Noorul-islam.NET :: ޙައްޤަކާ ނުލައި އެންމެ މީހަކު ވިޔަސް މެރުމީ މުޅި އިންސާނިއްޔަތު ނެތިކޮށްލުން ފަދަ ނުބައި ޢަމަލެކެވެ.
ޙައްޤަކާ ނުލައި އެންމެ މީހަކު ވިޔަސް މެރުމީ މުޅި އިންސާނިއްޔަތު ނެތިކޮށްލުން ފަދަ ނުބައި ޢަމަލެކެވެ.
Category »  މުޖުތަމަޢު

ތާރީޚް: 30 މޭއި 2011

ލިޔުއްވީ : ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ

ދިވެހިރާއްޖޭގައި މިއަދު މިދަނީ ބޮޑެތި ކުށްތަކަށް އަރައިގަތުމުގެ ޘަޤާފަތެއް ފެތުރެމުންނެވެ. މީގެ ތެރެއިން ފާހަގަކޮށްލެވޭ އެއްކަމަކީ ތުއްތުކުދިން ވިހެއުމަށްފަހު މަރާލާފައި އެތަންމިތަނަށް އުކަމުން ދިއުމެވެ ފާއިތުވެދިޔަ ދެހަފްތާތެރޭގައިވެސް ހަފްތާތެރޭގައިވެސް މަޢުޞޫމު ތުއްތު ކުދިންތަކެއް ރަޙްމެއްނެތި މަރާލާފައި ކޮތަޅަށާއި ދަޅަށް ލާފައި މޫދަށާއި ކުނި ގޮނޑުތަކަށް އުކާލާފައި ވަނިކޮށް ފެނިފައިވެއެވެ. ޙަޤީޤަތުގައި މިފަދަ ޖަރީމާތައް ހިންގާމީހުން އެއަރައިގަންނަނީ ބޮޑެތި ފާފަތަކުގެ ތެރެއިން އެންމެބޮޑު އެއް ފާފައަށެވެ. އަދި ކީއްތޯއެވެ. މިފަދަ މީހުން މިއަރައިގަންނަނީ ފާފައެއްގެ މައްޗަށް އިތުރު ފާފައަކަށެވެ. ގިނަ ފަހަރަށް މިފަދަ ޢަމަލުތައް ހިންގަނީ ނަޙަލާލަށް ބަލިވެ އިނުމުން އެކަން ސިއްރުކުރަން ވެގެންނެވެ. މިފަދަ މީހާ ތިމާއަށް ކުރެވުނު ފާފަ ސިއްރުކުރަން އުޅެގެން ދެން މިއަރައިގަނެވެނީ އަދި އެއަށްވުރެ ބޮޑު ފާފައަކަށެވެ. ޙަޤީޤަތުގައި މިފަދަ ކުށްތަކަށް އަރައިގަތުމަށް މެދުވެރިވާ އެންމެ ބޮޑު ސަބަބަކީ ދީނުގެ ޙުކުމްތަކަށް ތަބާނުވުމެވެ. އަދި އެފަދަ މީހުންގެ އީމާންތެރިކަން ކުޑަވުންވެސް މެއެވެ.

ޝަރްޢީގޮތުން ހުއްދަވާފަދަ ސަބަބަކާ ލައިގެންމެނުވީ ބަނޑުގައިވާ ދަރި ވައްޓާލުމަކީ ބޮޑު ފާފައެކެވެ. ޤަޞްދުގައި މީހުން މެރުމީ ބޮޑެތިފާފަ ތަކުގެތެރެއިން އެންމެބޮޑު އެއްފާފައެވެ. މާތްﷲ ވަޙީކުރައްވާފައި ވެއެވެ. مِنْ أَجْلِ ذَلِكَ كَتَبْنَا عَلَى بَنِي إِسْرَائِيلَ أَنَّهُ مَنْ قَتَلَ نَفْسًا بِغَيْرِ نَفْسٍ أَوْ فَسَادٍ فِي الأرْضِ فَكَأَنَّمَا قَتَلَ النَّاسَ جَمِيعًا وَمَنْ أَحْيَاهَا فَكَأَنَّمَا أَحْيَا النَّاسَ جَمِيعًا [المائدة٣٢] މާނައީ: "ޙައްޤަކާނުލައި މީހަކު ޤަތުލުކުޅަ ކަމަށްޓަކައި ބަނޫ އިސްރާއީލުންގެ މައްޗަށް، ތިމަންއިލާހު ކަނޑައެޅުއްވީމެވެ. އެއްވެސް މީހަކު މަރަށް މަރު ހިފުމުގެ ގޮތުން، ނުވަތަ ބިމުގައިފަސާދަކުރާ މީހާގެ މައްޗަށް ޤާއިމުކުރެވޭ ޙައްދެއްގެ ގޮތުން ނޫންގޮތަކަށް، މީހަކު މަރައިފި މީހާ، އެންމެހާ މީސްތަކުން މެރިފަދައެވެ. އަދި މީހަކު މަރުން ސަލާމަތްކޮށްފި މީހާ އެންމެހާ މީސްތަކުން ދިރުވިފަދައެވެ." އާނއެކެވެ. ޙައްޤަކާ ނުލައި މީހަކު މެރުން ކީރިތި ޤުރްއާނުގައި ސިފަކުރައްވާފައި މިވަނީ މުޅި ދުނިޔޭގައިވާހާ އެންމެން މެރުން ފަދަކަމެއް ކަމަށެވެ. އަދި އަމުދުން ތިމާގެ ބަނޑުން ދަރި މެރުމަކީ އެއަށްވުރެ ނުބައި ކަމެކެވެ. ދަރިން މެރުމުގެ ނުބައި ކަން ބަޔާންކުރައްވަމުން ކީރިތި ﷲ ވަޙީކުރައްވައެވެ. وَلا تَقْتُلُوا أَوْلادَكُمْ خَشْيَةَ إِمْلاقٍ نَحْنُ نَرْزُقُهُمْ وَإِيَّاكُمْ إِنَّ قَتْلَهُمْ كَانَ خِطْئًا كَبِيرًا [الإسراء 31] މާނައީ: "އަދި ފަޤީރުވެދާނެކަމަށް ބިރުން، ތިޔަބައިމީހުންގެ ދަރިން ނުމަރާށެވެ! އެކުދިންނަށާއި، އަދި ތިޔަބައިމީހުންނަށްވެސް ރިޒްޤު ދެއްވަނީ، ތިމަންއިލާހެވެ. ހަމަކަށަވަރުން، އެ ދަރިން މެރުން އެއީ ބޮޑުވެގެންވާ ފާފައެއް ކަމުގައިވިއެވެ."

ކިތަންމެ ސިއްރުން ކުޅަ ކަމެއް ކަމުގައިވިޔަސް ތިމާމެން ކުރާ އެންމެހައި ކަންތައްތައް ކީރިތިވަންތަ ﷲ ދެކެދެނެވޮޑިގެންވާކަން އަޅުގަނޑުމެން ހަނދާކުރުން ހުއްޓެވެ. ފަހަރުގައި ދުނިޔެމަތީގައި އެކަން ސިއްރުކުރެވިފައި އޮވެދާނެއެވެ. އެހެނަސް ﷲ ގެ ޙަޟްރަތަށް އެކުއްޖާއާއި އެކުއްޖާ މަރާލި މީހާއާއި ދެމީހުން ޙާޟިރު ކުރެވި ސުވާލުކުރެވޭނޭ ދުވަސް އައުން ވަނީ ވަރަށްވެސް ގާތުގައެވެ. އެދުވަހަކީ އެންމެހައި ސިއްރުތައް ފާޅުކުރެވޭނޭ ދުވަހެވެ. އެދުވަހު އެފަދަ ކުދިން ކުރެން އެކަލާނގެ އައްސަވާނެތެވެ. ތިޔަކުދިން މަރާލެވުނީ ކޮންފަދަ ކުށަކާލައިގެން ހެއްޔެވެ؟ ދުނިޔެމަތީގައި އޭނާގެ ޢަމަލުތައް ލިޔުއްވި މަލާއިކަތުން އެވަގުތު އެތާނގައި ތިއްބަވާނެތެވެ. ހަނުހުރުމުގެ ޙައްޤެއް އެދުވަހަކު ބޭނުމެއް ނުކުރެވޭނެއެވެ. ތިމާގެ ދުލުގައި ސިއްކަ ޖެއްސެވުމަށްފަހު އަތްފައިގެ ގުނަވަންތައް ތިމާ ކުޅަ ކަންތައްތަކާމެދު ހެކިދޭނެއެވެ. ދެން ދާނީ ފަހެ ކޮންތާކަށް ބާވައެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. يَوْمَ تُبْلَى السَّرَائِرُ (٩)فَمَا لَهُ مِنْ قُوَّةٍ وَلا نَاصِرٍ [الطارق 9-10] މާނައީ" އެދުވަހަކީ (ޤިޔާމަތް ދުވަހަކީ) މީސްތަކުންގެ ހިތްތަކުގައި ސިއްރުކޮށްފައިވާ ކަންތައްތަކަށް ދާނދެން ފާޅުކުރެވި އެބައިމީހުން އިމްތިޙާނު ކުރެވޭނޭ ދުވަހެވެ. ފަހެ، އެދުވަހު އޭނާޔަށް އެއްވެސް ބާރެއް ނުވެއެވެ. އަދި ވާގިވެރިވާނޭ މީހަކުވެސް ނުވެއެވެ."

 

ނޯޓް: މިއީ ޑރ. ޢަބްދުލްމަޖީދުގެ ރަސްމީ ވެބްސައިޓް www.drabdulmajeed.com ގައި ޝާޢިއު ކުރެވިފައިވާ ލިޔުމެކެވެ.

 


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި