Noorul-islam.NET :: ކާމިޔާބު އުނގެނުމަކަށް ދަތުރު ކުރުމުގައި އިނާމް ދިނުމާއި އަދަބު ދިނުން

ކާމިޔާބު އުނގެނުމަކަށް ދަތުރު ކުރުމުގައި އިނާމް ދިނުމާއި އަދަބު ދިނުން
Category »  މުޖުތަމަޢު

ތާރީޚް: 26 ސެޕްޓެމްބަރ 2011

ލިޔުއްވީ : ފަޟީލަތުއްޝައިޚް ރަޒީން ޙުސްނީ

إن الحمد لله ، نحمده ونستعينه ، ونستغفره ، ونعوذ بالله من شرور أنفسنا ومن سيئات أعمالنا، من يهده الله فلا مضل له ، ومن يضلل فلا هادي له ، وأشهد أن لا إله إلا الله وحده لا شريك له ، وأشهد أن محمدا عبده ورسوله .

ކުލާހެއްގައި ތިބޭ ދަރިވަރުންނަކީ ސިފައިގެ ގޮތުންނާއި ތޫނުފިލި ކަމުގެ ގޮތުންނާއި ސުލޫކީ މިންގަނޑުވެސް ތަފާތު ކުދިންކަން މުދައްރިސް ދަންނަން ޖެހެއެވެ. ގިނަފަހަރަށް މިފަދަ ތަފާތުތައް ފެންނަނީ ކުއްޖާ އުޅޭ މާހައުލު ނުވަތަ ވެށީގެ ސަބަބުންކަމުގައި ނަފަސާނީ ޢިލްމުގެ އަހުލުވެރިން ހާމަކުރައްވާފައިވެއެވެ. އަދި ހަމަ އެއާއެކު މިޒާޖަށާއި އުޅުމަށާއި ސިފައަށް އަންނަ ބަދަލު ތަކަކީ ވިރާސީ ގޮތުން ދިމާވާ ކަންތައްތަކެއް ކަމުގައި އެންޓްރޮޕޮލޮޖިސްޓުން ކޮށްފައިވާ ދިރާސާތަކުން ހާމަވެފައިވެއެވެ.

ވިސްނުން ތޫނުވީ ވަރަކުން ކިޔެވުމުގައި ރަނގަޅު ނަތީޖާއަކަށް ދިއުމަށް މަގު ފަހިވެގެންދެއެވެ. މި ތަފާތުތައް އެންމެ ބޮޑަށް އެނގިގެންދަނީ މިހާރު ސްކޫލްތަކުގަޔާއި އެހެންވެސް ކަމާގުޅޭ ދާއިރާގައި ޙަރަކާތްތެރިވާ ކައުންސެލަރުން ދަރިވަރުންނާއި އެކު ކޮށްފައިވާ ކައުންސެލިންގެ އެކިއެކި ތަޖުރިބާތަކުގެ ތެރެއިން ވަކިވަކި ކުދިންނާއި ބައްދަލުކޮށް ވާހަކަ ދެއްކުމުން، ކަމުގައި ބެލެވެއެވެ.

އުނގެނުމަށް ކާމިޔާބު ވެގެންދާނީ އޭގައި ކަނޑައެޅޭ ވަކި ބައިތަކެއް ފުރިހަމަވުމުންނެވެ. މީގެ ތެރޭގައި ހިމެނޭ އެއްބަޔަކީ ދަރިވަރުގެ ޝައުގުވެރިކަމެވެ. އުނގެނުމަށް ދަރިވަރުގެ ޝައުގުވެރިކަން ނެތުމަކީ އޭގެ ސަބަބުން އުނގަންނާދޭ ފަރާތަށް ދިމާވާނެ އެންމެ ބޮޑު އެއްގޮންޖެހުމެވެ. ޓީޗަރު ކިތަންމެ މޮޅު އަދި ރަގަޅު ނަމަވެސް އުނގެނުމާމެދު ދަރިވަރުގެ ޝައުގުވެރިކަން ނެތް ކަމަށްވާނަމަ ދަތިތަކާ ކުރިމަތިލާންޖެހޭނެކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ.

ޒަމާނުއްސުރެ އަދި ވަކިން ޚާއްސަކޮށް މިދުސްވަރު އުނގެނުމުގެ ދާއިރާގައި ދަރިވަރުން ފިލާވަޅަށް ޝައުގު ވެރިކުރުމަށް ޓަކައި އުނގެނުމުގެ އެކިއެކި ހަރަކާތްތައް (ޓީޗިންގ އެއިޑްސް) ބޭނުން ކުރަމުން ދެއެވެ. ބޭނުމަކީ ކާމިޔާބު ތައުލީމީ ޙަޔާތަކަށް މުޖުތަމައު ހޭނުމެވެ. މިކަމަށްޓަކައި ޒަމާނީއެކިއެކި ވަސީލަތްތަކުގެ އެހީގައި ކިޔަވައިދިނުން ބައްޓަން ކުރެވެއެވެ.

ކުލާހުގައި ދަރިވަރުންގެ ޝައުގުވެރިކަން ދެމެހެއްޓުމަށްޓަކައި ކުރެވޭ ކަންތަކުގެ ތެރޭގައި އިނާމު ދިނުމާއި، އަދަބު ދިނުން ހިމެނެއެވެ. މިއީ ޒަމާނުއްސުރެ ބޭނުންކުރެވޭ މުހިއްމު ދެވަސީލަތެކެވެ.

1. އިނާމް ދިނުން :

ދަރިވަރު ކުރާ ރަނގަޅު ކަމެއް ފާހަގަކޮށް ހިތްވަރު ދިނުމުގެ ގޮތުން ކުރެވޭ ކަމެކެވެ. އެކަން ދެމެހެއްޓުމަށް ބާރު އަޅާ ދިނުމަށްޓަކައި އިނާމު ދެވެއެވެ.

މިސާލަކަށް : މެޓައެއް، އާ ހެދުމެއް، ހިތްވަރު ދިނުމެއް ، ހީލުމެއް ނުވަތަ ހިނިތުންވުމެއް ފަދަ ކަމަކުންނެވެ. ބޭނުމަކީ ދަރިފުޅު ރަނގަޅު ކަމެއް ކުރުމުން ގޯސް ކަމެއް ދޫކޮށްލެވުނީ ކަމަށާއި ކުރެވުނު ރަނގަޅު ކަން އިތުރަށް ދެމެހެއްޓުމަށް މަގުފަހިކުރުމެވެ. މީގައި ފައިދާތަކެއް ވާކަން އެންމެ ބޭފުޅުންވެސް ގަބޫލުކުރައްވައެވެ.

2. އަދަބު ދިނުން :

އަދަބު ދިނުމަކީ ރަނގަޅު ނޫން ނުވަތަ ކުރަން ބޭނުންނުވާ ކަމެއް، ކުރުން ހުއްޓުވުމަށްޓަކައި ކުރެވޭ ކަމެކެވެ. ނުވަތަ އެކުއްޖަކު ބޭނުންނުވާ ކަމެއް އެކުއްޖާ ލައްވާކުރުވުމެވެ. މިސާލަކަށް ކޮޅަށްނެގުން، ކިލާހުން ބޭރުކުރުން، ލިޔުމެއް އިތުރަށް ލިޔަން ހަވާލުކުރުން ފަދަ ކަންކަމެވެ. ބޭނުމަކީ ދަރިވަރަށް ކުރެވުނުކަން ތަކުރާރު ނުކުރުމަށް ހިތްވަރު ދިނުމެވެ. އަދަބު ދިނުމުގައި ވެސް އިނާމަކޭ އެފަދައިން ފައިދާތަކެއް ވެއެވެ.

ދެބާވަތެއްގެ މިދެކަމަކީ މީގައި ފައިދާތަކެއް ހުރުމާއެކު އޭގައި ގެއްލުންތަކެއް ވާކަންވެސް ގަބޫލު ކުރަންޖެހޭ ދެކަމެކެވެ. ކުރަންޖެހޭ ގޮތަކަށް ވަކި އުސޫލަކުން ނުކުރެވުމުންނެވެ. ފުރަތަމަ ބަލާލަންޖެހެނީ މީގައި ފައިދާ ކުރާނެ ގޮތްތަކަކީ ކޮބައިކަމެވެ. އަދި މިގޮތަށް ކަންތައް ކުރިއަށް ދާނަމަ ދެފަރާތަށް ( ކިޔަވާދޭ ފަރާތާއި ކިޔަވާ ފަރާތް) ފައިދާކުރާނެއެވެ.

އިނާމް ދިނުމުގައި ފައިދާ ކުރާނެ ގޮތްތައް :

1.     ދަރިވަރު ކުރާ ކަންތައްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ދެވޭ ދިނުމަކަށް ވުމެވެ. އަދި މިކަން ދަރިވަރަށް ވެސް އެނގެން ޖެހެއެވެ. އަގު ވަޒަން ކުރެވޭ ގޮތް ނޫން ގޮތަކަށް އިނާމު ދިނުމުން މަގުސަދު ހާސިލުވުމަކީ ދުރުކަމެކެވެ.

2.     ދަރިވަރުން ކުރާ ކަމަކާ ނުވަތަ ދޭ ޖަވާބަކާ އެކަށީގެންވާ ވަރުގެ އިނާމެއް ދިނުމެވެ. މިއީ ވަރަށް މުހިއްމު ކަމެކެވެ. ނޫނީ އިނާމަކީ ބަލައިގަނެވޭނެ އެއްޗެއް ނޫނެވެ.

3.     ދެމިގެންދާގޮތަކަށް ގިނަ ދުވަސްތަކުގައި ޖަވާބު ރަނގަޅު ކުރާނަމަ އިނާމް ބޮޑު ކުރުމާއި ކުޑަ ކުރުމުގައި މިންގަނޑެއް ގެންގުޅުމެވެ. މިއީ ވަރަށް ބޮޑަށް ވިސްނަން ޖެހޭނެކަމެކެވެ. އެހެން ނޫނީ ކިޔަވައިދޭ ފަރާތް ނުވަތަ އިނާމުދޭ ފަރާތަށް ދަތި އުނދަގޫ ތަކާ ކުރިމަތިލާން ޖެހުމަކީ ދުރުކަމެއް ނޫނެވެ.

4.     ކުރެވޭ އެއްފަދަ ކަންތަކަށް އެއްވަރެއްގެ އިނާމެއް ކަނޑައެޅިފައި ވުމެވެ. ދެދަރިވަރަކު އެއްގޮތަކަށް ޖަވާބު ދިނުމުން އިނާމުގައި ތަފާތު ނުކުރުމެވެ. ނަމަވެސް ތަފާތު ދެފެންވަރެއްގެ ދެދަރިވަރުން ކަމަށްވާނަމަ މައްސަލަ ދިމާނުވެ ހިނގައިދާނެއެވެ.

5.     މާހައުލާ ޢުމުރާއި އެކަށޭނެ ގޮތަކަށް އިނާމު ކަނޑއެޅުމެވެ.

6.     އިނާމު ދިނުމަށް އެއްބަސް ވެފައިވާނަމަ އިނާމް ދިނުން ލަސް ނުކުރުމަށް ވެސް ސަމާލު ވާން ވާނެއެވެ. ދެފަރާތުގެ ގުޅުން ދެމިގެން ދިޔުމަށެވެ. ނޫނީ މީގެ ނަތީޖާ ހިތިވުމަކީ ވެދާނެކަމެކެވެ.

އަދަބު ދިނުމުގައި ފައިދާ ކުރާނެ ގޮތްތައް:

އިނާމު ދިނުމަކޭ އެއްފަދައިން އަދަބު ދިނުމުގައިވެސް ފައިދާ ކުރާނީ ވަކި ގޮތަކަށް ކަންތައްތައް ބައްޓަން ކުރެވިގެންނެވެ.

1.     އަދަބު ދިނުމުގައި ވަކި މިންގަނޑެއް ކަނޑައެޅިފައި އޮތުމެވެ.

2.     އަދަބު ދެވޭ ނުވަތަ ލިބޭ ކުއްޖަކު ރަނގަޅު ކަމެއް ކުރުމުން އެކުއްޖަކަށް އިނާމު ދިނުން ނުވަތަ އަގު ވަޒަންކުރުމެވެ. އެއިރުން އަދަބުގެ އަގު ވަޒަން ކުރެވޭނެއެވެ.

3.     އަދަބު ދިނުމުގައި ގެންގުޅެންޖެހޭ މިންގަނޑެއްވާކަން ހަނދާނުގައި ބަހައްޓަންވާނެއެވެ. އެހެން ނޫންނަމަ ކިޔަވައިދިނުމަށް ދަތިވުން ނުވަތަ އެކުއްޖާއަށް ކިޔަވަން އުނދަގޫވުން ކަހަލަ ކަމެއް ދިމާވުމަކީ އެކަށީގެންވާ ކަމެކެވެ.

ނަތީޖާ

އިނާމު ދިނުމުގައިޔާއި އަދަބު ދިނުމުގެ އެންމެ މުހިއްމު ބޭނުމަކީ ދަރިވަރު ޝައުގުވެރިކަމާއެކު ކިޔެވުމުގެ މަރުހަލާ ނިންމާލުމެވެ. އެހެންކަމުން އިނާމެއް ނުވަތަ އަދަބެއް ދިނުމުގައި ބަލަންޖެހޭ އެންމެ މުހިއްމު ކަމަކީ އޭގެ ސަބަބުން ދަރިވަރަށް ނޭދެވޭ އަސަރެއް ނުކުރާނެ ގޮތަކަށް ކަންތައްކުރުމެވެ. ދެވޭ އަދަބެއްގެ ސަބަބުން ދަރިވަރު ޓީޗަރު ދެކެ ފޫހިވުމުގެ އިތުރަށް ކިޔެވުމާ ދުރައްޖެހިއްޖެނަމަ އެއީއަކީ އަދަބެއް ނޫނެވެ. ކިއެއްތަ އެއީ އަނިޔާއެކެވެ. އޭގެ ނުބައި އަސަރު ކުރާނީ ހަމައެކަނި ދަރިވަރަކަށް ނޫނެވެ. ދަރިވަރުގެ އިތުރުން އޭނާ އެ މުޖުތައެއްގައި ދިރިއުޅޭ މުޖުތަމައަށެވެ.

އެއްދުވަހެއްގައި ރަސޫލާ މިސްކިތުގައި އަސްހާބުންނާއެކު އިންނަވަނިކޮށް އައުރާބީއަކު އައިސް މިސްކިތުގެ ކަނެއްގައި އިށީނދެ ކުޑަކަމު ދާން ފެށިއެވެ. އެކަމާ އަސްހާބުން ނުރުހުންވެ އޭނާއަށް ބަސްތަކެއް ރައްދުކުރައްވަން ފެއްޓެވުމުން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އެކަން މަނާ ކުރެއްވިއެވެ. އަދި ހަދީސްކުރެއްވިއެވެ. އޭނާ ދޫކޮށްލައްވާށެވެ. އޭނާ އޭނަގެ ހާޖަތް ފުއްދުމުން ގޮވާލެއްވިއެވެ. އަދި ޙަދީޘް ކުރެއްވިއެވެ. މީމުސްލިމުން އަޅުކަން ކުރުމަށް ބިނާކުރެވިފައިވާ ތަނެކެވެ. މިފަދަ ތަންތާނގައި ކުޑަކަމު ދިޔުމަކީ ރަނގަޅު ކަމެއް ނޫނެވެ. މިގޮތަށް އޭނާއަށް ނަސޭހަތްތެރިވެ ވަޑައިގަތެވެ. އެއަށް ފަހު އަސްހާބުންނަށް އެތަނަށް ފެން އެޅުއްވުމަށް އެންގެވިއެވެ. މިތާނގައި ވެސް ރަސޫލާ އެއައުރާބީއަށް މަޑުމައިތިކަމާއެކު ނަސޭހަތްތެރިވެ ވަޑައިގަތުމުގެ ނަތީޖާއަކީ އޭނާ އުފަލާއެކު ރަސޫލާގެ ބަސްފުޅު ގަބޫލު ކުރިކަމެވެ. މިއުއްމަތުގެ ނަބިއްޔާގެ ދިރިއުޅުމުން މިފަދަ ކަންތައްތަކަށް އެހީހޯދިދާނެއެވެ. ނަސޭހަތްތެރިވުމަކީ ވެސް އަދަބުގެ ބައެކެވެ. ކީއްތަ؟ އެއީ އަދަބުގެ ފެށުމެވެ. އެހެންކަމަކަށް ދާންވާނީ އޭގެ ފަހުންނެވެ.

ބައެއްފަހަރު ތިމާ ދަރިވަރު މޮޅުކުރުމަށް ކުރާކަމެއް ދަރިވަރަށް އަދަބަކަށްވެ ފިލާވަޅުތަކަށް ފޫހިވާ ގޮތްވެއެވެ. މިސާލަކަށް އެއްފަހަރާ މާގިނައިން ހިތުދަސްކުރަން ހަވާލުކޮށްފިނަމަ ކުއްޖާގެ ޝައުޤުވެރިކަން ކުޑަވާނެއެވެ. ނަމަވެސް ބަހާލައިގެން ފިލާވަޅު ދިނުމުން ހިތުދަސްކުރުމަށް ފަސޭހަވެ ކިޔަވައިދިނުމުގައި ކުރެވޭ ކުށްތަކާއި ދަރިވަރުންނަށް ހެދޭ ކުށްތައް އިޞްލާޙު ކުރުމަށް ފަސޭހަވާނެއެވެ. އަދި ހަމަ މިބީދައިން އެއްފަހަރާ މާގިނަ ތަމުރީނުތަކެއް ހަދަން ދިނުމުން ވެސް މިފަދަ ނޭދެވޭ ކަންތައް ދިމާވެދާނެއެވެ. މިކަމުން ސަމާލުވުމަށްޓަކައި ބަހާލައިގެން މަސަކަތް ހަވާލު ކުރުމާއެކު ދުވަހުން ދުވަހަށް މާކުކުރެވި އޭގެ ފީޑްބެކު ލިބޭ ގޮތް ވެއްޖެނަމަ ދަރިވަރުގެ ޝައުގުވެރިކަން އިތުރުވުމާއެކު ޓީޗަރަށް އިހުތިރާމް ކުރާނެކަމީ ދެބަސްވާން ޖެހޭ ކަމެއް ނޫނެވެ. މީގެ އިތުރުން ދަރިވަރުގެ ސިކުޑީގެ މަސައްކަތް ވެސް ކުރިއަރައިގެން ދާނެއެވެ.

އިނާމު ދިނުމުގައި ވެސް މިންގަނޑެއް ގެންގުޅުމުން ވެސް ދަރިވަރަށް މިފަދަ ފައިދާތަކެއް ކުރާނެއެވެ. ދަރިވަރުގެ މާކްސްގެ ކުރިއެރުމަށް ބަލާފައި އިނާމު ބޮޑު ކުރެވުން ބުއްދިވެރިއެވެ. ރާއްޖޭގައި ޖީސީއީ އިމްތިހާނުން ގަދަ ދިހައެއް ހޮވަން ފެށުމުން އެއަށް ވާދަކުރާކުދިން ގިނަވާން ފެށިއެވެ. މީގެ އިތުރުން ސްކޫލުތަކުގެ ވާދަވެރިކަން ވެސް އިތުރުވެއްޖެއެވެ. އެއާއެކު ކޭމްބްރިޖްގެ އެވޯޑްތައް އަންނަން ފެށުމުން ދަރިވަރުންގެ ޝައުގުވެރިން އިތުރު ވެއްޖެއެވެ. ނަތީޖާ ލިބިމުން ރީޗެކިން އަށް ދިޔުމަކީ މީގެ އެންމެ އަލިގަދަ ހެއްކެކެވެ.

 

ނޯޓް: މިއީ ފަޟީލަތުއްޝައިޚް ރަޒީން ޙުސްނީގެ ވެބްސައިޓުން ނަގާފައިވާ ލިޔުމެކެވެ.


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި