުމިނެތް ނެތް. ދީނުގައި އޮތީ އެއްމެ ފުރިހަމަ މިން.




މެދުމިނެތް ނެތް. ދީނުގައި އޮތީ އެއްމެ ފުރިހަމަ މިން.
Category »  ދީނީ ލިޔުން

ތާރީޚް: 12 ޖެނުއަރީ 2012

ލިޔުއްވީ : ޢަބްދުﷲ ޞިއްދީޤް (ނޫރުލްއިސްލާމްގެ ޑިޕިޔުޓީ އެޑިޓަރ)

((وَكَذَٰلِكَ جَعَلْنَاكُمْ أُمَّةً وَسَطًا)) މާނައަކީ؛ " އަދި ހަމަ އެފަދައިން، މެދުމިން أمّة އެއް ކަމުގައި ތިމަންރަސްކަލާނގެ ތިޔަބައިމީހުން ލެއްވީމެވެ." މިއީ މިއާޔަތް ދިވެހި ބަހުން ތަރުޖަމާ ކުރެވިފަވާ ގޮތެވެ. އެހެންނަމަވެސް ތަފްސީރު ޢިލްމުވެރިން އެއްބަސްވެ ވަޑައިގަންނަވާ ގޮތުގައި  وَسَطًا މިބަހުގެ މާނައަކީ ޢަދުލުވެރިކަމެވެ. ވީމާ وَسَطًا މިބަހުގެ މުރާދުގައި މެދުމިން ހިމެނިދާނެއެވެ. ސަބަބަކީ އަދުލު ވެރިވުމަކީ ވަކިފަރާތަކަށް ނުޖެހި ސީދާ މެދުގައި ސާބިތުވެ ހުރުމެވެ. ނުވަތަ ވަކިފަރާތަކަށް ނުޖެހި ސާބިތު ކުރުމެވެ.

ފަހަރެއްގައިވެސް وَسَطًا މިބަހުގެ މުރާދަކީ ޤުރުއާނާއި ސުންނަތުގެ އަލީގައި އައިސްފައިވާ ﷲގެ މި ޝަރީޢަތް ދެ ފަރާތުން ކޮށައިގެން މެދުމިނަށް ވާޞިލުވާ ވާހަކައެއްނޫނެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ  އިސްލާމްދީން ބާވައިލެއްވެވީ މެދުމިނަށެވެ. އަދުލުވެރި މިނަށެވެ. އެންމެ ފުރިހަމަ މިނަށެވެ.

އިސްލާމް ދީނުގައި ތިމާގެ ދުނިޔަވީ މަސްއޫލިއްޔަތާއި ޒިންމާ ދޫކޮށް ހަމައެކަނި މިސްކިތަށްވަދެ ޒިކުރު ކުރުމަށްޓަކައި ހުސްވެގަތުމެއް ނެތެވެ. އަދި މިއާ ޚިލާފަށް އަޅުކަމާއި ޒިކުރާއި މިސްކިތް ދޫކޮށް ދުނިޔަވީ ޙަޔާތުގެ ތެރެއަށް ވަދެގެންގޮސް އިންސާނާގެ މުޅި ޙަޔާތް ދުނިޔެއަށް ގެއްލުވާލުމެއްވެސް ނެތެވެ. އިސްލާމް ދީނުގައިވަނީ ޝަރީޢަތުގެ ދާއިރާއިން ބޭރުނުވެ ހުރެގެން ދުނިޔެ ހޯދުމަށް މަސައްކަތް ކުރަމުން އާޚިރަތް ލިބިގަތުމެވެ. މެދުމިނަކީ މިއީއެވެ.

ވީމާ މިއަދު ކީރިތި ޤުރުއާނުގެ އާޔަތްތައް ތިމަތިމާމެންގެ ހަނދާނުގައި ހުރި ގޮތަކަށް ކިޔައި އަދި އެމޫރިތި އާޔަތްތަކުގެ ހައިބަތާއި ޤަދަރު ގެއްލޭގޮތަށް ތަރުޖަމާ، ތިމާމެންގެ ދުނިޔަވީ ޢަރީޒާއާއި ހަވާނަފްސުގެ އެދުމާ އެއްގޮތަށް ޕޯޑިއަމްތަކުގައި ކިޔަމުން އަންނަކަމީ ނިހާޔަތަށް ހިތާމަހުރިކަމެކެވެ. ފަހަރެއްގައިވެސް ތިމާޔަށް ޢަރަބިބަސް އެނގުމަކީ ކީރިތި ޤުރުއާން ތަރުޖަމާ ކުރެވޭނެ ކަމުގެ ޙުއްޖަތެއް ކަމުގައި ނުދެކޭށެވެ. ﷲ އަށް ބިރުވެތިވާށެވެ. ކީރިތި ޤުރުއާންގެ މާނަ އެނގި ބަޔާން ކުރަންޖެހޭނީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް އެ ޤުރުއާން ޝަރަޙަ ކުރެއްވި ގޮތަށެވެ. ޒަމާންތައް ކިތަންމެ ދިގު ދެމިގެން ދިޔަނަމަވެސް މި ގޮތާ ޚިލާފަށް ކުރެވޭ ތަރުޖަމާއަކީ ޤަބޫލުކުރެވޭނެ ވާހަކަ ތަކެއް ނޫނެވެ.

އަދި ތިމާމެންގެ ކޮށި ވިސްނުމާ އެއްގޮތަށް ޤުރުއާން ތަރުޖަމާ ކުރަނީނަމަ އެފަދަ މީހުންނާ ދެކޮޅަށް، ﷲގެ ޙަޟްރަތުގައި ގެނެވޭ ހެއްކެއްކަމުގައި އެމީހުން އެކުރި ތަރުޖަމާ ވާނެކަން ހަނދާން ކުރާށެވެ. އަވަހަށް ތައުބާ ވާށެވެ. އަދި ނުބައިކޮށް އެކުރާ ތަރުޖަމާގެ ސަބަބުން މަގުފުރެދޭ މީހުންނާއި އަދި މަގުފުރެދޭ މީހުންގެ ސަބަބުން މަގުފުރެދޭ މީހުން (އަދި މި ޖީލުތައް ކިތަންމެ ދުރަށް ދެމިގެން ދިޔަކަމުގައި ވިޔަސް) މި ހުރިހާ މީހުންގެ އެ ފާފަތަށް ނުބައިކޮށް ތަރުޖަމާ ކުރިމީހާ އުފުލަންޖެހޭނެކަން ނަބިއްޔާ ޞައްލަﷲ ޢަލައި ވަސައްލަމްގެ ސުންނަތުން ސާބިތުވެއެވެ.

ވީމާ މެދުމިނުގެ ޙުއްޖަތަކަށް ކީރިތި ޤުރުއާނުގެ މޫރިތި އާޔަތްތަކުން ދަލީލު ދައްކަމުން އަމަށުން ތިބެ ބޮޑެތި އޯޑިއަންސްތައް ކުރިމަތީ ތިޔަ ހަދާ ބުހުތާން ދޮގު މިއަދު ދިވެހި ރައްޔިތުން ބަލައެއް ނުގަންނާނެއެވެ.

އިސްލާމް ދީން އައީ އެއްމެ ފުރިހަމަ ފަރާތުންނެވެ. އަދި އެދީނަކީ އެންމެ ފުރިހަމަ ދީނެވެ. ތާއީދު ކުރާނެ އިތުރު މެދުމިނެއް އެދީނުގައި ނެތެވެ. މެދުމިނަށް ތާއީދު ކުރާކަމަށް ބުނެ ނަމާދު ނުކޮށް ތިބެގެން، ބޮޑެތި އަންހެނުން އައުރަނިވާ ނުކޮށް  ތިބެ، އަންހެން ފިރިހެން އެކީތިބެ ލަވަކިޔާ ނަށާ އަދި މާތްވެގެންވާ އިސްލާމް ދީނަށާއި އެދީނުގެ އަހުލުވެރިންގެ "އިމްތިޔާޒަށް" އަރައިގަނެ، މިފަދަ މީހުން ދަޢުވާ ކުރާ މި މެދުމިނަކީ ކޮބައިކަމާ މެދު ސުވާލު އުފެދެއެވެ.

އާދޭހެވެ! ޤުރއާނުގައިވާ ކޮންމެ ކަމަކީ މި ދީނުގެ މިނެވެ. އަދި މާތް ނަބިއްޔާ ޞައްލަﷲ ޢަލައި ވަސައްލަމްގެ ސުންނަތުގައިވާ ކޮންމެ ކަމަކީ އެއީ މިދީން ގެނެސްދިން މިނެވެ. ކަށަވަރު އަޅައި ކޮށައި މަށައި ހަދާނެ މެދުމިނެއް ދިގުމިނެއް ކުރުމިނެއް މި އިސްލާމް ދީނުގައި ނުމެނެތްމެވެ.

މި ދީން ﷲތަޢާލާ ޝަރުޢު ކުރެއްވެވީ އެންމެ ލުއިފަސޭހަ މިނަށެވެ. ދެން މީގެ ތެރެއިން އިތުރު މިނެއް ހޯދަން އުޅުމަކީ މި މަތިވެރި އިސްލާމް ދީނާއި މިދީނުގެ ފުރިހަމަ ޝަރީޢަތް ކަމުނުގޮސްގެން އެހެން ކޮންމެވެސް ދީނެއް ނުވަތަ ޝަރީޢަތެއް ނުވަތަ އެހެން ގޮތަކަށް އެމީހުންގެ އުޅުމާއި ގުޅުން ބައްޓަންކުރަން އުޅޭކަމުގެ ހެއްކެކެވެ.

 


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި