Noorul-islam.NET :: މަރުވުމަށްފަހު ދެން އޮތީ ކަށްވަޅު...

މަރުވުމަށްފަހު ދެން އޮތީ ކަށްވަޅު...
Category »  ދީނީ ލިޔުން

ތާރީޚް: 12 ޑިސެމްބަރު 2011

ލިޔުއްވީ : ފާޠިމަތު ފަރުޒާނާ (ކުޑަކުދިންގެ ޞަފްޙާގެ ޑެޕިޔުޓީ އެޑިޓަރު)

އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކީ އެތަނަށް ދާންޖެހޭނެ މީހެއްކަން ކަށަވަރެވެ. އަދި އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކީ އެތަނުގައި ޙަޔާތުން ބައެއް ތަޖުރިބާ ކުރަން ޖެހޭނެ މީހެއްކަންވެސް ޔަގީނެވެ. އެތަނަކީ އެތަނަށް ނުގޮސް ފަރުނުޖެއްސޭނެ މީހެކެވެ.

އާދެ ކަށްވަޅެވެ. ކޮންމެ މީހަކަށް މިލްކުވާ 2 ފޫޓު 7 ފޫޓުގެ ގޯއްޗެވެ. އެތަނަކީ އަޅުގަނޑުމެންނޫން އެހެންމީހުނަށްޓަކައި އެތަން ތައްޔާރު ކުރެވިގެންވާ ފަދައިން އަޅުގަނޑުމެންނަށް ޓަކައިވެސް ތައްޔާރު ކުރެވިގެންވާ ވުޖޫބީ މަންޒިލެކެވެ. ވީމާ މިތަނުގެ ޙަޔާތާމެދު ވިސްނާ ފިކުރުކުރަން އަޅުގަނޑުމެން އެބަ ޖެހެއެވެ.

ލޮބުވެތި އަޚުންނާއި އުޚްތުންނެވެ. ތިބާ އެތަން ދުށިންތޯއެވެ؟ އެތަނުގެ އަނދިރިކަން ތަޖުރިބާ ކުރިންތޯއެވެ؟ ބިރުވެރިކަން ދުށިންތޯއެވެ؟ އެތަނުގެ ނުތަނަވަސްކަން ބުއްދިއަށް ގެނައިންތޯއެވެ؟ އެތަނުގެ ގަދަފަދަކަމާއި ވޭންދެނިވިކަން ތަޞައްވުރު ކުރިންތޯއެވެ؟

މިއިން އެއްވެސްކަމެއް އަޅުގަނޑުމެން ނުދެކެމެވެ. އެހެންނަމަވެސް މިތަނަށް އަޅުގަނޑުމެންގެ ގާތްމީހުންނާއި، ލޯބިވާމީހުންނާއި، ރަޙްމަތްތެރިންނާއި، ދަރީންނަށް ދާނދެން ގަނޑުވަރުތަކުން އެވަޅުގަނޑުތަކަށް، މި ދުނިޔޭގެ އަލިކަމުގެ ތެރެއިން އެތަނުގެ ބިރުވެރި އަނދިރިކަމުގެ ތެރެއަށް ދާކަމީ ކޮންމެ ދުވަހަކުހެން އަޅުގަނޑުމެން ލޮލުން ދެކޭ މަންޒަރެކެވެ. މިތަނާއި މިތަނުގެ ހަޔާތާ ދޭތެރޭ ވިސްނާލީ އަޅުގަނޑުމެންގެ ތެރެއިން ކޮން އަޚަކުތޯއެވެ؟ އަދި ކޮން އުޚްތަކުތޯއެވެ؟ ކާއެއްޗެތީގެ އުފަލާ އަރާމް ދޫކޮށް ވެއްޔާއި ޗަކަ އެއީ ތިމާގެ ކާތަކެތި ކަމަށް އެތަނުގައި ނޫވޭތޯއެވެ؟ ރައްޓެހިންގެ މަޖާލާއި ފޯރި، ބިރުވެރިކަމާއި އެކަނި ވެރިކަމަށް ބަދަލު ކޮއްލާ ތަނެއްކަމުގައި އެތަން ނުވޭތޯއެވެ؟

އޭ ﷲ އަޅުގަނޑުމެންގެ މި ވަޅުގަނޑަކީ ސުވަރުގޭގެ ބަގީޗާ ތަކުގެ ތެރެއިން ބަގީޗާއެއް ކަމުގައި ލައްވާންދޭވެ! އާމީން!

މިތަނާ މެދު ޢާފިލު ވީމީހުން މިއަދު ކޮބައިތޯއެވެ؟ އެބައިމީހުންގެ މުދާވެރިކަމާއި ފައިސާ ކޮބައިތޯ؟ އެބައި މީހުންގެ ޚާދިމުންނާއި އެމީހުންގެ އަޅުވެތި ކަމުގެ ދަށުގައި ތިބެން މަޖުބޫރުވީ މީހުން މިއަދު ކޮބައިތޯއެވެ؟ އެބައި މީހުން އެއްކުރި މުދަލާއި ބިނާކުރި ގަނޑުވަރުތައް އުފަލާއި އަރާމު މިއަދު ކޮބައިތޯއެވެ؟ ރެއާދުވާލު އެމީހުން މުދާ ހޯދުމުގައި، އަޅުކަމުން ޢާފިލުވެތިބެ ހޭދަކުރަމުން ދިޔަދުވަސްތަކާއި ވަގުތުތައް މިއަދު ކޮބައިތޯއެވެ؟ އެފަދަމީހުން އެ ގިޔާމަތް ދުވަހުން ބުނާނެއެވެ. ((حَتَّىٰ إِذَا جَاءَ أَحَدَهُمُ الْمَوْتُ قَالَ رَبِّ ارْجِعُونِ * لَعَلِّي أَعْمَلُ صَالِحًا فِيمَا تَرَكْتُ ۚ كَلَّا ۚ إِنَّهَا كَلِمَةٌ هُوَ قَائِلُهَا ۖ وَمِن وَرَائِهِم بَرْزَخٌ إِلَىٰ يَوْمِ يُبْعَثُونَ)) މާނައަކީ؛ " އެއުރެންކުރެ މީހެއްގެ ގާތަށް މަރު އަތުވެއްޖައުމަން ދާނދެނެވެ. އެހިނދު އޭނާ ބުނެތެވެ. އަޅުގެ ވެރިރަސްކަލާކޮ! ތިމަންއަޅާ (ދުނިޔޭގެ حياة އަށް) އަލުން އަނބުރައި ފޮނުއްވާނދޭވެ! (އެއީ) ތިމަންފަހަތަށް ދޫކުޅަ ކަންތަކުގައި صالح عمل ކުރުމުގެ އެދުމުގައެވެ. ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، އެއީ އޭނާ ބުނެލާ ބަހެކެވެ. އަދި އެއުރެންގެ ފަހަތުގައިވަނީ ފަރުދާއެކެވެ. އެއުރެން އަލުން ދިރުމަކަށް ފޮނުއްވާ ދުވަހަށްދާނދެނެވެ.

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީސް ކުރެއްވިއެވެ. ((القَبْرُ أَوَّلُ مَنَازِلِ الآخِرَة)) "ކަށްވަޅަކީ އާޚިރަތުގެ އެއްމެ ފުރަތަމަ މަނޒިލެވެ"  ((فَإِنْ يَنْجَحْ مِنْهُ فَمَا بَعْدَهُ أَيْسَرَ مِنْهُ )) " އެތަނުން ކާމިޔާބު ވެއްޖެ މީހާ އޭގެ ފަހުގައި އޮންނަ މަރުޙަލާގައި އެއަށްވުރެ މާ ފަސޭހަވާނެއެވެ." ((وَإِنْ لَمْ يَنْجَحْ مِنْهُ فَمَا بَعْدَهُ أَشَدُّ مِنْهُ)) " އެތަނުގައި ނާކާމިޔާބު ވެއްޖެމީހާ އެއައްވުރެ ފަހު މަރުޙަލާގައި ގަދަފަކަމާއި ވޭން އުފުލަން ޖެހޭނެއެވެ." =رواه أحمد و الترمذي و حسنه الألباني =

އޭ ﷲ، މިނިކަމެތި އަޅުންނަށް އެތަނުގައި ކާމިޔާބު ދެއްވާށި! އާމީން!

ލޮބުވެތި އަޚުންނާއި އުޚްތުންނެވެ! މާދަމާގެ ކައްވަޅުގެ އަހުލުވެރިންނެވެ! ތިމާ ކައްވަޅަށް ދިއުމަށްޓަކި ތައްޔާރުކުރީ ކޯޗެއްތޯއެވެ؟ ދުނިޔެވީޙަޔާތުގައި ތިބާ ބިނާކުރި ގަނޑުވަރުތައް ކޮބައިތޯއެވެ؟ ތިބާ ކަމުންއައި ކުލަކުލައިގެ މޭވާތައް ކޮބައިތޯއެވެ؟ ތިބާގެ ކުލަކުލައިން ޖަރީކޮށްގެން ލައި އުޅުނު ރީތި ހެދުންތައް ކޮބައިތޯއެވެ؟ ތިބާ ބޭނުންކުރި މިރުވަސްދުވާ ސެންޓާއި އަތަރުތައް ކޮބައިތޯއެވެ؟ މިކަމާމެދު އެއްމެފަހަރަކުވެސް ވިސްނާ ފިކުރު ކުރިންތޯއެވެ؟

ތިމާގެ އަމިއްލައަތުން ކައްވަޅަށްލީ މައްޔިތުންގެ ޙާލަކީ ކޮބައިތޯއެވެ؟ އެ ލޮބުވެތި އަޚުންނާއި އުޚްތުންގެ ޙާލާ މެދު ވިސްނާލިންތޯއެވެ؟ އެބަމީހުންނާ ސުވާލުކުރެވި ޖަވާބުދާރީ ކުރެވޭނެކަން ހަނދާންކުރެވޭތޯ؟ އެމީހުންގެ ފަހަތުން ދާންޖެހޭކަން ހަނދާން އެބަކުރަންތޯއެވެ؟ ކައްވަޅުގައި ތިބާ ހޭދަކުރާ ފުރަތަމަ ރެއަށް ތައްޔާރުކުރީ ކޮންކަމެއްތޯއެވެ؟ ޢިލްމުވެރިން މިކަމާހެދި ރޮއެ، ބުއްދިވެރިން އެވަގުތާހުރެ ޝަކުވާކޮށް، ތަޤުވާވެރި ސާލިހުން އެވަގުތާހުރެ ބިރުން ފިއްކަނޑައިގެން ދާކަން އަޅުގަނޑުމެންނަށް ވަންހަނާ ވެފައިވަނީތޯއެވެ؟

ރަބީޢުބުނި ޚައިސަމް އެކަލޭގެ ފާނުގެ ގޭގައި ވަޅުގަނޑެއްކޮނެ، ހިތުގައިވަސްވާސްއުފެދޭ ކޮންމވެފަހަރަކު އެވަޅުގަނޑަށް ފައިބައި، ތިމަންނަ މިއޮތީ ކައްވަޅުގައިކަން ތަސައްވަރުކުރެއެވެ. އަދި ވިދާޅުވެއެވެ. (( رَبِّ ارْجِعُونِ * لَعَلِّي أَعْمَلُ صَالِحًا فِيمَا تَرَكْتُ)) މާނައަކީ؛ " އަޅުގެ ވެރިރަސްކަލާކޮ! ތިމަންއަޅާ (ދުނިޔޭގެ حياة އަށް) އަލުން އަނބުރައި ފޮނުއްވާނދޭވެ! (އެއީ) ތިމަންފަހަތަށް ދޫކުޅަ ކަންތަކުގައި صالح عمل ކުރުމުގެ އެދުމުގައެވެ."

ވީމާ ﷲ ތަޢާލާޔާ ބައްދަލުވާ ދުވަހަށް ތައްޔާރުވެ، ތިމާގެ އުމުރުގެ ދުވަސްތައް ނަގާނުލާ އަޅުކަންކުރުމަށް ނަފްސައް ގޮވާލާށެވެ. ނަފްސު އެދޭހައި ގޮތަކަށް ތިމާގެ އުޅުމާއި ގުޅުން ބައްޓަން ނުކުރާށެވެ.

މާތްކަލާނގެ ރުއްސުންލެއްވި އަބޫހުރައިރާގެ ކިބައިން ރިވާވެގެންވެއެވެ. ((إِنَّ الَمَيِّتَ يَصِيْرُ إِلَى القَبْرِ)) "ހަމަކަށަވަރުން މައްޔިތާ ކައްވަޅަށް ދާނެޔޭ" ((فَيجْلِسُ الرَّجُلُ الصَّالِحُ فِيْ قَبْرِهِ غَيْر فَزَعٍ وَ لَا مَشْعُوْفٍ)) "ފަހެ ސާލިޙުއަޅާ ކައްވަޅުގައި ބިރުވެރިކަމެއް އަދި ހިންހަމަ ނުޖެހުމެއްނެތި އެތާނގައި ހުންނާނެޔޭ" ((ثُمَّ يُقَالُ لَهُ، فِيْمَ كُنْتَ؟)) "އޭނައަށް ބުނެވޭނެ، ތިބާގެ ދީނަކި ކޮބައިތޯއޭ؟" ((فَيَقُوْلُ، كُنْتُ فِيْ الإِسْلَامِ)) "އޭނަ ބުނާނެ، އިސްލާމްދީނޭ" ((فَيُقَالُ لَهُ، مَا هَذَا الرَّجُلُ؟)) "ދެން ނަބިއްޔާ ޞައްލަﷲ އަލައި ވަސައްލަމަޔާ ބެހޭގޮތުން އޭނަޔާ ސުވާލުކުރެވޭނެ" ((فَيَقُوْلُ)) "ފަހެ އޭނާބުނާނެ، ((مُحَمَّدٌ رَّسُوْلُ الله صَلَّى الله عَلَيْهِ وَسَلَّمَ جَاءَنَا بِالبَيِّنَاِت مِنْ عِنْدِ الله فَصَدَّقْناَه)) "ތިޔައީ ﷲގެ ހަޟުރަތުންއައި ނަބިއްޔާއޭ، ތިމަންނަމެން އެކަލޭގެފާނުގެ ތެދުކަން ގަބޫލުކުރީމޭ" ((فَيُقَالُ لَهُ)) "ދެން އޭނަޔަށް ބުނެވޭނެއޭ" ((هَلْ رَأَيْتَ الله؟)) "ތިބާ ﷲ ތަޢާލާ ދުށިންހޭ" ((فَيَقُوْلُ، مَا يَنْبَغِيْ لِأَحَدٍ أَنْ يَرَى الله)) އޭނާ ބުނާނެ، އެއްވެސްމީހަކަށް ﷲތަޢާލާ ނުފެންނާނެޔޭ" ((فَيُفْرَجُ لَهُ فُرْجَةً قِبَلِ النَّارِ)) "ދެން އެހިސާބުން ހުޅުވާލެވޭ ދޮރަކުން އޭނާއަށް ނަރަކަ ފެންނާނެ" ((فَيَنْظُرُ إِلَيْهَا يَحْطِمُ بَعْضُهَا بَعْضًا)) "އަދި މީސްތަކުންނަށް އެތަނުގައި އަޒާބު ލިބޭތީވެސް ފެންނާނެ" ((ثُمَّ يُفْرَجُ لَهُ قُبَلِ الجَنَّة)) "ދެން ސުވަރުގެއާ ދިމާލަށް ދޮރުކޮޅެއް ހުޅުވޭނެ" ((فَيَنْظُرُ إِلَى زَهْرَتِهَا وَ مَا فِيْهَا)) "އަދި އެތަނުގައިވާ ތަކެއްޗާއި މާމެލާމެލި އޭނަޔަށްފެންނާނެ" ((فَيُقَالُ لَهُ)) "އަދި އޭނައަށް ބުނެވޭނެ" ((هَذَا مَقْعَدُكَ)) "މީ ތިބާގެ މަންޒިލޭ" =رواه ابن ماجه و صححه البويصري=

ވީމާ ﷲތަޢާލާ މިފަދަމީހުންގެ ތެރެއިން އަޅަމެން ލައްވާށި! އާމީން! މަހުޝަރުގެ މައިދާނުގައި މީސްތަކުން ނިކަމެތި ވެގެންދާ ދުވަހު މި ނިކިމަތި އަޅުން ނިކަމެތި ނުކުރައްވާނދޭވެ! އާމީން!

ދިރިތިބީން ގަބުރުސް ތާނުތަކަށް ޒިޔާރަތް ކުރުމަށް ރަސޫލާ ޞައްލަﷲ އަލައި ވަސައްލަމް އިރުޝާދު ދެއްވެވިއެވެ. އެކަމުން ފައިދާތަކެއް ލިބެތީކަން ކަށަވަރެވެ. އޭގެ ސަބަބުން މަރާއި، އާޚިރަތް ހަނދާންވާނެއެވެ. ދުނިޔެވީ އުއްމީދުތައް ކުރުވާނެއެވެ. ދުނިޔެވީ އެދުންތައް މަދުވާނެއެވެ. ހިތް މަޑުމޮޅިވާނެއެވެ. ލޮލުން ކަރުނަ ފައިބާނެއެވެ. ޣާފިލުކަމުންސަލާމަތްވާނެއެވެ. ބިރުވެތިކަން ވާރުތަކުރާނެއެވެ. އަޅުކަމުގައި އުޅުމަށް ހިތްވަރުލިބޭނެއެވެ. ކައްވަޅުގައި އަޒާބުލިބޭ ކަންތައްތައް ވަރަށްގިނައެވެ. ފަހުބަހެއްގެ ގޮތުން މިއިން ބައެއްކަންތައްތައް ފާހަގަ ކޮށްލާނަމެވެ. ޣީބަ ބުނުމާ ދެބަ އޮޑުވުން،  ކުޑަކަމު ދިއުމުން ރައްކާތެރި ނުވުން، ނުޠާހިރުކޮންހުރެ ނަމާދުކުރުން، ދޮގުހެދުން، ނަމާދަށްފަރުވާތެރި ނުވުމާއި ނަމާދުކުރުމަށް ބުރަހީވުން، ޒަކާތް ނުދިނުން، ޒިނޭކުރުން، ވައްކަންކުރުން، ޚިޔާނާތްތެރިވުން، މުސްލިމުންގެ ތެރޭގައި ފިތުނަފަސާދަ އުފެދޭ ކަންތައް ކުރުން، ރިބާ ކެއުން، އަނިޔާ ލިބިފަވާ މީހުންނަށް ނަސްރު ނުދިނުން، ރާބުއިން، ކިބުރުވެރިކަމާއެކު ފިރިހެނާގެ އިޒާރު ހައްދައްވުރެ ތިރިކުރުން، މީހުންމެރުން، ޞަޙާބީންނަށް ނެތިމޮށުން، މާތް ނަބީއްޔާގެ ސުންނަތާ ޚިލާފުވެ ހުރެ މަރުވުން.

އަމިއްލަނަފްސަށާއި ތިޔަލޮބުވެތި އެކުވެރިންނަށް ކުރާ ވަސިއްޔަތަކީ އަދި ދޭ ނަޞޭޙަތަކީ، މިގަނޑުވަރުތކުން އެ ކައްވަޅުތަކަށް ދިއުމަށްޓަކައި ޤުރުއާނާއި ސުންނަތުގެ އަލީގައި އުޅެ، އެތަނުގައި ފަލާޙާއި ކާމިޔާބީ ލިބޭނެ އެންމެހައި ގޮތްތައް ޚިޔާރުކޮށް، އަޒާބުލިބޭނެ އެންމެހައި ކަންކަމުން ދުރުވެ ރައްކާތެރި ވެގެން ތިބުމެވެ. އަދި ކަށްވަޅަކީ މަރުވުމަށް ފަހުގައި ތިމާގެ އެންމެ ފުރަތަމަ މަންޒިލްކަމުގައި ހަނދާން ކުރުމެވެ.

 


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި