Noorul-islam.NET :: އިސްލާމް ދީނުގައި ރަސޫލާ صلى الله عليه وسلم ގެ ސުއްނަތުގެ މަޤާމު

އިސްލާމް ދީނުގައި ރަސޫލާ صلى الله عليه وسلم ގެ ސުއްނަތުގެ މަޤާމު
Category »  މުޖުތަމަޢު

ތާރީޚް: 11 އޭޕްރީލް 2011

ލިޔުއްވީ : ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ

އެންމެހައި މީސްތަކުން އުޅުމަށް ﷲ ޚިޔާރު ކުރެއްވި މަގަކީ އިސްލާމްދީނެވެ. އެކަލާނގެ ޙަޟްރަތުން އިސްލާމް ދީން އަޅުގަނޑުމެންނާ ހަމަޔަށް އައިސްފައިވަނީ ރަސޫލުބޭކަލަކު މެދުވެރިކޮށެވެ. އެއީ، އެކަލާނގެ ރަސޫލާ މުޙައްމަދު صلى الله عليه وسلم އެވެ. އެކަލޭގެފާނު މެދުވެރިކުރައްވައި ﷲ ބާވާލެއްވި މިދީން އެކުލެވިގެންވަނީ މައިގަޑު ދެއެއްޗެއްގެ މައްޗަށެވެ. އެއީ ﷲ ގެ ފޮތާއި އިތުރު އެކަލޭގެފާނުގެ ސުއްނަތެވެ. ކީރިތިވަންތަ ﷲ، އަޅުގަޑުމެންގެ ގާތަށް އެކަލާނގެ ރަސޫލާ މުޙައްމަދު صلى الله عليه وسلم ރަސޫލުކަމާއިގެން ފޮނުއްވި ހިނދު، މީސްތަކުން އުޅެންވާގޮތް އެކަލޭގެފާނު މެދުވެރިކުރައްވައި އަންގަވާފައިވެއެވެ. އެހެންކަމުން އިތުރު އެކަލޭގެފާނަށް ތަބާވުމަށާއި، ދިރިއުޅުމުގެ ހުރިހާ ކަމެއްގައިމެ އެކަލޭގެފާނު ނަމޫނާއެއްކަމުގައި ބަލައިގަތުމަށްވެސް ވަނީ އަންގަވާފައެވެ.

ކަންމިހެން އޮތްއިރު، އިސްލާމް ދީނުގެ ހުރިހާ ޙުކުމްތަކެއްގެ ތަފްޞީލު ޤުރްއާނުގައި އައިސްފައި ނުވާކަން އަޅުގަނޑުމެން ދަންނަންޖެހެއެވެ. ގިނަ ޙުކުމްތައް ޤުރްއާނުގައި އައިސްފައިވަނީ ޖުމްލަކޮށެވެ. އޭގެ ތަފްޞީލުތަކާއި ޢަމަލު ކުރަންވީ ގޮތް އައިސްފައިވަނީ ސުންނަތުގައެވެ. މިއަށް އިޝާރާތްކުރައްވައި މާތް ﷲ ވަޙީކުރެއްވިއެވެ. ) وَأَنْزَلْنَا إِلَيْكَ الذِّكْرَ لِتُبَيِّنَ لِلنَّاسِ مَا نُزِّلَ إِلَيْهِمْ وَلَعَلَّهُمْ يَتَفَكَّرُونَ ( [ النحل 44 ] މާނައީ: "ތިމަންއިލާހު ކަލޭގެފާނަށް ޤުރްއާން ބާވާލެއްވީ އެބައިމީހުންނަށް ބާވާލެއްވި ތަކެތި މީސްތަކުންނަށް ކަލޭގެފާނު ބަޔާން ކޮއްދެއްވުމަށްޓަކައެވެ. އަދި އެބައިމީހުން ފިކުރު ކުރުމަށްޓަކައެވެ." މިގޮތުން ކީރިތި ރަސޫލާ صلى الله عليه وسلم ވަނީ ޤުރްއާނުގައިވާ އެންމެހައި ޙުކުމްތަކާއި އިރުޝާދުތައް މީސްތަކުންނަށް ޢަމަލީގޮތުން އުނގަންނަވާ ދެއްވާފައެވެ. މުސްލިމުންގެ މައްޗަށް ޙައްޖު ފަރްޟުކުރެއްވި ކަން ޤުރްއާނުގައި މާތް ﷲ އަންގަވާފައިވެއެވެ. ނަމަވެސް ޙައްޖުގެ އަޅުކަން ފުރިހަމަކުރާނޭ ގޮތުގެ ތަފްޞީލު ޤުރްއާނުގައި އައިސްފައެއް ނުވެއެވެ. އެކަންތައް އައިސްފައި ވަނީ ސުއްނަތު ގައެވެ. ކީތިރި ރަސޫލާ صلى الله عليه وسلم ވަނީ އަމިއްލަފުޅަށް ޙައްޖުވެވަޑައިގެން ޢަމަލީގޮތުން ޙައްޖުގެ އަޅުކަން އަދާކުރަންވީ ގޮތް މީސްތަކުންނަށް ދަސްކޮށްދެއްވާފައެވެ. އަދި ޙައްޖުގެ އަޅުކަން އަދާކުރެއްވުމުގެ ތެރޭގައި، މިކަން ކުރަންވީގޮތް ތިމަންކަލޭގެފާނުގެ ކިބައިން ލިބިގަންނާށޭ ވެސް ޙަދީޘް ކުރައްވާފައިވެއެވެ. ޒަކާތް ފަރްޟުކުރެއްވިކަން ޤުރުއާނުގައި އައިސް ފައިވީއިރު، ޒަކާތް ނެރެންވާ މިންވަރާއި ނިޞާބާއި ޒަކާތް ނެރެންޖެހެނީ، ޒަކާތް ވާޖިބުވާ މުދަލަށް އަހަރު ހަމަވުމުން ކަމާއި މިކަންކަމުގެ އެންމެހައި ތަފްޞީލުތައް އައިސްފައިވަނީ ސުއްނަތުގައެވެ. އަދި ކިއެއްތޯ އެވެ. އިސްލާމް ދީނުގެ އެންމެ މުހިއްމު ރުކުން ކަމުގައިވާ ނަމާދުގެ ރަކުޢަތް ތަކުގެ ޢަދަދާއި އެނަމާދުގެ ރުކުން ތަކާއި ފަރުޟުތަކާއި ނަމާދުކުރަންވީ ގޮތުގެ ތަފްޞީލުތަކެއް ވެސް ޤުރްއާނުގައި އައިސްފައެއް ނުވެއެވެ. ހަމައެހެންމެ ރެއަކާއި ދުވާލު އަޅުގަޑުމެންގެ މައްޗަށް ފަރްޟު ކުރެވިގެންވަނީ ކިތައް ނަމާދުކަމެއް ވެސް ޤުރްއާނުގައި އައިސްފައެއް ނުވެއެވެ. މިހުރިހާކަމެއްގެ އެންމެހައި ތަފްޞީލުތައް އައިސްފައިވަނީ ސުއްނަތުގައެވެ. އެހެންކަމުން ސުއްނަތާނުލައި ޤުރްއާނުގައި އައިސްފައިވާ ޙުކުމްތަކަށް ޢަމަލުކުރުމަކީ ވާނޭ ކަމެއްނޫނެވެ.

ޙަޤީޤަތަކީ މިއީ ކަމުގައިވީނަމަވެސް، ސުއްނަތް ދޫކޮށްލައި ހަމައެކަނި ޤުރްއާން ޤަބޫލުކުރާނޭ ބަޔަކު ފަހު ޒަމާނުގައި އަންނާނޭކަމުގެ ޚަބަރު ރަސޫލާ صلى الله عليه وسلم ވަނީ އުއްމަތަށް ދެއްވާފައެވެ. އަދި މިފަދަ މީހުންނާމެދު ރައްކާތެރިވެ ތިބުމަށްވެސް އެކަލޭގެފާނުވަނީ އިރުޝާދު ދެއްވާފައެވެ.

ޖާބިރު ބުނު ޢަބްދު ﷲ ގެ އަރިހުން ރިވާ ވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. المِقْدَامُ بُنُ مَعْدِي كَرِب ވިދާޅުވަނިކޮށް އަހުރެން އަޑުއެހީމެވެ. ޚައިބަރު ހަގުރާމައިގެ ދުވަހު ރަސޫލު ﷲ صلى الله عليه وسلم އެއްޗެހިތަކެއް ޙަރާމްކުރެއްވިއެވެ. ދެން ޙަދީޘް ކުރެއްވިއެވެ. ތިޔައިގެ ތެރެއިން ބަޔަކު- އެބަހީ މިއުއްމަތުގެ ބަޔަކު- ތިމަން ކަލޭގެފާނުގެ ބަސްފުޅު ދޮގުކުރާނޭ ދުވަސް އައުން ވަރަށް ގާތެވެ. އެއިން މީހަކަށް ތިމަންކަލޭގެފާނުގެ ޙަދީޘެއް އިވޭހިނދު ބޮޑާކަމާއެކު ބޮޑު ގޮނޑީގައި ލެނގިލައިގެން އިނދެ ބުނާނެއެވެ. ތިޔަބައިމީހުންނާ އަހަރެމެންނާ ދެމެދު މިވަނީ ﷲ ގެ ފޮތެވެ. ފަހެ، މިފޮތުގައި ޙަލާލުކަމުގައި އައިސްފައިވާ ކަމެއް ވިއްޔާ އެކަމެއް ޙަލާލު ކަމުގައި އަހަރެމެން ބަލައިގެންފާނަމެވެ. އަދި އެފޮތުގައި ޙަރާމްކަމެއް ކަމުގައި އައިސްފައިވާ ކަމެއްނަމަ އެކަމަކީ ޙަރާމްކަމެއް ކަމުގައި އަހަރެމެން ބަލައިގެންފާނަމެވެ. ދެން އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "ދަންނާށެވެ! ހަމަކަށަވަރުން ﷲ ގެ ރަސޫލާ صلى الله عليه وسلم ޙަރާމްކުރައްވާ ކަންތައްތަކަކީ، ﷲ ޙަރާމްކުރައްވާ ކަންތައްތައް ފަދަ ކަންކަމެވެ." [އަލްޙާކިމާއި އައްތިރުމިޒީއާއި އިބުނު މާޖާ]

 

ނޯޓް: މިއީ ޑރ ޢަބްދުލްމަޖީދުގެ ރަސްމީ ވެބްސައިޓް www.drabdulmajeed.com  ގައި ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި