Noorul-islam.NET :: ޒަކާތް 1 - ޒަކާތުގެ ފަރުދީ ފައިދާއާއި އިޖުތިމާޢީ ފައިދާ

ޒަކާތް 1 - ޒަކާތުގެ ފަރުދީ ފައިދާއާއި އިޖުތިމާޢީ ފައިދާ
Category »  ދީނީ ލިޔުން

ތާރީޚް: 12 އޮކްޓޯބަރ 2011

ލިޔުއްވީ : ޢަބްދުﷲ ޞިއްދީޤް (ނޫރުލް އިސްލާމްގެ ޑެޕިއުޓީ އެޑިޓަރ)

ޒަކާތަކީ އިސްލާމްކަމުގެ 3 ވަނަ ރުކުނެވެ. ޒަކާތާ ނުލައި އަޅާގެ އީމާންކަން ފުރިހަމައެއް ނުވާނެއެވެ. ކީރިތި ޤުރުއާނުގެ ވަރަށް ގިނަ އާޔަތްތަކުގައި ޒަކާތުގެ ވާހަކަ ބަޔާންކުރެވިފައިވެއެވެ. ﷲތަޢާލާ ވަޙީކުރައްވާފައިވެއެވެ. فَإِن تَابُوا وَأَقَامُوا الصَّلَاةَ وَآتَوُا الزَّكَاةَ فَإِخْوَانُكُمْ فِي الدِّينِ ۗ وَنُفَصِّلُ الْآيَاتِ لِقَوْمٍ يَعْلَمُونَ ﴿١١  މާނައަކީ؛ "ފަހެ، އެއުރެން توبة ވެ، ނަމާދު قائم ކޮށް، زكاة ދީފިނަމަ، ފަހެ، އެއުރެންނަކީ، دين ގައި ތިޔަބައިމީހުންގެ أخ ންނެވެ. އެނގޭބަޔަކަށް ތިމަންރަސްކަލާނގެ آية ތައް تفصيل ކޮށްދެއްވަމެވެ." ވިސްނާ ފިކުރުކުރާބަޔަކަށް ޢިބުރަތުން ފުރިގެންވާ އާޔަތެކެވެ.

ޒަކާތް ދިނުމުގައި ފަރުދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ނުހަނު ގިނަގުނަ ފައިދާތަކެއްވެއެވެ. ކުރިން ދެންނެވުނު ފަދައިން އަޅާގެ އިސްލާމްކަން ފުރިހަމަވުން މިއީ ވަރަށް ބޭނުންތެރިކަން ބޮޑު ފައިދާއެކެވެ. މިހެނީ ކޮންމެ މުސްލިމަކީވެސް ތިމާގެ އީމާންކަމާއި، ތިމާގެ އިސްލާމްކަމާއި އަދި ތިމާގެ ދީން ފުރިހަމަ ކުރުމަށް ނުހަނު ޝައުގުވެރިވާނެ މީހެއްކަން ޔަގީނެވެ. ޒަކާތްދޭ މީހާއަކީ ތެދުވެރި އީމާނަކުން އީމާންވެގެންވާ މީހެއްކަމުގައި ޢިލްމުވެރިން ބަޔާން ކުރައްވާކަމީ އުފާވެރިކަމާއި ހިންހަމަޖެހުން ތިމާއަށް ލިބިގެންދާ ކަމެކެވެ. މިހެނީ މުދަލަކީ އެއަކަށްޓަކައި ތިމާގެ ނަފްސު ދަހިވެތިވެފައިވާ އެއްޗެކެވެ. ވީމާ ތިމާ ލޯބިވާ އެއްޗެއް ހޭދަކުރެވޭނީ އީމާންކަމުގެ އަހުލުވެރިންނަށެވެ. ބަޔާންމިކުރެވުނު ތެދުވެރިކަމަށްޓަކައި ޒަކާތަށް ޞަދަޤާތް މިނަންވެސް ދެވިފައިވެއެވެ. އެއީ ތެދުވެރިކަމުގެ މާނައިގައެވެ. ޒަކާތް ދިނުމުގައި ތިމާގެ އަޚްލާގިއްޔާތަށް އިސްލާމްދީނުގައި އިތުރު ޤަދަރެއް ދެވިގެންވެއެވެ. ސަބަބަކީ ތިމާ މީހާއަކީ މުށްބާރު މީހުންގެ ތެރޭގައި ނުވުމެވެ. ތިމާއަށް ލިބިފައިވާ އެއްޗަކުން ދާއިމީ ގޮތެއްގައި ހޭދަކުރަމުން އަންނަ މީހަކަށް އެންމެ ދުވަހަކު އެކަން ނުކުރެވުނު ކަމުގައިވިޔަސް ނުތަނަވަސް ކަމެއް އިޙްސާސްވާކަމީ ޝައްކެއްހުރިކަމެއް ނޫނެވެ. ޞަދަޤާތްކުރުމުގައި ތިމާއަށް ލިބިފައިވާ ޢިލްމާއި މުދަލާއި އެނޫންވެސް ނިޢުމަތްތައް ބޭނުންކުރެވޭނެއެވެ. ޒަކާތް ދިނުމަކީ ތިމާގެ ހިތަށް ހަމަޖެހުން ގެނެސްދޭ އުފާވެރި ކަމެކެވެ. މިސާލަކަށް ފަޤީރުމީހަކަށް ޞަދަޤާތެއް ކޮށްލުމުން ލިބޭ އުފާވެރި ކަމަކީ ތަޖުރިބާ ކުރެވިފައިވާ މުޖައްރަބު ކަމެކެވެ. ތިބާވެސް މިކަމުގެ އަޖުމަ ބަލައިލުން ބުއްދިވެރިނޫންތޯއެވެ. ނަމަވެސް މި ހިތްހަމަޖެހުން ލިބިގެންދާނީ ހިތުން ރުހުމުން އެ ޞަދަޤާތެއް ކޮށްފި ނަމައެވެ. އަދި ޒަކާތް ދިނުމުގެ ސަބަބުން ތިމާގެ އީމާންކަން ފުރިހަމަވެ، އީމާންކަން އިތުރުވެގެންދާ ކަމެއްވެސްމެއެވެ. ފަހެ ރަސޫލުއްﷲ ޞައްލަﷲ ޢަލައި ވަސައްލަމް ޙަދީސް ކުރެއްވިއެވެ. (( لا يؤمن أحدكم حتى يحب لأخيه ما يحب لنفسه )) =أخرجه مســــلم= މާނައަކީ؛ "ތިމާގެ އަމިއްލަ ނަފްސަށް ކުރާވަރަށް، ތިމާގެ އަޚާއަށް ލޯބިކޮށްފުމަށް ދާންދެން ތިޔަބައިމީހުންގެ އީމާންކަން ފުރިހަމަ ނުވާ ހުއްޓެވެ." މިހެނީ ތިމާ ފައިސާވެރި ކަމުގައި، ތަނަވަސްކޮށް އުޅެމުންދާއިރު ތިމާގެ އަޚާޔަށް ދީލަތިކަމުގެ އަތެއް ދިއްކޮށްލުމީ އޭނާދެކެ ލޯބިވުން ނޫންތޯއެވެ. އަދި މީގެ އިތުރުން ޒަކާތަކީ ތިމާޔަށް ސުވަރުގެ ވަދެވުމުގެ ސަބަބެއްކަމުގައި ﷲތަޢާލާ ލައްވަވައެވެ. ރަސޫލުއްﷲ ޞައްލަﷲ ޢަލައި ވަސައްލަމް ޙަދީސް ކުރެއްވިއެވެ. (( يا أيها الناس، أفشوا السلام، و أطعموا الطعام، و صلوا الأرحام، و صلّوا و الناس نيام، تدخلوا الجنة بسلام )) =أخرجه الإمام أحمد= މާނައަކީ؛ " އޭ މީސްތަކުންނޭވެ! ސަލާމްކުރާށެވެ، ކާންދޭށެވެ، (ފަޤީރުންނާއި މިސްކީނުންނަށް ކާންދޭށެވެ.) ގާތްތިމާގެ ގުޅުން ދަމަހައްޓާށެވެ، މީސްތަކުން ނިދާފައި ތިބޭގަޑީގައި ނަމާދު ކުރާށެވެ، (ދަމު ނަމާދު ކުރާށެވެ.) ސަލާމަތްތެރިކަމާ އެކީ ތިބާމެންނަށް ސުވަރުގެ ވަދެވޭހުއްޓެވެ." ވީމާ ޒަކާތް ދިނުމަކީ ފަޤީރުންނާއި މިސްކީނުންގެ އަތްމަތި ތަނަވަސްވެ އެބައިމީހުންގެ ކެއުމާއި ބުއިމަށް ފަސޭހަވެގެން ދާނެކަމެކެވެ. މުޅި އިސްލާމީ މުޖުތަމަޢަކީ އެއް ޢާއިލާއެއްގެ ގޮތުގައި ޒަކާތުގެ ސަބަބުން ސިފަވެގެން ދެއެވެ. އެކަކު އަނެކަކަށް އަޅާލައި ގުޅުންބަދަހިވެގެން ދެއެވެ. ފަޤީރުންގެ ހިތުގައި އުފެދޭ އުދާސްތަކާއި ޙަސަދަވެރިކަން ޒަކާތުގެ ސަބަބުން ފިލައިގެން ދެއެވެ. މުއްސަދިން ބޭނުންވާ މޮޑެލެއްގެ ކާރުގައި، ބޭނުންވާ ފެންވަރުގެ ގަނޑުވަރުގައި، ބޭނުން ކޮންމެ ކަމެއް ކޮއްގެން ތިބޭއިރު، ފަޤީރުންގެ ހިތްތަކަށް ކިހާ ތަދުވާނެކަން މި ފުރިހަމަ ދީނުގައި ތަޞައްވުރު ކުރެވިފައި އޮތްކަމީ އިލާހީ މަތިވެރި ޝަރީޢަތުގެ ފުރިހަމަކަން އިތުރަށް ފާޅު ވެގެންދާނެކަމެކެވެ. ވައްކަމާއި ފޭރުންފަދަ ބޮޑެތި ޖަރީމާތައް ޒަކާތުގެ ސަބަބުން މުޖުތަމަޢުން މަދު ކުރެވޭނެއެވެ. ޤިޔާމަތް ދުވަހުގެ ހޫނުން ސަލާމަތްވުމުގެ ސަބަބުތަކުގެ ތެރެއިން ޒަކާތް ދިނުން ހިމެނިގެން ދެއެވެ. ރަސޫލުއްﷲ ޞައްލަﷲ ޢަލައި ވަސައްލަމް ޙަދީސް ކުރެއްވިއެވެ. (( كل امرئ في ظل صدقته يوم القيامة )) =أخرجه أحمد= މާނައަކީ؛ "ޤިޔާމަތް ދުވަހުން ކޮންމެ މީހަކުވެސް ވާހުށީ އެމީހަކު ދިން ޞަދަޤާތެއްގެ ހިޔަލުގައެވެ." ވީމާ ޒަކާތް ދިނުމުގައި އިހަށްވުރެ ބޮޑަށް ފަރުވާތެރިވާން އެބަޖެހޭނޫންތޯއެވެ. އަދިޒަކާތުގެ ސަބަބުން ތިމާޔަށް އިސްލާމީ ޝަރީޢަތުގެ ގިނަ ޙުކުމްތަކެއް އެނގިގެންދާހުއްޓެވެ. ޒަކާތް ނެރެންޖެހޭ މުދަލަކީ ކޮބައިތޯ އެނގިގެންދާނެއެވެ. އެއިން ކޮންމެ ބާވަތެއްގެ ނިޞާބު އެގޭނެއެވެ. ޒަކާތުގެ މުދާ ލިބެންޖެހޭބަޔަކީ ކޮބައިކަން އޮޅުންފިލައި ދިޔުމަކީވެސް ތިމާގެ ޙަޔާތުގައި ބޭނުންތެރި ކަމެކެވެ. އަދިވެސް މިނޫން އެތައްކަމެއް ތިމާޔަށް އޮޅުން ފިލައިގެންދާނެކަމީ ޝައްކެއް ހުރިކަމެއްނޫނެވެ. ޒަކާތުގެ ސަބަބުން މުދަލަށް ދިމާވާ ބަލާޔާއި އާފާތްތަކުން ތިމާގެ މުދާ ﷲތަޢާލާ މިންޖު ކޮށްދެއްވައެވެ. އަދި ޒަކާތުގެ ސަބަބުން ﷲތަޢާލާ ތިމާގެ މުދަލުގައި ބަރަކާތް ލައްވަވައި ވިޔަފާރި އިތުރުކުރައްވައި މުދާ އިތުރުވުމަށް މަގުތައް ތަނަވަސްކޮށްދެއްވައެވެ. އަދި މިކަމަކީ ޒަކާތްނެރޭ މީހުންގެ ތަޖުރިބާވެސްމެއެވެ. ޒަކާތުގެ ފައިދާތަކުގެ ތެރެއިން، ތިމާގެ ފާފަ ޒަކާތުގެ ސަބަބުން ފޮހެވިގެން ދިޔުން ހިމެނެއެވެ. ރަސޫލުއްﷲ ޞައްލަﷲ ޢަލައި ވަސައްލަމް ޙަދީސް ކުރެއްވިއެވެ. (( الصدقة تطفئ الخطيئة كما يطفئ الماء النار )) =أخرجه أحمد=  މާނައަކީ؛ " ފެން، އަލިފާން ނިވާލާ ފަދައިން ތިމާގެ ފާފަތަށް ޞަދަޤާތުގެ ސަބަބުން ފޮހެވިދެއެވެ."

ޒަކާތް ނުނެރުމަކީ ﷲތަޢާލާގެ ޙަޟްރަތުން މީސްތަކުންގެ މައްޗަށް ވެއްސަވާ ރަޙްމަތުގެ ވާރޭ މަނާވެގެންދާކަމެއްކަން ހަނދާނުގައި ބަހައްޓާށެވެ. ރަސޫލުއްﷲ ޞައްލަﷲ ޢަލައި ވަސައްލަމް ޙަދީސް ކުރެއްވިއެވެ. ((ما منع قوم زكاة أموالهم إلا منعوا القطر من السماء)) = أخرجه ابن ماجه = މާނައަކީ؛ "ބަޔަކު އެބައިމީހުންގެ މުދަލުން ޒަކާތްނެރުން މަނާކޮށްފިނަމަ އެބައިމީހުންގެ މައްޗަށް އުޑުން ވާރޭވެހުން މަނާ ކުރެވެއެވެ."


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި