Noorul-islam.NET :: ފެނުގެ ނިޢްމަތަށް ރައްކާތެރިވާށެވެ!
ފެނުގެ ނިޢްމަތަށް ރައްކާތެރިވާށެވެ!
Category »  މުޖުތަމަޢު

ތާރީޚް: 9 ޖޫން 2011

ލިޔުއްވީ : ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ

ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންނަށް ދެއްވާފައިވާ ނިޢުމަތްތައް ޢަދަދުނުކުރެވޭހައި ވެސް ގިނައެވެ. މިނިޢުމަތްތަކަށް ޝުކުރުވެރިވުމަށާއި ކުފުރުވެރި ނުވުމަށް އެކަލާނގެ ވަނީ އަޅުގަނޑުމެންނަށް އަންގަވާފައެވެ. ނިޢުމަތްތަކަށް ޝުކުރުވެރިވުމަކީ، ތިމާޔަށް އެނިޢުމަތް ދެއްވީ ﷲކަމަށް އިޢުތިރާފުވާ ޙާލު، ހެޔޮގޮތުގައި ނިޢުމަތުގެ ބޭނުން ހިފުމެވެ. ނިޢުމަތަށް ކުފުރުވުމަކީ، އެނިޢުމަތަކީ ތިމާގެ ކުޅަދާނަކަމުން ލިބިފައިވާ އެއްޗެއްކަމުގައި ދެކެ، ކުޅަދުންވަންތަ އިލާހުމަތިން ހަނދާން ނައްތާލައި، ހިތުހުރި ގޮތަކަށް އެއިން ހޭދަކޮށް އިސްރާފުކޮށް އުޅުމެވެ.

ނިޢުމަތަށް ޝުކުރުވެރިވުމަކީ ނިޢުމަތް އިތުރުވާކަމެކެވެ. އެއާ ޚިލާފަށް ނިޢުމަތަށް ކުފުރުވެރިވާނަމަ، ތިމާގެ ކިބައިން އެނިޢުމަތްތަށް ބީވެގެން ދިއުން ދުރެއްނޫނެވެ. މީގެ އިތުރުން އެމީހަކަށް އުޚުރަވީ ޙަޔާތުގައި ވޭންދެނިވި ޢަޛާބު ހުއްޓެވެ. މާތްﷲ ވަޙީކުރެއްވިއެވެ.  ﴿وَإِذْ تَأَذَّنَ رَبُّكُمْ لَئِنْ شَكَرْتُمْ لأزِيدَنَّكُمْ وَلَئِنْ كَفَرْتُمْ إِنَّ عَذَابِي لَشَدِيدٌ﴾ [إبراهيم 7] މާނައީ"ތިޔަބައިމީހުންގެ ވެރިއިލާހު އެންގެވިހިނދު ހަނދުމަކުރާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުން ނިޢުމަތްތަކަށް ޝުކުރުކުރާނަމަ، ހަމަކަށަވަރުން، ތިމަންއިލާހު ތިޔަބައިމީހުންނަށް އިތުރުކޮށްދެއްވާހުށީމެވެ. އަދި ތިޔަބައިމީހުން އެނިޢުމަތްތަކަށް ޝުކުރުނުކޮށް ކާފިރުވާނަމަ ދަންނާށެވެ! ހަމަކަށަވަރުން، ތިމަންއިލާހުގެ ޢަޛާބު ގަދަފަދަވެގެންވާކަން ކަށަވަރެވެ".

ކޮންމެ ނިޢުމަތަކަށްވެސް ޝުކުރުވެރިވުން ވަނީ އެނިޢްމަތެއްގެ ބާވަތުންނެވެ. ﷲ އަޅުގަނޑުމެންނަށް ދެއްވާފައިވާ ނިޢުމަތްތަކުގެ ތެރެއިން ފެނަކީ ވަރަށްވެސް ބޮޑު ނިޢުމަތެކެވެ. ﷲ ވަނީ އެންމެހައި ދިރޭތަކެތީގެ ދިރުން ފެނުގައި ލައްވާފައެވެ. އިންސާނުންނަށްޓަކައި އެކަލާނގެ އުޑުން ވާރޭ ވެއްސަވަތެވެ. އަދި ބިމުގެ އަޑީގައި މީރުފެން ލެއްވިއެވެ. މިއިން އެއްވެސް އެއްޗަކީ އަޅުގަނޑުމެންނަށް އޭގެމައްޗަށް ބާރުފޯރުވޭ އެއްޗެއްސެއް ނޫނެވެ. އެކަލާނގެ ވަޙީބަސްފުޅުގައިވެއެވެ.﴿  أَفَرَأَيْتُمُ الْمَاءَ الَّذِي تَشْرَبُونَ *أَأَنتُمْ أَنزَلْتُمُوهُ مِنَ الْمُزْنِ أَمْ نَحْنُ الْمُنزِلُونَ﴾ [الواقعة 68-69] މާނައީ"ތިޔަބައިމީހުން ބޯ ފެނާމެދު، ތިޔަބައިމީހުން ފަހެ ވިސްނާ ފިކުރުނުކުރަމު ހެއްޔެވެ؟ ވާރޭވިލާތަކުން އެ ފެން ވެއްސީ، ތިޔަބައިމީހުންހެއްޔެވެ؟ ނުވަތަ އެ ފެން ބާވައިލެއްވީ ތިމަންއިލާހު ނޫން ހެއްޔެވެ؟" އަދިވެސް އެކަލާނގެ އެހެން ވަޙީ ބަސްފުޅެއްގައި ވެއެވެ. ﴿قُلْ أَرَأَيْتُمْ إِنْ أَصْبَحَ مَاؤُكُمْ غَوْرًا فَمَن يَأْتِيكُم بِمَاءٍ مَّعِينٍ﴾ [الملك 30] މާނައީ"ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ނިކަން ވިސްނާފިކުރުކޮށްބަލާށެވެ! ތިޔަބައިމީހުން އެކިކަންކަމަށް ބޭނުންކުރާ ފެން އަޑިޔަށް ހިނދިއްޖެނަމަ، ހިނގަހިނގާ ހުންނަ ފެނެއް ތިޔަބައިމީހުންނަށް ގެނެސްދޭހުށީ ފަހެ ކާކުހެއްޔެވެ؟" ކަންމިހެން އޮތްއިރު، އެކިއެކި ބޭނުންތަކަށް އަޅުގަނޑުމެން ފެން ބޭނުންކުރާއިރު، އެއީ ﷲ ދެއްވާފައިވާ ނިޢުމަތެއްކަން ހިތަށް ގެނެސް ބޭކާރުގޮތުގައި ފެނުން އިސްރާފުނުކުރުގެ އާދަ އަޅުގަނޑުމެންގެ ކިބައިގާ އަށަގެންނެވުމަށް މަސައްކަތްކުރަމާތޯއެވެ. މިސްކިތްތަކުގައި ހުންނަ އިސްކުރުބަރިން ވުޟޫކުރުމުގައި ގިނަފަހަރަށް އަޅުގަނޑުމެންނަށް މާބޮޑު ފަރުވާލެއް ނުބެހެއްޓޭހެން ހީވެއެވެ. އެއީ، އޭގެ ބިލު ބޮޑުވުމަކުން އަޅުގަނޑުމެންގެ ޖީބަށް ކުރާނެ އަސަރެއް ނޯންނާނެތީކަމަށްވެސް ވެދާނެއެވެ. އެހެނަސް ކޮންމެ މީހެއްގެ އެއްޗަކުން އިސްރާފުކުރާނަމަ އެކަންވާނީ އިސްރާފަށެވެ. ދެމިދެމި އޮތް ކޯރެއްގެ އައްސޭރީގައި އިނދެ ވުޟޫކުރާމީހާއަށްވެސް ފެނުން އިސްރާފުނުކުރުމަށް ރަސޫލާ صلى الله عليه وسلم ވަނީ އިރުޝާދު ދެއްވާފައެވެ. 

އެހެންކަމުން ތިމާގެ އަމިއްލަގޭގައިވެސް އިސްރާފު ފެނުން އިސްރާފު ނުކުރުމަށް ސަމާލުކަން ދެމާތޯއެވެ. އަދި ޢާއްމުތަންތާގައި ހުންނަ ފެން އިސްކުރުތަކުންވެސް އިސްރާފު ނުކުރަމާތޯއެވެ. އެހެނީ އިސްރާފުކުރާމީހުންދެކެ ﷲ ލޯބިވެވޮޑިނުގަންނަވައެވެ.

އެކަލާނގެ ވަޙީކުރެއްވިއެވެ. ﴿يَا بَنِي آدَمَ خُذُوا زِينَتَكُمْ عِنْدَ كُلِّ مَسْجِدٍ وَكُلُوا وَاشْرَبُوا وَلا تُسْرِفُوا إِنَّهُ لا يُحِبُّ الْمُسْرِفِينَ﴾ [الأعراف31] މާނައީ"އޭ އާދަމުގެދަރިންނޭވެ! ތިޔަބައިމީހުން، ނަމާދުކުރާ ކޮންމެ ހިނދެއްގައިމެ، ޒީނަތްތެރިވާހުށިކަމެވެ! އަދި ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ! އަދި އިސްރާފުނުކުރާށެވެ! ހަމަކަށަވަރުން، އިސްރާފުކުރާ މީހުންދެކެ އެކަލާނގެ ލޯބިވެ ވޮޑިގެނެއް ނުވެތެވެ."


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި