Noorul-islam.NET :: ދަރިން ސްކޫލަށް ނުފޮނުވާ ގޭގައި ބައިތިއްބާ މައްސަލައާއި ބެހޭ




ދަރިން ސްކޫލަށް ނުފޮނުވާ ގޭގައި ބައިތިއްބާ މައްސަލައާއި ބެހޭ
Category »  މުޖުތަމަޢު

ތާރީޚް: 19 އޯގަސްޓް 2011

ލިޔުއްވީ : ފަޟީލަތުއްޝައިޚް މުޙައްމަދު ޢިޔާޟު ޢަބްދުއްލަޠީފް

ދަރިންނަކީ މާތްﷲ އިންސާނާ އަށް ދެއްވާ އަގުހުރި ނިޢްމަތެކެވެ. އަދި އެއީ މައިންބަފައިންނާއި ޙަވާލު ކުރައްވާފައިވާ ބޮޑުވެގެންވާ އަމާނާތެކެވެ. އެއަމާނާތާއި ބެހޭގޮތުން ގިޔާމަތްދުވަހުން ސުވާލުކުރެވޭނެއެވެ.

މާތްﷲ ރުއްސުންލެއްވި އިބްނު ޢުމަރު ވިދާޅުވެފައިވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާތީ ތިމަންކަލޭގެފާނު އެއްސެވީމެވެ.

(كُلُّكُمْ رَاعٍ وَكُلُّكُمْ مَسْئُولٌ عَنْ رَعِيَّتِهِ الإِمَامُ رَاعٍ وَمَسْئُولٌ عَنْ رَعِيَّتِهِ وَالرَّجُلُ رَاعٍ فِي أَهْلِهِ وَهُوَ مَسْئُولٌ عَنْ رَعِيَّتِهِ وَالْمَرْأَةُ رَاعِيَةٌ فِي بَيْتِ زَوْجِهَا وَمَسْئُولَةٌ عَنْ رَعِيَّتِهَا وَالْخَادِمُ رَاعٍ فِي مَالِ سَيِّدِهِ وَمَسْئُولٌ عَنْ رَعِيَّتِهِ قَالَ وَحَسِبْتُ أَنْ قَدْ قَالَ وَالرَّجُلُ رَاعٍ فِي مَالِ أَبِيهِ وَمَسْئُولٌ عَنْ رَعِيَّتِهِ وَكُلُّكُمْ رَاعٍ وَمَسْئُولٌ عَنْ رَعِيَّتِهِ)

މާނައަކީ: ތިޔަބައިމީހުންކުރެ ކޮންމެ މީހަކީވެސް މަސްއޫލުވެރިޔެކެވެ. އިމާމްމީހާ ނުވަތަ ގައުމުގެ ވެރިޔާ އަކީ ރަޢްޔިތުންގެ މަސްއޫލުވެރިޔާއެވެ. އޭނާގެ މަސްއޫލިއްޔަތާއި ބެހޭ ގޮތުން ސުވާލުވެވޭނެއެވެ. ފިރިހެނާ އަކީ އޭނާގެ އަހްލުވެރިންގެ ބެލެނިވެރިޔާއެވެ. އެމީހުންގެ ކަންތައްތަކާއި ބެހޭގޮތުން އޭނާ އާއި ސުވާލުކުރެވޭނެއެވެ. އަންހެނާ އަކީ އޭނާގެ ފިރިމީހާގެ ގޭގެ މަސްޢޫލުވެރިޔާ އެވެ. އޭނާގެ މަސްއޫލިއްޔަތާއި ބެހޭގޮތުން ސުވާލުވެވޭނެއެވެ. ޚާދިމް މީހާ އަކީ އޭނާގެ ސައްޔިދު މީހަގެ މުދަލުގެ މަސްއޫލުވެރިޔާއެވެ. އެކަމާއި މެދު އޭނާ އާއި ސުވާލުކުރެވޭނެއެވެ. ޙަދީޘްގެ ރާވީވިދާޅުވިއެވެ. އެކަލޭގެފާނު ޙަދީޘް ކުރެއްވި ކަމަށް ލަފާކުރެވެއެވެ. ކޮންމެ ފިރިހެނަކީ އޭނާގެ ބައްޕަގެ މުދަލުގެ ބަލަދުވެރިޔެކެވެ. އެކަމާއި މެދު އޭނާ އާއި ސުވާލުކުރެވޭނެއެވެ. ތިޔަބައިމީހުންކުރެ ކޮންމެ މީހަކީވެސް ބެލެނިވެރިޔެކެވެ. ތިމާގެ ބެލެނިވެރިކަމުގެ ދަށުގައިވާ މީހުންނާއި މެދު ސުވާލު ކުރެވޭނެއެވެ. رواه البخاري ومسلم.

އެހެންކަމުން ދަރިންނަށް ފުރިހަމަ ތަރްބިއްޔަތެއް ދިނުމަކީ ކޮންމެ މަންމަ އަކާއި ބައްޕަ އެއްގެ ބޮލުގައި އެޅިފައިވާ ވަރުގަދަ މަސްއޫލިއްޔަތެކެވެ. އެކުދިންގެ ތަރްބިއްޔަތަށްޓަކައި އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް އެޅުމަކީ މައިންބަފައިން ކޮންމެހެންވެސް ކުރަން ޖެހޭނެކަމެކެވެ.

ކޮންމެ ކަމެއްގައިވެސް ދެކޮޅު އޮންނަކަން ދަންނަންވާނެއެވެ. ހެވާއި ނުބައި އޮންނަކަމީ ގަބޫލުކުރަންޖެހޭ ޙަގީގަތެކެވެ. އެހެންކަމުން، ދެކޮޅުއަޅާކިޔައި އެތަނުން ބޮޑަށް ފައިދާހުރި ގޮތް އިޚްތިޔާރު ކުރަން ޖެހެއެވެ. ސްކޫލްތަކުގައި ރަގަޅުކަންތަކާއި ގޯސްކަންތައްތަކެއް ހިމެނޭކަމީ ޝައްކެއްހުރި ކަމެއް ނޫނެވެ. ކުދިންގެ ތަރްބިއްޔަތުގެ ބޮޑުބައެއް ޙިއްސާކުރަނީ އެކުއްޖާގެ ސްކޫލެވެ. ސްކޫލުގެ ނިޡާމުގެ ތެރޭގައި ގޯސްއެތައް ކަމެއް ހިމެނޭކަމީ ވަރަށް ގިނަ ބެލެނިވެރިންގެ ޝަކްވާއެކެވެ. މިފަދަ ގޯސްކަންތަކުން ސަލާމަތްވެ، އެކަންތަކުގެ މައްޗަށް ގަދަވެގަތުމުގެ ގޮތުން ކުރެވިދާނެ ކަންތައްތަކެއް އެބަހުއްޓެވެ. އޭގެތެރޭގައި:

ދަރިންނަށް ރައްކާތެރިކަން ދެއްވުން އެދި ﷲ ގެ ޙަޞްރަތަށް ދުޢާކޮށް، އެކަލާނގެ ކިބައިން ވާގިއަށް އެދުން. ދުޢާ ކުރުމަކީ މުސްލިމުންގެ ހަތިޔާރެވެ. ޞާލިޙް އަޅުތަކުން އެބައިމީހުންގެ ދަރިންނަށް ކޮށްދެއްވާފައިވާ ހެޔޮދުޢާތައް ބަޔާން ކުރައްވާ މާތްﷲ ކީރިތި ގުރްއާނުގެ ފުރްގާން ސޫރަތުގެ 74 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (وَالَّذِينَ يَقُولُونَ رَ‌بَّنَا هَبْ لَنَا مِنْ أَزْوَاجِنَا وَذُرِّ‌يَّاتِنَا قُرَّ‌ةَ أَعْيُنٍ وَاجْعَلْنَا لِلْمُتَّقِينَ إِمَامًا) މާނައަކީ: އަދި އެއީ ބުނާމީހުންނެވެ. އަޅަމެންގެ ވެރިރަސްކަލާނކޮ! އަޅަމެންގެ އަނބިންގެ ކިބައިންނާއި، އަޅަމެންގެ ދަރިންގެ ކިބައިން، ލޮލަށް ފިނިކަން ލިބުމެއް އަޅަމެންނަށް ދެއްވާނދޭވެ! އަދި تقوى ވެރިންނަށް އިމާމުންކަމުގައި އަޅަމެން ލައްވާނދޭވެ!

ދަރިންނަކީ ޞާލިޙްބަޔަކަށް ވުމުގައި އެކުދިންގެ މައިންބަފައިންގެ ދައުރުގެ މުހިންމުކަން އަންގަވާ ސޫރަތުލްކަހްފުގެ 82 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވާފައިވެއެވެ. (وَأَمَّا الْجِدَارُ‌ فَكَانَ لِغُلَامَيْنِ يَتِيمَيْنِ فِي الْمَدِينَةِ وَكَانَ تَحْتَهُ كَنزٌ لَّهُمَا وَكَانَ أَبُوهُمَا صَالِحًا فَأَرَ‌ادَ رَ‌بُّكَ أَن يَبْلُغَا أَشُدَّهُمَا وَيَسْتَخْرِ‌جَا كَنزَهُمَا رَ‌حْمَةً مِّن رَّ‌بِّكَ   ) މާނައަކީ: އަދި ފާރާމެދު ދަންނާށެވެ! ފަހެ، އެރަށުގައިވާ يتيم ދެކުދިންނަށް ލިބިގެންވާ ފާރެއްކަމުގައި އެ ފާރުވިއެވެ. އަދި އެ ފާރުގެ ދަށުގައި، އެދެކުދިންނަށް خزانة އެއް ވިއެވެ. އަދި އެ ދެކުދިންގެ ބައްޕާއަކީ، صالح މީހެއް ކަމުގައިވެސްވިއެވެ. ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ އިރާދަކުރެއްވީ، އެ ދެކުދިން ބޮޑުވެ، ފުރާފުރިހަމަވުމުން، އެ ދެކުދިންގެ خزانة، އެ ދެކުދިން ނެރުމަށެވެ. ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން އޮތް رحمة އެއްގެ ގޮތުންނެވެ.

އަލްޙާފިޡް އިބްނު ރަޖަބު- ރަޙިމަހުﷲ- ވިދާޅުވެފައިވެއެވެ. އަޅާމަރުވެދިޔުމަށްފަހުގައިވެސް އޭނާގެ ޞާލިޙްކަމަށްޓަކައި އޭނާގެ ދަރިފަސްކޮޅު ޞާލިޙްކޮށްދެއްވައެވެ.

ކުދިން ބޮޑެތި ކުރުމުގައްޔާއި ތަރްބިއްޔަތު ކުރުމުގައި މައިންބަފައިންގެ ދައުރަކީ މުހިންމު ދައުރެކެވެ. އެހެންކަމުން، ހަމައެކަނި އެކުދިންގެ ސްކޫލުގެ މައްޗަށް މިކަން ދޫކޮށް ނުލުން މުހިންމެވެ. ކުދިންނާއި އެކު މިސްކިތަށްގޮސް، ދީނީ ދަރުސްތަކަށް ކުދިންފޮނުވާ، އެކުދިންގެ ހިތްތަކުގައި އީމާންކަމުގެ ފޮނި މޭވާ އަށަގެންނެވޭތޯ މަސައްކަތް ކުރުމަކީ ކޮންމެ ބައްޕައެއްގެ މަސްއޫލިއްޔަތެކެވެ. ހަމައެފަދައިން، އެކުދިން ގޭގައި ހޭދަކުރާ ވަގުތުގައި މިފަދަކަންތަކަށް ސަމާލުކަން ދިނުމަކީ ކޮންމެ މަންމައެއްގެ މަސްއޫލިއްޔަތެކެވެ.

ކުދިން އުޅޭ ނޫޅޭގޮތް ބަލާ ފާރަވެރިވުން: އެކުދިން ސްކޫލުގައި އުޅޭ ނޫޅޭގޮތާއި ބެހޭގޮތުން މުދައްރިސުންނާއި ސުވާލުކޮށް މަޝްވަރާކޮށް ހަދަންވާނެއެވެ. އަދި މަޑުމައިތިރި ކަމާއި އެކު ކުދިންނަށް ނަޞޭޙަތްދީ ހަދަންވާނެއެވެ.

އިސްލާމީ ތަރްބިއްޔަތު ދޭކަހަލަ ސްކޫލެއް ހުރެއްޖެނަމަ އެސްކޫލަކަށް ފޮނުވުމަށް އިސްކަންދިނުން:

ރަގަޅު ރަޙްމަތްތެރިންނާއި އުޅުމަށް ކުދިންނަށް ބާރުއެޅުން. އެއީ، ސްކޫލުގައި ނަމަވެސް އަދި ދިރިއުޅޭ މާޙައުލުގައި ނަމަވެސްއެވެ.

ކުދިންނާއި ރަޙްމަތްތެރިންނާއި މެދުގައި މައްސަލައެއް ޖެހިއްޖެނަމަ އެކަމެއްގެ ޚަބަރު މައިންބަފައިންނަށް ދީ، މައިންބަފައިން މެދުވެރިކޮށްގެން ކަމުގެ ޙައްލު ހޯދުމަށް ކުދިންނަށް ބާރުއެޅުން.

ޚުލާޞާއަކީ: ކުދިންގެ ކަންތަކުގައި ފަރުވާތެރިވުމެވެ. އެކަމުގައި އިހްމާލު ނުވުމެވެ. އަލްޢައްލާމާ އިބްނުލް ގައްޔިމް ރަޙިމަހުﷲ- ވިދާޅުވެފައިވެއެވެ. ދަރިންނަށް ފައިދާކުރާނެ ކަންތައް ބުނެނުދީ، އެކަމުގައި އިހްމާލުވެ، ކުދިން އުޅޭނެހާ ގޮތަކަށް އުޅެން ދޫކޮށްލުމަކީ ބޮޑުވެގެންވާ ނުބަޔެކެވެ. ގިނަކުދިން ހަލާކުވެ މަގުގެއްލިގެން ގޮސްފައިވަނީ މައިންބަފައިންގެ އިހްމާލުގެ ސަބަބުންނެވެ. ދީނީ ގޮތުން އެކުދިންނަށް އޮޅުންފިލުވައިދޭންޖެހޭ ކަންތައްތައް ބުނެނުދިނުމުގެ ސަބަބުންނެވެ. (ތުޙްފަތުލް މައުދޫދު، ޞަފްޙާ 229).

ކުދިން ސްކޫލުން ކަނޑާލުން ނޫން އެހެންގޮތެއް ނެތިއްޖެ ހިނދެއްގައި، އޭގެ ބަދަލުގައި ކޮންމެވެސް އެހެންގޮތެއް އެކުދިންނަށް ހޯދައިދިނުމަކީ ކޮންމެހެންވެސް މުހިންމު ކަމެކެވެ. ސްކޫލުތަކަށް ނުފޮނުވާ ގޭގައި ބައިތިއްބާފައިވާ ގިނަކުދިންގެ ޙާލަކީ ޓީވީގެ ޕްރޮގްރާމްތަކަށް ގޮސްގެއްލިފައިތިބުމެވެ. ނުވަތަ މަގުމައްޗަށް ގިނަވެފައި ތިބުމެވެ. މީގެ ސަބަބުން ސްކޫލުން ލިބޭގެއްލުމަށްވުރެ ބޮޑެތި ގެއްލުން ކުދިންނަށް ލިބިގެންދެއެވެ.

އެހެންކަމުން، ދަރިފުޅު ސްކޫލަށް ނުފޮނުވާ ބެހެއްޓުމަކީ ހައްލެއްނޫނެވެ. އޭގެ ބަދަލުގައި ސްކޫލުގައި ހުރި ނުރަގަޅު ކަންތައް ރަގަޅު ކުރުމަށް މަސައްކަތްކުރަން ޖެހޭނެއެވެ.


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި