Noorul-islam.NET :: ހުކުރުނަމާދު ކުރުމުގެ ކުރިން ސުންނަތް ނަމާދެއް ކުރުން

ހުކުރުނަމާދު ކުރުމުގެ ކުރިން ސުންނަތް ނަމާދެއް ކުރުން
Category »  ދީނީ ލިޔުން

ތާރީޚް: 27 ޑިސެމްބަރު 2011

ލިޔުއްވީ : މުޙައްމަދު ޢަފީފު (ނޫރުލްއިސްލާމް އެޑިޓޯރިއަލްބޯޑުގެ މެންބަރު)

ހަމަކަށަވަރުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހުކުރު ދުވަހު ބަންގީގެ ފަހުން (ހުކުރުނަމާދު ކުރެއްވުމުގެ ކުރިން) ސުއްނަތް އެއްވެސް ނަމާދެއްނުކުރަށްވައެވެ. ހަމަ އެފަދައިން އެކަލޭގެފާނުގެ ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ ޞަޙާބީންވެސް ނުކުރަށްވައެވެ.

އިމާމު އިބުނު ތައިމިޔާ މަޖުމޫޢުލް ފަތަވާގައި ވިދާޅުވެފައިވެއެވެ. "ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ހުކުރު ދުވަހު ބަންގީގެ ފަހުން، ހުކުރުނަމާދު ކުރެއްވުމުގެ ކުރިން ސުއްނަތް އެއްވެސް ނަމާދެއްނުކުރަށްވައެވެ. އަދި އެކަލޭގެފާނުގެ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަރިހުން މިކަން ރިވާވެގެންވެސް އައިސްފައި ނުވެއެވެ. ހަމަކަޝަވަރުން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޒަމާނުގައި، ހުކުރު ދުވަހު އެކަލޭގެފާނު މިންބަރުކޮޅުގައި އިށީދިވަޑައިގަތުމުން މެނުވީ ބަންގި ނުދެއްވައެވެ."

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޒަމާނުގައި ބަންގި ގޮވަނީ ބިލާލު ރަޟިޔަﷲ ޢަންހުއެވެ. އެއަށްފަހު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ދެ ޚުޠުބާ ކިޔުއްވައެވެ. ދެން ބިލާލުގެފާނު ޤަމަތް ދެއްވުމުން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް މީސްތަކުންނާއިގެން ހުކުރު ނަމާދު ކުރަށްވައެވެ.

އެހެންކަމުން ބަންގިއަށްފަހު ހުކުރުނަމާދު ކުރުމާ ދޭތެރޭ، އެކަލޭގެފާނުވެސް ޞައްލަ ﷲ ޢަލައިހި ވަސައްލަމް އަދި އެކަލޭގެފާނާއެކު ޖަމާޢަތުގައި ބައިވެރިވަޑައިގެންނެވި މުސްލިމުނަށްވެސް ސުއްނަތް ނަމާދެއް ކުރުމުގެ ފުރުޞަތެއްނެތެވެ.

އަދި އިބުނުލްޤައްޔިމު ޒާދުލްމަޢާދުގައި ވިދާޅުވެފައި ވެއެވެ. "ބިލާލުގެފާނު ބަންގިގޮވާ ނިމިވަޑައިގަތުމުން ޞަޙާބީން ތެދުވެވަޑައިގެން އަވަސްއަވަހަށް ދެރަކުޢަތް ކުރެއްވި ކަމަށް ހީކޮށްފި މީހަކީ ސުއްނަތް ނޭގޭ އެއްމެ ޖާހިލު މީހާއެވެ. ކުރިންވެސް ބަޔާންކުރެވުނު ފަދައިން ހުކުރު ނަމާދުގެ ކުރިން އެއްވެސް ސުއްނަތް ރަކުޢަތެއް ނުވެއެވެ."

މިއީ އިމާމު މާލިކުގެވެސް މަޒުހަބެވެ. އިމާމު އަޙުމަދުގެ ފަރާތުން ރިވާވެގެންވާ މަޝްހޫރު ގޮތްވެސް މެއެވެ. އަދި ޝާފިޢީ މަޒުހަބުގެ ޢިލްމުވެރިންގެވެސް ބަސްފުޅެއްވެސް މެއެވެ."

އެހެންކަމުން މަތީގައި ބަޔާންވެދިޔަ ރިވާޔަތްތަކާއި ޢިލްމުވެރިންގެ ބަސްފުޅުތަކަށް ބަލާއިރު ހުކުރު ނަމާދުގެ ކުރިން (ބަންގިއާއި ހުކުރު ނަމާދާއި ދެމެދު) ސުއްނަތް ވެގެންވާ "ހުކުރުގެ އިހު ސުއްނަތް" ކިޔާ ނަމާދެއް ނުވެއެވެ.

އަދި ބައެއް މުދިމުން " ހުކުރުގެ ކުރީ ސުއްނަތް ކުރާށޭ ތިމަންނަ އަށާއި ތިޔަބައި މީހުންނަށް ﷲ ރަޙުމަތް ލައްވާނޭ"

މިހެން ގޮވުމަކީ، ޝަރީޢަތާ ޚިލާފު ބިދުޢެކެވެ. އެކަމަކު އެފަދަ މީހުންނަށް ބުނެދިނުމުގައި މަޑުމައިތިރިކަމާއި ޙިކުމަތްތެރިކަމާއެކު ރިވެތި ގޮތް އިޚްތިޔާރު ކުރަންވާނެއެވެ. އަދި އެކަމަކީ ބިދުޢައެއް ކަމުންއެފަދަ މުދިމަކު އެހެން ގޮވިއަސް އެއަށް ތަބާވާކަށް ނުޖެހެއެވެ.

މަތީގައި ބަޔާންވެދިޔައީ، އިމާމު މީހާ މިންބަރަށް އެރުމަށް ފަހު ގޮވާލެވޭ ބަންގިއާއި ހުކުރު ނަމާދާއި ދެމެދު ސުއްނަތް ނަމާދެއް ވޭތޯ ނުވަތަ ނުވޭތޯ މިކަމާއި ބެހޭގޮތުން ޢިލްމުވެރިން ދައްކަވާފައި ހުރި ވާހަކަތަކެވެ.

އެހެން ނަމަވެސް ހުކުރު ދުވަހުގެ މެންދުރު  ފުރަތަމަ ގޮވާލެވޭ ބަނގިއަށްފަހު ސުއްނަތް ރަކުޢަތެއް ވޭތޯ ނުވަތަ ނުވޭތޯ ޢިލްމުވެރިންގެ މެދުގައި ވަނީ ޚިލާފު ވެފައެވެ.

އެގޮތުން ޙަނަފީ އަދި ޝާފިޢީ މަޒުހަބުގެ ޢިލްމުވެރިން ވިދާޅުވަނީ ފުރަތަމަ ބަންގިއަށް ފަހު ސުއްނަތް ނަމާދެއް ކުރުން ސުއްނަތް ވެގެންވާ ކަމަށެވެ. މިބޭކަލުންގެ މެދުގައި ކުރަންޖެހޭ ރަކުޢަތްތަކުގެ އަދަދާމެދު ވަނީ ޚިލާފުވެފައެވެ.

މާލިކީ މަޒުހަބުގެ ޢިލްމުވެރިން ވިދާޅުވަނީ މިސްކިތުގައި މަޑުކޮށްގެން ހުންނަ މީހާ ފުރަތަމަ ބަންގިއަށް ފަހުނ ސުއްނަތް ކުރުން މަކުރޫހަ ކަމަށެވެ.

ޙަންބަލީ މަޒުހަބުގެ ޢިލްމުވެރިން ވިދާޅުވަނީ ހުކުރުނަމާދުގެ ކުރިން ރަވާތިބު ސުއްނަތެއް ނުވެއެވެ. އެހެންނަމަވެސް ސުނަނަތް ދެރަކުޢަތް ނަމާދެއް  ނުވަތަ އެނޫންވެސް އަދަދެއް ކުރުން އެއްމެ ރަނގަޅުކަމަށެވެ. އަދި އެކަން ހުއްދަ ކަމަށެވެ. އެގޮތުން މުޠާލަބަތުލް އަވްލާ އައްނުހާގައި ވިދާޅުވެފައި ވެއެވެ.  (ހުކުރުނަމާދުގެ ކުރިން ރަވާތިބު ސުއްނަތެއް ނައްޞުން ސާބިތުވެފައެއް ނުވެއެވެ. އެހެންނަމަވެސް ހަތަރު ރަކުޢަތް ކުރުން ސުންނަތްވެގެންވެއެވެ.)

އެއީ އިބުނު މާޖާގެ އަރިހުން ރިވާ ވެގެންވާ މިޙަދީސުފުޅަށް ބުރަވެއެވެ. ((كَانَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ " يَرْكَعُ قَبْلَ الْجُمُعَةِ أَرْبَعًا )) = ضعيف ابن ماجه = "ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ހުކުރު ނަމާދުގެ ކުރިން ހަތަރު ރަކުޢަތް ކުރައްވައެވެ." އިބުނު ރަޖަބު ވަނީ " ހުކުރުނަމާދުގެ ކުރިން ކުރާ ސުއްނަތް ނަމާދަކީ ބިދުޢައެއް ކަމަށް ބުނާ ބުނުން ނަފީކުރުން" މިމަވްޟޫޢަށް ފޮތެއްވެސް ލިޔުއްވާފައެވެ.

ވީމާ ދަލީލުތަކުގެ މައްޗަށް ރިޢާޔަތްކޮށް ބަލާއިރު މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސަލަމްގެ ސުންނަތުން ކަނޑައެޅިގެން ހުކުރުނަމާދު އިހު ސުންނަތެއް ސާބިތުވެފައެއް ނެތެވެ. އެހެންނަމަވެސް ސުންނަތް ނަމާދު ކުރަން ބޭނުންވާ މީހާ އެވަގުތުގައި ބޭނުން ޢަދަދަކަށް ސުންނަތް ނަމާދު ކުރުމަކުން މައްސަލައެއްނެތެވެ.


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި