Noorul-islam.NET :: އަނިޔާވެރި ވެރިކަމެއްގެ ނިމުން
އަނިޔާވެރި ވެރިކަމެއްގެ ނިމުން
Category »  މުޖުތަމަޢު

ތާރީޚް: 2 ޖެނުއަރީ 2012

ލިޔުއްވީ : ފަޟީލަތުއްޝައިޚް އާދަމް ނަސީމް (ބީއޭ)

 

ފިރުޢައުނުންނަކީ މިޞްރުގައި ދިގު ޒަމާނެއްވަންދެން އަނިޔާވެރި ވެރިކަމެއް ހިންގި ޖައްބާރުންތަކެކެވެ. މޫސާޢަލައިހިއްސަލާމުގެ ޒަމާނުގައި އުޅުނު ފިރްޢައުނު އެބައިމީހުންގެ ތެރޭގައި ހިމެނެއެވެ. ހަނދާން އާކޮށްލަން ބޭނުންވަނީ އަނިޔާވެރި ޖައްބާރަކަށްވެސް ވެރިކަމުގައި ދެމިހުރެވިދާނެ ކަމެވެ. އެކަމަކު ނިމުން އަންނަނީ ނޭނގިހުއްޓައި ހަމަކުއްލިއަކަށެވެ. އެހެންކަމުން، އަނިޔާވެރި ވެރިކަމާ އިދިކޮޅަށް ރޭވިގެން އަންނަ ކަންތައްތަކަކުން ވަގުތީ ގޮތުން ސަލާމަތްވުމަކީ އެކަމާމެދު ފަޚްރުވެރިވާންވި ކަމެއްނޫނެވެ. ލިބުނު ނަޞްރެއްކަމަށް ބަލަންވީ ކަމެއްނޫނެވެ. އަނިޔާވެރި ވެރިކަމެއްގެ ނިމުން ވެގެންދާނީ ހިތި އެއްޗަކަށެވެ. ﷲ އެދިވޮޑިގެންފި މުއްދަތަކަށް އެބަޔަކަށް ވެރިކަމުގައި ދެމިތިބެވި ދާނެއެވެ.

ދިގުމުއްދަތެއްކަމުގައި އަޅުގަނޑުމެން ދެކޭ މުއްދަތަކީ އާޚިރަތާއި އަޅާ ބަލާއިރު ހިނދުކޮޅެކެވެ. އެހެންކަމުން ފަޚްރުވެރިވުމަކީ ނުބައިކަން ބޮޑުވެގެންވާ ސިފައެކެވެ. ކޮންމެއަކަސް ފިރްޢައުނު ބާގައިގެ މީހުން ވެރިކަން ގެއްލިދާނެތީ ވެރިކަން ދިފާޢު ކުރުމުގެ ގޮތުން އަނިޔާކުރުމުގައި ހައްދުފަހަނަ އަޅައި ދިޔައެވެ. ވެރިކަމުގައި ނިމުމުގެ ސިއްކަ ޖެހޭނީ ބަނޫއިސްރާއިލްގެ ބޭކަލެއްގެ އަތްޕުޅުމަތީގައިކަން އެނގުމުން އެބައިމީހުންގެ ތެރޭގައި އުފަންވާ ފިރިހެންކުދިން މަރަން ފަށައިފިއެވެ. އަނިޔާވެރިވުމުގައި އިންތިހާއަށް ދިޔައީއެވެ. ވެރިކަން ދެމެހެއްޓުމަށްޓަކައެވެ.

ދުވަސްތައް ފާއިތުވެގެން ދިޔަދިޔަހެން ބަނޫއިސްރާއިލުންގެ ތެރޭގައި ފިރިހެނުން މަދުވާން ފަށައިފިއެވެ. މަސްއަލާއަކަށް ވެއްޖެއެވެ. އެހެނީ އެބައިމީހުންނަކީ ދަނޑުވެރިންނެވެ. އެހެންކަމުން ސިޔާސަތު ބަދަލު ކޮށްލައިފިއެވެ. ކޮންމެ އަހަރެއްގެ ބަދަލުގައި ދެއަހަރުން އެއްއަހަރު ފިރިހެން ކުދިން މަރާގޮތަށް ހަމަޖައްސައިފިއެވެ. ހާރޫނުއަލައިހިއްސަލާމް އުފަންވެވަޑައިގަތީ ކުދިން ނުމަރާ އަހަރުގައެވެ. މޫސާއަލައިހިއްސަލާމް އުފަންވެވަޑައިގަތީ ކުދިންމަރާ އަހަރުގައެވެ. ޤަތުލު ޢާއްމު ހިންގާ އަހަރުގައެވެ. އެކަމަކު މޫސާއަލައިހިއްސަލާމް ބޮޑުފުޅުވީ ފިރުޢައުނުގެ ގަނޑުވަރުގައެވެ. އޭނާގެ ބެލުމުގެ ދަށުންނެވެ. ﷲގެ ކުޅަދުންވަންތަކަމާއެވެ! އަނިޔާވެރިންނަށް ހުރި ހަލާކެއްގެ ބޮޑުކަމާއެވެ.

ކޮންމެއަކަސް ހިނގިކަންތައްތަކެއް ހިނގައި ނިމިއްޖެއެވެ. މޫސާގެފާނާއި ހާރޫނުގެފާނާއި ދެބޭކަލުން ފިރުޢައުނުގެ ގާތަށް ރަސޫލުކަމާއިގެން ފޮނުއްވިއްޖެއެވެ. އަދި ފިރުޢައުނު އެދެބޭކަލުންގެ ރަސޫލުކަން ދޮގުކޮށްފޫއެވެ. އަދި އޭނާ ބަނޫއިސްރާއީލުންނަށް އަނިޔާކުރުމުގައި ދެމިހުރެއްޖެއެވެ.

ފިރްޢައުނާއި އޭނާއާ ތަބާވެގެން އުޅުނު މީސްތަކުންގެ ކިބައިން ކީރިތިވަންތަﷲ ބަދަލުހިއްޕަވައި ކަނޑުލައްވައި ޣަރަގުކުރެއްވުމުގެ ކުރީގައި އެބައިމީހުން އިސްލާޙުވުމުގެ ފުރުޞަތުދެއްވިއެވެ. ތަފާތު ޢިމްތިހާނުތައް ކުރިމަތިކުރެއްވިއެވެ. ތަފާތު ބާވަތްބާވަތުގެ މުޞީބާތްތަކާއި އެބައިމީހުން ކުރިމަތިލާން ޖެހުނެވެ. އޭގެތެރެއިން އެއްކަމަކީ ފެންބޮޑުވުމުގެ ތޫފާނެވެ. މިތޫފާނުގެ ސަބަބުން ދަނޑުވެރިކަމަށް އަސަރުކޮށްފިއެވެ. ގޭގެއަށް ފެންވަދެ ދިރިއުޅުން ދަތިވެއްޖެއެވެ. ގެރިބަކަރި ޖަނަވާރުތައް މަރުވާން ފަށައިފިއެވެ. ގޮވާންކުރުމުގެ ދަނޑުތައް ހަލާކުވެއްޖެއެވެ.މީސްތަކުން ހާސްވެއްޖެއެވެ. އެންމެފަހުން މުސާގެފާނުގެ އަރިހަށްގޮސް ދުޢާކޮށްދެއްވުމަށް އެދި ދަންނަވައިފިއެވެ. ތިމަންމެންގެ ކިބައިން މިއަޛާބު ފިއްލަވައިފިނަމަ ކަލޭގެފާނަށް އީމާންވާނޫއޭ ދަންނަވައިފިއެވެ. ފަހެ، އެކަލޭގެފާނު ދުޢާފުޅުކުރެއްވުމުން އެބައިމީހުންގެ ކިބައިން ﷲ އެއަޛާބު ފިއްލަވައި ދެއްވިއެވެ. އަދި އިހުނަށްވުރެ މާތިޔާގި ދުވަސްވަރެއް އެބައިމިހުންނަށް ދައްކަވައިފިއެވެ. ގޮވާމުގެ ދަނޑުތަކާއި ހުއިހައްޕާދަނޑުތައް އާރޯކަމާއެކު ހެދިގެންފިއެވެ.

އެބައިމީހުނަށް ދެން ކުރިމަތިވީ ތިޔާގިކަމާއި އުފާވެރިދުވަސްވަރެކެވެ. އެބައިމީހުންނަށް މީގެކުރީގައި ކުރިމަތިވި ތުފާނަކީ އެބައިމިހުންނަށް ލިބުނުބޮޑު ނިޢުމަތެއް ކަމުގައި ބުނަންފަށައިފިއެވެ. ބޮޑާވެގެންފިއެވެ. ފަޚްރުވެރިވާން ފަށައިގެންފިއެވެ. އެހެންކަމުން ވަކިމުއްދަތަކަށްފަހު، މާނުރައްކާތެރި މުޞީބާތަކާއި ކުރިމަތިލާންޖެހިއްޖެއެވެ. އެއީ ގޮށްފުޅަނގީގެ ވަބާއެކެވެ. މިފަހަރުވެސް ކަންތައްވެނިމިގެންދިޔައީ ކުރިފަހަރެކޭ އެއްގޮތަށެވެ. މިބައިމީހުން ހަލާކުކުރެއްވުމުގެ ކުރީގައި، މިފަދަ އެތައްގިނަ ޢިމްތިޙާނުތަކެއް ކުރިމަތިކުރެއްވިއެވެ. މުޞިބާތްތައް ޖެއްސެވިއެވެ. ކޮންމެފަހަރަކުވެސް ދުޢާކޮށްދެއްވުމަށް މޫސާގެފާނުގެ އަރިހުން އެބައިމީހުންއެދެއެވެ. އެކަލޭގެފާނު ދުޢާ ކުރެއްވުމުން އެބައިމީހުންގެ ކިބައިން ﷲ އެމުޞީބާތެއް ފިއްލަވައި ދެއްވައެވެ. އެކަމަކު އެހާރުން އެބައިމީހުން ބޮޑާވެގަންނަނީއެވެ. ފަޚްރުވެރިވެގަންނަނީއެވެ. ﷲ އަށް އިމާންނުވެ އަނިޔާވެރިކަމުގައި ދެމިތިބެނީއެވެ. އެހެންކަމުން އެބައިމިހުންގެކިބައިން ( ޔަޢުނީ: ފިރްޢައުނާއި އޭނާއާ ތަބާވެގެން އުޅުނު ލަޝްކަރުގެ ކިބައިން) ކަށަކުޅަދުންވަންތަ ﷲ، ބަދަލުހިއްޕެވިއެވެ. ކަނޑުލައްވައި ޣަރަޤުކުރެއްވީއެވެ.

ﷲ ގެ ވަޙީބަސްފުޅުގެ މާނައިގައި ވެއެވެ."ދެންތިމަންރަސްކަލާނގެ އެބައިމީހުންގެ ކިބައިން ބަދަލު ހިއްޕެވީމެވެ. އަދި ކަނޑުތެރެއަށް އެބައިމީހުން ޣަރަޤު ކުރެއްވީމެވެ. އެއީ ތިމަން ރަސްކަލާނގެ އާޔަތްތައް އެބައިމީހުން ދޮގުކޮށް، އެއާޔަތްތަކާމެދު ޣާފިލުވީ ކަމުގައި ވީކަމަށްޓަކައެވެ."(ސޫރަތުލް އަޢުރާފް:136).   

 

 


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި