Noorul-islam.NET :: ހޭދަކުރުމުގެ ފައިދާ




ހޭދަކުރުމުގެ ފައިދާ
Category »  ދީނީ ލިޔުން

ތާރީޚް: 11 އޮކްޓޯބަރ 2011

ލިޔުއްވީ : ޢަބްދުލްހާދީ ޙުސައިން (ނޫރުލްއިސްލާމްގެ ޑިޕިޔުޓީ އެޑިޓަރ)

މުދަލަކީ މާތް ﷲ މީސްތަކުންނަށް ދެއްވާފައިވާ މަތިވެރި ނިޢުމަތެކެވެ. މިގޮތުން މި ނިޢުމަތް އެކި މީހުންނަށް ލިބިފައިވަނީ އެކިމިންވަރަށެވެ.  އެއްބަޔަކު މުއްސަނދި ކަމުގެ ފޮނިމީރުކަން ޚާޞިލްކުރާއިރު އަނެއްބަޔަކަށް ދިރިއުޅުމުގެ ބޭނުންތައް ފުދެނީ ހަމަ ކިރިޔާއެވެ. އަދި އަނެއްބަޔަކު ފަޤީރު ޙާލުގައި ބަނޑު ފުރާމުއްތިކުރާނެ އެއްޗެއްނެތި މި ދުނިޔެ ދޫކޮށްފައި ދާންޖެހެއެވެ. މި ސަބަބަށްޓަކައި މުދަލުގެ ފައިދާ މުޖުތަމަޢުގެ ހުރިހާ އަފުރާދުންނަށް ފޯރާނެ އުޞޫލުތަކެއްވަނީ އިސްލާމްދީން ކަނޑައަޅާފައެވެ. ޒަކާތާއި ޞަދަޤާތް އަދި ހަދިޔާގެ ގޮތުގައި މުދަލުން ހޭދަކުރުމީ މި ދީނުގައި ވާ ވަރަށް ފުރިހަމަ ނިޒާމެކެވެ.

ހޭދަކުރުމީ ތިމާއަށް ވަރަށް ބޮޑެތި ފައިދާތަކެއް ވާ ކަމެކެވެ. މިގޮތުން ހޭދުކުރާ މީހުންނަށް ދަރުމަ ހުރިކަން ބަޔާންކުރައްވާ، މާތް ﷲ ކީރިތި ޤުރުއާނުގައި ވަޙީ ކުރައްވަނީ: ﴿ الَّذِينَ يُنفِقُونَ أَمْوَالَهُم بِاللَّيْلِ وَالنَّهَارِ سِرًّا وَعَلَانِيَةً فَلَهُمْ أَجْرُهُمْ عِندَ رَبِّهِمْ وَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ ﴿٢٧٤ سورة البقرة. މާނައީ: "އެއުރެންނީ، ރެއާއިދުވާލު، ސިއްރާއި ފާޅުގައި، އެއުރެންގެ މުދާތައް ހޭދަކުރާ މީހުންނެވެ. ފަހެ، އެއުރެންގެ ވެރިރަސްކަލާނގެ حضرة ގައި އެއުރެންގެ ދަރުމަ، އެއުރެންނަށް ހުށްޓެވެ. އަދި، އެއުރެންގެ މައްޗަކަށް ބިރެއް ނެތެވެ. އަދި ހިތާމަކުރާނޭ ބަޔަކުކަމުގައިވެސް އެއުރެން ނުމެވޭމެއެވެ."

ކޮންމެޔަކަސް މާތްﷲ ގެ މަގުގައި ހޭދަކުމީ ތިބާއަށް ދެދުނިޔޭގައިވެސް މަންފާލިބޭނެކަމެކެވެ. ތިބާގެ މުދަލުގައި ބަރަކާތް ލައްވައި އެތައް ގުނައަކަށް އިތުރުވެގެންދާނެ ކަމެކެވެ. މާތްﷲ ވަޙީ ކުރައްވަނީ: ﴿ مَّثَلُ الَّذِينَ يُنفِقُونَ أَمْوَالَهُمْ فِي سَبِيلِ اللَّـهِ كَمَثَلِ حَبَّةٍ أَنبَتَتْ سَبْعَ سَنَابِلَ فِي كُلِّ سُنبُلَةٍ مِّائَةُ حَبَّةٍ ۗ وَاللَّـهُ يُضَاعِفُ لِمَن يَشَاءُ ۗ وَاللَّـهُ وَاسِعٌ عَلِيمٌ ﴿٢٦١ سورة البقرة. މާނައި: "اللَّه ގެ މަގުގައި، އެއުރެންގެ މުދާ ހޭދަކުރާ މީހުން ހޭދަކުރާ ތަކެތީގެ مثال އީ، ކޮންމެ ކުރާގަނޑެއްގައި ސަތޭކަ އޮށް ހުންނަ ހަތް ކުރާގަނޑު އުފައްދާ އޮށެއްގެ مثال އެވެ. اللَّه އިރާދަކުރައްވާ މީހަކަށް (ثواب) ގިނަގުނަ ކުރައްވައެވެ. އަދި، اللَّه އީ، ތަނަވަސްވަންތަ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ." އަދިވެސް ވަޙީ ކުރައްވައެވެ. ﴿ يَمْحَقُ اللَّـهُ الرِّبَا وَيُرْبِي الصَّدَقَاتِ ۗ ﴿٢٧٦ سورة البقرة. މާނައީ: اللَّه، رِبا އުނިކުރައްވައި، އޭގެ بركات ނެތިކުރައްވައެވެ. އަދި، صدقات އިތުރު ކުރައްވައެވެ. (އެބަހީ: ދުނިޔޭގައި އޭގެ بركات އިތުރު ކުރައްވައި، آخرة ގައި އޭގެ ދަރުމަ ގިނަގުނަ ކުރައްވައެވެ." ކީރިތިރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވަނީ: (مَا نَقَصَتْ صَدَقَةٌ مِنْ مَالٍ) أخرجه مسلم. މާނައީ: "ޞަދަޤާތުގެ ސަބަބުން މުދަލުން އެއްވެސް އެއްޗެއް އުނިވެގެން ނުދެއެވެ."

މުދާ ހޭދަކުރުމުގެ ސަބަބުން ނަފުސުތައް ޠާހިރުވެގެން ދެއެވެ. މާތް ﷲ ވަޙީ ކުރައްވަނީ: ﴿ خُذْ مِنْ أَمْوَالِهِمْ صَدَقَةً تُطَهِّرُهُمْ وَتُزَكِّيهِم بِهَا ﴿١٠٣ سورة التوبة. މާނައީ: "އޭގެސަބަބުން ކަލޭގެފާނު އެއުރެން طاهر ކުރައްވާނޭ، އަދި އެއުރެންނަށް ހެޔޮކަން އިތުރުކޮށްދެއްވާނޭ صدقات އެއް، އެއުރެންގެ މުދަލުން ކަލޭގެފާނު ނަންގަވާށެވެ!" އަދި ތިބާގެ ބައްޔަށް ޝިފާލިބެނިވި ފަސޭހަމަގެއްވެސް މެއެވެ. ރަސޫލާ ޞައްލަﷲ ޢަލަހި ވަސައްމަލަ ޙަދީޘް ކުރައްވަނީ: (دَاوُوا مَرْضَاكُمْ بِالصَّدَقَةِ) أخرجه البيهقي وحسنه الألباني. މާނައީ: "ޞަދަޤާތުން ތިޔަބައިމީހުންގެ ބަލިމީހުންނަށް ފަރުވާދޭށެވެ."

އަޅުގަނޑުމެން އެކަކު އަނެކަކު މަތިވެރިވުމުގެ މިންގަނޑަކަށް މިވަނީ ކިޔަމަންތެރިވުމާއި ތަޤުވާވެރިކަމެވެ. ޞަދަޤާތުގެ ސަބަބުން މި ކިޔަމަންތެރިކަމާއި ތަޤްވާވެރިކަން ތިމާއަށް ލިބިދެއެވެ. މާތް ﷲ ވަޙީ ކުރައްވަނީ: ﴿ لَن تَنَالُوا الْبِرَّ حَتَّىٰ تُنفِقُوا مِمَّا تُحِبُّونَ ۚ وَمَا تُنفِقُوا مِن شَيْءٍ فَإِنَّ اللَّـهَ بِهِ عَلِيمٌ ﴿٩٢ سورة آل عمران. މާނައީ: " ތިޔަބައިމީހުން، ލޯބިވާ އެއްޗަކުން ތިޔަބައިމީހުން ހޭދަކޮށްފުމަށްދާނދެން، ތިޔަބައިމީހުންނަކަށް ހެވެއް ނުލިބޭނެތެވެ. އަދި، ތިޔަބައިމީހުން ހޭދަކުރާ ކޮންމެ އެއްޗެއް، ފަހެ، ހަމަކަށަވަރުން، اللَّه އެ އެއްޗެއް މޮޅަށް ދެނެވޮޑިގެންވެތެވެ. ހަމައެހެންމެ ތިމަގެ ކުށްތަކާއި ފާފަތައް ހުއްޓުވާލައެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވަނީ: ( وَالصَّدَقَةُ تُطْفِئُ الْخَطِيئَةَ كَمَا يُطْفِئُ الْمَاءُ النَّارَ.) أخرجه أحمد و وصححه الألباني. މާނައީ: " ފެނުން އަލފާން ނިވާ ފަދައިން  ޞަދަޤާތުން ކުއްތަށް (ފާފަތައް) ނެތިކޮށްލައެވެ." ހަމަ މިއާއެކު ޞަދަޤާތުގެ ސަބަބުން މާތްﷲ ގެ ކޯފާ މަޑުކޮށްދެއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވަނީ: (صَدَقَةُ السِّرِّ تُطْفِئُ غَضَبَ الرَّبِّ) أخرجه السيوطي وحسنه الألباني. މާނައީ: "ސިއްރުން ދެވޭ ޞަދަޤާތުގެ ސަބަބުން މާތް ﷲގެ ކޯފާ މަޑުވެދެއެވެ."

މި ދުނިޔެމަތީގައި ހޭދަކުރުމުގެ ސަބަބުން ޤިޔާމްތަ ދުވަހުން މާތްﷲގެ އަރުޝީގެ ހިޔާވަހިކަން ފިޔަވައި އިތުރު ހިޔާވަހިކަމެއް ނުވާ ދުވަހު ހިޔާވަހިކަން ލިބެއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވައެވެ. (وَرَجُلٌ تَصَدَّقَ بِصَدَقَةٍ فَأَخْفَاهَا حَتَّى لا تَعْلَمَ شِمَالُهُ مَا أَنْفَقَتْ يَمِينُهُ) متفق عليه. މާނައީ: " އަދި ތިމާގެ ކަނާއަތުން ކުރާ ހޭދަ ތިމާގެ ވާއަތަށް ނޭނގޭ މީހާ"  ޤިޔާމަތް ދުވަހު އިންސާނުންގެ މެދުގައި ފައިސަލާ ކުރެވޭ އިރު ތިމާ ހޭދަކުރި ޞަދަޤާތުގެ ފައިދާ ތިމާއަށް ލިބޭނެއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވަނީ: (كُلُّ امْرِئٍ فِي ظِلِّ صَدَقَتِهِ حَتَّى يُقْضَى بَيْنَ النَّاسِ ) رواه أحمد وصححه الألباني.  މާނައީ: " މީސްތަކުންގެ މެދުގައި ފައިސަލާކުރެވެންދެން ކޮންމެ މިޙަކުވެސް ވާހުށީ އެމީހަކު ހޭދަ ކުރި އެއްޗެއްގެ ހިޔަލުގެ ދަށުގައެވެ." ޤިޔާމަތުގެ ހިސާބު ބެއްލެވުމުގެ ވަގުތަކީ ނާމާން ވަގުތެކެވެ. ކޮންމެ މީހަކުވެސް ބޭނުންވެފައިވާނީ  އަވަހަށް ސުވަރުގެ ވަދެވުމެވެ. މިގޮތުން ސަލާމްތެރިކަމާއެކު ސުވަރުގެ ވަނުމަށް މެދުވެރިވާ ސަބަބަކަށް ތިމާގެ ހޭދަކުރުން ހަދާށެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވަނީ: (يَأَيُّهَا النَّاسُ , أَفْشُوا السَّلَامَ , وَأَطْعِمُوا الطَّعَامَ , وَصَلُّوا بِاللَّيلِ وَالنَّاسُ نِيَامٌ , تَدْخُلُوا الْجَنَّةَ بِسَلَامٍ) رواه الترمذي وصححه الألباني.  މާނައީ: "އޭ!މީސްތަކުންނޭވެ. ސަލާމް ކުރުން ފަތުރާށެވެ. ކާންދީ އުޅޭށެވެ. (އެބަހީ: ކާތަކެތިން ހޭދަކުރާށެވެ.) އަދި މީސްތަކުން ނިދީގައިވަނިކޮށް ރޭއަޅުކަން ކުރާށެވެ. (އޭރުން) ސަލާމަތްކަމާއެކު ސުވަރުގެއަށް ތިޔަބައިމީހުންނަށް ވަދެވޭނެއެވެ."

އަޅުގަނޑުމެން އެދެނީ މުޖުތަމަޢުގެ އަފުރާދުންގެ ހަމަޖެހުމާއި ބާއްޖަވެރިކަމަށްޓަކައި މާތްﷲ ގެ މަގުގައި ހޭދަކުރުން ގިނަކުރުމަށެވެ. މާތްﷲ ފަރުޟު ކުރައްވާފައިވާ ޒަކާތައި އަދި އިތުރު ހޭދަކުރުންތަކުން މުޖުތަމަޢުގެ ފަޤީރުކަން ނައްތާލުމަށެވެ. މާތްﷲ އަޅަމެން އެންމެންނީ އެކަލާނގެ އަށް ބިރުވެތިވާ އަދި ހޭދަކުރުންމަތީ ލަހައްޓަވާ ބަޔަކު ކަމުގައި ލައްވާށިއެވެ!


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި