Noorul-islam.NET :: ބޭނުމަކީ މީހަކު ނަރަކައަށް ފޮނުވާލުމެއް ނޫނެވެ. އެހެނެއްކަމަކު މީހަކު ނަރަކައިން ސަލާމަތް ކުރުމެވެ.

ބޭނުމަކީ މީހަކު ނަރަކައަށް ފޮނުވާލުމެއް ނޫނެވެ. އެހެނެއްކަމަކު މީހަކު ނަރަކައިން ސަލާމަތް ކުރުމެވެ.
Category »  މުޖުތަމަޢު

ތާރީޚް: 30 ނޮވެމްބަރ 2011

ލިޔުއްވީ : މުޙައްމަދު އަނީލް (ނޫރުލްއިސްލާމްގެ އެޑިޓަރ)

 

އިސްލާމްދީނުގެ މަޤްޞަދަކީ އެއްވެސް މީހަކު އެއްކިބާކޮށް، ނަރަކަ ވެރިއަކަށް ހަދާލުމެއް ނޫނެވެ. އޭގެ ބަދަލުގައި ކޮންމެ މީހަކަށްވެސް ހިދާޔަތު ލިބި، ސުވަރުގޭގެ އަހުލުވެރިއަކަށް ވެގެން ދިޔުމަކީ އެއީ އިސްލާމްދީން އެދޭ ގޮތެވެ.

މީހަކަށް ކުރެވޭ ކުށެއްގެ ސަބަބުން އޭނާއަށް ނަސޭހަތް ދިނުމެއް ނެތި، އޭނާއަކީ ކާފަރެއް ކަމަށް ނުވަތަ މުނާފިޤެއް ކަމަށް ނުވަތަ ބިދުއަވެރިއަކަށް ހެދުމަކީ އިސްލާމްދީނުގެ އުޞޫލެއް ނޫނެވެ.

މީހަކަށް ކުށެއް ކުރެވުމުން އިސްލާމްދީން ދަސްކޮށްދެއްވާފައިވާ މަތިވެރި އުޞޫލަކީ އެމީހަކަށް ނަސޭހަތް ދިނުމަށެވެ. އޯގާތެރިކަމާއި ހިކުމަތްތެރިކަމާއެކުގައެވެ. ރިވެތި ބަސްތަކުން މުޚާޠަބުކޮށްގެންނެވެ. މީގެ މިސާލު އަޅުގަނޑުމެންނަށް ބަޔާންކޮށްދެއްވަމުން ކީރިތި ޤުރްއާނުގައި ﷲ ތަޢާލާ ގެންނަވާފައިވާ މޫސާ ޢަލައިހިއްސަލާމާއި ފިރުޢައުނުގެ ވާހަކައަށް ބަލާލަމާ ހިނގާށެވެ.

ފިރުޢައުނަކީ ﷲ އަށް ކާފަރު ވުމުގެ އިތުރަށް ބިމުގައި ބޮޑާވެ، އަނިޔާވެރިވެ އަނިޔާވެރިކަމުގައި އިންތިހާއަށް ދިޔަ މީހެކެވެ. އޭނާ ވަނީ ﴿ أَنَا رَبُّكُمُ الْأَعْلَىٰ  އެންމެ މަތިވެރި އިލާހަކީ ތިމަންނައޭ ބުނެ، އުލޫހިއްޔަތަށް ދަޢުވާ ކޮށްފައެވެ.

އެހެން ނަމަވެސް މިފަދަ ނުބައި މީހާގެ ގާތަށް ﷲ ފޮނުއްވި މޫސާ ޢަލައިހިއްސަލާމާއި ހާރޫނު ޢަލައިހިއްސަލާމަށް އެއިލާހު ވަޙީ ކުރެއްވީ ﴿ اذْهَبَا إِلَىٰ فِرْعَوْنَ إِنَّهُ طَغَىٰ * فَقُولَا لَهُ قَوْلًا لَّيِّنًا لَّعَلَّهُ يَتَذَكَّرُ أَوْ يَخْشَىٰ (طه: ٤٣ - ٤٤)

(މާނައީ: فرعون ގެ ގާތަށް ތިޔަ ދެބޭކަލުން ވަޑައިގަންނަވާށެވެ! ހަމަކަށަވަރުން، އޭނާ އަނިޔާވެރިވެ ހައްދުފަހަނަޅައި ހިނގައްޖެއެވެ. ފަހެ، މަޑުމައިތިރި ބަހުން ތިޔަދެބޭކަލުން އޭނާއަށް ބަސް ވިދާޅުވާށެވެ! (އެއީ) އޭނާ ހަނދުމަކޮށް، ނުވަތަ ބިރުވެތިވޭތޯ އެކަމުގެ އުންމީދުގައެވެ.) މިފަދައިންނެވެ.

މިއީ ދުނިޔެ ދުށް އެންމެ ޖައްބާރު އެންމެ ނުބައި މީހުންގެ ތެރޭގައި ގުނާލެވޭ ޖައްބާރެކެވެ. އުލޫހިއްޔަތަށް ދައުވާކުރި އަނިޔާވެރި އެކެވެ. ﷲ އަށް އީމާންވީ މީހުންނަށް ބޮޑެތި ޢަޛާބުތައް ދީ އުޅުނު ޡާލިމެކެވެ. އެހެންނަމަވެސް މިފަދަ ނުބައިމީހާގެ ގާތަށް ﷲ ފޮނުއްވި ދެބޭކަލުންނަށް އެއިލާހު މި އަންގަވަނީ، މަޑުމައިތިރި ބަހުން ތިޔަދެބޭކަލުން އޭނާއަށް ބަސް ވިދާޅުވާށޭއެވެ.

ކީރިތި ޤުރްއާނުގައި މިފަދަ ވާހަކަތައް އަޅުގަނޑުމެންނަށްޓަކައި ބަޔާން ކޮށްދެއްވާފައިވަނީ ބޭކާރު ގޮތުގައެއް ނޫނެވެ. އެހެނެއްކަމަކު އެއިން ޢިބްރަތް ލިބިގަނެ، ދައުވަތުގެ މައިދާނުގައި އޭގެ ބޭނުން ހިފުމަށެވެ.

ހަމަ އެހެންމެ އަޅުގަނޑުމެންގެ ލޮބުވެތި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ވަނީ އަޅުގަނޑުމެންނަށް މީސްތަކުންނަށް ކުރެވޭ ކުށްތައް ރަނގަޅުކުރުމުގައި ގެންގުޅޭނެ ޓެކްނިކްތައް ޢަމަލީގޮތުން ނަމޫނާ ދައްކަވައި، ދަސްކޮށްދެއްވާފައެވެ. ޙަދީޘްކުރައްވަނީ ( إِنَّ اللَّهَ رَفِيقٌ يُحِبُّ الرِّفْقَ ، وَيُعْطِي عَلَى الرِّفْقِ مَا لَا يُعْطِي عَلَى الْعُنْفِ ، وَمَا لَا يُعْطِي عَلَى مَا سِوَاهُ ) رواه مسلم މާނައީ: ހަމަކަށަވަރުން ﷲ އީ އޯގާވަންތަ އިލާހެވެ. އަދި ހަރުކަށިކަމުގެ މައްޗަށާއި އެހެނިހެން ގޮތްތަކުގެ މައްޗަށް، އެއިލާހު ނުދެއްވާ އެތައްކަމެއް، މަޑުމައިތިރި ކަމުގެ މައްޗަށް ދެއްވައެވެ.

އަދިވެސް ޙަދީޘް ކުރައްވަނީ " إِنَّ الرِّفْقَ لَا يَكُونُ فِي شَيْءٍ إِلَّا زَانَهُ ، وَلَا يُنْزَعُ مِنْ شَيْءٍ إِلَّا شَانَهُ " رواه مسلم މާނައީ: ހަމަކަށަވަރުން އެކަމެއްގައި މަޑުމައިތިރިކަން އެކުލެވިގެންވާ ކަމެއް ޒީނަތްތެރިނުވެ ނުދާނެއެވެ. އަދި އެކަމަކުން މަޑުމައިތިރިކަން ނިގުޅައިގަނެވިއްޖެ ކޮންމެ ކަމެއް ހުތުރު ނުވެ ނުދާނެއެވެ.

އަދިވެސް ޙަދީޘްކުރައްވަނީ،  "مَنْ يُحْرَمْ الرِّفْقَ يُحْرَمْ الْخَيْرَ " رواه مسلم މާނައީ: އެމީހެއްގެ ކިބައިން މަޑުމައިތިރިކަން އުނިކުރެވިއްޖެ މީހާ، (ފަހެ) ހުރިހާ ހެވަކުން އެމީހާ މަޙްރޫމު ވެދެއެވެ.

މިއީ ދައުވަތުގައި އަޅުގަނޑުމެން މަޑުމައިތިރިކަން އިސްކުރުމަށް އަޅުގަނޑުމެންނަށް ދެވިފައިވާ އިރުޝާދުތަކުގެ ތެރެއިން ކުޑަ މިންވަރެކެވެ.

ކޮންމެއަކަސް މިއަދު އަޅުގަނޑުމެންނަށް ފެނިގެންދަނީ، މީހަކަށް ކުށެއް ކުރެވޭއިރަށް އެމީހަކަށް ޙުކުމްޖަހައި، އެއީ ކާފަރެއް ، ނުވަތަ ބިދުޢަވެރިއަކަށް ހަދަން ފޫގަޅައިގެން ތިބޭ ބަޔެކެވެ. އެބައިމީހުން ހިތުން އެބައިމީހުން އެދަނީ ދީނުގެ ދިފާއުގައި ސުއްނަތާއި އެއްގޮތަށް ޢަމަލު ކުރަމުންނެވެ. އެހެން ނަމަވެސް އެބައިމީހުންގެ މަސައްކަތަކީ މީސްތަކުން ހިދާޔަތުގެ މަގަށް ގެނައުމަށްވުރެ ބޮޑަށް މުސްލިމުންގެ ތެރޭގައި ތިބި ބަޔަކު، އެމީހުންނަށް ކުރެވޭ ކުށްތަކެއްގެ ސަބަބުން އެމީހުން ދީނުން ބޭރުކުރުމެވެ.

އިންސާނުންނަށް ކުށްކުރެވިދާނެއެވެ. އެއީ އިންސާނީ ފިޠުރަތުގައިވާ ކަމެކެވެ. އެހެންކަމުން ލޮބުވެތި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރައްވަނީ، كُلُّ بَنِي آدَمَ خَطَّاءٌ وَخَيْرُ الْخَطَّائِينَ التَّوَّابُونَ) رواه الترمذي (ކޮންމެ އާދަމުގެ ދަރިއަކީ ގިނަގިނައިން ކުށްކުރެވޭ މީހެކެވެ. އަދި ގިނަގިނައިން ކުށްކުރެވޭ މީހުންގެ ތެރެއިން އެންމެ ހެޔޮ ބަޔަކީ ގިނަގިނައިން ތައުބާ ވާ މީހުންނެވެ.)

މިސާލަކަށް މީހަކަށް ކުށެއް ކުރެވިދާނެއެވެ. އެއީ ކޮންމެ ފަދަ ކުށެއް ކަމުގައި ވީނަމަވެސް މެއެވެ. އެފަދަ ޙާލަތުގައި އެފަދަމީހަކާއި ވަކިން ސިއްރިޔާތުގައި ބައްދަލުކޮށް، އެކަން ބަޔާންކޮށް އޭނާގެ ކުށް އިޞްލާޙުކުރުމަށް މަސައްކަތް ކުރުމަކީ އެއީ އެންމެ ރިވެތި ގޮތެވެ. އޭގެ ބަދަލުގައި، ފޭސްބުކާއި އިންޓަނެޓްގެ ސައިޓްތަކުގައި މިވެނި މީހާއަކީ ނުބައިކަންބޮޑުވެގެންވާ މީހެއްކަމަށާއި އޭނާގެ ވާހަކަ އަޑު ނޭހުމަށް ގޮވައި ހެދުމަކުން އޭނާގެ ކުށް އިޞްލާޙެއް ނުވާނެއެވެ. އަދި އޭގެ ބަދަލުގައި ފިޠުރީގޮތުން އެމީހެއްގެ ކިބައިގައި އުފެދިގެންދާނީ ނަފުރަތާއި ޤަބޫލު ނުކުރުމެވެ. އެހެނީ، ރިވެތި ގޮތުގައި ބުނެދެވިއްޖެނަމަ ޤަބޫލުކުރަން ފަސޭހަވެއެވެ. އެހެންނަމަވެސް ހަރުކަށިކަމާއެކު އައިސް ބުނުމުން އެއިގެ ނަތީޖާ އަކަށް ގިނަފަހަރަށް ވެގެންދަނީ، ޤަބޫލު ނުކުރެވުމެވެ.

މިފަދަ ޙާލަތުގައި އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންނަށް މަސައްކަތްކުރެވެނީ، އެ ކުށެއް ކުރެވޭ މީހާގެ ކުށް ފާޅުކޮށް އެމީހާ ފަޟީޙަތްކޮށް ނަރަކަވަންތަވެރިއަކަށް ހަދާލުމަށެވެ. އޭގެ ބަދަލުގައި އޭނާވެސް އިސްލާހުކޮށް ސުވަރުގޭގެ އަހުލުވެރިއަކަށް ހެދުމުގެ ފިކުރު ހުންނަނީ މަދު މީހެއްގެ ކިބައިގައެވެ.

އިސްލާމްދީނަށް ދައުވަތުދޭ މީހުންގެ އަސްލަކީ މިއީއެވެ. މިއީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސިފަފުޅެކެވެ. އެކަލޭގެފާނުގެ ޙާލު ބަޔާންކުރައްވައި ﷲ ވަޙީކުރެއްވި ބަސްފުޅެއްގައި ވެއެވެ. ﴿لَعَلَّكَ بَاخِعٌ نَّفْسَكَ أَلَّا يَكُونُوا مُؤْمِنِينَ ﴾الشعراء : ٣ މާނައީ: އެއުރެން مؤمن ން ކަމުގައި ނުވުމުން (އެކަމުގެ ހިތާމައިގައި) ކަލޭގެފާނުގެ نفس ހަލާކުކޮށްލައްވަނީތޯއެވެ. (އެބަހީ: އެހެން ނަހައްދަވާށެވެ!)

 

﴿ حَرِيصٌ عَلَيْكُم ﴾ التوبة : ١٢٨) މާނައީ: އެކަލޭގެފާނީ (އެބަހީ؛ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްއަކީ)(ތިޔަބައިމީހުންނަށް ތެދުމަގު ލިބުމުގެ މައްޗަށް) ދަހިވެތިވެވަޑައިގެންވާ ބޭކަލެކެވެ.

މިއީ މާތް ނަބިއްޔާ ޞައްލަﷲ އަލައިހި ވަސައްލަމްގެ ނަމޫނާއެވެ. އެއްވެސް މީހަކު ދޫކޮށްލެއްވުމެއް ނެތި، އޯގާތެރިކަމާއިއެކު އެމީހުންނަށް ހިދާޔަތަށް އެދިވަޑައިގެންނެވިއެވެ.

އަދިވެސް އެކަލޭގެފާނުގެ ޙަޔާތްޕުޅުން ނަމޫނާއެއް ބަލާލަމާހިނގާށެވެ. ޠާއިފްގެ އަހުލުވެރިންނަށް އިސްލާމްދީން ހުށަހެޅުއްވުމަށް އެކަލޭގެފާނު ވަޑައިގެންނެވި ދުވަސް ހަނދުމަކުރައްވާށެވެ. އެއީ އެކަލޭގެފާނުގެ ޙަޔާތްޕުޅުގައި އައި އެންމެ ހިތާމަވެރި ދުވަހެވެ. އެދުވަހު ޠާއިފްގެ އަހުލުވެރިންގެ ކިބައިން ކުރިމަތިވެވަޑައިގެންނެވި އަނިޔާތަކަށްފަހު، އެރަށުގެ ރަށްބޭރަށް ވަޑައިގެންނެވިހިނދު ޖިބްރީލް ޢަލައިހިއްސަލާމް، ފަރުބަދައިގެ މަލާއިކަތާއާއެކު ވަޑައިގެންނެވިއެވެ. އަދި ފަރުބަދަތަކުގެ މަލާއިކަތާ، ޠާއިފްގެ އަހުލުވެރިން ދެފަރުބަދަ ދެމެދުގައި ނައްތާލުމުގެ އިޒުނައަށް އެދިވަޑައިގެންނެވިއެވެ. އެހިނދު ލޮބުވެތި ޙަބީބު ޞައްލަﷲ ޢަލައިހި ވަސައްލަމް ދެއްވި އަސަރުގަދަ ޖަވާބަށް ބައްލަވާށެވެ. ( بَلْ أَرْجُو أَنْ يُخْرِجَ اللَّهُ مِنْ أَصْلَابِهِمْ مَنْ يَعْبُدُ اللَّهَ وَحْدَهُ لَا يُشْرِكُ بِهِ شَيْئًا ) رواه البخاري މާނައީ: ނޫނެކެވެ. ތިމަންކަލޭގެފާނު އެދިވަޑައިގަންނަވަނީ، އެބައިމީހުންގެ ބުރަކަށިތަކުން (އެބަހީ؛ އެމީހުންގެ ދަރިފަސްކޮޅުން) ހަމައެކަނި ﷲ އަށް އަޅުކަންކޮށް، އެއިލާހާ އެއްވެސް ފަރާތެއް ޝަރީކު ނުކުރާނެ ބަޔަކު ﷲ ނެރުއްވުމެވެ.

މިކަންތައް ﷲ ވަނީ ފުއްދަވާ ދެއްވާފައެވެ. އެކަލޭގެފާނު ދުނިޔެ ދޫކުރެއްވުމުގެ ކުރީގައި ޠާއިފްގެ އަހުލުވެރިން އިސްލާމްވެ، އެބައިމީހުންނަކީ އިސްލާމްދީނުގެ މަދަދުގާރުންނަށް ވެގެންދިޔައެވެ.

ކޮންމެއަކަސް މުހިއްމު ކަމަކީ، އެ ހިތްދަތި ވަގުތުގައިވެސް، އެމީހުންނަށް ހިދާޔަތަށް އެކަލޭގެފާނު އެދިވަޑައިގެންނެވި ކަމެވެ. އެމީހުން ނަރަކަ ވަންތަވެރިންކަމުގައި ވުމަށް ދޫކޮށްލައްވައި ޢަޛާބުގެ ރަހަ އެމީހުންނަށް ދެއްކެވުމަކަށް ރުހި ވަޑައެއް ނުގެންނެވިއެވެ.

މިއީ އަޅުގަނޑުމެންނަށްޓަކައިވާ ނަމޫނާއެއް ނޫންތޯއެވެ. މީހަކަށް ކުށެއް ކުރެވުމުން އެމީހާގެ ކުށް އިޞްލާޙުކުރެވޭތޯ ސީދާ އޭނާއާއި ސިއްރުން ބައްދަލުކޮށް ވާހަކަ ދައްކާށެވެ. ނުވަތަ ސީދާ އޭނާއާއި ވާހަކަ ދެކެވެން ނެތް ނަމަ، ނުވަތަ ތިމާގެ ވާހަކަ އޭނާ ޤަބޫލު ނުކުރާނެކަމަށް ބިރުހީވެއްޖެނަމަ، އެހެން މީހަކު މެދުވެރިކޮށް އޭނާއަށް ނަސޭހަތްތެރިވާށެވެ.

ނަސޭހަތުގެ އެންމެ ބުރަކުން އުއްމީދު ކަނޑާނުލާށެވެ. އަދި އަމިއްލައަށް ސުވަރުގެ ދާން އެދޭފަދައިން އޭނާވެސް ސުވަރުގެއަށް ދިޔުމަށް ލޯބިކުރާށެވެ. ޙަޤީޤީ އިސްލާމީ އުޚުއްވަތްތެރިކަމުގެ ލޯތްބަކީ އެއީއެވެ.

ހަނދާންކުރާށެވެ. ލޮބުވެތި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ މި ބަސްފުޅެވެ. وَاللَّهِ لَأَنْ يَهْدِيَ اللَّهُ بِهُدَاكَ رَجُلًا وَاحِدًا خَيْرٌ لَكَ مِنْ حُمْرِ النَّعَمِ " . (رواه أبو داود) މާނައީ: ﷲ ގަންދީ ޙަދީޘްކުރައްވަމެވެ. ތިބާގެ މަގުދެއްކުމުގެ މައްޗަށް ﷲ ތަޢާލާ އެއްމެ މީހަކަށް ހިދާޔަތު ދައްކަވައިފި ނަމަ، ރަތް ޖަމަލަށްވުރެ (އެބަހީ؛ އެންމެ އަގުހުރި މުދަލަށްވުރެ) ތިބާއަށް ހެޔޮކަން ބޮޑެވެ.

މިއީ އަޅުގަނޑުމެންގެ އަމާޒު ކަމުގައި ހަދަމާ ހިނގާށެވެ. މީހުން ނަރަކަވެރިން ކަމުގައި ހަދައި އެބައިމީހުން އެއްކޮށް އިސްލާހު ނުވާނެ މީހުން ކަމުގައި ލޭބަލްކޮށް އެމީހުންނަށް ނަސޭހަތްތެރިވުން ދޫކުރުމުގެ ބަދަލުގައި އެމީހުންނަށްވެސް ސުވަރުގެ ވަދަވޭނެ މަގެއް ހޯދައިދެވޭތޯ ބަލަމާ ހިނގާށެވެ.

ނަސޭހަތް ދެވި، އެމީހެއްގެ މައްޗަށް ޙުއްޖަތް ޤާއިމް ވުމަށްފަހުގައި ދެންވެސް އެ ނުބައިކަމުގެ މަތީގައި ހުންނަ މީހާއާއި ގުޅުން ކަނޑާލުމާއި އެފަދަ މީހާގެ ވާހަކަ، އިސްލާމްދީން ކަނޑައެޅުއްވި ޙައްދުގެ ތެރޭގައި ދެއްކުމުގެ ހުއްދަ އޮތް ކަމުގައި ވީނަމަވެސް، އެއީ އެންމެ ފުރަތަމަ ފިޔަވަޅު ކަމުގައި ނަހަދަމާ ހިނގާށެވެ.

އަޅުގަނޑުމެންގެ މަސައްކަތަކީ މީހުން ނަރަކައިން ސަލާމަތަ ކުރުން ކަމުގައި ހަދަމާ ހިނގާށެވެ. މީހުން ނަރަކަވެރިން ކަމުގައި ކަނޑައެޅުން ކަމުގައި ނަހަދަމާ ހިނގާށެވެ.

އެހެނީ އަޅުގަނޑުމެންގެ ބޭނުމަކީ މީހަކު ނަރަކައަށް ފޮނުވާލުމެއް ނޫނެވެ. އެހެނެއްކަމަކު މީހަކު ނަރަކައިން ސަލާމަތް ކުރުމެވެ.

 

 


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި