Noorul-islam.NET :: ޖަޕާނަށްއައި ޒަލްޒަލާއާއި ސުނާމީގެ މައްޗަށް ދެ ލޮލުން ބަލާލުމެއް: ސުނާމީ އިން ރައްކާތެރިވެގެންވާ ދިވެހިރާއްޖެއެއް ބިނާ ކުރަމާތޯއެވެ؟
ޖަޕާނަށްއައި ޒަލްޒަލާއާއި ސުނާމީގެ މައްޗަށް ދެ ލޮލުން ބަލާލުމެއް: ސުނާމީ އިން ރައްކާތެރިވެގެންވާ ދިވެހިރާއްޖެއެއް ބިނާ ކުރަމާތޯއެވެ؟
Category »  މުޖުތަމަޢު

ތާރީޚް: 17 މާޗް 2011

ލިޔުއްވީ : ޑރ. މަޢުރޫފް ޙުސައިން

މުޅިދުނިޔެ ބޮޑު ސިހުމަކާއި ބިރުވެރިކަމެއް ނުވަތަ ޝޮކް އެންޑް އޯވް އެއްގެ ތެރެއަށް ވައްޓާލީ 11 މާރޗް 2011 ވީ ހުކުރު ދުވަހުގެ ހަވީރު ޖަޕާނުގެ އުތުރުގެ ޖަޒީރާއެއް ކަމުގައިވާ ޓޮހޯކޫ އާއި 130 ކިލޯމީޓަރު ދުރުން ޕެސިފިކް ކަނޑުގެ 32 ކިލޯމީޓަރު އަޑިއަށް އައި ރެކްޓަރ މިންގަނޑުން 9.0 ގެ ވަރުގަދަ ޒަލްޒަލާއާއި އަދި އެ ޒަލްޒަލާއާއި ވިދިގެން ކުޑައިރުކޮޅެއްގެ ތެރޭގައި ޖަޕާނުގެ  އިރުމަތީ އައްސޭރިއަށް ކަނޑު އެރުމުގެ ބިރުވެރި ޙާދިސާއެވެ. އެންމެ ފުރަތަމަވެސް، އެހެން ހުރިހާ ކަމެކޭ އެއްފަދައިން، މި ބިރުވެރި ކާރިސާވެސް  ކުރިމަތި ކުރެއްވި މަތިވެރި ﷲ ގެ އެއްކައު ވަންތަ ކަމާއި މަތިވެރިވަންތަ ކަމާއި އަދި އަދި ކުޅަދުންވަންތަ ކަމަށް ހެކިވަމެވެ. އަދި އެއަށްފަހު މި ކާރިސާގައި ބޮޑެތި ގެއްލުން ތައް ލިބުނު ޖަޕާނުގެ އަހުލުވެރީންގެ ހިތާމައިގައި ބައިވެރި ވަމެވެ. ޝައްކެއް ނެތެވެ. މިފަދަ ބޮޑެތި ޙާދިސާ ތަކަކީ އަޅުގަނޑުމެން އެކަމާއިމެދު ވިސްނާ ފިކުރު ނުކޮށް ދޫކޮށްލުން ހެޔޮވާވަރުގެ ކަންތަކެއް ނޫނެވެ. ސުނާމީ ނުވަތަ އެއްގަމަށް ކަނޑު އެރުމުގެ ބިރުވެރި ޙާދިސާ ތަޖުރިބާ ކުރަންޖެހިފައިވާ އަޅުގަނޑުމެން ދިވެހިންނަށް މިކަމުގެ ބޭނުން އަދި ވަކީން ބޮޑެވެ.

ޖަޕާނަކީ ދުނިޔޭގައި ޢުމްރާނީގޮތުން އެންމެ ކުރިއަރާފައިވާ ގައުމެވެ. އެމެރިކާއާއި އަދި ޔޫރަޕުގެ މީހުންވެސް ޖަޕާނަށް ގޮސްފައި ތިބެނީ އާސޯޚު ވެފައެވެ. އެއީ ޢުމްރާނީ ތަރައްގީއާއި އެލެކްޓްރޯނިކްސް، ރޮބޮޓިކްސް ފަދަ ދާއިރާތަކުން ޖަޕާނުގެ މީހުން ހޯދާފައިވާ ބޮޑު ކުރިއެރުމުގެ ސަބަބުންނެވެ. ޖަޕާނަކީ ދުނިޔޭގައި އެންމެ ގިނަ ބިންހެލުންތައް އަންނަ އެއް ގައުމެވެ. އެހެންކަމުން އެމީހުންނަކީ ބިންހެލުމަށް އެންމެ ބޮޑަށް ތައްޔާރުވެފައިވާ ގައުމުވެސް މެއެވެ. މިދިޔަ ހުކުރު ދުވަހުގެ ވަރުގަދަ ބިންހެލުން ކަނޑުގެ އަޑީގައި އުފެދުނު ސިކުންތުގައި އެމީހުންގެ ނިޒާމްތަކަށް އެގުނެވެ. އަދި ޖަޕާނުގެ އެއްވެސް ރަށަކާއި ހަމަޔަށް ހެލުމުގެ އަސަރެއް ނުފޯރަނީސް ބިންހެލުން އެބައަންނަކަމުގެ އިންޒާރު އެގައުގެ ޓީވީއިން ދިނެވެ. ހެލުން އައީ މިއިންޒާރުގެ ބަރާބަރު 30 ސިކުންތު ފަހުންނެވެ. ހަމަ މިފަދައިން ސުނާމީ އެއްއަތުވެދާނެ ކަމުގެ އިންޒާރުދޭ ވަރުގަދަ ނިޒާމެއްވެސް ވަނީ އެގައުމުގައި ގާއިމު ކޮށްފައެވެ. ސުނާމީ އެއް އުފެދިއްޖެ ކަމާއި އަވަހަށް އައްސޭރިއާއި ދުރު އުސް ހިސާބު ތަކަށް އެރުމަށް ވަގުތުން އަޑުގަދަ ކުރާތަކުން ގޮވަން ފެށިއެވެ. ބިންހެލުން އައީ ޖަޕާނުގަޑިން މެންދުރުފަހު 2.46 ގައެވެ. އެންމެ ފުރަތަމަ ސުނާމީއެރީ 3.12 ގައި އިވާޓޭ ކަމައިޝީއޮކީ ކިޔާ ރަށަށެވެ. އެއީ 22 ފޫޓުގެ އުސްމިނުގެ ރާޅެކެވެ. ވީމާ ރައްކާތެރިވާން 22 މިނެޓް ލިބުނެވެ. އިންޒާރު ލިބުމާއިއެކު އިރުމަތީއައްސޭރީގެ ރަށްރަށުގެ މީހުން އެރަށްތައް ދޫކޮށް އުސް ހިސާބުތަކަށް އެރުމަށް އަވަސް ވެގަތެވެ. އެހެންކަމުން އެތައްހާސް ބައެއްގެ ފުރާނަ މިގޮތުން ސަލާމަތް ވިއެވެ. އުސް ހިސާބު ތަކުގައި ތިއްބާ ކަނޑު އަރައިގެން އައިސް އެމީހުންގެ ރަށްތައް މުޅިން  ޣަރަގުކޮށްލައި ސުންނާފަތި ކޮށްލި މަންޒަރު އެތައް ބަޔަކު ވީޑިއޯ ކޮށްފައި ވެއެވެ. ބޮޑެތި ޢިމާރަތް ތަކާއި ގެ ތަކާއި ކާރު ތައް ކުނިތަކެއް ފަދައިން އޮޔާދާ މަންޒަރު އަޅުގަނޑުމެންވެސް ދެކެފީމެވެ. ޓޯކިޔޯގެ އުސް ޢިމާރަތް ތައް ވަޔާހެލޭ ރުއްތަކެއްހެން ހެލޭ މަންޒަރުވެސް އަޅުގަނޑުމެން ޔޫޓިއުބުން ދެކެފީމެވެ. ވިކިޕީޑިއާ ގައި ބުނެފައި ވެއެވެ. ކުޖީ އާއި އޮފުނާޓޯ މުޅިން ވުޖޫދުން ފޮހެވިއްޖެއެވެ އެ ދެރަށް އެތާގައި އޮތް ކަމުގެ ނިޝާނެއްވެސް މިހާރު އެހިސާބުގައި ފެންނާކަށް ނެތެވެ. ބޮޑުވެގެންވާ ޕެސިފިކް ކަނޑު ހުރަސްކޮށް ޕެސިފިކްގެ އަނެއް ފަރާތުގައި ހުރި އުތުރު އެމެރިކާ އަދި ދެކުނު އެމެރިކާގެ ކޮންޓިނެންޓް ތަކާއި ހަމަޔަށް ސުނާމީ ދަތުރު ކުރިއެވެ. އެމެރިކާގެ ކެލިފޯރނިއާ އަށާއި އޮރިގަން ސްޓޭޓަށެވެ. ޖަޕާނާއި 17000 ކިލޯމީޓަރ ދުރުގައިވާ ޗިލީއަށް 7 ފޫޓުގެ އުސް ރާޅު އެރިއެވެ. އެތައްހާސް ބަޔަކު އަދިވެސް ވަނީ ނުފެނިއެވެ. މަރުވެ އަދި ގެއްލުނު މީހުންގެ ޢަދަދު ލައްކަޔަކާއި ކާރިއަށް ދިއުންވެސް އެކަށީގެން ވެއެވެ. ނިއުކްލިއަރ އެތައް އިންޖީނުގެތަކެއް ހަލާކުވެ އެތަންތަން ގޮވުމުގެ ސަބަބުން ރޭޑިއޭޝަން މުޅި ސަރަޙައްދަށް ފެތުރުމުގެ ބިރު މިއަދު ވަނީ ޙަގީގަތަކަށް ވެފައެވެ.

 

މިކާރިސާގެ ސަބަބުން މުޅިދުނިޔެއަށްވެސް ބަދަލު ތަކެއް އައެވެ. މުޅި ޖަޕާން އޮތްތަނުން އެއްފަރާތަކަށް ޖެހިއްޖެއެވެ. ދުނިޔެ އެނާރެހެއްގެ ވަށައިގެން އެނބުރޭ ނާރެސް ނުވަތަ އެކްސިސް އަށް 9.8 އިންޗީގެ ބަދަލެއް އަތުވެއްޖެއެވެ. ދުނިޔޭގެ ދައުރު ވުމުގެ ސްޕީޑަށްވެސް ބަދަލު އަތުވެއްޖެއެވެ. ދުވަހެއްގެ ދިގުމިން 1.8 މައިކްރޯ ސިކުންތު ކުރުވެއްޖެއެވެ.

މިކަންތަކުގައި އަޅުގަނޑުމެން ދިވެހިންނަށް އޮތް ޢިބުރަތަކީ ކޮބައިތޯއެވެ؟ ޝައްކެއް ނެތެވެ. މިފަދަ ސުނާމީ އަކުން ސަލާމަތް ވެގަތުމުގެ އެއްވެސް މާއްދީ ބާރެއް ދިވެހިންނަށް ލިބިފައެއް ނެތެވެ. ސޭފް އައިލެންޑް ގެ ވާހަކަ ތަކަކީ ބިލާހެކެވެ. ޓީވީ އިން އަޅުގަނޑުމެންނަށް ފެންނަ މަންޒަރު ތަކުން މިކަމަށް ހެކި ލިބެއެވެ. އަޅުގަނޑުމެން ރައްކާތެރިވާން އަރާނެ އުސްބިންތަކެއް ނެތެވެ. ހުކުރު ދުވަހު މުޅި ޕެސިފިކް ކަނޑުގައި އެކުލެވިގެންވާ އެތައް ގައުމަކަށް ސުނާމީގެ އިންޒާރު ދެވި  އެ ސަރަޙައްދުގެ ޖަޒީރާ ތަކުގެ މީސްތަކުން ބިރުން ވިރިވިރި ތިއްބާ ސީ.އެން.އެން އިން ބުނަމުން ދިޔައެވެ.  ރެޑްކްރޮސް އިން ބުނާގޮތުގައި އެމީހުން އެންމެ ކަންބޮޑުވަނީ ޕެސިފިކް ޖަޒީރާ ތަކަށްވުރެ އުސް ރާޅެއް އެ ރަށްތަކަށް އަރާފާނެތީއެވެ. މިރޮގުން ވިސްނާއިރު ދިވެހިންނަކީ ހިންދުގެ މާކަނޑުގެ ތެރޭގައި އެއްވެސް ރައްކާތެރިކަމެއް ނެތްގޮތުގައި ތިބިބައެކެވެ. ނަމަވެސް ކަންތައް އޮތީ އެހެންތޯއެވެ؟ އެއްގޮތަކަށްވެސް އެހެންނެއް ނޫނެވެ!

ދިވެހިންނަކީ އެހާ ނިކަމެތި ބައެއް ނޫނެވެ. ޖަޕާނު މީހުން ބޭނުންކުރަން ނުދަންނަ ހަތިޔާރެއް އަޅުގަނޑުމެންގެ އަތުގައި އެބައޮތެވެ. އެއީ، ކްރިސްޓިއަން ތާރީޚުން (ނުވަތަ އަޅުގަނޑުމެން ކިޔާގޮތުންނަމަ މީލާދީ ތާރީޚުން) 1344 ގައި ދިވެހި ރާއްޖެއަށް ޒިޔާރަތް ކުރެއްވި ޕްރިންސް އޮފް ޓްރެވެލަރސް ގެ ނަމުން މަޝްހޫރުވެފައިވާ މުސްލިމް ސައްޔާޙު އަބޫ ޢަބްދުﷲ މުޙައްމަދު ބުނި ޢަބްދުﷲ އަލް ލަވާޠީ އަލް ތަންޖީ އިބްނު ބަޠޫޠާވެސް ފާހަގަ ކުރައްވާފައިވާ ހަތިޔާރެވެ. އޭނާ ލިއުއްވާފައިވަނީ ދިވެހިންނަކީ ދުޢާ އިޖާބަ ކުރެއްވޭ ބައެއް ކަމާއި ދިވެހިން ސަލާމަތުން ދެމިތިބީ އެމީހުންގެ ދުޢާގެ ސަބަބުން ކަމެވެ. އެއްވެސް ޝައްކެއް ނެތެވެ. ކަނޑައެޅިގެންހުރި އިލާހީ ރަޙުމަތާއި ޢިނާޔަތުން ނޫން އެއްވެސް ގޮތަކަށް މި ކުދިކުދި ރަށްތައް ސަލާމަތް ވާނޭ ހަމަ އެއްވެސް ގޮތެއް ނެތެވެ. ކަންތައް ހިނގަމުން މިދާ ގޮތާއި އަދި ސައިންޓިސްޓުންގެ އަންދަޒާގައި ވާ ގޮތަށް ބުރަވާނަމަ މިފަދަ ވަރުގަދަ ޒަލްޒަލާ ތަކާއި ސުނާމީ ތައް އަދިވެސް އޮތީ ކުރިއަށެވެ. ދިވެހި ރާއްޖެއާއި ދުރު ނޫންހިސާބެއްގައި އޮތް އިންޑޮނީޝިއާގެ ސުމަޓްރާ ގެ ކާރިއަކީ ކަނޑުގެ އަޑީގައި ބިންހެލުން އުފެދޭ ސަރަޙައްދެކެވެ. 2004 ގައި މިތަނަށް އައި ޒަލްޒަލާގެ ސަބަބުން 100 ފޫޓުގެ އުސްމިނުގެ ސުނާމީ އެއް އުފެދި 14 ގައުމެއްގެ 230،000 މީހުން މަރުވީ ޙާދިސާގެ ހަދާން އަދިވެސް ވަނީ އަޅުގަނޑުމެންގެ ހިތްތަކުގައި ބިންވަޅުނެގިފައެވެ. ދިވެހި ރާއްޖޭގެ ގިނަ ރަށްތަކަކަށް ކަނޑު އަރަން ފެށުމުން އެންމެން ސަލާމަތްވާން އެދުވަހު މިސްރާބުޖެހީ މިސްކިތް ތަކާއި ދިމާލަށެވެ. ސަލާމަތް ކަމެއް ލިބުނީވެސް ހަމަ އެމިސްކިތް ތަކުންނެވެ. މާ އެއްގަމުތެރޭގައި މާވަރުގަދަޔަށް ހަދާފައިހުރި ގެތައް ފުނޑުފުނޑުވެގެން ދިޔައިރު މާ އަތިރި މަތީގައި މާ ދެރަގޮތަކަށް ހަދާފައިހުރި މިސްކިތްތަކަށް އެއްވެސް ގެއްލުމެއް ނުލިބި އަދި ކިއެއްތަ، ލޮނޮކޮޅެއްވެސް ނުވަނދެ ސަލާމަތް ކުރައްވާފައި ވަނީ ދުނިޔޭގެ މާއްދީ ހަމަތަކާއި ފިޒިކްސްގެ ގާނޫނުން އެއްކިބާވެފައިވާ ބޮޑެތި ޢިބުރަތުން ފުރިފައިވާ ގޮތަކަށެވެ. މި ކަމަކީ ސުނާމީ އެރި ކޮންމެ ރަށެއްގައި ތަކުރާރުވެފައިވާ ޙަގީގަތެކެވެ. އެހެންކަމުން ފަރުދީ ގޮތުންނާއި ޖަމާޢީ ގޮތުން އަޅުގަނޑުމެން ދުޢާ ދަންނަވަން ވެއްޖެއެވެ. ޒަލްޒަލާ ތަކާއި ސުނާމީ ތަކާއި ޠޫފާން ތަކާއި މިފަދަ ހުރިހާ ކާރިސާ ތަކެއްވެސް މެދުވެރިކުރައްވާ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ހަޒުރަތަށް ކުއްތަންވެ ދުޢާ ދަންނަވަން ވެއްޖެއެވެ. ދަމު ނަމާދު ކުރާ މީހުން ދަމު ނަމާދުގައެވެ. ކޮންމެ ފަރުދެއްގެ ވެސް ފަރުޟު ނަމާދުގެ ފަހުގައެވެ. އަދި ކޮންމެ ހުކުރު ޚުޠުބާއެއްގައިވެސް ވަކީން ޚާއްޞަކޮށް ސުނާމީގެ ނުރައްކަލުން ދިވެހި ރާއްޖެ ސަލާމަތް ކުރެއްވުން އެދި ދުއާ ކުރުމަކީ ޕޮލިސީ އަކަށް ނުވަތަ އާދަޔަކަށް ހެއްދެވުމަށް ކަމާއިބެހޭ ފަރާތް ތަކަށް އަޅުގަނޑު ގޮވާލަމެވެ. އަޅުގަނޑުމެންގެ ޢަގީދާ ހަރުދަނާކޮށް ޢަމަލު ތައް އިސްލާޙު ކުރަންވީ ވަގުތު މިއޮތް ފާއިތުވެގެން ދަނީއެވެ.

މިފަދަ ބޮޑެތި ޙާދިސާ ތަކުން އަޅުގަނޑުމެން ލިބިގަންނަންވީ އަނެއް ފިލާވަލަކީ މިއީ ދުނިޔޭގެ ފަހު ޒަމާން ކަމެވެ. މިކަމަކީ އިސްލާމީ ޢިލްމުވެރީން އެއްބަސް ވެލައްވާ ކަމެކެވެ. ފަހު ޒަމާނުގައި ފެންނާނޭ ކަމުގައި އެންމެ ފަހުގެ ރަސޫލާ (ސައްލަﷲ ޢަލައިހި ވަސައްލަމް) ޚަބަރު ކުރައްވާފައިވާ އެތައް އެތައް ކަމެއް މިހާރު ފާއިތުވެ ހިގައްޖެއެވެ. އަދި އެތައް އެތައް ކަމެއް މިހާރުވެސް މިދަނީ ލޯމަތީން ފެންނަމުންނެވެ. ޒަލްޒަލާ ތައް އިތުރު ވުމަކީވެސް މީގެ އެއް ކަމެވެ. ފެމިނިސްޓް އިންގިލާބުގެ ސަބަބުން އަންހެނުން ގެ ހެދުން އެޅުމަށް ބޮޑު ބަދަލެއް އައިސް ހެދުން އަޅައިގެން އޮރިޔާމުން އުޅޭ އަންހެނުންނެވެ. ފުރާތު ކޯރުގެ ސަރަޙައްދުން ރަނުގެ ޚަޒާނާ އެއް ނުވަތަ ތެޔޮ ފެނުމެވެ. ޢަރަބި ކަރައިގެ ސަޙަރާގައި އުޅެމުން އައި އާދައިގެ  ބަދަވީން އުސް ޢިމާރަތް ތައް ނުވަތަ ސްކައި ސްކްރޭޕަރ ތައް ހެދުމަށް ވާދަ ކުރާ މަންޒަރެވެ. މިހާރު ދުނިޔޭގައިވާ އެންމެ އުސް ޢިމާރަތަކީ ދުބާއީ ގައި ހުރި 2717 ފޫޓު ހުންނަ (ކްރިސްޓިއަން ތާރީޚުން 4 ޖެނުއަރީ 2010 ގައި ހުޅުވާފައިވާ ) ބުރޫޖު ޚަލީފާ އޭ ކިޔޭ ޢިމާރާތެވެ! އަޅު އަންހެނާ އޭނާގެ ސާހިބު ކަމަނާޔަށް ބަލިވެ އިނުމެވެ. މިކަން މިއަދު ފެންނަ އެއް ގޮތަކީ ދަރިމައިނުވާ މުއްސަނދި ބައެއް އަންހެނުން އެހެން އާދައިގެ އަންހެނެއްގެ ރަޙިމު ކުއްޔަށް ހިފައި އެނާގެ ދަރިފުޅު ސަރޮގޭޓް މަދަރ އެއްގެ ގޮތުގައި އެހެން އަންހެނެއްގެ ރަޙިމުގައި އަށަގަންނަވައި ވިއްސުމެވެ. 14 ގަރުނު ވަންދެން ދެމިއޮތް އިސްލާމީ ޚިލާފަތް ނެތިހިގައްޖެއެވެ. އުންމަތުގެ ސާހިބާ (ސައްލަﷲ ޢަލައިހި ވަސައްލަމް) ގެ ބަސްފުޅުން، އެ ސާހިބާ (ސައްލަﷲ ޢަލައިހި ވަސައްލަމް) ސުވަރުގެ ވަޑައިގަތުމަށްފަހު  ޤިޔާމަތް ޤާއިމް ވެއްޖައުމަށްދާންދެން އިސްލާމީ ވެރިކަން ކުރެވެމުން އަންނާނޭ ވައްތަރުތައް އެނގޭން އެބައޮތެވެ. އެންމެ ފުރަތަމަ ތެދުމަގު ލިބިގެންވާ ޚަލީފާއިންނެވެ. އެއަށްފަހު ރަސްކަމެވެ. އެއަށްފަހު އަޅުވެތި ކަމެވެ. އަދި އެއަށްފަހު ތެދުމަގު ލިބިގެންވާ ޚިލާފަތަކަށް އަލުން ރުޖޫޢަ ވުމެވެ. 1924 ގައި ޒަޔަނިސްޓް-ޔަހޫދީންނާއި އިގިރޭސިންގެ ރޭވުމުގެ މަތީން، މުސްލިމުންގެ ތެރޭގައި ތިބި ޣަދަރުވެރިންތަކެއް އެހީގައި  އިސްލާމީ ޚިލާފަތް ނައްތާލުމަށްފަހު މިއަދު އިސްލާމީ އުންމަތް ދެކެމުން މިދަނީ އަޅުވެތި ކަމުގެ ފައްތަރެވެ.

މިވާހަކަ ތައް ދައްކަމުންދާއިރު ވަރަށް ޚާއްޞަގޮތެއްގައި ފާހަނގަ ކުރަން ޖެހޭ އެހެން ކަމެއް އެބައޮތެވެ. އެއީ ފަހު ޒަމާނުގައި ފެންނާނެ އެންމެ ބޮޑު އެއް ކަންތައް މިއަދު އަޅުގަނޑުމެންގެ ކުރިމަތީގައި ބޮޑުވެގެންވާ ޙަގީގަތެއްގެ ގޮތުގައި ފެންނާން އޮތް ކަމެވެ. އެއީތޯއެވެ؟ އެއީ ފަލަސްޠީނުގެ މުޤައްދަސް ބިމުގައި ގާއިމު ކޮށްފައި މިވާ ނުބައިވެގެންވާ ޙައިވާނެވެ. ނުވަތަ ދާއްބަ އެވެ. ބައިބަލް ގައި އެބޮމިނޭޝަން އޮފް ޑެސޮލޭޝަން ގެ ނަން ދެވިފައިވާ ކަންތަކެވެ. އާދެ، މުޤައްދަސް ބިން ކިލަނބު ކޮށް އެ މާތް ބިމުގެ ޙުރުމަތް ކަނޑާލައި، ފޭރުމާއި، އަނިޔާއާއި، ބޮޑާކަމާއި އަދި ލޭ އޮހޮރުވުމުގެ މަތީގައި ބިނާ ކޮށްފައިވާ އިސްރާއީލުގެ ދައުލަތެވެ. އެންމެ ފަހުގެ ނަބީކަލޭގެފާނު (ސައްލަﷲ ޢަލައިހި ވަސައްލަމް) ގެ ބަސްފުޅު ތަކުން އެގޭ ގޮތުގައި ޙައްގާއި ބާޠިލް ގެ އެންމެ ފަހުގެ ކުރިމަތިލުން ހިގާނީ ފަލަސްޠީނުގެ މުޤައްދަސް ބިމުގައެވެ. އެއީ ޔަހޫދީންނާއި މުސްލިމުންގެ މެދުގައެވެ. އަދި އަލް މަސިޙު ޢީސަބުނި މަރްޔަމް ޢަލައިހިއްސަލާމް (ޖީސަސް ކްރައިސްޓް) އާއި ދޮގުވެރި މަކަރުވެރި މަސީޙު (މަސީޙުއް ދައްޖާލު ނުވަތަ އެންޓިކްރައިސްޓް) އާއި ދެމެދު އެވެ. ދުނިޔޭގެ ތާރީޚު ދަތުރު ކުރަމުން މިދަނީ އެއިގެ މަންޒިލް ކަމުގައިވާ ފަލަސްޠީނާއި ދިމާލަށެވެ.

ބަނީ އިސްރާއީލުން ދެފަހަރެއްގައި ބިންމަތީގައި ބޮޑުވެގެންވާ ބޮޑާވެގަތުމަކުން ބޮޑާވެގަންނާނެ ކަމަށާއި އަދި މިއިން ކޮންމެ ފަހަރަކުވެސް އެމީހުންގެ މައްޗަށް ވެރިވެގަނެ އެމީހުންގެ ރަށް ސުންނާފަތި ކުރާނޭ ބަޔަކު ފޮނުއްވި ކަމާއި އަދި ފަހުންވެސް އެމީހުން ބޮޑާކަމާއި ފަސާދަޔަށް އެނބުރި ރުޖޫޢަ ވާ ކޮންމެ ފަހަރަކު އެމީހުންނަށް އެކަމުގެ އަދަބު ދެއްވާނޭ ކަމުގައި ކީރިތި ގުރުއާނުގެ ސޫރަތު ބަނީ އިސްރާއީލުގެ (ސޫރަތުލްއިސްރާ) ކުރީކޮޅުގެ އާޔަތް ތަކުގައި ވަޙީ ކުރައްވާފައި ވެއެވެ. މިއީ ތާރީޚީ ޙަގީގަތެކެވެ. ތާރީޚުން އެގޭގޮތުގައި މީގެ ފުރަތަމަ ފަހަރަކީ އެމީހުން ތައުރާތް ބަދަލުކޮށް ރިބާ ޔާއި އަދިއެނޫން ޙަރާމްކަންތައް ހުއްދަކޮށް ބިންމަތީގައި ފަސާދަ ކުރިކުރުމެވެ. މިކަމުގެ އަދަބަކީ. ބެބިލޯން ނުވަތަ ބާބިލްގެ ރަސްގެފާނު ނެބްކަޑްނެޒަރ (ބަޚްތަނައްސިރު) ގެ ލަޝްކަރެއް އައިސް ބައިތުލްމަޤްދިސްއާއި މަސްޖިދުލްއަޤްޞާ ސުންނާފަތިކޮށް ބަނީއިސްރާއީލުން އަޅުވެތި ކޮށްގެން ބާބިލަށް ގެންދިއުމެވެ. މިކަން ހިނގީ ޢީސާ ޢަލައިހިއްސަލާމް ދުނިޔެއަށް ވަޑައިގަތުމުގެ 587 އަހަރު ކުރިންނެވެ. ބަނީއިސްރާއީލުން ދެވަނަ ފަހަރަށް ބިންމަތީގައި ބޮޑާވެ ކިބުރުވެރިވީ ފަހަރަކީ މަސީޙު ޢީސާ ބުނި މަރްޔަމް ޢަލައިހިއްސަލާމް ގެ ނަބީކަން ގަބޫލު ކުރަމަށް ދެކޮޅު ހަދައި އެކަލޭގެފާނު ޞަލީބަށް އަރުވައި އަވަހާރަ ކޮށްލުމަށް މަސައްކަތް ކުރުމެވެ. އެކަމުގެ އަދަބެއްގެ ގޮތުންވެސް އެމީހުންގެ މައްޗަށް އަނިޔާވެރި ބަޔަކު ފާކުރެއްވިއެވެ. ކްރިސްޓިއަން ތާރީޚުން 70 ވަނައަހަރު ރޯމަން އެމްޕެރަރ ޓައިޓަސް ބައިތުލްމަޤްދިސްއާއި އަދި މަސްޖިދުލްއަޤްޞާ ސުންނާފަތިކޮށްލައި ބަނީއިސްރާއީލުން އެރަށުން ބޭރު ކޮށްލިއެވެ. ދޮގު ނުކުރެވޭނޭ ޙަގީގަތަކީ، އެއިގެ ފަހުން  ވޭތުވެ ދިޔަ 2000 އަހަރު ބަނީ އިސްރާއީލުން ނުވަތަ ޔަހޫދީން ވަނީ ދުނިޔޭގެ އެތަންމިތަނަށް ވިއްސިވިހާލި ވެފައި ކަމެވެ. އާދެ، އެމީހުންގެ ބަހުރުވައިން ނަމަ ޑަޔަސްޕޮރާ އެއްގައެވެ. އެހެން ކަމުން މުގައްދަސް ބިމުގައި މުސްލިމުންނާއި ޔަހޫދީން ކުރިމަތި ލުމުގެ އެއްވެސް ފުރުސަތެއް މިވޭތިވެ ދިޔަ 14 ގަރުނަކު ނެތެވެ. ނަމަވެސް 1948 ގައި އިސްރާއީލުގެ ދައުލަތް މުގައްދަސް ބިމުގައި ގާއިމު ކުރުމާއިއެކު މި ސްޓޭޖް މިވަނީ ގާއިމު ކުރެވިފައެވެ. އާދެ، ދުނިޔޭގެ ތާރީޚުގެ އެންމެ ފަހުގެ އެކްޓް ތަމްސީލު ވެގެން ދާނޭ ސްޓޭޖެވެ. އެމީހުންގެ ޙަގީގީ ސަރަޙައްދު ކަމުގައި ދަޢުވާކުރާ މިސްރުގެ ނީލަކޯރާއި އަދި ޢިރާގުގެ ފުރާތު ކޯރުގެ ދެމެދުގައިވާ ހުރިހާ ބިން އެމީހުންގެ ވެރިކަމުގެ ދަށަށް ގެނައުމުގެ ޕްރޮޖެކްޓްގެ ވަރަށް ބޮޑު ބައެއް އިސްރާއީލް މިއަދު ވަނީ ކާމިޔާބު ކޮށްފައެވެ. ޢިރާގު އެވަނީ އިސްރާއީލުގެ ފަރާތުން އެމެރިކާނުން ހިފާފައެވެ.

ޢަރަބި އިސްލާމީ ދުނިޔެއަށް މިއަދު އަންނަމުންމިދާ ބަދަލަކީވެސް އާދައިގެ ކަމެއް ނޫނެވެ. ޒަމާންވީ ޚުދުމުޚުތާރުވެރިންގެ ވެރިކަންތައް ބީވެގެން ދަނީއެވެ. ބައެއް ގައުމުތަކުގައި ދާޚިލީ ހަގުރާމަ ފެށިއްޖެއެވެ. އަންނާން އުޅޭ ބަދަލާއިމެދު މުޅިދުނިޔެ މިއޮތީ ނޭވާ ހިފަހައްޓާލަން ޖެހިފައެވެ. މިއީ އިސްލާމީ އުންމަތަށް އަލުން އިޢާދަވާނެ ކަމަށް އަންގަވާފައިވާ ޚިލާފަތުގެ ފެށުމުގެ ކޮޅުމަތި ބާވައެވެ؟

ޔަހޫދީންގެ ނުފޫޒުން ހިސާބަކަށް ސަލާމަތްވެފައިވާ ދިވެހި ރާއްޖެއަށްވެސް އެމީހުން މިއަދު ވަނީ ނުފޫޒު ފޯރުވަން ފަށާފައެވެ. އައި ފްރޮމް ޒިއޯން ގެ ނަމުގައި މިއަދުގެ ދިވެހި ސަރުކާރާއި ގުޅިގެން ރާއްޖެއައި ޒަޔަނިސްޓުން ދާދިފަހުން އަޅުގަނޑުމެން ދެކެފީމެވެ.  ޒަޔަނިސްޓުންނަށް މަރުޙަބާ ކިއުމަށް އައި.ޖީއެމް.އެޗް ގައި ދަމާފައިހުރި ފޮތިގަނޑުންވެސް އެއްލޯ ޖެހި ލޯގޯ އަޅުގަނޑުމެން ދެކެފީމެވެ. މިއީ ކޮންބައެއްކަން ދިވެހި ރާއްޖޭގައި ދެލޯ ސަލާމަތުން ތިބި މީހުންނަށް ފެނި، ދިވެހީން ތަކެއްގެ މަސައްކަތުން އެމީހުންގެ ޕްރޮޖެކްޓް ނާކާމިޔާބު ވެގެން ދިޔަޔަސް އެއްގޮތުން ނުވިއްޔާ އަނެއްގޮތުންވެސް އެމީހުން އަންނަން މަސައްކަތް ކުރާނެއެވެ. އެމީހުންގެ ނަން ނުހިމެނޭ ގޮތަށް ތާރޑް ޕާރޓީތައް މެދުވެރި ކޮށްގެންނެވެ. ރާއްޖޭގެ މަތިފަޑީގައި އެމީހުންނާއި ގުޅިފައިވާ އެމީހުންގެ އެޖެންޓުން މިއަދު އެބަތިބިކަމީ ޙަގީގަތެކެވެ. ވީމާ އަޅުގަނޑުމެން އަބަދުވެސް ތިބޭން ޖެހޭނީ ދެލޯ ހުޅުވައިގެންނެވެ.

ކަނާތު ލޯ ކަނު މީހެއް ކަމުގައިވާ މަސީޙުއްދައްޖާލް އޭނާގެ އަސްލު ޒާތުގައި ފާޅު ވުމަށްޓަކައި ދުނިޔެ މިއަދު މިވަނީ ފަސްގަނޑު ޖަހައި ނިމިފައިކަމުގައި މުފައްކިރުން ދެކެއެވެ. ހަމައެކަނި އެއްލޮލުން ދެކޭ، (މާއްދީ ލޮލުން އެކަނި ފެންނަ އަދި ރޫޙާނީ ލޯ ކަނު) ދައްޖާލީ ނިޒާމެއް ދުނިޔޭގައި މިވަނީ ފެތުރިފައެވެ. މިއަދު ދުނިޔެއަށް ވެރިކަން ކުރަނީ ޔައުޖޫޖު މައުޖޫޖު ނުވަތަ ގޮގް އެންޑް މެގޮގް ދެބާގައިމީހުންނެކޭ އެއްފަދަ ވޯރލްޑް އޯރޑަރ އަކުންނެވެ. އެއީ އިންސާނުންނަށް ބަލިކޮށްލަން ނުކުޅެދޭފަދަ ބާރުވެރިކަމެއް ހޯދާފައިވާ އަނިޔާވެރި ބައެއްގެ ވެރިކަމެވެ. ޕާކިސްތާނުގެ މަޝްހޫރު މުފައްކިރު ޑރ. އަލްމަރްޙޫމް އިސްރާރު އަޙުމަދު ފަދަ ދުނިޔޭގެ ޙާލަތަށް ދެލޯހުޅުވޭ ޢިލްމުވެރިއެއް މި ބައިމީހުންނަށް ޔައުޖޫޖު މައުޖޫޖު ގެ ދަރިކޮޅުގެ މީހުން ނޭ ވިދާޅުވެ އިޝާރަތް ކުރެއްވީ ސަބަބު ތަކެއް ނެތިއެއް ނޫނެވެ. އިސްލާމީ ދުނިޔޭގައި މި ފަހުން އުފެދުނު އެންމެބޮޑު އެއް މުފައްކިރު އަދި ފަލްޔަސޫފް ކަމުގައިވާ ޢައްލާމާ އިޤްބާލް މީގެ ގާތްގަނޑަކަށް އެއް ޤަރުނު ކުރީން އޭރުގެ ދުނިޔޭގެ ޙާލަތާއިމެދު ވިސްނެވުމަށްފަހު ވިދާޅުވެފައި ވެއެވެ.

ކުލްގައޭ ޔައުޖޫޖު އައުރު މައުޖޫޖު ކާ ލަޝްކަރް ތަމާމް /  ޗަޝްމޭ މުސްލިމް ދޭކްލޭ ތަފްސީރް ޙަރްފޭ ޔަންސިލޫން .

(މާނަޔަކީ: ޔައުޖޫޖާއި މައުޖޫޖުގެ ލަޝްކަރުތައް ވީއްލިއްޖެއެވެ. މުސްލިމުންނަށް އެމީހުންގެ ލޯމަތީގައި ކީރިތި ޤުރުއާނުގެ ސޫރަތުލް އަންބިޔާގެ 96 ވަނަ އާޔަތުގައި މިދެބާގައިގެ މީހުންނާއިމެދު އައިސްފައިވާ ޚަބަރުގެ ތަފްސީރު މާނަވީ ގޮތެއްގައި މިއޮތީ ކުރިމަތީން ފެންނާށެވެ.)  ޢައްލާމާ އިޤްބާލް މިހެންވިދާޅުވީ 1917 ވަނަ އަހަރުއެވެ! އިސްލާމީ ޚިލާފަތް ނައްތާލީ އޭގެ އެންމެ 7 އަހަރު ފަހުންނެވެ.

އަޅުގަނޑުގެ އިލްތިމާސަކީ އަޅުގަނޑުމެން ދިވެހީންނަކީ ދުނިޔޭގައި ﷲ މެދުވެރި ކުރައްވާ ޙާދިސާ ތަކާއި އަދި ކާރިސާ ތައް ހަމައެކަނި ވާތު ލޯ ނުވަތަ މާއްދީ ނަޒަރަކުން ބަލާލައި ފުއްދާލާ ބަޔަކަށް ވުމުގެ ބަދަލުގައި ދެލޮލުން ވެސް މިކަންތައް ބަލައި ޢިބްރަތް ޙާސިލް ކުރާ ބަޔަކަށް ވުމެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ މި ދީބުތައް ސުނާމީ ތަކާއި އެހެނިހެން އާފާތް ތަކުން ސަލާމަތް ކުރައްވާށިއެވެ. އަދި އެންމެހައި ނަބީބޭކަލުންނާއި އަދި ރަސޫލުބޭކަލުން އެބޭލުންގެ ގައުމުތަކަށް އިންޒާރު ކުރެއްވި ނުރައްކާ ކަމުގައިވާ، އަދި ކޮންމެ ނަމާދެއްގައި އަޅުގަނޑުމެން އެކަމަކުން ސަލާމަތް ކުރެއްވުން އެދި ދުޢާ ކުރުމަށް އެންމެ ފަހުގެ ނަބީކަލޭގެފަނު (ޞައްލަﷲ ޢަލައިހި ވަސައްލަމް) އަންގަވާފައިވާ މަސީޙުއްދައްޖާލުގެ ފިތުނައިން އަޅުގަނޑުމެން ސަލާމަތް ކުރައްވާށިއެވެ! އާމީން.


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި