Noorul-islam.NET :: އޭމަގޭ އަޚާއެވެ! ހަނދާންކުރާށެވެ!
އޭމަގޭ އަޚާއެވެ! ހަނދާންކުރާށެވެ!
Category »  މުޖުތަމަޢު

ތާރީޚް: 5 ޖެނުއަރީ 2012

ލިޔުއްވީ : ފަޟީލަތުއްޝައިޚް އިލްޔާސް ޙުސެއިން

އޭމަގޭ އަޚާއެވެ! ތިބާ މާތްﷲއަށް އުރެދުމުގެ ކުރީން ތިބާގެ މައްޗަށްވާ އެއިލާހުގެ ގިނަގުނަ نِعمَةތައް ހަނދާންކުރާށެވެ. ތިބާ ނެތުމުގެ ތެރެއިން ވުޖޫދަށް ގެންނަވާ އެންމެހާ  نِعمَةތައް ފުރިހަމަކުރެއްވީ އެއިލާހެވެ. މާތްﷲގެ މިވަޙީބަސްފުޅު އަޑުއަހާށެވެ. ( يَأَيُّهَا الإنْسَانُ مَا غَرَّكَ بِرَبِّكَ الْكَرِيْمِ * اَلَّذِىْ خَلَقَكَ فَسَوَّاكَ فَعَدَلَكَ) (الإنفطار6-7)  މާނައީ: " އޭއިންސާނާއެވެ! ތިބާހައްދަވާގެންގުޅުއްވާ އިލާހާމެދު ތިބާ ހެއްލުންތެރިކުޅައީ ކޮންއެއްޗެއް ހެއްޔެވެ. އެއިލާހީ ތިބާ ހައްދަވައި، އަދިތިބާގެ ގުނަންތައް ފުރިހަމަ ކުރައްވައި، އިސްކޮޅާ ރޫފަ ގުޅޭގޮތަށް ލެއްވި އިލާހެވެ." އަދިވެސް މާތްﷲ ވަޙީކުރައްވާފައިވެއެވެ. (وَإِنْ تَعُدُّوا نِعْمَتَ اللَّهِ لا تُحْصُوهَا إِنَّ الْأِنْسَانَ لَظَلُومٌ كَفَّارٌ) (ابراهيم34) މާނައީ: " ﷲގެ نِعمَةތައް ތިޔަބައިމީހުން ގުނާނަމަ، ތިޔަބައިމީހުންނަކަށް އެنِعمَةތައް ޢަދަދެއް ނުކުރެވޭނެއެވެ. ހަމަކަށަވަރުން އިންސާނާއީ، އަނިޔާވެރިވުން ބޮޑު، ޝުކުރުކުރުން ނެތްމީހެކެވެ." ވީމާ އޭމަގޭ އަޚާއެވެ! ތިބާ މާތްﷲގެ نِعمَةތަކަށް ކުފުރުވެރިވަނީ ކީއްވެހެއްޔެވެ؟ އަދި ތިބާގެ މައްޗަށްވާ އެއިލާހުގެ ފަޟްލުވަންތަވެރިކަމާއި، ދަރުމަވަންތަވެރިކަމަށް އިންކާރުކުރަނީ ކީއްވެހެއްޔެވެ؟ ތިބާ އެއިލާހުގެ ކޯފާއަށް ބިރު ނުގަންނަނީ ފަހެ ކީއްވެހެއްޔެވެ؟ އެއިލާހު نِعمَةތައް ދެއްވިފަދައިން އެ نِعمَةތައް ގެންދިއުމަށްވެސް ކުޅަދުންވަންތައެވެ. ﷲދެއްވި نِعمَة ތަކަށް ޝުކުރުވެރިވުމުގެ ބަދަލުގައި ކުފުރުވެރިވުމަކީ އެ نِعمَة ތައް ހިތާމައަށް ބަދަލުވެ، ސަޒާލިބިގެންދާނެ ކަމަކެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ. (ذَالِكَ جَزَيْنَــهُمْ بِمَا كَفَرُوْا وَهَلْ نُجَــــزِى اِلاَّ الكَفُوْرُ ) (سبأ: 17) މާނައީ: " އެޖަޒާ އެއުރެންނަށް ތިމަންއިލާހު ދެއްވީ، އެއުރެން ކާފިރުވުމުގެ ސަބަބުންނެވެ. ކާފިރުވާމީހުންނަށް މެނުވީ، ތިމަންއިލާހު އެފަދަ ޖަޒާ ދެއްވުމުހެއްޔެވެ."

އޭމަގޭ އަޚާއެވެ!  އޭ ﷲ އަށް އުރެދޭމީހާއެވެ، ހަނދާންކުރާށެވެ. ތިބާއުރެދެނީ ﷲގެ ވެރިކަމުގައެވެ. އެއިލާހުގެ ބިންމަތީގައެވެ. އެއިލާހުގެ އުޑުގެ ހިޔާވަހިކަމުދަށުގައެވެ. ފަހެ މީހަކު ތިބާގެ ގޭތެރޭގައި، ނުވަތަ ބާރުހިނގާތަނެއްގައި، ތިބާއަށް ނުކިޔަމަންތެރިވުމަށް ރުހޭނަންހެއްޔެވެ؟ ﷲ އެއިލާހުގެ ރަޙްމަތުން ތިބާދުރުކޮށް، އެއިލާހުގެ ފާފަފުއްސެވުމުން، މަޙްރޫމު ކުރައްވާފާނެކަމަށް ބިރުނުގަންނަނީހެއްޔެވެ؟ ވިސްނާށެވެ.

އޭމަގޭ އަޚާއެވެ!  މާތްﷲއީ عُقُوبَات ގަދަފަދަވެގެންވާ، އަދި ބަދަލުހިއްޕެވުމުގެވެރި، އިލާހުކަން ހަނދާންކުރާށެވެ. އިސްވެދިޔަ އުއްމަތްތަކުގެ މީހުން ހަލާކުކުރެވުނީ، އެބައިމީހުން ﷲގެ އަމުރުފުޅުތަކާއި، ޚިލާފުވެ އެއިލާހުގެ އިންތައް ފަހަނައަޅާދިއުމުންނެވެ. ﷲ ނަޙީކުރެއްވިކަންތައްކުރަމުން، އެއިލާހުގެ ރަޙްމަތަށް އެދުމަކީ މޮޔަކަމަކެވެ. ޅެންވެރިޔަކުވެސް ވިދާޅުވެފައިވެއެވެ.

تَرجُوا النجاةَوَلَمْ تَسْلُكْ مَسَالِكَهاَ * انَّ السَّفِينَةَلاَتَجْرِى عَلَى اليَبَسِ

" ކާމިޔާބު ބޭނުންވާޙާލު ތިބާ ކާމިޔާބުގެ މަގުގައި ނުހިގައެވެ. ހަމަކަށަވަރުން ކަނޑުގެ އުޅަދުތައް އެއްގަމުގައި ނުދުވާނެއެވެ."  ކިޔަމަންތެރި މީހުންނާއި ނުކިޔަމަންތެރި މީހުން ﷲގެ ޙަޟްރަތުގައި ހަމަހަމަ ވެގެންނުވެއެވެ. އަދި އެއީ އިންޞާފުވެރިގޮތެއްވެސްނޫނެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ. (أَمْ حَسِبَ الَّذِينَ اجْتَرَحُوا السَّيِّئَاتِ أَنْ نَجْعَلَهُمْ كَالَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ سَوَاءً مَحْيَاهُمْ وَمَمَاتُهُمْ سَاءَ مَا يَحْكُمُونَ) (الجاثـية:21) މާނައީ: " ނުބައިކަންތައްކުރި މީހުން އީމާންވެ صالح عمل ތައްކުރި މީހުންނާއެއްފަދަ ކަމުގައި ތިމަންއިލާހު ލައްވާނެކަމަށާއި، އަދި އެއުރެންގެ ތިރިތިބުމާއި މަރުވުން ހަމަހަމަވެގެންވާކަމަށް އެއުރެން ހީކުރީހެއްޔެވެ؟ އެއުރެންކުރާ ޙުކުމް ހާދަހާ ނުބައިވެގެން ވެއެވެ."

އޭމަގޭ އަޚާއެވެ!  ތިބާގެ ގުނަވަންތައް ތިބާއާއި އިދިކޮޅަށް ހެކިދޭދުވަސް ހަނދާންކުރާށެވެ، އެދުވަހުން ތިބާ ފިލަންދާނީ ކޮންތަނަކަށްހެއްޔެވެ؟ ވިސްނާށެވެ! މިއަދު އެގުނަވަންތަކުގެ އުފަލައްޓަކާއި މާތްﷲއަށް އުރެދުނީއެވެ. މާދަމާ އެގުނަވަންތައް ތިބާއާއި އިދިކޮޅަށް ހެކިދޭނެއެވެ. އަދި ފާފަތައްކުރި ތަންތަންވެސް ތިބާއާއި އިދިކޮޅަށް ހެކިދޭނެކަން ހަނދާންކުރާށެވެ. ތިބާއާއި ވަކިނުވާ ދެމަލާއިކަތުން އަބަދުވެސްވާކަން ހަނދާންކުރާށެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ. (يَعْلَمُونَ مَا تَفْعَلُونَ ) (انفطار: 12) މާނައީ: " ތިޔަބައިމީހުން ކުރާ ކަންތައް އެމަލާއިކަތުން ދެނެވަޑައިގެންވެއެވެ." ސަލާމާތްވާންދާނީ ފަހެ ކޮންތަނަކަށްހެއްޔެވެ؟ އޭމަގޭ އަޚާއެވެ ވިސްނާށެވެ.

އޭމަގޭ އަޚާއެވެ!  ތިބާ މިދުނިޔެމަތީގައި ކުރިކަންތައް ލިޔެވިފައިވާފޮތާއިމެދު ވިސްނާލާށެވެ. ތިބާވަނީ އެކަންތައް ކޮށްފަ އެކަން ހަނދާންނައްތާލާފައެވެ. ނަމަވެސް މާތްﷲ ވަނީ އެހުރިހާކަމެއް ފޮތެއްގައި ލިއުއްވާފައެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ. (أَحْصَاهُ اللهُ فَنَسُوْهُ ) (المجادلة:6) މާނައީ:" ﷲ އެކަންތައް ހިމަނުއްވައި ލިއުއްވިއެވެ. އަދި އެއުރެން އެކަންތައްތައް ހަނދާން ނައްތައިލިއެވެ." މިއަދު ތިބާ ބުނާކޮންމެ ބަހެއް އަދި ކުރާކޮންމެ ކަމެއް ފޮތެއްގައިލިޔެވި މާދަމާ ޤިޔާމަތްދުވަހުން ތިބާ އެކަން ދެކޭނެއެވެ. އެދުވަހުން އެކަންތައް ފެނުމުން  ކުރާހިތާމަޔަކުން ފާއިދާއެއް ނުކުރާނެއެވެ. ވަގުތުވާނީ ފާއިތުވެފައެވެ.

އޭމަގޭ އަޚާއެވެ!  މާތްﷲ އަޅުންގެ ކަންތަކާއި މެދު އިހުމާލުވެ ވޮޑިނުގަންނަވައެވެ. ނަމަވެސް އަޅުންނަށް މުހުލަތުދެއްވާ ދޫދެއްވައެވެ. ވީމާ ﷲ ފުރިހަމަ ޞިއްޙަތާއި ޢާފިޔަތުގެ نِعمَة ދެއްވީމާ އެއިލާހަށް އުރެދޭމީހުންގެ ތެރެއިން ތިބާނުވާށެވެ. މާތްﷲއަށް އުރެދޭމީހެއްގެ ކިބައިން ތަނަވަސްކަންފެނުމުން އެއީ ކާމިޔާބީއެއްކަމުގައި ނުދެކޭށެވެ. އެއީ އޭނާއަށް ނޭނގޭގޮތަށް ލަސްލަހުން ދެވޭ ސަޒާއެކެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ. (سَنَسْتَدْرِجِهُمْ مِنْ حِيْثُ لاَيَعْلَمُوْنَ وَأُمْلِى لَهُمْ إِنَّ كَيْدِى مَتِيْنٌ) (الأعراف:182-183) މާނައީ: " އެއުރެންނަށް ނޭގޭގޮތަށް ލަސްލަހުން. عَذَابُ ގެ ތެރެއަށް ތިމަންއިލާހު އެއުރެން ގެންދަވާހުށީމެވެ. އަދި އެއުރެންނަށް ތިމަންއިލާހު ލަސްކުރައްވަމެވެ. ހަމަކަށަވަރުން، ތިމަންއިލާހުގެ ރޭއްވެވުން ގަދަފަދަވެގެންވެއެވެ."

އޭމަގޭ އަޚާއެވެ!  މަރާ އެއިގެ ވޭނާއި، ކަށްވަޅާ އެތާނގެ އަނދިރިކަމާއި، ޞިރާޠުމަގާ އެއިގެ ހަނިކަން، ހަނދާންކުރާށެވެ. އަދި ޤިޔާމަތްދުވަހުގެ ނުރަތްކާތެރިކަމާއި ސުންޕާކަން ހިތްމައްޗަށް ގެނަސްގަންނާށެވެ. އެދުވަހުން ނަބީބޭކަލުންވެސް ވިދާޅުވަމުންގެންދަވާނީ، نَفْسِى نَفْسِى މިހެންނެވެ. ދެން ތިބާގެ ހާލާމެދުވިސްނާށެވެ. އެދުވަހުގެ ނުރައްކަލުން ސަލާމަތްވުމައްޓަކާއި މިއަދު ﷲގެ އަމުރުފުޅުތަކަށް ތަބާވެ އެއިލާހު ނަހީކުރެއްވި އެންމެހާ ކަންތަކުން ދުރުވެގަންނާށެވެ. އެދުވަހުގެ ނުރައްކަލުން ސަލަމަތްވުމައްޓަކައިވަނީ، ދުނިޔޭގެ މިކުޑަކުޑަ ވަގުތުކޮޅެވެ. މިވަގުތުގެ ބޭނުން ހެއުގޮތުގައި ހިފާށެވެ.

އޭމަގޭ އަޚާއެވެ!  އޭ ﷲ އަށް އުރެދޭމީހާއެވެ، މާތްﷲ ތިބާ ހައްދަވާފައިވަނީ ވަރަށް މާތް މަތިވެރި މަޤްޞަދަކަށްޓަކައެވެ. ބޭކާރުގޮތެއްގައެއްނޫނެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ. (أَفَحَسِبْتُمْ أَنَّمَا خَلَقْنَاكُمْ عَبَثًا وَأَنَّكُمْ إلَيْنَا لاَتُرْجَعُوْنَ) (مُؤمنُون:115) މާނައީ: " ހަމަކަށަވަރުން، ތިމަންއިލާހު ތިޔަބައިމީހުން ހެއްދެވީ، ބޭކާރުގޮތުގައިކަމަށާއި، އަދި ތިޔަބައިމީހުން  ތިމަންއިލާހުގެ ޙަޟްރަތަށް ރުޖޫޢަނުކުރައްވާނޭކަމަށް ތިޔަބައިމީހުން ފަހެ ހީކުޅައީ ހެއްޔެވެ." އިންސާނުން ހެއްދެވި އަސްލު މަޤްޞަދު ބަޔާންކުރައްވައި މާތްﷲ ވަޙީކުރައްވާފައިވެއެވެ. (وَمَا خَلَقْتُ الْجِنَّ وَالإِنْسَ إِلاَّ لِيَعْبُدُوْنَ) (الذاريات: 56) މާނައީ: " ތިމަންއިލާހަށް އަޅުކަންކުރުމަށް މެނުވީ، ތިމަންއިލާހު ޖިންނީންނާއި، އިންސީންނެއް ނަހައްދަވަމެވެ. އޭމަގޭ އަޚާއެވެ! މާތްﷲ ވަނީ ތިބާ ނެތުމުގެތެރެއިން ވުޖޫދައް ގެންނަވާ އިވުމާއި ފެނުމާއި ވިސްނުމުގެ މަތިވެރި نِعمَة ދެއްވާފައެވެ. އަދި ވަގުތާއި ފުރިހަމަ ޞިއްޙަތްވެސް ދެއްވަވާފައެވެ. މި نِعمَةތަށް އެއިލާހަށް އުރެދުމުގައި ހޭދަކޮށް ތިމާގެ އާޚިރަތް ބަރުބާދު ނުކުރާށެވެ. މިއަދު މި نِعمَةތަށް ހެއުގޮތުގައި ހޭދަ ނުކޮށްފިނަމަ، މާދަމާ ހިތާމަކުރަން ޖެހޭނެއެވެ. ނަމަވެސް އެދުވަހުން ފާއިތުވެދިޔަ ދުވަސްތަކާމެދު ހިތާމަކުރުމަކުން ފާއިދާއެއް ނުކުރާނެއެވެ. ނިކަން މާތްﷲގެ މިވަޙީބަސްފުޅު ހަނދާން ކުރާށެވެ. (حَتَّى إِذَا جَاءَ أَحَدَهُمُ الْمَوْتُ قَالَ رَبِّ ارْجِعُوْنَ ) (المؤمنون:99) މާނައީ:" އެއުރެންކުރެ މީހެއްގެ ގާތަށް މަރު އަތުވެއްޖެއުމަށް ދާންދެނެވެ. އެހިނދު އޭނާ ބުނާނެއެވެ. އަޅުގެ ވެރިއިލާހެވެ! ތިމަންއަޅާ އަލުން އަނބުރައި(ދުނިޔެއަށް) ފޮނުއްވާނދޭވެ! " އޭމަގޭ އަޚާއެވެ. ވިސްނާށެވެ ޣާފިލުވެ ނުހުންނާށެވެ. މިދުނިޔޭއަކީ ވަގުތީ ތަނަކެވެ. މިވަގުތީ ތަނައްޓަކައި ތިމަންނަގެ އާޚިރަތް ބަރުބާދުނުކުރާށެވެ. ވަގުތު ފާއިތުވުމުގެ ކުރީން ވިސްނާށެވެ.

އޭމަގޭ އަޚާއެވެ!  ﷲރުހިވޮޑިގަންނަވާ އެއިލާހުގެ އިޚްލާޞްތެރި އަޅުންގެ ތެރޭގައި ވާން ބޭނުންހެއްޔެވެ؟ އެއިރުން އިލާހީ نِعمَة ތަނަވަސްވެ އެއިލާހުގެ ރުހިވޮޑިގަތުންލިބި ސުވަރުގެއަށްދާނެ މަގު ތަނަވަސްވެގެންދާނެއެވެ. ނުވަތަ ބޭނުންވަނީ شَيطَانُންގެ އަޢުވާނުންގެ ތެރޭގައި ވާންހެއްޔެވެ؟ އެއިރުން އިލާހީ ރަޙްމަތުން މަޙްރޫމުވެ ނިކަމެތިހާލުގައި ޢަޒާބުގެ ގޮވައްޗަށް ހުށަހެޅޭނެއެވެ. އިޚްތިޔާރުކުރާނެ ގޮތަކާމެދު ވިސްނާށެވެ. ވަގުތު ފާއިތުވަނީއެވެ.

އޭމަގޭ އަޚާއެވެ!  ސުވަރުގޭގެ މަގުވަނީ ހިތްނުރުހޭ ކަންތަކުން ފުރިބާރުވެފައެވެ. ތިބާ ސުވަރުގެދާން ބޭނުންހެއްޔެވެ؟ އެތާނގައިވަނީ ހިތްހަމަޖެހުމާއި އުފާވެރިކަމެވެ. ނިމުމެއްނުވާ نِعمَة ތަކަކެވެ. އެތަނަށް ދެވޭނީ ފާފަތަކުން ސަލާމަތްވެ އިލާހީ ރުހިވޮޑިގަތުން ލިބުނު މީހަކަށެވެ. ފާފަތައް ކުރަމުން އިލާހީ ރަޙްމަތައް ތިބާ އެދޭނަމަ، އާދަމުގެފާނު ސުވަރުގެއިން ނެރެވުނު ސަބަބުހަނދާންކުރާށެވެ. އެއީ އެއްމެ ކުށަކެވެ. ތިބާ ތިދަނީ ފާފައަކަށްފަހު ފާފައެއްކުރަމުންނެވެ. ތިބާގެ ހާލަތާމެދު ފުންކޮށް ވިސްނާށެވެ. رسول الله صلى الله عليه وسلم حديث ކުރައްވާފައިވެއެވެ. حُفَّتِ الجنَّةُ بِالمَكَارِهِ وَحُفَّتِ النَّارُ بِالشَّهَوَاتِ. (رواه مسلم) " ސުވަރުގެވަށާލެވިފައިވަނީ ހިތްނުރުހޭކަންތައްތަކެވެ. އަދި ނަރަކަ ވަށާލެވިފައިވަނީ ހިތްރުހޭ ކަންތައްތަކެވެ."

އޭމަގޭ އަޚާއެވެ!  ތިބާ ތައުބާވެ ﷲގެ ޙަޟްރަތައް އެނބުރި ރުޖޫޢަވުމުގެ ވަގުތު މިވަނީ ޖެހިފައެވެ. އަދި ތިބާ ﷲގެ އަމުރުފުޅުތަކަށް ފުރިހަމަގޮތުގައި ކިޔަމަންތެރިވާށެވެ. އެއިރުން ތިބާއަށް ދެދުނިޔޭގެ  ބާއްޖަވެރިކަން ލިބޭނެއެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ. (أَلَمْ يَأْنِ لِلَّذِيْنَ آمَنُوا أَنْ تَخْشَعَ قُلُوْبُهُمْ لِذِكْرِ اللهِ وَمَا نَزَلِ مِنَ الْحَقِّ) (االحديد: 16) މާނައީ: " ﷲ ހަނދުމަކުރުމަށާއި، حَقُّ ބަސްފުޅުގެ ތެރެއިން ބާވައިލެއްވި ފޮތަށް އެބައިމީހުންގެ ހިތްތައް މަޑުމައިތިރިވުމުގެ ވަގުތު ނާންނަނީހެއްޔެވެ." މާތްﷲ އަހަރަމެން އެއްމެންވެސް ނަރަކައިން ސަލާމަތްކުރައްވައި، ސުވަރުގެވަންތަވެރީންކަމުގައި ލައްވާށިއެވެ އާމީން.


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި