Noorul-islam.NET :: ކައިވެނީގެ ގުޅުމަށްފަހު...!

ކައިވެނީގެ ގުޅުމަށްފަހު...!
Category »  މުޖުތަމަޢު

ތާރީޚް: 23 ނޮވެމްބަރ 2011

ލިޔުއްވީ : ޢަބްދުލްހާދީ ޙުސައިން

ކައިވެނި ކުރުމަށްފަހު ދެމަފިރިންގެ ޙަޔާތަކީ ތަފާތު ޙަޔާތެކެވެ. ކުރިން ވަކި ފަރުދުންގެ ގޮތުގައި އުޅުނު ދެމީހުން ކައިވެންޏަށްފަހު އެކުއެކީގައި އުޅެން ޖެހުމުން ތަފާތު ކަންތައްތަކާއި ތަފާތު އިޙްސާސްތައް ވެރިވާނެއެވެ. މިއީ ދެމީހުންގެ ޠަބީޢަތަށް އަންނަ ތަފާތު މަރުހަލާއެކެވެ. ކައިވެނީގެ އުފަލާއި ފޮނިކަން ޙާޞިލު ކުރާ މަރުހަލާއެކެވެ. ދެމީހުން އެކަކު އަނެކަކަށް ލޯބިވުމާއި، ގާތްވުމާއި ، ކުލުނު އުފެދުމުގެ ސަބަބުން މި ބިންގާ އެޅުނު ޙަޔާތައް ހެޔޮކަމާ ބަރަކާތް ފިޔަވައި ދެވަނަ އެއްޗެއް ނުވެއެވެ. މިކަމުގެ ސަބަބުން ގުޅުން ވަރުގަދަވެ ކައިވެނީގެ މޭވާ ފޮނިވެފައި މީރެވެ.

ކޮންމެޔަކަސް މިކައިވެނީގެ ގުޅުމުން ދެމީހުން ގުޅެ ޙަޔާތް ފަށާއިރު، މި ޙަޔާތް ހެޔޮގުތަގައި ވޭތުކުރަން ޢަޒުމު ކަނޑައަޅާ މަސައްކަތް ކުރަންޖެހެއެވެ.

މިގޮތުން އެންމެ ފުރަތަމަ ހެޔޮމަގަގުން ދެމީހުން ގުޅުނު ކަމަށްޓަކައި ޝުކުރު ޢަދާކުރަށް ޖެހެއެވެ. އެހެނީ މި ޝުކުރު އެންމެ ޙައްޤުވެރި ފަރާތަކީ ހުރިހާ ކަމަކަށް ކުޅާދުންވަންތަ މާތް ﷲ އެވެ. އެއިލާހީ ނިޢުމަތްތައް ދެއްވާ ނިޢުމަތްތަކުގެ ވެރި ރައްބެވެ. މާތް ﷲ ވަޙީ ކުރައްވަނީ: ( وَمَا بِكُمْ مِنْ نِعْمَةٍ فَمِنَ اللَّهِ ...) (53) النحل. މާނަ: " އަދި ތިޔަބައިމީހުންގެ ކިބައިގައިވާހާ نعمة އެއް ވަނީ، اللَّه ގެ حضرة ންނެވެ." އަދި އެހެންމެ މާތް ﷲ އަށް ޝުކުރު ކުރުމަކީ ރައްކާތެރިވުމާއި ދެމިތިބުމަށް އޮތް މަގެއްވެސް މެއެވެ. އަދި އެކަލާނގެއަށް ޝުކުރުވެރިވާ ފަރާތްތަކަށް އިތުރުވެސް ކޮށްދެއްވައެވެ. މާތް ﷲ ވަޙީ ކުރައްވަނީ: ( وَإِذْ تَأَذَّنَ رَبُّكُمْ لَئِنْ شَكَرْتُمْ لَأَزِيدَنَّكُمْ وَلَئِنْ كَفَرْتُمْ إِنَّ عَذَابِي لَشَدِيدٌ ) (7)ابراهيم. މާނަ: " އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ އެންގެވިހިނދު ހަނދުމަކުރާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުން شكر ކޮށްފިނަމަ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އިތުރުކޮށްދެއްވާހުށީމެވެ. އަދި ތިޔަބައިމީހުން (شكر ނުކޮށް) كافر ވެއްޖެނަމަ (ދަންނާށެވެ!) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ عذاب ގަދަފަދަވެގެންވާކަން ކަށަވަރެވެ." މާތް ﷲ އަށް ޝުކުރުވެރިވުމަށްފަހު ދެން ޝުކުރު އެންމެ ޙައްޤު ފަރާތަކީ މައިންބަފައިންނާއި ކައިވެނީގެ މާތް ގުޅުން ޤާއިމު ކުރުމަށްޓަކައި އެހީވެދިން ފަރާތްތަކެވެ.

ދެވަނައަށް ކުރަން ޖެހޭ ކަމަކީ އީމާންކަން ވަރުގަދަކުރުމާއި ހެޔޮޢަމަލުތައް ގިނަ ކުރުމެވެ. މިގޮތުން ފުރތަމަ ތިމާއަށް ފަރުޟުވެގެންވާ އަޅުކަންތައް އަދާކުރުމާއި އެކު ސުންނަތްތައް އަދާކުރުން ހުއްޓެވެ. އެހެނީ މިއީ އިންސާނާ މާތް ﷲ އާދެމެދު އޮންނަ ގުޅުން ވަރުގަދަކުރުމަށް އޮތް ވަޞީލަތްކަމަށް ވާތީއެވެ. އެކަލާނގެއަށް ފުރިހަމަ ގޮތުގައި އަޅުވެތިވުމުން އެފަރާތުގެ ރހިވޮޑިގަތުން ލިބުމާއެކު ޝައިޠާނާގެ ވަސްވާހުންނާއި ހަސަދަ ވެރިންގެ ހަސަދައިން މީހާ ދުރުކޮށްދޭނެއެވެ.

ތިންވަނަ ކަމަކީ ތިމާގެ ޖަވާޒީ ޙަޔާތުގެ ކަންތައްތައް އައުކޮށް ފޫހިކަން ގެނެސްދޭ އެންމެ ހައި ކަންކަމުން ދުރުވުމެވެ. ޖަވާޒީ ޙަޔާތުގެ ކަންކަން ތަފާތު ގޮތްތަކަކަށް ގެންދިޔުން މީގެ ތެރޭގައި ހިމެނެއެވެ. މިގޮތުން ދެމަފިރިން އުފަލާއި އަރާމު ހޯދުމުގައި އެތަކެއް މަގުތަކެއް ވެއެވެ. ދެމަފރިން އެކަކު އަނެކަކުގެ ރުހުމާއެކު، އިސްލާމީ ޝަރީޢަތުގެ ޙުދޫދުގެ ތެރޭގައި މިއިން ކޮންމެ ގޮތެއް ޚިޔާރުކުރުން ހުއްދަވެގެން ވެއެވެ.

ހަތަރުވަނަ ކަމަކީ ދެމަފިރިންގެ ދެމެދުގައި ވާހަކަ ދެއްކުމާއި މުޢާމަލާތް ކުރުމުގެ ފަންނު: އެކަކު އަނެކަކަށް ރިވެތި ގޮތުގައި ވާހަކަ ދެއްކުމާއި މުޢާމަލާތް ކުރުމަކީ ދެމީހުންގެ ގުޅުން ވަރުގަދަ ކޮށްދޭ ވަޞީލަތެކެވެ. މިއީ އެއްވެސް ދެމަފިރިއަކު މިކަމާމެދު އިހުމާލު ވެގެންވާނެ ކަމެއް ނޫނެވެ. އަދި ޚާއްޞަކޮށް އަލަތު ކައިވެނީގެ ދުވަސް ތައް ގުނަމުން ދާ ދެމީހުން މިކަންކަން ހަނދާން ކުރަން ޖެހޭނެއެވެ. އެހެނީ ތަފާތު މިޒާޖުގެ ދެމީހަކު ހަޔާތެއް ފެށުމަކީ އިންސާނީ ފިތުރަތުގެ ގޮތުން ބެލިޔަސް ތަފާތު ކަންކަމާއި މައްސަލަތައް ކުރި މަތިވާނެ ކަމެކެވެ. މިފަދަ ހާލަތުގައި މަޝްވަރާއާއި އަދި ކުރިމަތިވާ ކަންކަމާމެދު ޢަމަލު ކުރާގޮތް މުހިންމު ވެގެން ދެއެވެ.

ފަސްވަނަ ކަމަކީ ދެމަފިރިންގެ ޙައްޤުތަކާއި ވާޖިބުތަކަށް ރިޔާޢަތްކުރުމެވެ. މިއީ ކޮންމެ ދެމަފިރި އަކުވެސް އެކަކުއަނެކަކަށް ވިސްނާ ބަލަން ޖެހޭނެ ކަންކަމެވެ. ތިމާގެ ޙައްޤެއް ލިބިގަތުމުގެ ކުރިން އަބަދުވެސް ތިމާ އަދާކުރަން ޖެހޭ ވާޖިބުތަކެއް ހުންނާނެކަން ހަނދާނުގައި ބަހައްޓަން ޖެހޭނެއެވެ. ތިމާގެ ކިބައިން އެއިން ކަމަކަށް އެދުމުގެ ކުރިން ތިމާ އަނެކާއަށްޓަކައި އަދާކުރަން ޖެހޭ ކަންކަން އަދާކުރުމަކީ މި މަތިވެރި ގުޅުން ދެމެހެއްޓުމަށް އެޅޭ ވަރަށްބޮޑު ފާލެކެވެ. މިގޮތުން ޚަރަދުބަރަދާއި ހިޔާވަހިކަމާއި އުނުއަންނައުނު ދިނުމަކީ އަނބިމީހާއަށްޓަކައި ފިރިމީހާގެ މައްޗަށްވާ ވާޖިބެކެވެ. އަދި ދެމީހުން އެކަކު އަނެކަކަށް ތެދުވެރިކަމާއި އަޅާލުމާއި އޯގާތެރިކަމަކީ ނުހަނު ބޭނުންތެރި ކަންކަމެވެ. އަދި އަނބިމީހާވެސް ފިރިމީހާގެ މުދަލަށް ރަށްކާތެރިވުމާއި ފިރިމީހާއަށްޓަކައި "ތަންމަތި" ރައްކާތެރި ކުރުމަކީ ފިރިމާހާއަށްޓަކައި އަނބިމީހާގެ މައްޗަށް ވާޖިބެކެވެ. އަދި ފިރިމީހާ ފަދައިން އަނބިމީހާވެސް ފިރިމީހާއަށް ކުލުނުވެރިވުމާއި އޯގާތެރިވުމާއި އަޅާލުމަކީ ނުހަނު ބޭނުންތެރި ކެމެކެވެ.

އެންމެފަހަށް ދަންނަވަން އޮތީ ކައިވެނީގެ މަތިވެރި ގުޅުމަކީ ކުޅޭކުޅޭ ކުޅިވަރެއްނޫންކަމެވެ. މިއީ ހަރުދަނާ މުޖުތަމަޢެއް ބިނާ ކުރުމަށްޓަކައި އެޅޭ މަތިވެރި ބިންގަލެކެވެ. މިހެންކަމުން މި މަތިވެރި ގުޅުން ހެޔޮގޮތުގައި ދެމެހެއްޓުމަށް އެންމެވެސް މަސައްކަތް ކުރަން ޖެހޭނެއެވެ. ދުޢާއަކީ މާތް ﷲ، ކޮންމެ ދެމަފަރިއެއްގެ ދެމެދުގައިވެސް ލޯތްބާއި ކުލުނު ލައްވައި އެ ކައިވެނީގެ ގުޅުން ވަރުގަދަ ކޮށްދެއްވުމެވެ. އަދި އުފާވެރކަމާއި އަމާންކަމާއި މަޑުމައިތިރިކަން ލެއްވުމެވެ. އާމީން!


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި