Noorul-islam.NET :: ބިދޭސީ ގައުމަކުން ދިވެހި މުދައްރިސަކު ގެންނާކަށް ނުޖެހޭ




ބިދޭސީ ގައުމަކުން ދިވެހި މުދައްރިސަކު ގެންނާކަށް ނުޖެހޭ
Category »  މުޖުތަމަޢު

ތާރީޚް: 24 ނޮވެމްބަރ 2011

ލިޔުއްވީ : ޢަބްދުﷲ ޞިއްދީޤް (ނޫރުލްއިސްލާމްގެ ޑިޕިޔުޓީ އެޑިޓަރ)

 

ދިވެހި ގައުމުގެ ހުންގާނުގައި ދިވެހި ކަނޑުމަސް ކައިގެން ތިބި މަޔަކާ ބަފައެއްގެ ދަރިއެއް ހުއްޓަސް، އެ ހުންގާނަށް މަގު ކަނޑައަޅައިދޭ ސަމުގާގެ ކަށި ހުއްޓެނީ "މެގްނެޓިކް ނޯތަކަށް" ނޫނެވެ. އެހެންނޫނީ އެ ކަށީގެ ފަހަތު ކޮޅާއި ކުރީކޮޅު މާލިމީއަށް އޮޅިފައި ވުންވެސް އެއީ ދުރުކަމެއްނޫނެވެ. މިހެނީ މިދިވެހި ގައުމުގެ ކަންތައްތައް މިއަދު ހިނގަމުންދާ ގޮތުންނެވެ. ހުންގާނު ހަވާލުކުރީ ކަޢުބަތުﷲ ގެފުޅާ ދިމާލަށް ބަހައްޓާފައެވެ. އެހެންނަމަވެސް އޮޑީގެ ދިރުނބާކޮޅު މިއަދު ގެފުޅާ ދިމާލަށް ހުއްޓަސް އޮޑި ދުއްވަނީ ފަހަތަށެވެ. މިކަން އެނގޭނީ ﷲ އެމީހަކަށް ހައްގު ފެނުމުގެ ތައުފީގު ދެއްވެވި ބަޔަކަށްކަން ޔަގީނެވެ. އިށީނދެ އިން ގޮނޑީގައި ސްޕޮންޖު ޖަހާފައި ހުރިތޯ އަތްލައި ބަލާކަށް ނުޖެހޭނެއެވެ. އިށީނީމަ އެނގޭނެއެވެ. ފަސް ހިއްސު ސަލާމަތުން ހުރިނަމަ ބުދުތައްވެސް ފެނުނީހެވެ.

ބަޔަކަށް މުސްލިމުންގެ ގާނޫނު އަސާސީ އޮޅިގެން އުޅުނު ކަމުގައި ވިޔަސް ދިވެހި ފަސްގަނޑުގައި ތިބި މުސްލިމު ރައްޔިތުން އެމީހުންގެ ގާނޫނު އަސާސީއަކީ، އަލިފު. ދާލު ކީއްކުރަންތޯ، ހުރިހާ ދާލަކަށް ވެސް އަމުރުރު ހިނގެވިދާނެ ފަރާތަކުން ބާއްވާލެއްވެވިފައިވާ ކީރިތި ޤުރުއާން ކަން ގަބޫލުކުރެއެވެ. ﷲތަޢާލާ ވަޙިކުރެއްވިއެވެ. إِنَّا أَنزَلْنَا إِلَيْكَ الْكِتَابَ بِالْحَقِّ لِتَحْكُمَ بَيْنَ النَّاسِ މާނައަކީ؛ "ހަމަކަށަވަރުން، حق ގޮތުގައި ތިމަންރަސްކަލާނގެ ކަލޭގެފާނަށް މިފޮތް ބާވައިލެއްވީ، ކަލޭގެފާނަށް اللَّه އަންގަވާފައިވާ ގޮތުގެމަތިން، މީސްތަކުންގެ މެދުގައި حكم ކުރެއްވުމަށެވެ."

ތަފާތުކުރުމަކީ އެއީ ހައްގު ގޮތެވެ. ކާފަރުންނާއި މުސްލިމުން، ސުވަރުގެ ވެރިންނާއި ނަރަކަ ވެރިން އަދި ކުށްވެރިންނާއި އެނޫންމީހުން ތަފާތުކުރުން މިއީ ވަރަށް އާއްމު އަދި އެންމެން ދަންނަ ކަމެކެވެ. ދިވެހި ފަސްގަނޑުގައި ހިންގާނެ ކަންކަން އެގޭނީ ދިވެހިންނަށެވެ. ދިވެހިންނަކީ މުސްލިމުންނެވެ. އެފަސްގަނޑުގައި ހިނގަން ޖެހޭނީވެސް އަދި ހިންގަން ޖެހޭނީވެސް ﷲތަޢާލާގެ މަތިވެރި ޝަރީޢަތެވެ. ބަޔަކު އެނބުރޭނެ ފަރާތް ނޭނގިގެން އުޅުނުކަމުގައި ވިޔަސް މުސްލިމުންނަށް ﷲވަނީ އެކަން ފަސޭހަކޮށް ދެއްވާފައެވެ. އެކަލާނގެ ވަޙިކުރެއްވިއެވެ. ((وَلَقَدْ بَعَثْنَا فِي كُلِّ أُمَّةٍ رَّسُولًا أَنِ اعْبُدُوا اللَّـهَ وَاجْتَنِبُوا الطَّاغُوتَ ۖ فَمِنْهُم مَّنْ هَدَى اللَّـهُ وَمِنْهُم مَّنْ حَقَّتْ عَلَيْهِ الضَّلَالَةُ ۚ فَسِيرُوا فِي الْأَرْضِ فَانظُرُوا كَيْفَ كَانَ عَاقِبَةُ الْمُكَذِّبِينَ)) މާނައަކީ؛ "ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކޮންމެ أمّة އަކަށްމެ رسول އަކު ފޮނުއްވީމެވެ. އެއީ، اللَّه އަށް އަޅުކަންކުރުމަށާއި، ބުދުތަކާ ދުރުހެލިވުމަށް އެންގެވުމަށެވެ. ފަހެ، اللَّه ތެދުމަގު ދެއްކެވި މީހުން، އެއުރެންގެ ތެރެއިންވެއެވެ. އަދި މަގުފުރެދުން އެބަޔެއްގެ މައްޗަށް حق ވެގެންވީ މީހުންވެސް އެއުރެންގެ ތެރެއިންވެއެވެ. ފަހެ، ތިޔަބައިމީހުން ބިމުގައި ދަތުރުފަތުރުކޮށް އުޅޭށެވެ. ފަހެ، ދޮގުކުޅަމީހުންގެ ނަތީޖާއޮތީ ކޮންފަދައަކުންކަން ތިޔަބައިމީހުން ދެކޭށެވެ!"

ޔަހޫދީއަކަށްނޫނީ އިޒުރޭލު ރައްޔިތަކަށް ނުވެވޭނެޔޭ ބުނުމުން، މީތި ބައިނަލް އަގުވާމީ މިންގަނޑުތަކަށް ފެތޭއިރު، މުސްލިމަކަށް ނޫނީ ދިވެއްސަކަށް ނުވެވޭނެކަމަށް އޮތް ހައްގުބަސް ބައިނަލް އަގުވާމީ މިންގަނޑަށް ނުފެތެންވީ ކޮންސަބަބަކާ ހުރެތޯ؟ ޖަވާބުދީބަލާށެވެ. ބައިނަލް އަގުވާމީ ގާނޫނަކީ މުޅިދުނިޔޭގެ ގާނޫނު ނޫންހެއްޔެވެ؟ ވީމާ ދުނިޔޭގައި ހިނގާނީ މުޅި ދުނިޔޭގެ ވެރި، ރައްބުލް ކާއިނާތު ގެ ގާނޫނުކަން ހަނދާން ކޮށްދެމެވެ. ރައްބުލް ކައިނާތުގެ ގާނޫނަކީ މުޅި އިންސާނިއްޔަތަށް މަންފާ ކުރާނެ އެއްޗެއްކަމާ މެދު ތިޔަ މަލްޢޫނާޔައް ޝައްކުވަނީނަމަ ޔޫރަޕްގައި އިސްލާމްދީން ފެތުރެނީ ކޮން ސަބަބަކާ ހުރެތޯ ނިކަން ވިސްނާލަ ބަލާށެވެ. ﷲ އަށާއި އެކަލާނގެ އާޔަތްތަކަށާއި އެކަލާނގެ ރަސޫލާ އަށާއި އެރަސޫލާގެ ޞަހާބީންނަށް ފުރައްސާރަ ނުކުރާށެވެ. ﷲތަޢާލާ ވަޙީކުރެއްވިއެވެ. أَبِاللَّـهِ وَآيَاتِهِ وَرَسُولِهِ كُنتُمْ تَسْتَهْزِئُونَ މާނައަކީ؛ "ތިޔަބައިމީހުން ތިޔަ މަލާމާތްކޮށް އުޅުނީ، اللَّه އާއި، އެކަލާނގެ آية ތަކާއި، އެކަލާނގެ رسول އާއަށް ހެއްޔެވެ؟" ތިޔަ ކުރާ ފުރައްސާރައިގެ ޝަކުވާ ނިކަމެތި އަހަރަމެންގެ، އިސްލާމީ ޢިއްޒަތުގެ ދެއަތް ﷲތަޢާލާއަށް އުފުލައި، ދިވެހި ފަސްގަނޑުގައި ތިޔަ ޢަދުއްވުން ހިންގާ ޖަރީމާތަކުގެ ޝަކުވާ އެފަރާތުގައި އަޅަމެން ދަންނަވަމެވެ. ﷲތަޢާލާ ވަޙީކުރެއްވިއެވެ.إِنَّا كَفَيْنَاكَ الْمُسْتَهْزِئِينَ މާނައަކީ؛ " ހަމަކަށަވަރުން، ކަލޭގެފާނަށް ފުރައްސާރަކުރާމީހުންގެ ނުބައިކަމުން ތިމަންރަސްކަލާނގެ ކަލޭގެފާނު ރައްކާތެރިކުރައްވާހުށީމެވެ!"

ހައްދު ޖެހުމާ ދެކޮޅަށް ވާހަކަ ދައްކާއިރު، ފަހަރެއްގައިވެސް މީހަކު ގޭގައި ބަސްއަހައިގެން ހުއްޓާ ހައްދެއް ނުޖަހައެވެ. ހައްދުޖަހަނީ ކޮންމެވެސް މީހެއްގެ ބައްޕަ، ބޭބެ، ބޮޑުބޭބެ، ކޮއްކޮ، ފިރިއެއް ފަދަ މީހަކާއެކު މުޑުދާރު އެ ޢަމަލު އޭނަ ހިންގީތީ ނޫންތޯއެވެ؟ ޖަވާބު ދީބަލާށެވެ. ތިޔަވާހަކަ ދައްކާ މީހާގެ ފިރިމީހާ، ތިމީހާގެ ދައްތަޔާ އެކު ޒިނޭ ކޮށްފި ނަމަ ބުނާނީ "އިޓްސް އޯކޭ" ހެއްޔެވެ؟ ޖަވާބު ދީބަލާށެވެ. އަދަބު ހައްގުވާ މީހުން ހައްދު ޖެހުމުން ކަން ބޮޑުވާއިރު އެފަދަ އެކުށުގެ ސަބަބުން ދަޅުދަޅާއި ކޮތަޅުކޮތަޅާއި ގޯނިގޯންޏަށް ލައި ގޮނޑުދޮށްތަކަށް އުކާލާ، ކުށެއްނެތް މައުސޫމް ކުދިންގެ މަރުގެ ޒިންމާ އުފުލާނީ ކާކުހެއްޔެވެ؟

އިސްލާމީ ޝަރީއަތުގައި އޮންނަ ގޮތަށް މަރުގެ އަދަބު ރާއްޖޭގައި ތަންފީޒުކުރަމުން ނުދާތީ، އެކަމާ ހިންހަމަ ޖެހުނީ އެއީ އޭގެ ކުރީގައި "އިސްލާމީ ޝަރީޢަތޭ" އޮތުމުންކަން ކަނޑައެޅިގެން އެނގެއެވެ. ސަބަބަކީ ތިޔަ ފާޖިރުން އެއީ ތިމާމެންގެ ބަފާ ކަމަށް ބަލައިގެން އުޅޭ އެމެރިކާއިން "ކެޕިޓަލް ޕަނިޝްމެންޓް" ގެ ނަމުގައި މަރުގެ އަދަބު ދެމުން ދާއިރު އެކަމާ މެދު ހިތް ރުހުނީ ކޮންހައިސިއްޔަތަކުން ކަން ބުނެދީބަލާށެވެ؟ އަދި އެކަން ފައްތާނީ ބައިނަލްއަގުވާމީ ކޮން ގާނޫނު އަސާސީ އަކަށް ހެއްޔެވެ؟ ޖަވާބު ދީބަލާށެވެ.

އަހަރުމެންގެ ފުރާނަ އެދީނަށް ޓަކައި ގުރުބާން ކުރުމަށް ތައްޔާރަށް ތިބި، މިދީނުގެ ހުރުމަތް ކަނޑާލަން އައިސް ބަޔަކު އަޑު އުފުލި ކަމުގައި ވިޔަސް ހަމަ ހިލާ އެކަމެއް މިގައުމުގެ އެއްވެސް ރައްޔިތަކު ގަބޫލެއް ނުކުރާނެއެވެ. އެކަމަށް އުއްމީދުކޮށް ހުވަފެނުގައިވެސް އެކަން ނުދެކޭށެވެ. މި ދިވެހި ގައުމަށް ގާނޫނު އަސާސީ ހަދައި ދޭން ބަންގާޅުންނާއި ކޮޅޮނބުން ބިދޭސީންގެ ޙާޖަތެއް ނެތެވެ. އެކަން ކުރެއްވޭނެ ފުންނާބުއުސް ބޭބޭފުޅުން މި ދިވެހި ފަސްގަނޑުގައި އެބަތިއްބެވިއެވެ. ވީމާ ބިދޭސީ ގައުމަކުން ދިވެހި މުދައްރިސަކު ގެންނާކަށް އަޅުގަނޑުމެން ނުޖެހޭނެއެވެ.


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި