Noorul-islam.NET :: މުޒާހަރާ އާއި މެދު އިންސާފުގެ ނަޒަރަކުން...

މުޒާހަރާ އާއި މެދު އިންސާފުގެ ނަޒަރަކުން...
Category »  މުޖުތަމަޢު

ތާރީޚް: 8 މޭއި 2011

ލިޔުއްވީ : ޢަބްދުﷲ ޞިއްދީޤް (ނޫރުލްއިސްލާމްގެ ޑިޕިޔުޓީ އެޑިޓަރ)

މީސްތަކުންގެ ދީނީ ޙައްޤުތަކާއި ދުނިޔަވީ ޙައްޤުތައް ހޯދަން އިޙްތިޖާޖު ކުރުން، ވަކި ހުދޫދެއްގެ ތެރޭގައި ޢިލްމުވެރިންގެ ތެރެއިން ބައެއް ބޭކަލުން ހުއްދަ ކުރައްވައެވެ. ނަމަވެސް އެއީ އޭގައި ތަޅާފޮޅުމާއި ލޭއޮހޮރުވުމާއި ލޫޓުވުމާއި އަދި ހިލޭއަންހެނުންނާއި ހިލޭ ފިރިހެނުން މަސްހުނިވެއުޅުމާއި މިނޫންވެސް މިފަދަ އެއްވެސް ޙަރާމް ކަމެއް އެކުނުލެވޭ އަދި އާއްމު މަސްލަޙަތު ނަގާލެވޭފަދަ ޙަރަކާތަކަށް އެކަންކަން ނުވަނީ ނަމައެވެ. އަދި ހަމަ އެހެންމެ ޚާލިޤުވަންތަ ﷲ ގެ މަތިވެރި ޤާނޫނުގެ މައްޗަށް ވަޟްޢީ ޤާނޫނު އިސް ކޮށް އަދި އިސްކުރުމަށްވެސް އަޑު ނުއުފުލާ ކަމުގައި ވާނަމައެވެ.

ފާޅުވެގެންވާ ބޮޑުކުފުރެއް އެވެރިއެއްގެ ކިބައިން ނުފެންނަ ވެރިއެއްގެ ވެރިކަން ވައްޓާލުމަށް އޭނާގެ މައްޗަށް ނިކުތުމަކީ އަހްލުއްސުއްނާ ވަލްޖަމާޢަތުގެ އެންމެން ޙަރާމްކަމެއްކަމުގައި ދެކިލައްވާ ކަމެކެވެ. އަނިޔާވެރި ވެރިއެއް ކަމުގައި ވިޔަސް މިކަން އޮތީ މިހެންނެވެ. މާތްނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީޡްފުޅެއްގައި ވެއެވެ. ((ما أقاموا فيكم الصلاة)) رواه مسلم، މާނައަކީ؛ "ނަމާދު ޤާއިމް ކުރާކަމުގައިވާހާ ހިނދަކުއެވެ." އަދިވެސް އެހެން ޙަދީޡެއްގައި ވެއެވެ. ((إلا أن تروا كفراً بواحاً)) رواه الشيخان، މާނައަކީ؛ " ފާޅުވެގެންވާ ކުފުރެއް ފެނިއްޖެއުމަށް ދާންދެނެވެ." މިފަދަ ޙާލަތުގައިވެސް އޭނާއާއި ދެކޮޅަށް ނިކުތުމުގައި ޢިލްމުވެރިން ޝަރުޠުތަކެއް ކަނޑައަޅުއްވާފައިވެއެވެ. އޭގެތެރޭގައި އެނިކުންނަ ނިކުތުމުގެ ސަބަބުން އެއަށްވުރެ ބޮޑު ނުބައިކަމަކަށް މަގުފަހިވެގެން ނުދިޔުމާއި، އެވެރިމީހާއާއި އޭނާގެ ބާރުތަކުގެ މައްޗަށް ކާމިޔާބު ހޯދުމުގެ ޤާބިލުކަން ލިބިފައިވުން ހިމެނެއެވެ.

އިޞްލާޙުކުރުމާއި ނަޞޭޙަތްތެރިވުމަކީ މާތްވެގެންވާ އިސްލާމް ދީނުގެ ވަރަށް މުހިއްމު އަސާސެކެވެ. ވީމާ މިކަން ކުރުމުގެ އެއްމެފުރިހަމަ ނަމޫނާވާނީ ކީރިތި ޤުރުއާނުގެ މޫރިތި އާޔަތްތަކުގައި ބަޔާންވެގެންނެވެ. އަދި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ވަނީ މިއުސްލޫބު އޭގެ އެންމެ ފުރިހަމަ މަޢްނާގައި އުއްމަތަށް ބަޔާންކޮށްދެއްވާފައެވެ. ވެރިންނަށް ނަސޭހަތް ދިނުމުގައި އެންމެ އެދެވިގެންވަނީ ސިއްރިޔާތުގައި އެވެރިމީހާއަށް ނަސޭހަތްދިނުމެވެ. އެއީ އިސްލާމްދީނުގައި ޢާއްމު އުޞޫލުވެސް މެއެވެ. މީސްތަކުންގެ ތެރޭގައި މީހަކަށް ނަސޭހަތްތެރިވެއްޖެމީހާ، ފަހެ އެނަސޭހަތްދިންމީހާ، ނަސޭހަތްދެވުނުމީހާ ފަޟީޙަތްކޮށްފިއެވެ.

މީގެ އިތުރުން ހުއްދަގޮތަކަށްވާނީ، ހުރިހާކަމެއް މޮޅަށް ދެނެވޮޑިގެންވާ ޙިކްމަތްވަންތަ ﷲ ތަޢާލާ، އެކާލާނގެ ޝަރީޢަތުގައި މަނާ ނުކުރައްވާ ކޮންމެ ގޮތަކާއި އަދި އޭގެ ސަބަބުން ފިތުނަފަސާދަ އުފެދިގެންނުދާނެ ގޮތްތަކެވެ. ސަބަބަކީ ﷲސުބުޙާނަހޫ ވަތަޢާލާ ވަނީ އެކަމެއްގެ މަސްލަޙަތައްވުރެ ފަސާދަ ބޮޑުވެގެންވާ ކޮންމެ ކަމެއް ޝަރުޢުގަ މަނާ ކުރައްވާފައެވެ. މިހެނީ ޝަރީޢަތުގެ މަޤްޞަދަކީ މުޖުތަމަޢް އިޞްލާޙުކުރުމާއި ފިތުނަ ފަސާދަ ނައްތާލުމާއި، ފިތުނަވެރި ޙާލަތެއް މެދުވެރި ވެއްޖެނަމަ އޭގެ ތެރެއިން މުޖުތަމަޢަށް ހެޔޮ ހުރި ގޮތެއް ބަލައި އެކަމެއް ޚިޔާރު ކުރުމެވެ. ވަކިވަކި ފަރުދުންނަށް ވުރެ ބޮޑަށް ޢިސްލާމީ ޝަރީޢަތުގައި ރިޢާޔަތް ކުރަނީ، އިސްލާމީ ޝަރީޢަތާއި ފުށުނާރާހާ ހިނދަކު، މުޅި ޖަމާޢަތުގެ މަޞްލަޙަތަށެވެ. ބަނގުރަލުގައި ފައިދާތަކެއްވާކަން ޤުރުއާނުގައި ބަޔާންކުރެއްވިގެންވެއެވެ. އެހެންނަމަވެސް އޭގެ ފައިދާއަށްވުރެ ލިބޭ ގެއްލުން ގިނަގުނަ ކަން ބަޔާންކުރައްވައި އޭގެ ސަބަބުން ޙަކީމްވަންތަ ﷲ ވަނީ ބަނގުރާ ޙަރާމްކުރައްވާފައެވެ.

ފަހަރެއްގައިވެސް މުޖުތަމަޢުގެ ހަމަޖެހުން ރޫޅިގެންދާފަދަ އެއްވެސް އެއްވުމަކަށް އިސްލާމީ ޝަރީޢަތުގައި ޖާގައެއްނުވެއެވެ.

ކަންކަން އިޞްލާޙުކުރުމާއި ދަޢުވަތު ދިނުމާއި ނަޞޭޙަތްތެރިވުންފަދަ ކަންކަމުގައި ގެންގުޅެންޖެހޭނީ އިސްލާމީ ރިވެތި އުސޫލުކަމާމެދު އެއްވެސް ޝައްކެއްނެތެވެ. ފަހެ ރިވެތި އުސްޅުބުގެ ސަބަބުން އިޖާބަދިނުމާއި ޤަބޫލުކުރުން އެއްވެސް ފިތުނަފަސާދައެއްނެތި އަވަސްވެފައި ފުރިހަމަވާނެއެވެ.

ޢަދާވާތްތެރިކަމާއި ތަޅާފޮޅުމާއި އަނިޔާވެރިކަން އޭގައި އެކުލެވޭ ކޮންމެ ކަމަކީ އިސްލާމީ ޝަރީޢަތުގައި ހުއްދަނޫން ކަންކަވެ. އަދި ހަމަ އެހެންމެ، އެފަދަ ކަންކަމަށް މަގުފަހިވެދާނެ ކޮންމެ ޢަމަލަކާއި އަދި ކޮންމެ މަގެއް އެއީ ބާޠިލުވެފައި ހުއްދަނޫން ފިކުރުތަކެކެވެ. މިހެނީ އެފަދަ ޙަރަކާތްތަކުގެ ސަބަބުން އިސްލާމީ ޝަރީޢަތުގައި ކޮންމެހެން ރައްކާތެރިކަން ދޭން މަޖުބޫރު، ކަންކަމަށް ނޭދެވޭ އަސަރު އިންތިހާއަށް ކުރާނެއެވެ. ދީނާއި ނަފްސަށެވެ. ނަސްލާއި މުދަލަށާއި ބުއްދިއަށެވެ.

ނަސޭޙަތަކީ ގަދަބާރުން މުޒާހަރާކޮށްގެން، މަގުތައް ބަންދުކޮށްގެން އަދި ބިރުދައްކައިގެން ދޭންޖެހޭ އެއްޗެއް ކަމުގައި މި މަތިވެރި އިސްލާމީ ޝަރީޢަތް ފަހަރެއްގައިވެސް ނުދެކެއެވެ.

މުޒާހަރާ ކުރުމަކީ ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމްގެ ޒަމާނުގައި ނެތް، އަލަށް އުފެދިގެން އުޅޭކަމެކެވެ. އަދި ތެދުމަގު ލިބިވަޑައިގެންވާ 4 ޚަލިފާއިންގެ ޒަމާނުގައިވެސް ނެތް ކަމެކެވެ. މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސިޔަރަތުން ޢިބުރަތް ލިބިގަންނަމާތޯއެވެ. 13 އަހަރުވަންދެން މައްކާގައި ވޭނާނާއި ހޫނުގަ އުޅުއްވިއިރުވެސް މީސްތަކުންގެ ގެދޮރަށާއި މުދަލަށާއި އެހެނިހެން ތަކެއްޗަކަށް ބާރެއް ނުފޯރުއްވައެވެ. އަދި ކިއެއްތޯއެވެ! ބުދަށް އަޅުކަންކުރަމުންދިޔަ މުޝްރިކުންނަށާއި އެބުދު ތަކަށްވެސް ގޯނާއެއް ނުކުރައްވައެވެ. މިމަތިވެރި ނަމޫނާއިން ފިލާވާޅު ލިބިނުގަންނަވަނީ ކީއްވެތޯއެވެ؟

ޤައުމުތަކުގެ ވެރިންނާއި ދިފާޢީބާރާއި ދެކޮޅަށް އަދި ހިނގާ މީހުންނަށާއި ދުއްވާތަކެއްޗަށް ދަތިވާނޭހެން ދެ ޖިންސް މަސްހުނިވާގޮތަށް ފަހަކަށްއައިސް ޤާނޫނީ ހަމަތަކުގެ މަތިން ބޭއްވޭ އެއްވުންތަކުގެ ނަމުގައި ބާއްވާ އެއްވުންތައް ބޮޑެތި ޢިލްމުވެރިން ސިފަކުރައްވަނީ، ފިތުނަ ފަސާދައަށް ހުޅުވާލެވޭ ދޮރުތަކެއްކަމަށެވެ. ފިތުނަ ފަސާދައިގެ ފެށުން ކަމުގައެވެ. މިގޮތަށް މުޒާހަރާތަކުން މަނާކުރެވޭ ކޮންމެ ނުބައިކަމެއްގެ ބަދަލުގައި، އިތުރު އެތަކެއް ނުބައިކަމެއް އުފެދި، އަދި އެތައްނުބައި ކަމަކަށް މަގުފަހިވެގެންދާނެއެވެ.

އަދި ދަންނަވަމެވެ. އެއްވެސް އުޞޫލެއް ހިފެހެއްޓުމެއްނެތި، މީސްތަކުންގެ ޙައްޤުތަކަށް ބެލުމެއްނެތި މިފަދަގޮތަކަށް މުޒާހަރާ ކުރުމަކީ ކާފަރުންގެ ފަރާތުން މުސްލިމުންނަށް އޮޔާއި ވައިގެ ޒަރީޔާއިން އައިސްފައިވާ ޝައިޠާނީ ވަސީލަތެއްކަމުގައި މެނުވީ ނުވެއެވެ. އާއެކެވެ! މިފަދަ އިސްލާމީ ޝަރީޢަތުގެ ގިއުގަނޑަށް ނުފެތޭ އަދި ފެއްތެން ނުވެސްނެތް ބޭއަދަބީ ޢަމަލުތަކުގެ ސަބަބުން، އޭގެ ނާޖާއިޒު ފައިދާނަގަނީ "ގޭންގް ސްޓާރުންނާއި" އެމީހުންނަށް ވާގިވެރިވާ މީހުންނަށެވެ. މިކަމުގެ ހެކިތައް މިހާރުވެސް މިދަނީ ފެންނަމުންނެވެ. އާދެ! ޔަހޫދީންނާއި ނަޞާރާއިންނަށެވެ. ދީނީ މިނިވަންކަމަށް ދަޢްވާކުރާ މީހުންނަށެވެ. މިއަދު ދިވެހި ފަސްގަނޑުގައި މިކަންތައް ހިނގަމުންދަނީ މިހެން ނޫންތޯއެވެ؟ ކަމެއް ގޯސްކޮށް ދިމާވާއިރަށް އެރަށެއްގެ އޮފީސް ތަޅުލެވެން ޖެހޭތޯއެވެ؟ ސްކޫލްގެ މައްސަލައެއް ދިމާވައިރަށް ސްކޫލް ބަންދު ކޮށް ބޮޑުތަޅު އަޅުވަންޖެހެތޯއެވެ؟ ދަރީންގެ ކިޔެވުން ކޮބައިތޯއެވެ؟ ތެޔޮ ހުސްވެގެން އިންޖީނު އޮފް ވާއިރަށް "ޕެނަލް ބޯޑް" ތަޅާ ސުންނާފަތި ކުރަންޖެހޭތޯއެވެ؟ ރައްޔިތުންގެ ފައިދާއަށް ބެހެއްޓިފައި ހުރި އެއްޗެއް ނޫންތޯއެވެ؟ ހެކިބަސްދޭއިރަށް ހެކީންގެ ފުރާނަ ދުއްވާލަން ވީތޯއެވެ؟ އަމަންއަމާންކަން ކޮބައިތޯއެވެ؟ ޙުކުމް ކުރެވޭ އިރަށް ކޯޓް ބަންދު ކުރަންވީތޯއެވެ؟ ދައުލަތުގެ މުއައްސަސާތަކުގެ ޢިއްޒަތް ކޮބައިތޯއެވެ؟ މިފަދަކަންކަމުގައި އޮތީ ކޮން ޙައްލެއްތޯއެވެ؟ ވިސްނާ ފިކުރު ކުރަންނުޖެހޭތޯއެވެ؟

އިސްވެ ބަޔާންވެގެން ދިޔަފަދަ މުޒާހަރާއެއްގެ ސަބަބުން ކަމެއް ޙައްލުވުމަކީ ގާތްކަމެކެވެ. އެހެންނަމަވެސް އޭގެ އާޚިރު ނަތީޖާ ހިތިވެފައި ތަޙައްމަލު ކުރަންދަތިވާނެއެވެ. އަދި އޭގެ ސަބަބުން ވޭން އަޅާނެއެވެ. މިއަދު ދިވެހި ޤައުމު މިދެކެނީ އޭގެ ހިތި ނަތީޖާ ނޫންތޯއެވެ؟

 

 


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި