Noorul-islam.NET :: މަންމާއެވެ. މަޢާފްކުރާށެވެ!
މަންމާއެވެ. މަޢާފްކުރާށެވެ!
Category »  މުޖުތަމަޢު

ތާރީޚް: 2 ޖޫން 2011

ލިޔުއްވީ : ޖަންނަތު ސަޢީދު

އަހަރެން އިނީ މީގެ އަހަރުތަކެއް ކުރިން ނިޔާވި އަހަރެންގެ މަންމަގެ މަހާނަ ކައިރީގައެވެ. އަހަރެން އިނީ ހިތް ފުރެންދެން ރޯން ބޭނުންވެފައެވެ. އަހަރެންގެ ހިތުގައި އުފެދިފައިވާ އުދާސްތަކުން މޭފިތި ބާރުވަމުން ދިޔައެވެ. އަހަރެން އިނީ އެ އުދާސްތައް ބޭރުކޮށްލަން ބޭނުންވެފައެވެ. ހިތްފުރެންދެން ރޯލުމަކުން ، އަހަރެންގެ ކުށުގެ ކައްފާރާ އަދާނުކުރެވޭނެ ކަން އަހަރެންނަށް އެނގެއެވެ. އެކަމަކު ، ފަހަރެއްގައި މެޔަށް ފިނިކަމެއް ލިބިދާނެކަމަށް އުންމީދު ކުރެވޭތީއެވެ. އެހެނަސް ، އެޔަށްވުރެ އަހަރެންގެ ކުށްފާފަތައް ގިނައެވެ. އަހަރެންނަކީ ނުކިޔަމަންތެރި ، އަނިޔާވެރި ދަރިއަކީމެވެ.

ކުރަކިވެފައިވާ އަޑަކުން ، އަހަރެން މަންމައަށް ގޮވާލީމެވެ. އެހެނަސް ވާހަކަ ފަށާނީ ކިހާ ހިސާބަކުން ކަމެއް އަހަރެންނަކަށް ނޭނގުނެވެ. އަހަރެން އިނީ އިއްޔެ މަންމަ އާއިމެދު ކަންކުރެވުނު ގޮތާއި މެދު ދެރަވެ ލަދު ގަންފައި ކަމަށް ވުމެވެ. އަމިއްލަ ނަފްސުދެކެ ރުޅި އާދެވިފައެވެ.

ހިއްވަރުކޮށްފައި އަނެއްކާވެސް މަންމައަށް ގޮވާލީމެވެ. އަދި ވާހަކަ ފެށީމެވެ. މަންމާއެވެ! އަހަރެން މީ މަންމަގެ ދަރިފުޅެވެ. އަހަރެން މިއިނީ މަންމަ ކައިރިޔަށް އައިހެވެ. މާލަސްވެއްޖެކަން ވެސް އެނގެއެވެ. ވަގުތު ފާއިތުވެއްޖެ ކަންވެސް އެނގެއެވެ. އަދި މިހާ ދުވަސްކޮށްފައި މަންމަ އާއި ބައްދަލުވި އިރު މަންމައަށް ދޭން ގެންނާނޭ އެއްވެސް އެއްޗެއް އަހަރެން އަތަކު ނެތެވެ. ހުރީ ހުސްއެކަނި ބަހަނާތަކެކެވެ. ޢުޒުރުތަކެކެވެ.

މަންމާއެވެ! އަހަރެންގެ ޅައުމުރު ހަނދާންކޮށްބަލާށެވެ. އަހަރެން ބަލައި ބޮޑުކުރުމުގެ ހުރިހާ އުނދަގުލެއް ތަޙަންމަލްކުރީ ތިޔަ ދެ އަތުންނެވެ. ތިޔަ އުނގުތެރޭގައި ، ލޯބިން ، އަހަރެން ގެންގުޅުނު ގޮތް އެބަ ހަނދާންވެއެވެ. އަދި އެ އުނގުތެރޭގައި އަހަރެން ވީ ހިނދު ، ލިބުނު އަމާންކަން އެބަ އިޙްސާސްކުރެވެއެވެ. އަހަރެން ، ފުރިހަމަ އިންސާނަކަށް ވީ އަހަރެންގެ މުސްތަޤްބަލަށްޓަކައި ، ތިޔަ މަންމަ އުފުލި ބުރަތަކާއި އޮހޮރި ދަލުގެ ސަބަބުންނެވެ. އެހެނަސް ، އެއީ އަހަރެންގެ އެންމެ ތުއްތު އިރެވެ. ނަމަވެސް ، އަހަރެން ބޮޑުވަމުންދިޔަ ދިޔަހެން މަންމަގެ ކުރިމަތީގައި އަޑު އުފުލަން ފެށީމެވެ. މަންމަގެ ނަސޭޙަތްތަކަށް ބީރު ކަންފަތެއްދީ ފުރަގަސްދިނީމެވެ. ނުލަފާކަން ދައްކައި ގޯސްކޮށް އުޅެންފެށީމެވެ. ނަމަވެސް މިއަދު ، އަހަރެން އެކަންކަމާއި ހިތާމަ ކުރަމެވެ. މަންމާއެވެ! މަންމަގެ ލޯބިން އަހަރެން މަޙްރޫމް ނުކުރާށެވެ. މިއަދު އަހަރެން މިއިނީ ހިތާމައިން ފުރިފައެވެ. ދެރަވެ ނިކަމެތި ވެފައެވެ. މަންމާއެވެ! މަންމަގެ ތިޔަ ލޮބުވެތި ދެފައިގައި އަހަރެން ބޮސްދޭނަމެވެ. އަދި އަހަރެންގެ ދެލޮލުން އޮހެރެމުން މިދާ ކަރުނަތަކުން ތިޔަ ދެފައި ދޮވެދޭނަމެވެ. މަންމަގެ މި ދަރިފުޅު  ގޮތް ހުސްވެ ، މާޔޫސްވާން ދޫކޮށްނުލާށެވެ.

މަންމާއެވެ! ޢިލްމުވެރިޔަކު ނަސޭހަތް ދެނިކޮށް ، އަހަރެންނަށް އެތަނަށް ދެވުނެވެ. ނަޞޭޙަތުގެ ތެރޭގައި ޝައިޚް ވިދާޅުވެދެއްވި ޙަދީސެއްގައި ވެއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އަރިހުގައި ބޭކަލަކު ދެންނެވިއެވެ. އެންމެ ހެޔޮކަންބޮޑު ޢަމަލަކީ ކޮބާހެއްޔެވެ؟ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީސްކުރެއްވިއެވެ. ނަމާދު އޭގެ ވަގުތުގައި ކުރުމެވެ. ދެން ވެސް އެ ބޭކަލަކުު ދެންނެވިއެވެ. އެހެން ވިއްޔާ ދެން އެންމެ ހެޔޮ ޢަމަލަކީ ކޮބާ ހެއްޔެވެ؟ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީސްކުރެއްވިއެވެ. ތިބާގެ މައިންބަފައިނަށް ހެޔޮކޮށް ހިތުމެވެ." މަންމާއެވެ! ޖިހާދުގެ ވާހަކަ އައީ ވެސް މައިންބަފައިންގެ ވާހަކަ އައުމަށް ފަހުގައެވެ. މިއަދު އަހަރެން ޤަބޫލުކުރަމެވެ. މަންމަގެ ޙައްޤުތަކުގައި ކޮޅުފައިން ޖަހައި ، އަހަރެން އަނިޔާވެރިވީމެވެ. ނަމަވެސް އެއީ ، އޭރު އަހަރެންނަށް ނުވިސްނުނީތީއެވެ. ތިޔައީ ހެޔޮ ހިތެއްގެ ވެރިއެކެވެ. މަންމަގެ ހިތްހެޔޮ ކަމާއި އަޅާކިޔާނަމަ އަހަރެންގެ އެ ޢަމަލްތަކަކީ އެއްވެސް އެއްޗެއް ނޫނެވެ.

މަންމާއެވެ! އެ ދުވަހު ، މަންމަ ބުނީ ވަރަށް ބޮޑު ތެދެކެވެ. މަންމަ ބުނީމުއެވެ. " އެމީހަކާއި މެދު ޢަމަލުކުރެވޭނީ އެމީހަކު އެހެން މީހުންނާއި މެދު ޢަމަލުކުރި ގޮތަކަށެވެ. " އަހަރެންގެ ޒުވާން ދުވަސްވަރު އަހަރެން މަންމައާއި ޒުވާބުކޮށް ، ހަޑިހުތުރު ބަހުރުވައިން ވާހަކަދައްކައި ، ދޮގު ތުހުމަތުތައް އަޅުވަމުން ދިޔައީމެވެ. އަހަރެންގެ މި ދެއަތުން މަންމަ އަނދައަދާ ހުރި އަލިފާނުގެ ތެރެއަށް އެއްލާލީމެވެ. މިއަދު މީސްތަކުން އެޙާލު ، އަހަރެންނަށް ޖައްސާނެއެވެ. އަދި އެތަން ބަލަންތިބެ އެބައިމީހުން މަލާމާތްކޮށް ، ހޭނެއެވެ. މަންމައާއި މެދު އަހަރެން ކަންކަން ކުރި ބީދައިން އެބައިމީހުން އަހަރެންނާއި މެދު ކަންކުރާނެއެވެ. އަހަރެން ކިތަންމެ ރުޅި އަޔަސް އަދި ރުޔަކަސް އެކަމަކުން ކުރާނެ ފައިދާއެއް ނޯންނާއެވެ.

މަންމާއެވެ! އަހަރެންގެ ހަލާކުގެ ވަގުތު އައިސްޖެހޭނެ ކަން އަހަރެންނަށް އެނގެއެވެ. އަދި މަންމަގެ ނަފްސު މަތިވެރި ކުރެއްވި ކަލާނގެއާއި ފަހުން ބައްދަލުކުރަން ޖެހޭނެކަން ވެސް ގައިމެވެ. އެކަމަކު މިހާރު ވެސް ނިކަން ދެކިބަލާށެވެ. ދުނިޔެމަތީގައި ވެސް އޭގެ ޢަޛާބު ، އަހަރެންނަށް ފެންނަން ފަށައިފި ކަހަލައެވެ. މަންމަ އަހަރެން ދޫކޮށްފައި ދިޔަފަހުން ، އަރާމާއި ހިތްހަމަހެހުން ނެތިވެ ހިނގައްޖެއެވެ. ދެލޮލުން އޮހޮރެމުން މިދާ ކަރުނަތަކުން މިލާ މޯޅިވެއްޖެއެވެ. ދެލޯ ރަތްވެ ފާރުވެއްޖެއެވެ. ހިތާމަކޮށްކޮށް އަހަރެން މިދަނީ އަވަދި ވަމުންނެވެ. ހީވަނީ ، އަހަރެންނަށްޓަކައި މުޅި ދުނިޔެ އަނދިރިވެއްޖެހެންނެވެ. އަހަރެންގެ މުޅި ހަށިގަނޑަށް ވެރިވެފައި ވަނީ ނުތަނަވަސް ކަމެވެ. މަންމެ ނެތް ދުނިޔެއެއްގައި އަހަރެންގެ ކިބައިން އެ ނުތަނަވަސްކަމާއި ، އުދާސްކަން ފިލައިގެން ހިނގައިދާނެ ހެއްޔެވެ؟ ނުދާނެއެވެ. މިއަދު އަހަރެންގެ ބައިވެރިޔަކީ ވެސް އެކަނިވެރިކަމެވެ.

މަންމާއެވެ. އަހަރެންގެ ގައިގައި ބައްދާލަދޭށެވެ. ރަޖައެއް އޮޅައި ، އަހަރެން ނިވާކޮށް ދީބަލާށޭވެ. މަންމަގެ އަޅާލުމާއި އޯގާތެރިކަން ދީބަލާށެވެ. މިއަދު ، ތިޔަ މަންމަގެ ދެފައިގައި ބޮސްދީ އާދޭސް މިކުރަނީ މަންމަގެ ދަރިފުޅެވެ. މަންމާއެވެ! އަހަރެން ވަރުބަލިވެއްޖެއެވެ. މިހުރިހާ ކަމަކުން ސަލާމަތްވެ ހިންދެމިލަން އަހަރެން ބޭނުމެވެ. މަންމާއެވެ. ﷲ އަށްޓަކައި އާދޭސްކޮށްފައި ބުނަމެވެ. އަހަރެންގެ އަޑު އަހާބަލާށެވެ. އަހަރެން މިހާލުގައި ގަނެތެޅެން  ދޫކޮށް ނުލާށެވެ. އަހަރެންގެ މަރު އަހަރެންގެ ދެލޮލަށް އެބަ ސިފަވެއެވެ. އަހަރެންގެ ޤަބުރު ، ހަފަރާރުން ، އަހަރެން ފިއްތަމުންދާ މަންޒަރު އެބަ ފެނެއެވެ. މަންމަގެ ހިތުގައި އަހަރެންނަށް މަޤާމެއް ނެތް ކަމުގައި ވާނަމަ އަހަރެންގެ ނިމުމަކީ މިއެވެ. އާދޭސް ކުރަމެވެ. އަހަރެންނަށް މަޢާފްކުރާށެވެ.

މަންމާއެވެ. މިއީ ކޮން ކަހަލަ ހަޔާތެއް ހެއްޔެވެ!؟ މި ޙަޔާތާއި ދުރަށް ދާން އަހަރެންގެ ބޭނުމެވެ. ކުރެވިފައިވާ ކުށްފާފަތަކުން އެއްކިބާވެ އަހަރެންގެ ކިލަނބުވެފައި މިވާ ހަށިގަނޑު ދޮވެ ، ސާފުކުރަން ބޭނުމެވެ. މަންމާއެވެ. އެންމެ ބަހެއް ނަމަވެސް ބުނެބަލާށެވެ. އެ ހިއްވަރު އަހަރެންނަށް ދީ ބަލާށެވެ. އެންމެ އަޑެއް ނަމަވެސް އިއްވާލަބަލާށެވެ. އަހަރެން މި އިނީ މަންމަގެ އަޑު އަހާލަން ފެންބޮވައިގެންފައެވެ.

އޭ މީސްތަކުންނޭވެ. އަހަރެން މިހިރަ ހަލާކުވެ ދަނީއެވެ. އަހަރެންގެ މަންމަ އެ އޮތީ އަހަރެންދެކެ ރުޅިއައިސްފައެވެ. އަހަރެންނާއި އަނގައިން ވެސް ނުބުންޏެވެ. މަންމަގެ ހިތް ވަނީ ޒަޚަމްވެފައެވެ. ހިތާމައިން ފުރިފައެވެ. އަހަރެންނަށްޓަކައި އެ މަންމަގެ ދޫ ބުރިވެފައިވާ ކަހަލައެވެ. ކަންފަތް ބަންދުވެފައިވާ ކަހަލައެވެ. ކޮންމެވެސް މީހަކު އަހަރެންގެ ޙާލު ، މަންމައަށް ކިޔާދީބަލާށެވެ. މިވާހަކަތައް ބުނެދީބަލާށެވެ. އަހަރެންގެ ހިތަށް ކުރާ އަސަރުން އެ ހިތް ފަޅަފަޅައިގެން ދަނީއެވެ.

އެ ހިނދު ދުރުން ، މާ ދުރުން މީހަކު ގޮވާލާފައި ބުނާ އަޑު އިވުނެވެ.  އަޑުއަހާށެވެ. ކަލޭގެ މަންމަ މި ފަނާވަނިވި ދުނިޔެއާއި ވަކިވެއްޖެއެވެ. ތިޔައީ ނުކިޔަމަންތެރި ދަރިއެކެވެ. ކުށްވެރިއެވެ.... ނޫނެކެވެ. ނޫނެކެވެ. ތިޔަހެން ހަމަހިލާ ނުވާނެއެވެ. އަހަރެންގެ މަންމަ ، އަހަރެނަށް މިޙާލު ޖައްސާފައި ނުދާނެއެވެ. އަހަރެން ޤަބޫލުކުރަމެވެ. އަހަރެންނަކީ ނުކިޔަމަންތެރި ދަރިޔަކީމުއެވެ. އެހެނަސް އެޔަށްވުރެ ، މި މަންމަގެ ހިތް މާ ހެޔޮ ވާނެއެވެ. ދުވަހަކު ވެސް މަންމަގެ ސަބަބުން މީހަކު ދެރަވެ ރޯކަށް ނުޖެހެއެވެ. މަންމާއެވެ! އަހަރެން އެކަނިކޮށްނުލާށެވެ. މި ޙަޔާތުގެ ބާކީ އޮތް ދުވަސްކޮޅުގައި ، ގޮތްހުސްވެ އާވާރާވާން ދޫކޮށްނުލާށެވެ. މި ދުނިޔޭގައި މަންމަ ފިޔަވާ އަހަރެންގެ ބެލެނިވެރިޔަކު ނެތެވެ. އަޅާލާނެ މީހަކު ނެތެވެ. މަންމަ އަހަރެން އެކަނިކޮށްފައި ހިނގައްޖެނަމަ ވަށައިގެން މިވާ މާސިންގާ ކަނޑުގެ ތެރެއަށް އަހަރެން ޣަރަޤުވެދާނެއެވެ.

މަންމާއެވެ. އަނިޔާވެރިޔަކީ އަހަރެންނެވެ. އޭގެ ސަޒާ މި ލިބެނީ ވެސް އަހަންނަށެވެ. މިއަދު އަހަރެން މި އުފުލަނީ އެ ހިތާމައެވެ. މިއީ ނިމުމެއް ނޫނެވެ. އަބަދަށް ދެމިގެންވާ ބިރުވެރިކަމެއްގެ ފެށުމެކެވެ. މަންމަ ، އަހަރެން ދޫކޮށްފައި ތިޔަ ދަނީ އަލިފާނުގެ އަނދަވަޅެއްގެ ތުންފަތް މައްޗަށެވެ. މަންމާއެވެ! ޢަލްޤަމާ ނަމަކަށް ކިޔުނު ޞަޙާބީއެއްގެ ވާހަކަ އަހަރެން އަޑުއެހީމެވެ. އެއީ ނަމާދުކުރުމާއި ރޯދައާއި ޞަދަޤާތްދިނުމުގެ އިތުރުން އެހެނިހެން ހެޔޮކަންތައްތައް ވެސް ގިނަ ބޭކަލެކެވެ. އެހެނަސް މަރު އައިސް ޖެހުނު ވަޤުތު އެކަލޭގެފާނަށް ޝަހާދަތުގެ ދެކަލިމަ ދުލުކުރިން ވިދާޅުވެވޭގޮތެއް ނުވިއެވެ. އެކަލޭގެފާނުގެ މަންމަ އެކަލޭގެފާނު ދެކެ ނުރުހިފައި ހުރުމުގެ ސަބަބުންނެވެ. އެކަލޭގެފާނުގެ މަންމަގެ ކުރިމަތީގައި އެކަލޭގެފާނު އަލިފާނަށްލައި އަންދާލުމަށް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް އެންގެވިއެވެ. އެ ހިނދު އެކަލޭގެފާނުގެ މަންމައަށް ކެތެއް ނުކުރެވުނެވެ. އެކަލޭގެފާނުގެ މަންމަގެ ރުހުން ލިބުމާއި އެކު ، އެކަލޭގެފާނަށް ދޫމައްޗަށް ފަސޭހަވެ ޝަހާދަތް ވިދާޅުވެވިއްޖެއެވެ. މަންމާއެވެ. އެއީ މާތް ޞަޙާބީ ބޭކަލެކެވެ. ވީއިރު އަހަރެން ފަދަ ހެޔޮކަންތައް މަދު ، އުރެދުންތެރި އަޅެއްގެ ޙާލަކީ ކޮބާހެއްޔެވެ؟ މާދަމާ އަހަރެންގެ ވެރިރަސްކަލާނގެ ކޯފާއާއި އަހަރެން ބައްދަލުކުރަން ޖެހޭނެއެވެ. ޝައްކެއްނެތެވެ. އެ ދުވަހު އަހަރެން ވާނީ އަބާއްޖަވެރިންގެ ތެރެއިންނެވެ.

މަންމާއެވެ! މީސްތަކުން  އަހަރެންނާއި ދިމާލަށް ލޯއަޅައި ބަލަން ފަށައިފިއެވެ. މަލާމާތްކުރަން ފަށައިފިއެވެ. ނުރުހުމުގެ ބަސްބުނެ ، ލަޢްނަތްދޭން ފަށައިފިއެވެ. ހުރިހާ ރަހުމަތްތެރިން އަހަރެންނާއި ވަކިވެއްޖެއެވެ. އަހަރެން މިހުރީ މިއަދު ބާކީވެފައެވެ. މަންމައަށް ނުކިޔަމަންތެރިވުމުގެ ސަބަބުން އަހަރެން ނިކަމެތިވެއްޖެއެވެ. އަހަރެންގެ އަގު ވެއްޔާއި މޮޑެވިއްޖެއެވެ. އަހަރެންގެ ޢުމުރުން އެންމެ ދުވަހަކު ނަމަވެސްް މަންމައަށް ޚިދުމަތްކުރެވުނު ނަމަ މިއަދު މިހެން ނުވީހެވެ.

އޭ މީސްތަކުންނޭވެ! އަހަރެން ބޭނުމީ ހަމަ އެންމެ ކަމެކެވެ! އަހަރެންގެ މަންމަ ، އަހަރެންނަށް މަޢާފްކޮށްދިނުމެވެ. އަހަރެންނާއި މެދު ރުހި ޤަބޫލުވުމެވެ. މަންމަ އަހަރެން ދެކެ ރުހިޤަބޫލުވޭތޯ މަސައްކަތްކޮށްދީ ބަލާށެވެ. އަހަރެން ދެރަވެ ، ހިތާމަކުރަމުންދާ މިންވަރު މަންމައަށް ކިޔާދީބަލާށެވެ. މަންމަ ފިޔަވައި މިދުނިޔޭގައި އަހަރެންގެ އެއްވެސް މީހަކު ނެތް ވާހަކައާއި ، އަހަރެންގެ ވާހަކަ އަޑުއަހާނެ މީހަކު ނެތް ކަމާއި ، އަހަރެންގެ ކަރުނަތައް ފޮހެލަދޭނެ މީހަކު ނެތް ވާހަކަ ވެސް ބުނެދީބަލާށެވެ. އަދި އަހަރެންދެކެ ނުރިހިފައިވާ ޙާލުގައި އަހަރެން ދޫކޮށްފައި ނުދާށޭ ވެސް ބުނެދީބަލާށެވެ. 

މަންމާއެވެ. އަހަރެން މިހުރީ ، މިއަދު މަންމައަށްޓަކައި ފިދާވާން ތައްޔާރަށެވެ. ﷲ ގަންދީ ބުނަމެވެ. އަހަރެންގެ ކުށްތަކަށް އަހަރެން ތައުބާ ވެއްޖައީމެވެ. އަލުން އެފަދަ ކުށްތަކަކަށް ރުޖޫޢަ ނުވުމަށް ޢަޒުމް ކަނޑައަޅައިގެންނެވެ. އަހަރެންގެ ކިބައިން މަންމައަށް ލިބުނު ހިތާމަތަކާއި ، ކުރެވުނު ދުއްތުރާތަކަށް ވުރެ މަންމަގެ ތިޔަ ހިތް މާ ބޮޑެވެ. މާ ހެވެވެ. މަންމާއެވެ! މަތިވެރިވެގެންވާ ސުވަރުގެ ލިބުމުން އަހަރެން މަޙްރޫމް ނުކުރާށެވެ. އެހެނީ ސުވަރުގެ ވަނީ މައިންބަފައިގެ ފައިތިލަ ދަށުގައެވެ. އެ މަތިވެރި ސުވަރުގެ ލިބުމަށް އަހަރެންނަށް އުންމީދުކުރެވޭނީ ވެސް ތިޔަ މަންމަގެ ރުހުން ލިބިގެންނެވެ. މަންމާއެވެ! އަހަރެންނަށް މަޢާފްކޮށްދޭށެވެ.


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި