Noorul-islam.NET :: ޣީބަ ބުނުމުގެ ނުބައި ކަމާއި ޣީބަ ބުނުން ހުއްދަވާ ޙާލަތާއި އަދި...




ޣީބަ ބުނުމުގެ ނުބައި ކަމާއި ޣީބަ ބުނުން ހުއްދަވާ ޙާލަތާއި އަދި...
Category »  މުޖުތަމަޢު

ތާރީޚް: 27 އޯގަސްޓް 2011

ލިޔުއްވީ : ޢަބްދުﷲ ޞިއްދީޤް (ނޫރުލްއިސްލާމްގެ ޑިޕިޔުޓީ އެޑިޓަރ)

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީސް ކުރެއްވިއެވެ. ((أَتَدْرُوْنَ مَا الْغِيْبَة؟)) މާނައަކީ: " ޣީބައަކީ ކޮން އެއްޗެއްކަން ތިޔަބައި މީހުންނަށް އެނގޭ ހެއްޔެވެ! އެހިނދު ޞަޙާބީން ދެންނެވިއެވެ. قاَلُوْا الله وَرَسُوْلُهُ أَعْلَمْ، " "އެންމެ މޮޅަށް ދެނެ ވޮޑިގަންނަވަނީ ﷲއާއި އެކަލާނގެ ރަސޫލާއެވެ." ރަސޫލާ ޙަދީސް ކުރެއްވިއެވެ. قال ((ذِكْرُكَ أَخَاَك بِمَا يَكْرَه)) "އެއީ ތިބާގެ އަޚާ ނުރުހޭވާހަކަ ދެއްކުމެވެ." قِيْلِ إِنْ كَاَن فِيْ أَخِيْ مَا أَقُوْلُ؟ ޞަޙާބީން ސުވާލު ދެއްނެވިއެވެ! "ތިމަންމެން ބުނާސިފަތައް އެމީހެއްގެ ކިބައިގައި ހުންނަނަމަ ހުއްދަވާނެތޯއެވެ؟" ހަދީސް ކުރެއްވިއެވެ. ((إِنْ كَانَ فِيْهِ مَا تَقُوْلُ فَقَدْ اِغْتَبَته ، وَإِنْ لَمْ يَكُنْ فِيْهِ مَا تَقُوْلُ فَقَدْ بَهَتَّه)) "އެމީހެއްގެ ކިބައިގައި އެސިފައެއް ވާނަމަ އެއީ ޣީބައެވެ. އަދި އެސިފައެއް އެމީހެއްގެ ކިބައިގައި ނުވާނަމަ އެއީ ބުހުތާން ދޮގެވެ." (رواه أبو داود)

ﷲ ވަޙީކުރައްވަނީ (وَلَا يَغْتَب بَّعْضُكُم بَعْضًا ۚ أَيُحِبُّ أَحَدُكُمْ أَن يَأْكُلَ لَحْمَ أَخِيهِ مَيْتًا فَكَرِهْتُمُوهُ ۚ وَاتَّقُوا اللَّـهَ ۚ إِنَّ اللَّـهَ تَوَّابٌ رَّحِيمٌ (الحجرات/12) . މާނައަކީ " އަދި އެއްބަޔަކު އަނެއްބަޔަކަށް غيبة ނުބުނާށެވެ! ތިޔަބައިމީހުންކުރެ އެކަކުވެސް އޭނާގެ أخ އާގެ މަސް މުޅަކޮށް ކެއުމަށް ލޯބިކުރާނެ ހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން އެކަމަކަށް ނުރުހޭނޫއެވެ. އަދި ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން توبة قبول ކުރައްވާ رحيم ވަންތަ ރަސްކަލާނގެއެވެ."

އަދިވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީސް ކުރެއްވިއެވެ. ((كُلُّ المُسْلِمِ عَلَى المُسْلِمِ حَرَامٌ دَمُهُ وَعِرْضُهُ وَمَالُهُ))(رواه البخاري ومسلم) . މާނައަކީ؛ " ކޮންމެ މުސްލިމަކީ އަނެއް މުސްލިމާގެ މައްޗަށް ޙަރާމް ވެގެންވާ އެއްޗެކެވެ. ލެއާއި އަބުރާއި މުދާވެސްމެއެވެ." މިބާބުގައި އިސްތިދުލާލު ކުރެވޭ އާޔަތްތަކާއި ޙަދީސްފުޅުތައް ނުހަނު ގިނައެވެ. ވީމާ ﷲ އަށް ބިރުވެތިވެ މިކަމުން ދުރުވެ ތައުބާ ވާންވީއެވެ.

މިހުރިހާ ކަމެއްވެސް މިއަދު ލައިގަންނަނީ އެކަމުގެ ބޮޑުކަމާއި ފާފަ ތަސައްވުރު ނުކުރެވޭތީއެވެ. ﷲ ގެ ވަޙީއޭ ބުނުމުން ނުވަތަ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ހަދީސޭ ބުނުމުން ހިތްތަކުގައި ހިނގަންޖެހޭވަރަށް ބިރުވެތިކަން ނުހިނގާތީއެވެ. ތިމާގެ ހުސްވަގުތުތަށް ބޭކާރު ގޮތުގައި ނަގާލައި ދުނިޔެއާއި އާޚިރަތް ބާއްޖަވެރިވާ ފަދަ ލިޔުންތަކާއި މަޖައްލާތައް ކިޔުމުގައި އިހުމާލުވާތީ މިކަންތައް މިގޮތަށް ދިމާވަނީއެވެ.

މިއަދު ތިމަމާމެން ހިތުހުރިގޮތަކަށް ދުނިޔޭގެ ދުވަސްތައް، ގިނަވެގެން 80 ވަރަކަށް އަހަރު މިދުނިޔެ މަތީގައި ހޭދަކޮށްފައި، ނިމުމެއްނުވާ ޙަޔާތުގައި ﷲ ތަޢާލާއާއި ދަރުބާރަށް ޙަޒިރުކުރެވޭ ދުވަހު ޖަވާބުދާރީވާނީ ކޮންފަދަ ގޮތަކަށްތޯ ހިތަށް ގެނެސްބަލާށެވެ.

ޣީބަ ބުނުމުގެ ބަލީގެ ފަރުވާ

 

        ޣީބަ ބުނުމަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ ގެ ކޯފާޔާއި ޢަޒާބު ހައްޤުވާ ކަމެއްކަން ދަނެ ﷲއަށް ބިރުވެތިވުން.

       ޣީބަ ބުނާ މީހާގެ ހެޔޮ ޢަމަލުތައް ޣީބަ ރައްދުވާ މީހާއަށް ލިބޭނެކަން ދަނެ އެކަމަށް ބިރުހީވުން. އަދި ޣީބަ ބުނާ މީހާގެ ހެޔޮކަމެއް ނުވާނަމަ ޣީބަ ރައްދުވާ މީހާގެ ނުބައި ޢަމަލުތަށް ޣީބަ ބުނާމީހާއަށް ލިބޭނެކަން ދަނެގަތުން.

       ތިމާގެ ދުލުން އެހެން މީހުންގެ ވާހަކަ ދެއްކުމުގެ ބަދަލުގައި ތިމާގެ އުނިކަން ދަނެ އެކަން އިޞްލާހު ކުރުމަށް މަސަކަތް ކުރުން.

       ތިމާގެ ދުލުން އެހެންމީހުންގެ ވާހަކަ ދައްކާއިރު ތިމާގެ ވާހަކަ ދައްކާ ފަޟީހަތް ކުރާނެ ކިތައް ދޫ ވާކަން ވިސްނައިގަތުން.

ޣީބަބުނުމުގައި ހުއްދަވާ ޙާލަތްތަކެއްވާކަމާމެދު ޢިލްމުވެރިންގެ މެދުގައި ޚިލާފެއްނެތެވެ. އެހެންނަމަވެސް ހުއްދަވާހިސާބު އެއީ ޚިލާފުހުރިކަމެކެވެ. އަދި އެއީ ވަރަށް ނާޒުކު ހިސާބެކެވެ. ތިމާގެ ހަވާނަފްސަށް އެކަން ކުރުމަކީ ފަހަރެއްގައިވެސް ހުއްދަ ކަމެއްނޫނެވެ. ވެބްސައިޓަކުން ނުވަތަ އިންޓަރ ނެޓް ބޭނުން ކޮށްގެން ތިމާއަށް ލިބޭ މަޢުލޫމާތެއްގެ މައްޗަށް ބިނާކޮށް އެފަދަކަންކަމަށް ޙުކުމް ކަނޑައެޅުމަކީ މުޖުތަމަޢު ހަމައިން ނެއްޓި ފިތުނަ ފަސާދަވެދާނެ ކަމެކެވެ. ވީމާ ﷲއަށް ބިރުވެތި ވުން ހައްގު ގޮތުގައި އެކަލާނގެ އަށް ބިރުވެތި ވާންވީއެވެ.

ޣީބަ ބުނުން ހުއްދަވާ ޙާލަތްތައް

                    އަނިޔާ ލިބިފައިވާ މީހާ އޭނާއަށް އަނިޔާކުރި މީހާގެ ވާހަކަ ބަޔާން ކުރުން. މިސާލަކަށް އޭނަ ތިމަންނައަށް މިވެނި އެވެނި ކަމެއް ކުރިޔޭ ބުނުން.

                    މުންކަރާތެއް މަނާކުރުމުގައި އެހީތެރިކަން ހޯދުމުގައި އެ މުންކަރާތެއް ބަޔާން ކުރުން. މިސާލަކަށް މަސާޖު ޕާލާއެއް ހިންގާ ބައެއްގެ ވާހަކަ ފުލުހުންނަށް ކިޔައިދިނުން.

                    ފަތުވާ ހޯދުމުގައި. މިސާލަކަށް ތިމާގެ ބައްޕް ނުވަތަ ބޭބެ ތިމާޔަށް މިވެނި ގޮތަކަށް ހަދައިފިޔޭ. އަދި މިބާބުގައި ޙަދީސް ޢިލްމުވެރިން ރާވީންނާއި ބެހެގޮތުން ހަނދާންބަލި މީހެކޭ ނުވަތަ ދޮގުހަދާ މީހެކޭ ބުނުން. މިއީވެސް ޣީބަ ބުނުމުގައި ޢިލްމުވެރިން ހުއްދަ ކުރައްވާ ޙާލަތެކެވެ.

                    ނުބައި ކަމަކަށް މުސްލިމުން ދިޔަނުދިނުދިޔުމަށްޓަކައި ސަމާލުކަމަށް ގެނައުން. މިސާލަކަށް ބިދުޢަވެރި ނުވަތަ ލާދީނީ ފިކުރުގެ މީހެއްގެ ކިބައިން މުސްލިމުން ސަމާލު ކުރުން. މިޙާލަތުގައި އިސްވެ ދެންނެވުނު ފަދައިން ތިމާގެ ހަވާނަފްސަށް ތަބާވެ މީސްތަކުން ބިދުޢަވެރި ނުކުރެވޭނެއެވެ.

                    ޢާއްމުކޮށް ފިތުނަ ފަސާދަ އުފެދޭ ކަންތައް ކުރާމީހުންގެ ވާހަކަ ބަޔާން ކުރުން.

                    ބަޔަކަށް މީހަކު ބުނެދިނުމުގައި ކޮރު މީހެކޭ، ކުރުމީހެކޭ، ދިގު މީހެކޭ ބުނުން. މިބަޔާން ކުރުމުގެ މަޤްސަދަކީ އެމީހާ ދެރަކޮށް ނިކަމެތިކޮށްލުން ކަމުގައި ވެގެން ނުވާނެއެވެ.

 

ﷲ ތަޢާލާ އަޅުގަޑުމެންނަށް ހިދާޔަތު ދައްކަވައި އެކަލާނގެ ދީންމަތީގައި ފައިތިލަ ސާބިތުކުރައްވާށިއެވެ. އާމީން.


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި