Noorul-islam.NET :: އިސްލާމް ދީނާއި އިންސާނީ ޙައްޤުތައް (25 ނޮވެމްބަރ 2011 ދުވަހު އިސްލާމީ މަރުކަޒުގައި ޑރ. ޢަބްދުލްމަޖީދު ވިދާޅުވި ޚުޠުބާ)




އިސްލާމް ދީނާއި އިންސާނީ ޙައްޤުތައް (25 ނޮވެމްބަރ 2011 ދުވަހު އިސްލާމީ މަރުކަޒުގައި ޑރ. ޢަބްދުލްމަޖީދު ވިދާޅުވި ޚުޠުބާ)
Category »  ދީނީ ލިޔުން

ތާރީޚް: 25 ނޮވެމްބަރ 2011

ލިޔުއްވީ : ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ

 

إِنَّ الْحَمْدَ لِلَّهِ نَحْمَدُهُ، وَنَسْتَعِيْنُهُ وَنَسْتَغْفِرُهُ، وَنُؤْمِنُ بِهِ وَنَتَوَكَّلُ عَلَيْهِ، وَنَعُوْذُ بِاللهِ مِنْ شُرُوْرِ أَنْفُسِنَا وَمِنْ سَيِّئَاتِ أَعْمَالِناَ، مَنْ يَهْدِهِ اللهُ فَهُوَ الْمُهْتَدِ، وَمَنْ يُضْلِلْ فَلَنْ تَجِدَ لَهُ وَلِياً مُرْشِداً.

وَأَشْهَدُ أَنْ لاَ إِلَهَ إِلاَّ اللهُ وَحْدَهُ لاَ شَرِيْكَ لَهُ، وَأَشْهَدُ أَنَّ مُحَمَدًا عَبْدُهُ وَرَسُوْلُهُ. اَللَّهُمَّ صَلِّ وَسَلِّمْ وَبَارِكْ عَلىَ نَبِيِّنَا مُحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ أَجْمَعِيْنَ، وَمَنْ تَبِعَهُمْ بِإِحْسَانٍ إِلَى يَوْمِ الدِّيْنِ، أَمَّا بَعْدُ:

فيأَيُّهَا الْمُسْلِمُوْنَ: اِتَّقُوْاللهَ تَعَالىَ وَاخْشَوْهُ، فَقَدْ قَالَ جَلَّ مِنْ قَائِلٍ:  يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ حَقَّ تُقَاتِهِ وَلا تَمُوتُنَّ إِلا وَأَنْتُمْ مُسْلِمُونَ [آل عمران: ١٠٢]

ހަމަކަށަވަރުން އެންމެހައި ޙަމްދު ޘަނާއާއި ތަޢުރީފު ޙައްޤުވެގެންވަނީ ގަދަކީރިތިވަންތަ ﷲ އަށް. އަޅަމެން އެކަލާނގެއަށް ޙަމްދުކުރަން. އަޅަމެންގެ ފާފަތައް ފުއްސެވުމަށާއި، އަޅަމެންގެ ކަންކަމުގައި ވާތްގަށް އެދެނީ އެކަލާނގެ ޙަޟްރަތުން. އަދި ކަންކަމުގައި އަޅަމެން ވަކީލުކުރަނީ ވެސް އެކަލާނގެ އަށް. ހަމަކަށަވަރުން ﷲ މެނުވީ ޙައްޤުވެގެން އަޅުކަމެއްވެވޭ އިލާހަކު ނުވާކަމަށާއި، މުޙައްމަދުގެފާނީ އެކަލާނގެ ނަބިއްޔާކަމަށާއި ރަސޫލާ ކަމަށް އަޅު ހެކިވަން. މާތް ﷲ! މުޙައްމަދުގެފާނަށާއި އެކަލޭގެފާނުގެ އާލު އަޞްޙާބުންނަށް ޞަލަވާތާއި ސަލާމާއި ބަރަކާތް ލައްވާށި! އަދި ޤިޔާމަތަށް ދާންދެން އެބޭކަލުންނަށް ތަބާވީހައި ބަޔަކު މިޞަލަވާތާއި ސަލާމުގައި ޝާމިލުކުރައްވާށި!  އާމީން!

مسلم އަޚުންނޭވެ! މާތް الله އަށް تَقْوَى ވެރިވުމަށް، އަޅުގަނޑުގެ އަމިއްލަ ނަފްސަށާއި ތިޔަބައިމީހުންނަށް ވަޞިއްޔަތްކުރަން. ފަހެ تَقْوَى ވެރިވުމަކީ ﷲގެ އެންމެހައި އަމުރުފުޅުތަކަށް ކިޔަމަންވެ، އެކަލާނގެ ނަހީކުރެއްވިހައި ކަމަކުން ދުރުހެލިވުން ކަމުގައި ތިޔަބައިމީހުން ދަންނާށެވެ! اللهގެ ވަޙީބަސްފުޅެއްގެ މާނައިގައި ވެއެވެ.

"އޭ އީމާންވީ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲ އަށް ބިރުވެތިވުން ޙައްޤު ގޮތުގައި އެކަލާނގެއަށް ބިރުވެތިވާށެވެ! އަދި މުސްލިމުންގެ ގޮތުގައި މެނުވީ ތިޔަބައިމީހުން މަރުވެނުދާށެވެ!"

ލޮބުވެތި މުސްލިމު އަޚުން!

އިންސާނާއަށް ލިބެންވާ ފުރިހަމަ ކަރާމަތާއި އެންމެހައި ޙައްޤުތައް އެންމެ ފުރިހަމަގޮތުގައި އޭނާއަށް ހޯދާދީފައިވަނީ މާތްވެގެންވާ އިސްލާމް ދީނުގައިކަމާމެދު އެއްވެސް ޝައްކެއްނެތް! الله سبحانه وتعالى އިންސާނާ މާތް ކުރައްވައި މަތިވެރި ކުރައްވާފައިވާ މިންވަރު ކީރިތި ޤުރުއާނުގައި ބަޔާން ކުރައްވާފައިވޭ.  އެކަލާނގެ ވަޙީކުރައްވަނީ. وَلَقَدْ كَرَّمْنَا بَنِي آدَمَ وَحَمَلْنَاهُمْ فِي الْبَرِّ وَالْبَحْرِ وَرَزَقْنَاهُمْ مِنَ الطَّيِّبَاتِ وَفَضَّلْنَاهُمْ عَلَى كَثِيرٍ مِمَّنْ خَلَقْنَا تَفْضِيلا [الإسراء 70]މާނައީ:"ހަމަކަށަވަރުން ތިމަންއިލާހު އާދަމުގެ ދަރިންނަށް ބުއްދިދެއްވައި، އެބައިމީހުންނަށް ހިދާޔަތު ދައްކަވާނޭ ރަސޫލުބޭކަލުން ފޮނުއްވައި، އެބައިމީހުން މާތްކުރެއްވީމުއެވެ. އަދި ކައުނުގައިވާހާ އެއްޗެއް އެބައިމީހުންނަށްޓަކައި ކިޔަމަންތެރި ކުރުވީމުއެވެ. އަދި އެބައިމީހުން އެއްގަމުގައި ދަތުރު ފަތުރު ކުރުމަށް ސަވާރީތައް ލެއްވީމުއެވެ. އަދި ކަނޑު ދަތުރުކުރުމަށް އުޅަނދުފަހަރު ލެއްވީމުއެވެ. އަދި ރަނގަޅު ޙަލާލުތަކެތީން އެބައިމީހުންނަށް ރިޒުޤު ދެއްވީމުއެވެ. އަދި ތިމަން އިލާހު ޚަލްޤުކުރެއްވި ގިނަ މަޚްލޫޤުންނަށްވުރެ އެބައިމީހުންގެ ދަރަޖަ އުފުއްލަވައި މަތިވެރި ކުރެއްވީމުއެވެ."

އާދެ! އިންސާނީ ޙައްޤުތަކުގެ ވާހަކައަކީ، ދުނިޔޭގައި މިއަދު ފެންމަތިވެގެން އުޅޭ ވާހަކައެއްނޫން. މިއީ އިންސާނުން ދުނިޔޭގައި އުޅެން ފެށީއްސުރެ ދެކެވެމުން އަންނަ ވާހަކައެއް. އާދަމު u އިން ފެށިގެން ނަބީކަމާއި ރަސޫލުކަންޚަތިމްކުރެއްވި މުޙައްމަދު r އާ ހަމައަށް އައި ސަމާވީ ހުރިހާ ޝަރީޢަތެއްގައިވެސް އިންސާނީ ޙައްޤަށް ޚާއްޞަ ސަމާލުކަމެއްދީފައިވާކަން އަޅުގަނޑުމެންނަށް ފާހަގަކުރެވޭ. އެހެނަސް މިމާތްކަމާއި މަތިވެރިކަން ބަލައި ނުގަނެ އިންސާނާ އެއަށް ފުރަގަސްދީ، ތިމާ ހިތުހުރި ގޮތަކަށް އުޅެން ދިމާކޮށްފިނަމަ، ކުރިމަތިވާ ކަންކަމުގެ ބަދުބަސް ރައްދުވާންވީ އިސްލާމް ދީނަކަށް ނޫން. އެފަދަ މީހާއަށް ލިބިދީފައިވާ މަޤާމާއި ޤަދަރު ވެއްޔާ މޮޑެލީ ޚުދު އޭނާ އަމިއްލައަށްކަން ކަށަވަރު.

އިސްލާމް ދީނުގައި އިންސާނީ ޙައްޤުތައް ނިގުޅައިގެނެވިފައިވާ ކަމުގައި ބުނެ ދައްކާ ވާހަކަތަކަކީ ޙަޤީޤަތުގައި އެއްވެސް ބުރަދަނެއް ހުރި ވާހަކަތަކެއް ނޫން. އިސްލާމް ދީނުގައި އިންސާނާއަށް ދީފައިވާ މަތިވެރި މަޤާމަކާއި ޤަދަރެއް ޙަޤީޤަތުގައި އެއްވެސް ވަޟްޢީ ޤާނޫނެއްގައިވެސް އަދި ވަޟްޢީ އެއްވެސް ފަލްސަފާއެއްގައިވެސް ލިބިދީފައިނުވޭ. ﷲ ސުބްޙާނަހޫ ވަތަޢާލާ އިންސާނުން ޚަލްޤުކުރައްވައި މިދުނިޔެއަށް ފޮނުއްވިއިރު އެބައިމީހުންނާ އެކު އެބައިމީހުން އުޅެންވީގޮތްވެސް ވަނީ ބާވާލައްވާފައި. މިކަން ބަޔާންކުރައްވަމުން އެކަލާނގެ ވަޙީކުރައްވާފައިވަނީ: فَإِمَّا يَأْتِيَنَّكُمْ مِنِّي هُدًى فَمَنِ اتَّبَعَ هُدَايَ فَلا يَضِلُّ وَلا يَشْقَى (١٢٣)وَمَنْ أَعْرَضَ عَنْ ذِكْرِي فَإِنَّ لَهُ مَعِيشَةً ضَنْكًا وَنَحْشُرُهُ يَوْمَ الْقِيَامَةِ أَعْمَى (١٢٤)މާނައީ"ތިމަންއިލާހުގެ حضرة ން ތިޔަބައިމީހުން އުޅެންވީގޮތް ބަޔާންވެގެންވާ ތެދުމަގު ތިޔަބައިމީހުންގެ ގާތަށް އަންނާނެއެވެ. ފަހެ، އެމަގަށް ތަބާވެއްޖެމީހާ ދަންނާށެވެ! އެމީހަކު މަގުފުރެދިގެނެއް ނުދާނެތެވެ. އަދި އަބާއްޖަވެރިއެއްވެސް ނުމެވާނޭމެއެވެ. ނަމަވެސް މިހިދާޔަތަށް ފުރަގަސްދީފިމީހާ ދަންނާށެވެ! ފަހެ، ހަމަކަށަވަރުން، އެމީހަކަށްއޮތީ، ދަތި ދިރިއުޅުމެކެވެ. އަދި قيامة ދުވަހުން އެމީހަކު ކަނުމީހެއްގެ ގޮތުގައި محشر އަށް ފޮނުއްވާހުށީމެވެ.

މުސްލިމު އަޚުން. ކަން މިހެން އޮތްއިރު ޝަރީޢަތުގައި އައިސްފައިވާ އެއްވެސް ޙުކުމެއް ދޫކޮށްލައި އެނޫން ގޮތެއް ބަލައިގަތުގެ ޙައްޤު އެއްވެސް މުސްލިމަކަށް ލިބިގެންނުވާކަން އެންމެ ހިނދުކޮޅަކަށްވެސް އަޅުގަނޑުމެން ހަނދާން ނައްތާލައިގެން ނުވާނެ. މާތްﷲ ގެ މިވަޙީބަސްފުޅު ނިކަން އަޑު އައްސަވާލައްވާ. އެކަލާނގެ ވަޙީކުރައްވަނީوَمَا كَانَ لِمُؤْمِنٍ وَلا مُؤْمِنَةٍ إِذَا قَضَى اللَّهُ وَرَسُولُهُ أَمْرًا أَنْ يَكُونَ لَهُمُ الْخِيَرَةُ مِنْ أَمْرِهِمْ وَمَنْ يَعْصِ اللَّهَ وَرَسُولَهُ فَقَدْ ضَلَّ ضَلالا مُبِينًا [الأحزاب: 36 ] މާނައީ: ﷲއާއި އެކަލާނގެ ރަސޫލާ، ޝަރުޢުކުރައްވާފައިވާ އެއްވެސް ޙުކްމެއް، އެއީ، ތިމާމެންގެ ހިތަށް ނުފެންނަކަމަކަށްވެގެން، އެއާ ޚިލާފަށް ޢަމަލު ކުރުމުގެ އިޚްތިޔާރު، މުއުމިން ފިރިހެނަކަށްވެސް އަދި މުއުމިނު އަންހެނަކަށްވެސް ލިބިގެންނުވެއެވެ. ﷲއާއި އެކަލާނގެ ރަސޫލާއަށް އުރެދޭ މީހާ ދަންނާށެވެ! ހަމަކަށަވަރުން ކަނޑައެޅި ބަޔާން ވެގެންވާ މަގުފުރެދުމަކުން އޭނާ މަގު ފުރެދިއްޖެކަން ކަށަވަރެވެ."

މުސްލިމު އަޚުން!

އިސްލާމީ ޝަރީޢަތަކީ، ޝަރުޢުގައި އައިސްފައިވާ އެންމެހައި ކަންތައްތައްކަން ތިޔަބައިމީހުން ދަންނާށެވެ. އޭގެތެރޭގައި ޢަޤީދާއާއި، އަޚްލާޤާއި، ޢިބާދާތާއި، އަލްއަޙްވާލުއްޝަޚްޞިއްޔާއާއި، މުޢާމަލާތުގެ އެންމެހައި ކަންތައްތައްހިމެނިގެންވެއެވެ.

އާދެ! މިއަދު ގިނަ އިސްލާމީ މުޖްތަމަޢުތަކަށް ކުރިމަތިވެފައިވާ ހިތާމަވެރި ޙާލަތާމެދު ވިސްނާ ފިކުރުކޮށްލުމުން އެނގިގެންދާ ޙަޤީޤަތަކީ، އެބައިމީހުން އުޅުމަށް ކީރިތިވަންތަ ﷲ ދެއްކެވި ރިވެތި ގޮތަށް ފުރަގަސްދީ އޭގައި ކޮޅުފައިންޖަހާ، ތިމާމެން އަމިއްލައަށް ނުވަތަ ތިމާމެންފަދަ އެހެން ބަޔަކު ހަދާ ތަޖުރިބާ ކުރަމުންދާ ވަޟްޢީ ޤާނޫނުތަކެއް ބަލައިގަތުމުގެ ނަތީޖާކަން ކަށަވަރު. މިއީ ޣައިރު މުސްލިމުންގެ ގޮތްތަކަށް ތަބާވެ ހުރިހާ ކަމެއްގެ ބާރު އެބައިމީހުންނަށް ދޫކޮށްލުމުން ދިމާވެގެން އުޅޭ ގޮތް. އާދެ! އިލާހީ ޙަޟްރަތުން އައިސްފައިވާ މަތިވެރި ޝަރީޢަތުގެ ބަދަލުގައި ވަޟްޢީ ޤާނޫނުތަކަށް ތަބާވުމުގެ ނަތީޖާ.

ގެ މިވަޙީ ބަސްފުޅު ނިކަން އަޑު އައްސަވާލައްވާ! އެކަލާނގެ ވަޙީކުރައްވަނީ: أَفَحُكْمَ الْجَاهِلِيَّةِ يَبْغُونَ وَمَنْ أَحْسَنُ مِنَ اللَّهِ حُكْمًا لِقَوْمٍ يُوقِنُونَ (المائدة: ٥٠) މާނައީ" ފަހެ، އެބައިމީހުން އެދެނީ ޖާހިލީ ޒަމާނުގެ حكم ހެއްޔެވެ؟ يقينކުރާ ބަޔަކަށް اللَّه އަށްވުރެ حكم ކުރެއްވުމަށް މޮޅީ ފަހެ ކާކުހެއްޔެވެ؟"

އާދެ! ޙައްދުޖެހުމަކީ ހަތްއުޑުމަތިން ކީރިތިވަންތަ ﷲ ބާވާލައްވާފައިވާ ހުކުމްތަކުގެ ތެރެއިން ޙުކުމެއް. މިއާމެދު ބަޙުޘްކުރުމުގެ އެއްވެސް ޖާގައެއް ނޯންނާނެ. އަދި މިނޫންގޮތެއް ބަލައިގަތުމުގެ ޙައްޤެއްވެސް އެއްވެސް މުސްލިމަކަށް ލިބިގެނެއް ނުވޭ. ނިކަން އަޑު އައްސަވާ ﷲގެ މިވަޙީ ބަސްފުޅު. އެކަލާނގެ ވަޙީކުރައްވަނީ؛ الزَّانِيَةُ وَالزَّانِي فَاجْلِدُوا كُلَّ وَاحِدٍ مِنْهُمَا مِائَةَ جَلْدَةٍ وَلا تَأْخُذْكُمْ بِهِمَا رَأْفَةٌ فِي دِينِ اللَّهِ إِنْ كُنْتُمْ تُؤْمِنُونَ بِاللَّهِ وَالْيَوْمِ الآخِرِ وَلْيَشْهَدْ عَذَابَهُمَا طَائِفَةٌ مِنَ الْمُؤْمِنِينَ (٢)މާނައީ"ޒިނޭކުރާ އަންހެނާއާއި، ޒިނޭކުރާ ފިރިހެނާއާއި ދެމީހުންކުރެ ކޮންމެ މީހަކުގެ ގައިގައި، ސަތޭކަ އެތިފަހަރުން (حد) ޖަހާށެވެ! އަދި اللَّه އަށާއި آخرة ދުވަހަށް ތިޔަބައިމީހުން إيمان ވާކަމުގައިވަނީނަމަ، اللَّه ގެ ޙުކުމް ތަންފީޒުކުރުމުގައި އެ ދެމީހުންނާމެދު އޯގާވެރިކަމެއް ތިޔަބައިމީހުން ނުބަހައްޓާހުށިކަމެވެ! އަދި އެ ދެމީހުންނަށް ދެވޭعقوبات، مؤمن ންގެ ބަޔަކު ދެކޭހުށިކަމެވެ.

ޝައްކެއްނެތް. ހަރުކަށިކަމަކީ އަނެކާ ޤަބޫލުކުރާގޮތް ގޯސްކަމުގައި ދެކެ، ތިމާ ޤަބޫލުކުރާގޮތް އަނެކާގެ މައްޗަށް މަޖްބޫރުކުރުވަން މަސައްކަތް ކުރުން. އަޅުގަނޑުމެން ދިވެންނަކީ މުސްލިމުން. އިސްލާމް ދީނަކީ ކާބަފައިންގެ ޒަމާނުންސުރެ ދިވެހިން ބަލައިގެންފައިވާ ދީން. އެހެންކަމުގައިވާނަމަ، އަޅުގަނޑުމެން އުޅެމުން އަންނަގޮތް ދޫކޮށްލުމަށް، އެއީ އަޅުގަނޑުމެންގެ ދީނުން ބައެއް ކަމުގައި ވިޔަސް، އަޅުގަނޑުމެންނަށް މަޖްބޫރުކުރުވަން މަސައްކަތްކުރުމީ ޙަޤީޤަތުގައި ޙައްދުފަހަނައަޅައި ދިއުން. އެއީ، ހަރުކަށިކަން. މިޤައުމުގައި ޙައްދުފަހަނަ އަޅައި ދިއުމަކަށްވެސް އަދި ހަރުކަށިވަމަކަށްވެސް އެއްވެސް ޙާލެއްގައި ޖާގައެއް ދެވިގެންނުވާނެ.

އަޅުގަޑުމެންގެ މިދިވެހިރާއްޖެއަށް ލިބިފައިވާ އެންމެބޮޑު ނިޢުމަތަކީ އަޅުގަނޑުމެންނީ މުސްލިމުންނަށް ވީކަން، މިއީ މިޤައުމުގެ އަމަން އަމާންކަމާއި ޞުލްޙަ މަސަލަސްކަމުގެ ރަމުޒުކަން ކަށަވަރު. އެހެން ކަމުން ޤައުމުގެ ވަޙުދަތު ދެމެހެއްޓުމަށްޓަކައި، ޤައުމުގެ އަމަންއަމާންކަން ހިފެހެއްޓުމަށްޓަކައި މިޤައުމުގައި މިއޮތް ދީނީ އެއްބައިވަންތަން ދެމެހެއްޓުމީ ކޮންމެހެން ލާޒިމުވެގެންވާ ކަމެއް. އާދެ! އިސްލާމް ދީނަކީ އަޅުގަނޑުމެންގެ މިދިވެހިރާއްޖޭގެ  قومىوحدة ގެ ބިންގާކަމާމެދު ކުޑަވެސް ޝައްކެއްނެތް. މިއީ މާތް ﷲ އަޅުގަޑުމެންނަށް ދެއްވާފައިވާ ވަރަށްވެސް އަގުބޮޑު ނިޢްމަތެއް.

بَارَكَ اللَّهُ لِيْ وَلَكُمْ فِي الْقُرْآنِ الْعَظِيْمِ وَنَفَعَنِيْ وَإِيَّاكُمْ بِمَا فِيْهِ مِنَ الآيَاتِ وَالذِّكْرِ الْحَكِيْمِ .    

أَقُوْلُ قَوْلِيْ هَذَا وَأَسْتَغْفِرُ اللَّهَ الْعَظِيْمَ الْجَلِيْلَ لِيْ وَلَكُمْ وَلِجَمِيْعِ الْمُؤْمِنِيْنَ وِالْمُسْلِمِيْنَ مِنْ كُلِّ ذَنْبٍ فَاسْتَغْفِرُوْهُ إِنَّهُ هُوَ الْغَفُوْرُ الرَّحِيْمُ .

 

ދެވަނަ ޚުޠުބާ

اَلْحَمْدُ للَّهِ عَلَى إِحْسَانِهِ، وَالشُّكْرُ لَهُ عَلَى تَوْفِيْقِهِ وَامْتِنَانِهِ، وَأَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيْكَ لَهُ تَعْظِيْمًا لِشَأْنِهِ، وَأَشْهَدُ أَنَّ نَبِيَّنَا وَسَيِّدَنَا مَحَمَّدًا عَبْدُهُ وَرَسُوْلُهُ الدَّاعِيْ إِلَى رِضْوَانِهِ، صَلَّى اللَّهُ عَلَيْهِ وَعَلَى آلِهِ وَأَصْحَابِهِ وَالتَّابِعِيْنَ ، وَمَنْ تَبِعَهُمْ بِإِحْسَانٍ إِلَى يَوْمِ الدِّيْنِ.

أَمَّا بَعْدُ: فَيَا أَيُّهَا الْمُسْلِمُوْنَ، اِتَّقُوْا اللَّهَ الَّذِيْ أَنْتُمْ بِهِ مُؤْمِنُوْنَ .

ކީރިތިވަންތަ މާތް اللَّهُ سُبْحَانَهُ وَتَعَالَى އަށް ޙަމްދާއި ޝުކުރު ކުރަން. ކައުއިތުރު مُحَمَّدُ رَسُوْلُ اللَّهِ صَلَى اللَّهُ عَلَيْهِ وَسَلَّمَ މާތް ނަބިއްޔާއަށާއި އެމާތް ނަބިއްޔާގެ އާލުންނާއި އަޞްޙާބުންނާއި ތާބިޢީންނަށް ޞަލަވާތާއި ސަލާމް ދެއްވުން އެދި ދުޢާކުރަން. އެއަށްފަހު ދަންނާށެވެ! މާތް ﷲ ގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން މާތް ﷲ އަށް ތަޤުވާވެރިވާށެވެ! ސިއްރާއި ފާޅުގައި އެކަލާނގެ އަމުރުފުޅުތަކަށް ބޯލަނބައި ކިޔަމަންވާށެވެ! އަދި އެންމެހައި ފާފަތަކުން ދުރުހެލިވެ ރައްކާތެރިވެ ތިބޭށެވެ!

ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން!

ދިވެހިޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ ދެވަނަ މާއްދާގައި ބުނަނީ "ދިވެހިރާއްޖެއަކީ ފުރިހަމަ މިނިވަންކަން ލިބިގެންވާ، އިސްލާމީ އުޞޫލުތަކުގެ މައްޗަށް ބިނާކުރެވިފައިވާ، އަމިއްލަ ވެރިކަންކުރާ، ދީމިޤްރާޠީ، ޖުމްހޫރީ އަދި ޔުނިޓަރީ ދައުލަތެކެވެ.

އާދެ! ފުރިހަމަ މިނިވަންކަމެއް ލިބިގެންވާ މިނިވަން މުސްތަޤިއްލު އަމިއްލަ ސިޔާދަތެއް އޮންނަ ދައުލަތަކަށް އެދައުލަތެއްގެ އާދަކާދައާއި ޘަޤާފަތާއި ދީނާއި އެބަޔަކު ޢަމަލުކުރުމަށް ބޭނުންވާ ގޮތެއްގެ މަތިން ޤާނޫނުތައް ހިންގުމުގެ މިނިވަންކަން ލިބިގެންވާއިރު، ދިވެހިން 800 އެތައް އަހަރަކުއްސުރެ އުޅެމުން އަންނަ އިސްލާމް ދީނުގެ އުޞޫލުތަކުގައި ހިފަހައްޓައިގެން ތިބުމަށް ހުރަސްއެޅައި، އެކަން ބަދަލުކުރުމަށް ނުފޫޒު ފޯރުވުމުގެ އެއްވެސް ޙައްޤެއް ބައިނަލްއަޤްވީމީ އެއްވެސް މުވައްސަސައަކަށް ނުވަތަ އެއްވެސް ޤައުމަކަށް ވެސް ލިބިގެނެއް ނުވޭ.

ދިވެހިރާއްޖޭގެ ޤާނުނު އަސާސީގައި، ދިވެހި ދައުލަތުގެ ދީނަކީ އިސްލާމް ދީންކަމަށާއި، އިސްލާމްދީނަކީ ދިވެހިރާއްޖޭގެ ޤާނޫނުގެ މައިގަނޑު މަޞްދަރު ކަމުގައި ބަޔާންވެގެންވެއެވެ. އަދި ދިވެހިރާއްޖޭގައި އިސްލާމް ދީނުގެ އަޞްލަކާ ޚިލާފު އެއްވެސް ޤާނޫނެއް ނުހެދޭނެކަމަށް ވެސް ކަނޑައެޅިފައިވެއެވެ.

އެހެންކަމުން ޤައުމު، އޭގެ ސިއާދަތުގައި ދެމިއޮތުމަށްޓަކައި ޤާނޫނު އަސާސީގައި އެކުލެވިގެންވާ އެންމެހާ މާއްދާތަކަށް ޙުރުމަތްތެރިކޮށް ހިތައި، ޤާނޫނު އަސާސީ ނެގެހެއްޓުމީ ޤާނޫނު އަސާސީގައިވާ ގޮތުގެ މަތިން ހަމަކޮންމެ ދިވެއްސަކަށްމެ ލާޒިމުކުރާ ކަމެކެވެ. މިއީ ދިވެހި ދައުލަތުގެ އެންމެހައި މުއައްސަސާތަކަށާއި ސަރުކާރަށާއި ޤައުމެއްގެ އެންމަހައި އަފްރާދުންގެ މައްޗަށް ލާޒިމުކުރާ ކަމެއް.

ލޮބުވެތި މުސްލިމު އަޚުން!

މިއަދު އަޅުގަނޑުމެންގެ ރާއްޖެމިވަނީ މުޅިދުނިޔެއަށް ހުޅުވާލެވިފައި. މިފަދަ ދުވަސް ވަރެއްގައި تهذيب ގެ ނަމުގައި ހުޅަގުންނާއި އިރުމަތިން އަންނަމުންދާ އޮއިވަރު ތަކަކީ އަޅުގަނޑުމެންގެ ދީނާއި  އަޅުގަނޑުމެންގެ ثقافة އާ ނުގުޅޭ އޮއިވަރުތަކެއްނަމަ އެކަންކަމަށް އަޅުގަނޑުމެން ސަމާލުވާންޖެހޭ.

މާތް ﷲ ވަޙީކުރައްވާފައިވޭ! يُرِيدُونَ لِيُطْفِئُوا نُورَ اللَّهِ بِأَفْوَاهِهِمْ وَاللَّهُ مُتِمُّ نُورِهِ وَلَوْ كَرِهَ الْكَافِرُونَ (الصف ٨)އެބައިމީހުން މަސައްކަތްކުރަނީ އެބައިމީހުންގެ މަސައްކަތުން ބިންމަތިން އިސްލާމްދީނު ފޮހެލުމަށެވެ. ކާފިރުން ނުރުހުނަސް، ﷲ އެކަލާނގެ ދީން ފުރިހަމަކުރައްވާނެތެވެ.

مسلم އަޚުންނޭވެ!

ތިޔަބައިމީހުންނަށް ތެދުމަގު ދެއްކެވުމަށް މާތް ﷲ ފޮނުއްވި ނަބިއްޔާއަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާ ކުރާށެވެ! އެއީ، އެންމެހައި މުއުމިނުނަށް އެކަލާނގެ އަމުރު ކުރައްވާފައިވާ ކަމެކެވެ. އެކަލާނގެ ވަޙީ ކުރައްވައެވެ. إِنَّ اللَّهَ وَمَلائِكَتَهُ يُصَلُّونَ عَلَى النَّبِيِّ يَا أَيُّهَا الَّذِينَ آمَنُوا صَلُّوا عَلَيْهِ وَسَلِّمُوا تَسْلِيمًا [الأحزاب 56]      

އަޅަމެންގެ ވެރިއިލާހު! އަޅަމެންނަށް ތެދުމަގު ދެއްކެވުމަށް އިބައިލާހު ފޮނުއްވި މާތް ނަބިއްޔާ  އަށާއި، އެނަބިއްޔާގެއާލުންނާއި އަޞްޙާބުންނަށް ޞަލަވާތާއި، ސަލާމް ލައްވާނދޭވެ! އެމާތް ނަބިއްޔާގެ ތެދުމަގު ލިބިވަޑައިގެން ތިއްބެވި މާތްޚަލީފާއިންނަށް ރުއްސުން ލައްވާނދޭވެ! އަޅަމެންގެ ތެރެއިން މަރުވެގޮސްފައިވާ މީހުންނަށް ފާފަ ފުއްސަވައި ރަޙްމަތްލައްވާނދޭވެ! އިސްލާމީ އުއްމަތުގެ މެދުގައި ޞުލްޙަވެރިކަމާއި، އަމާންކަން ލައްވާނދޭވެ! އަޅަމެންގެ ދީނުގައި ފައިތިލަ ސާބިތުކޮށްގެން ތިބުމުގެ ހެޔޮ ތައުފީޤު އަޅަމެން އެންމެހައި ދިވެހިންނަށް ދެއްވާނދޭވެ. އަޅަމެންގެ ދީން ޙިމާޔަތް ކޮށްދުނިޔޭގެ ސިޔާސަތު އިސްލާޙުގެ މަގުން ހިންގެވުމަށް އިބައިލާހު މެދުވެރި ކުރައްވާފައިވާ ފަރާތްތަކަށް އެކަމުގެ ހެޔޮތައުފީޤު ދެއްވާނދޭވެ! ރާއްޖެ ތިޔާގި ކުރައްވައި، ތަދުމަޑުކަމާއި ބަލިމަޑުކަން ރާއްޖެއިން ފިއްލަވާނދޭވެ! އަޅަމެންގެ ތެރެއިން ފާފަކުރާ މީހުންގެ ފާފައިގެ ސަބަބުން އަޅަމެން އެއްމެންގެ މައްޗަށް ޢާއްމުވެ، ޝާމިލުވާފަދަ ކޯފާއެއް عذابއެއް،ބަލިމަޑުކަމެއް ނުފޮނުއްވާނދޭވެ!  ދުނިޔޭގައިވެސް ހެޔޮކަން، އާޚިރަތުގައިވެސް ހެޔޮކަން ދެއްވައި، ނަރަކައިގެ ޢަޛާބުންއަޅަމެން ދިންނަވާނދޭވެ! މުސްލިމު ތަކުންނަށް ފާފަ ފުއްސަވާ ރަޙްމަތް ލައްވާނދޭވެ!

بِرَحْمَتِكَ وَكَرَمِكَ يَا أَرْحَمَ الرَّاحِمِيْنَ وَيَا أَكْرَمَ الأَكْرَمِيْنَ.

اللهم َاغْفِرْ لِلْمُؤْمِنِيْنَ وَالْمُؤْمِنَاتِ، وَالْمُسْلِمِيْنَ وَالْمُسْلِمَاتِ، اَلْأَحْيَاءِ مِنْهُمْ وَالأَمْوَاتِ، إِنَّكَ سَمِيْعٌ قَرِيْبٌ مُجِيْبُ الدَّعَوَاتِ يَا رَبَّ الْعَالَمِيْنَ، اللَّهُمَّ رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي الْآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ.

عبادالله! الله إِنَّ اللَّهَ يَأْمُرُ بِالْعَدْلِ وَالإحْسَانِ وَإِيتَاءِ ذِي الْقُرْبَى وَيَنْهَى عَنِ الْفَحْشَاءِ وَالْمُنْكَرِ وَالْبَغْيِ يَعِظُكُمْ لَعَلَّكُمْ تَذَكَّرُونَ (٩٠) وَأَوْفُوا بِعَهْدِ اللَّهِ إِذَا عَاهَدْتُمْ وَلا تَنْقُضُوا الأيْمَانَ بَعْدَ تَوْكِيدِهَا وَقَدْ جَعَلْتُمُ اللَّهَ عَلَيْكُمْ كَفِيلا إِنَّ اللَّهَ يَعْلَمُ مَا تَفْعَلُونَ [سورة النحل 90 ، 91 ]

 

25 ނޮވެމްބަރު 2011   ހުކުރު ޚުޠުބާ         مسجد السلطان محمد تكرفان الأعظم

 

މިއީ ޑރ ޢަބްދުލްމަޖީދުގެ ވެބްސައިޓުން (www.drabdulmajeed.com) ނަގާފައިވާ ލިޔުމެކެވެ.


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި