Noorul-islam.NET :: ޚަލީލްއާއި ޛަބީޙްގެ އުފާވެރި ހަނދާން

ޚަލީލްއާއި ޛަބީޙްގެ އުފާވެރި ހަނދާން
Category »  ދީނީ ލިޔުން

ތާރީޚް: 8 ނޮވެމްބަރ 2011

ތަރުޖަމާކޮށް އެކުލަވާލީ : އަޙްމަދު އަޖްމަލް ޙާމިދު

1.     ގޮވާލެއްވި ގޮވާލެއްވުން

އިބްރާހީމްގެފާނު ކަޢުބާ ބިނާކޮށް ނިންމެވުމުން، މީސްތަކުންނަށް ޙައްޖަށް އައުމަށް ގޮވާލެއްވުމަށް މާތް ﷲ އެކަލޭގެފާނަށް އަމުރުކުރެއްވިއެވެ. މިއަމުރުފުޅާމެދު އެކަލޭގެފާނުގެ ހިތްޕުޅުގައި ސުވާލު އުފެދުނެވެ. އެކަލޭގެފާނު ދެންނެވިއެވެ. "ޔާ ﷲ އެވެ. މިއަޅާގެ އަޑު އެހުރިހާ އެންމެންނަށް ފޯރާނީ ކިހިނަކުންތޯއެވެ؟" އެހިނދު މާތް ﷲ އެކަލޭގެފާނަށް އެންގެވީ އެކަލޭގެފާނުގެ ވާޖިބަކީ މީސްތަކުންނަށް ޙައްޖަށް އައުމަށް ގޮވާލެއްވުން ކަމަށެވެ. އެގޮވާލެއްވުން އެންމެހާ މީސްތަކުންނަށް ފޯރުކޮއްދެއްވުމަކީ އެކަލާނގެ މަސްއޫލިއްޔަތެއް ކަމަށެވެ.

މިކަމުގައި އަޅުގަނޑުމެންނަށް ވަރަށް ޢިބުރަތްތެރި ފިލާވަޅެއްވެއެވެ. ތިބާ ތިލާ ހިތްވަރާއި ތިކުރާ މަސައްކަތުގެ ނަތީޖާއާމެދު ނުވިސްނާށެވެ. އޭގެ ބަދަލުގައި ތިކުރާ މަސައްކަތް ތިބާގެ ޤާބިލިއްޔަތުކަން ތަންދޭ އެންމެ ރަނގަޅު ފެންވަރަކަށް ކުރުމަށް ގަދައަޅައި ހިތްވަރުކުރާށެވެ. އިބްރާހީމްގެފާނަށް އެއެންގެވި އަމުރުފުޅާ އެއްގޮތަށް ކަން ކުރެއްވުމުގައި އެދެވޭ ނަތީޖާ ޙާޞިލްނުވާނެކަން ވިސްނިވަޑައިގެން އެކަލޭގެފާނު އެކަން ނުކުރެއްވިނަމަ މިއަދަކު ޙައްޖެއްނުވީހެވެ. ނަމަވެސް އެއާ ޚިލާފަށް އެކަލޭގެފާނު މާތް ﷲ އަށް ވަކީލުކުރައްވާ އެކަލޭގެފާނަށް ކުރެއްވެން އޮތް އެންމެ ފުރިހަމައަށް އެކަން ކުރެއްވީއެވެ. އެގޮތުން އެކަލޭގެފާނަށް ފެނިވަޑައިގަތް އެންމެ އުސް ފަރުބަދައަށް އަރުއްވާ، އެކަލޭގެފާނަށް ވެވެޑައިގެންނެވި އެންމެ ހަރެއްކޮށް، އެންމެ ބާރަކަށް މީސްތަކުންނަށް ޙައްޖަށް ގޮވާ ލެއްވީއެވެ.

އެދުވަސްވަރު ދުނިޔޭގައި ތިބި އެންމެހާ ބަޔަކަށް އެގޮވާލެއްވުމުގެ އަޑު އިވުނެވެ. އަދި ޙައްޖުގެ އަޅުކަން ފެށިގެން ދިޔައެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. "އަދި ކަލޭގެފާނު މީސްތަކުންނަށް ޙައްޖަށް އައުމަށް ގޮވާލައްވާށެވެ! އޭރުން ފައިމަގުގައްޔާއި، އަނަރޫފަ ޖަމަލު މަތީގައި، ދުރުތަންތަނުން އެއުރެން ކަލޭގެފާނު އަރިހަށް އަންނާނެއެވެ."

އެދެވޭ ނަތީޖާ ޙާޞިލްނުވެދާނެހެން ހީވާތީ، ހިތްވަރުލާ ގަދަ އަޅައި މަސައްކަތްކުރުމުން ތިބާގެ ނަފުސު މަނާކޮށްގެން ނުވާނެއެވެ.

 

ތިބާގެ މައްޗަށް ވާޖިބުވާ މިންވަރު ތިބާ އަދާކުރާށެވެ. ބާކީ އޮތްބައި ކަށަކުޅަދުންވަންތަ އިލާހަށް ދޫކޮށްލާށެވެ.

 

2.     ސަބަބު

އިބްރާހީމްގެފާނަށް އެންގެވި އަމުރުފުޅު އެންމެ ފުރިހަމަ ގޮތުގައި އަދާކޮށް ނިންމަވާލެވުމުގައި ދެސަބަބެއް ވެއެވެ.

-         އެމަސައްކަތް ފުރިހަމަ ކުރައްވަން އަޅުއްވަން ޖެހޭ ހުރިހާ ފިޔަވަޅުތަކެއް އެކަލޭގެފާނު އެޅުއްވިއެވެ. އެގޮތުން އެކަލޭގެފާނަށް ފެނިވަޑައިގަތް އެންމެ އުސް ފަރުބަދައަށް އަރާވަޑައިގަތެވެ. އަދި އެކަލޭގެފާނަށް ވެވެޑައިގެންނެވި އެންމެ ހަރެއްކޮށް އެންމެ ބާރަށް ގޮވާލެއްވިއެވެ.

-         އެކަލޭގެފާނު އެކަން ކުރެއްވީ އިޚްލާޞްތެރިކަމާއެކުއެވެ. އެކަލޭގެފާނުގެ އެގޮވާލެއްވުން މާތް ﷲ އެންމެހާ އިންސާނުންނަށް ފޯރުކޮށްދެއްވާނެކަމަށް އެކަލޭގެފާނު އިޚްލާޞްތެރިކަމާއެކު ޤަބޫލުކުރެއްވިއެވެ.

ދުނިޔެއާއި އާޚިރަތުގެ ޙަޤީޤީ ފަލާޙާއި ކާމިޔާބު ޙާޞިލްކުރުމަށް ބޭނުންވަނީ މިދެ ބަހާއެވެ. އިޚްލާޞްތެރިކަމާއި ގަދައަޅައި މަސައްކަތްކުރުމެވެ.

ރަނގަޅު ނިޔަތަކާއިގެން ހިތްވަރުލާ މަސައްކަތްކުރާށެވެ.

 

3.     ބޮޑާވެރިނުވާށެވެ.

އިބްރާހީމްގެފާނާއި އިސްމާޢީލްގެފާނު ކަޢުބާގެ ބިނާކުރައްވަމުން ކުރެއްވި ދުޢާ ވާރިދުވެފައިވާ އާޔަތާމެދު އަޅުގަނޑު އަޖާއިބުވަމެވެ. މާތް ﷲ ވަޙީކުރައްވާފައިއެވެ. "އަދި އިބްރާހީމްގެފާނާއި އިސްމާޢީލްގެފާނާ ދެބަފައިކަލުން ގެފުޅުގެ ބިންގާ އުފުއްލަވައި ބިނާކުރައްވަމުން ގެންދެވިހިނދު، ހަނދުމަކުރާށެވެ! (އެހިނދު ދުޢާ ކުރެއްވިއެވެ.) އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ ކިބައިން (މިކަން) ޤަބޫލު ކުރައްވައިފާނދޭވެ!"

އޭގެ ދެބަފައިކަލުން އޭރު ކުރައްވަމުން ގެންދެވީ ނުހަނު ޝަރަފުވެރި މަސައްކަތްފުޅެކެވެ. އެއީ އިލާހީ އަމުރުފުޅެއްގެ ޢަމަލީ ތަންފީޒުކުރުމެކެވެ. ނަމަވެސް އޭގެ ދެބަފައިކަލުން އެކަމުގެ މައްޗަށް ބޮޑާވެރިވެ ވަޑައެއްނުގަންނަވައެވެ. ނަމަވެސް މަޑުކޮޅިކަމާއެކު މާތް ﷲ ގެ ޙަޟްރަތުން އެމަސައްކަތް ޤަބޫލުކުރެއްވުން އެދި ދުޢާކުރެއްވީއެވެ.

ތިބާއަށް ރަނގަޅަށް ނުވަތަ މޮޅަށް ކަމެއް ކުރެވޭނަމަ އެކަމާމެދު ބޮޑާވެރިވެ މީހުން ކައިރި އެކަމާބެހޭގޮތުން ސަޅިބައިސާ ނުކަނޑާށެވެ. ހަނދާންކުރާށެވެ. ތިބާއަށް އެކަން ރަނގަޅަށް އަދި މޮޅަށް ކުރުމަށް މަގު ތަނަވަސް ކޮށްދެއްވީ ފުދިވޮޑިގެންވާ ﷲ އެވެ. އެކަމުގެ މައްޗަށް އެކަލާނގެއަށް ޝުކުރުވެރިވެ، ތިބާގެ އެމަސައްކަތް ޤަބޫލުކުރެއްވުން އެދި އެކަލާނގެއަށް ދަންނަވާށެވެ.

 

4.     ފާރަވެރިޔާ

އަދިވެސް އިބްރާހީމްގެފާނާއި އިސްމާޢީލްގެފާނު ކުރެއްވި ދުޢާގެ ވާހަކައެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. "އަދި އިބްރާހީމްގެފާނާއި އިސްމާޢީލްގެފާނާ ދެބަފައިކަލުން ގެފުޅުގެ ބިންގާ އުފުއްލަވައި ބިނާކުރައްވަމުން ގެންދެވިހިނދު، ހަނދުމަކުރާށެވެ! (އެހިނދު ދުޢާ ކުރެއްވިއެވެ.) އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ ކިބައިން (މިކަން) ޤަބޫލު ކުރައްވައިފާނދޭވެ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ މޮޅަށް އައްސަވާވޮޑިގެންވާ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ."

އޭގެ ދެބަފައިކަލުން ކުރެއްވި ދުޢާ ނިންމަވާލައްވާފައިވަނީ، މާތް ﷲ އަކީ "މޮޅަށް އައްސަވާވޮޑިގެންވާ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެ" ކަމަށް އިޢުތިރާފްވެ ވަޑައިގަންނަވަމުންނެވެ. ނިކަން ތަޞައްވަރު ކޮށްލަބަލާށެވެ. ތިބާ ކުރާ ކޮންމެ ކަމެއް މާތް ﷲ ބައްލަވާވޮޑިގެންވާކަމާއި ތިބާ ތިކުރާކަމެއް މޮޅަށް ދެނެވޮޑިގެންވާކަން ދަނެގެން ކުރާނަމަ އެކަންކަން ކުރާނީ ކޮންފަދައަކުން ހެއްޔެވެ؟ ތިބާ ކުރުމަށް އިޚްތިޔާރުކުރާނީ ކޮންކަހަލަ ކަންކަމެއް ހެއްޔެވެ؟ ތިބާގެ އުފެއްދުންތެރިކަމަށްވާނީ ކިހިނެއް ހެއްޔެވެ؟ ތިބާ ތިކުރާކަމެއް ފަރުވާތެރިކަމާއެކު، ކުރެވެން އޮތް އެންމެ ރަނގަޅަކަށް ކުރުމަށް ތިބާ ނުކުރާނީ ކޮންކަމެއް ހެއްޔެވެ؟

ތިބާގެ ކަންނެތްކަމާއި އެކަމާމެދުވާ ފޫއްސެއްގެ ބޮޑުކަމުން ނުކޮށް ފަސްކުރަމުންދާ ކަންކަމުގެ ތެރެއިން އެއްކަމެއް އިޚްތިޔާރުކުރާށެވެ. އަދި އަމިއްލަ ނަފްސާ ސުވާލުކުރާށެވެ. އަހަރެން މިކަމެއް އިޚްލާޞްތެރިކަމާއެކު، މާތް ﷲ ގެ ވަޖްހުފުޅު އަދައިގެން، އެކަލާނގެ އަހަރެން މިކުރާ ކަމެއް ބައްލަވާވޮޑިގެންވާކަން ދަނެގެން ކުރާނަމަ މިކަމެއް ކުރާނީ ކޮން ފޭޑިއަކަށް ހެއްޔެވެ؟

ތިބާގެ ޖަވާބާމެދު ޚުދު ތިބާވެސް ހައިރާންވެދާނެއެވެ!

 

5.     ޔަޤީންކަން

އެއްދުވަހަކު އިބްރާހީމްގެފާނު ހޭފުޅުލެއްވި ގޮތަށް ހާޖާރުގެފާނުގެ އަރިހުން، ދިގު ދަތުރަކަށް އެކަމަނާއާއި ތުއްޕުޅު އިސްމާޢީލްގެފާނު ތައްޔާރުވުމަށް ވިދާޅުވިއެވެ. އިބްރާހީމްގެފާނާއި ހާޖަރުގެފާނު ހިނގަވަމުން ވަޑައިގަތެވެ. ހަނަފަސް ބިންތަކާއި ދިރުމެއްނުވާ ފަރުބަދަތައް ފަހަނައަޅައި އެންމެފަހުން ޢަރަބި ސަހަރާއަށް ވާޞިލްވެވިއްޖެއެވެ. އިބްރާހީމްގެފާނު އެކަލޭގެފާނުގެ އަނބިކަނބަލުންނާއި ތުއްޕުޅު ދަރިކަލުންނާއިގެން މަރުވާ ކިޔާ އުސްފަރުބަދައަކަށް އަރުއްވާ އޭގެ ދެމައިން އެތާ ގަހެއްގެ ދޮށުގައި ބޭތިއްބެވިއެވެ. އަދި އޭގެ ދެމައިންގެ ކައިރީގައި ފެންހަމަކާއި ކަދުރު ކޮތަޅެއް ބެހެއްޓެވުމަށްފަހު، އެއްވެސް ފަރުވާލެއްނެތި ފަސްދީ ހިނގަވަން ފައްޓަވައިފިއެވެ.

ތިބާއަށްވެސް ހާޖަރުގެފާނުގެ ހިތްޕުޅުގައި ހިނގަމުންދާނެ ޝުޢޫރުތައް ތަޞައްވަރުކުރެވޭނެއެވެ. އެކަމަނާ ބަލަން ނުހުންނަވާ އެކަލޭގެފާނުގެ ފަހަތުން ދުވެވަޑައިގަތެވެ. އަދި ތަކުރާރުކޮށް އައްސަވަމުން ގެންދެވިއެވެ. "އެއްވެސް ބަޔަކު ނެތް ހަނަފަސް ސަހަރާއަކަށް އަޅުގަނޑާއި ތުއްޕުޅު ދަރިކަލުން ދޫކޮށް ވަޑައިގަންނަވަނީތޯއެވެ؟" ނަމަވެސް އިބްރާހީމްގެފާނު އެކަމަނާއަށް ބެއްލެވުމެއްނެތި އަދި އެކަމަނާގެ އެސުވާލަށްވެސް ޖަވާބުދެއްވުމެއްނެތި ކުރިއަށް ވަޑައިގެންނެވިއެވެ. އެންމެ ފަހުން އެކަމަނާ ސުވާލުކުރެއްވިއެވެ. "ތިފަދައިން ކަންކުރެއްވުމަށް މާތް ﷲ އަމުރުކުރެއްވީތޯއެވެ؟" އެކަލޭގެފާނު ޖަވާބުގައި އާނއެކޭ ވިދާޅުވުމުން އެކަމަނާ ވިދާޅުވިއެވެ. "އެހެންކަމުގައިވާނަމަ އެކަލާނގެ އަޅުގަނޑުމެންނާމެދު އިހުމާލުވެވޮޑިއެއް ނުގަންނަވާނެއެވެ."

މިވާހަކައިގައި ވަރަށް މުހިންމު ޢިބްރަތެއްވެއެވެ. އެއީ، މާތް ﷲ ތިބާ އިމްތިޙާނު ކުރައްވާނަމަ އެކަލާނގެ ތިބާ ގިނިކަންޏާ ދޫކޮށްނުލައްވާނެކަމެވެ. ތިބާއަކީ މުސްލިމެކެވެ. ތިބާ އެކަލާނގެއަށް އީމާންވަމެވެ. އަދި އެކަލާނގެ ތިބާ ގިނިކަންޏާ ދޫކޮށެއްނުލައްވާނެކަން ޔަޤީނެވެ. ތިބާ ކުރިމަތިލާ ކޮންމެ ކަމެއް، ދިމާވާ ދަތި އުނދަގޫ އިމްތިހާނުތަކާމެދު ނުވިސްނާ، ވީ އެންމެ ފުރިހަމައެއްކޮށް ކުރާށެވެ. އަދި މާތް ﷲ ތިބާ ގިނިކަންޏާ ދޫކޮށް ނުލައްވާނެކަން ޔަޤީންކުރާށެވެ.

 

6.     މިންޖުވާން ބޭނުންވާ މުޢުޖިޒާތް

ހާޖަރުގެފާނު އިސްމާޢީލްގެފާނަށް ގާތުންދެއްވަމުން ގެންދެވިއެވެ. އެކަމަނާވެސް ދިޔައީ ފެންހަމުން ފެން ހިއްޕަވަމުންނެވެ. އެންމެ ފަހުން އެފެންހަން ހުސްވެ އެކަމަނާގެ ކަރުހިއްކުން އިންތިހާއަށް ހިނގައްޖެއެވެ. ތުއްޕުޅު އިސްލާޢީލްގެފާނު ކީރިތި ކުރައްވަނީއެވެ. އިސްމާޢީލްގެފާނު މަރުވާގައި ބައިންދަވާފައި، ފެން ހޯއްދެވުމަށް އެކަމަނާ އެތާ ކައިރީގައިހުރި ޞަފާ ފަރުބަދައަށް ދުވެވަޑައިގެން އެރުއްވިއެވެ. އެފަރުބަދައިގެ ކުންނަށް ވާޞިލްވުމުން ފަރުވާތެރިކަމާއެކު ބައްލަވައިލެއްވިއެވެ. މީހެއްގެ ހިލަމެއްވޭތޯއެވެ. މީހެއްގެ އަސަރެއް ނުފެނުމުން ޞަފާއިން ފައިބާވަޑައިގެން ވާދީ ހުރަސްކުރެއްވުމަށްފަހު މަރުވާއަށް ދުވެވަޑައިގެން އެރުއްވިއެވެ. އެތާ ހުންނަވާ މީހަކު ފެނޭތޯ ބެއްލެވިއެވެ. ނަމަވެސް އެހަނަފަސް ސަހަރާގައި އެކަމަނާއާއި ތުއްޕުޅު އިސްމާޢީލްގެފާނު ފިޔަވައި މީހަކު ނެތެވެ. އެކަމަނާ މިގޮތަށް ޞަފާއާއި މަރުވާދޭތެރޭ 7 ބުރު ޖެއްސެވިއެވެ. މީހެއްގެ ހިލަމެއްވޭތޯއެވެ. ގެއްލިފައި ނަމަވެސް ފެންފޮދެއްވޭތޯ ބެއްލެވުމަށެވެ. މަރުވާއަށް އެންމެ ފަހު ފަހަރު ވާޞިލްވިއިރު އެކަމަނާވަނީ ވަރަށް ބޮޑަށް ވަރުބަލިވެފައެވެ. މުޢުޖިޒާތް މެދުވެރިވީ އެހިނދުއެވެ. ވަޙީގެ އަމާނާތްރެރިޔާ ޖިބްރީލްގެފާނު މާތް ﷲ ގެ އަމުރުފުޅާއި އިޒުނަފުޅާއެކު ތުއްޕުޅު އިސްމާޢީލްގެފާނުގެ ފައިންޕުޅު ދަށުން ފެން އާރެއް ނެރުއްވިއެވެ. އާދޭހެވެ! ޒަމްޒަމް އުފަންވީއެވެ.

ތިބާގެ އަމިއްލަ ނަފްސާ ސުވާލުކޮށްލަބަލާށެވެ. މާތް ﷲ ހާޖަރުގެފާނު މަރުވާއާއި ޞަފާއާ ދެމެދު 7 ފަހަރު ދުވެވަޑައިގަތުމަށް ދާންދެން ފެންއާރު ނުނެރުއްވާ ލަސްކުރެއްވީ ކީއްވެބާއެވެ؟ އެކަލާނގެ އިރާދަކުރެއްވިނަމަ އެކަމަނާ އިންގިއްޏެއްގެ މިންވަރުވެސް ހަރަކާތްކުރެއްވުމެއްނެތި އެކަމާނާއާއި ތުއްޕުޅު ދަރިކަލުންނަށްޓަކައި ފެންއާރެއް ނެރުއްވެވިދާނެއެވެ. މިކަމުގައި އިލާހީ ދަރުސެއް ވެއެވެ. މުޢުޖިޒާތަކަށް އެދޭނަމަ ގަދައަޅާ މަސައްކަތް ކުރާށެވެ.

އުޑުން ރަނުގެ ވާރޭއެއް ނުވެއްސަވައެވެ. ގަދައަޅައި މަސައްކަތްކުރާށެވެ. އަދި ތިބާއަށްވީ އެންމެ ފުރިހަމަ ވައްޓަފާޅިއަކަށް މަސައްކަތް ކުރާށެވެ. އޭރުން ހީވެސް ނުކުރާހާ މަގުމަގުން މާތް ﷲ ތިބާއަށް ރިޒްޤު ތަނަވަސްކޮށްދެއްވާނެއެވެ.

މިއީ މުޅި އިސްލާމީ އުންމަތަށްވާ މެސެޖެކެވެ. އުންމަތަށްޓަކައި ކަމެއް ނުކޮށް ތިހެން ދެއަތް އުރާލައިން ތިއްބަކަސް މިއުންމަތުގެ ހާލަތު ބަދަލުވެ ނަޞްރާއި ކާމިޔާބީއެއް ނުލިބޭނެއެވެ.

އަދު ބޭނުންވަނީ ހަރަކާތްތެރި މުޖުތަމަޢުތަކެކެވެ. އަމިއްލަ އަރާމަށްވުރެއް އެހެން މީހުންގެ ހިންހަމަޖެހުމާއި އުފާ އިސްކުރާ ބަޔެކެވެ. އަހަރުމެން ކޮންމެ މީހަކުވެސް އެމީހަކު ކުރާ ކަމެއްގައި އުފެއްދުންތެރިވެ އިހުނަށްވުރެއް ގަދައަށް އުންމީދާއަކު މަސައްކަތް ކުރަންވެއްޖެއެވެ. އަދި އަހަރުމެން ވަށައިގެންވާ މީހުންނަށްވެސް އެފަދައިން ކަންކުރުމަށް ހިތްވަރުދޭން ވެއްޖެއެވެ. މާތް ﷲ ގެ އިރާދަފުޅާއެކު އާރުހުރި އުންމަތެއްގެ ގޮތުގައި އަހަރުމެންނަށް ތެދުވެވޭނީ އޭރުންނެވެ.

 


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި