Noorul-islam.NET :: އުފާވެރި ކަމާއި ހިތްހަމަޖެހުން.... ހިތާމަވެރިކަމާއި ވޭން

އުފާވެރި ކަމާއި ހިތްހަމަޖެހުން.... ހިތާމަވެރިކަމާއި ވޭން
Category »  އުޚްތުން

ތާރީޚް: 16 މާޗް 2011

ލިޔުއްވީ : ޢަބްދުﷲ ޞިއްދީޤް (ނޫރުލްއިސްލާމްގެ ޑިޕިޔުޓީ އެޑިޓަރ)

އުފާވެރިކަމާއި ހިތާމައަކީ އެއްވަގުތެއްގައި ހިނގާނެ ދެ ޝުޢޫރެއްނޫނެވެ. މިހެނީ މިއީ އިދިކޮޅު ދެ އިޙްސާސް ކަމަށްވާތީއެވެ.

އުފާވެރި ކަމަކީ ކޮންމެ މީހަކުވެސް ތަޖުރިބާކޮށްލާނެ އިޙުސާސެކެވެ. އެހެންނަމަވެސް އިންސާނުންގެތެރެއިން މީގެ އަސްލު ޝުޢޫރު އިޙުސާސް ކުރެވޭނީ، އެއުފާވެރިކަން މެދުވެރިވި ސަބަބުގެ އިތުރުން އެސަބަބު މެދުވެރި ކުރެއްވިފަރާތް ދެނެގަނެވޭ މީހުންނަށެވެ. މާތްﷲގެ ކަށަކުޅަދުންވަންތަކަން ޤަބޫލުކުރާ އެކަލާނގެ ޞާލިޙު އަޅުތަކުންނަށް މެނުވީ ޙަޤީޤީ އުފާވެރިކަމެއް އިޙްސާސެއް ނުކުރެވޭނެއެވެ.

އަޅުތަކުންގެ ތެރެއިން އިލްމުވެރިކަން އިތުރުވާކޮންމެ ހިނދަކު އެބައިމީހުންގެ ނިކަމެތިކަމާއި މަޑުމޮޅިކަން އިޙުސާސްކުރެވި ރަޙުމުކުރުން އިތުރުވުމަކީ އުފާވެރިކަމުގެ ޢަލާމަތެކެވެ. ހެޔޮޢަމަލުގެ ސަބަބުން ތިމާއަށް ﷲގެ މަތިވެރިކަން ހަނދުމަވެ، ނުބައި ކަންތަކުން ދުރުވުމަށް ޢަޒުމް ކަނޑައެޅުމާށް ފުރުޞަތު ތަނަވަސްވެއެވެ. މިއީވެސް އުފާވެރިކަމުގެ ނިޝާނެކެވެ. އަދި ޢުމުރުގެ ދުވަސްތައް ފާއިތުވާ ވަރަކަށް އާޚިރަތް ހަނދާންވެ، ދުނިޔެވީ އެދުންތަކުން ދުރަށްދިޔުމުގެ ޝައުޤު އުފެދުމަކީވެސް ހިތްހަމަޖެހުމުގެ ޝުޢޫރެކެވެ. މުދާވެރިކަން އިތުރުވާހިނދު ހޭދަކުރުމާއި މުށް ދޫވުން، މި ޢަލާމާތްތަކުގެ ސިލްސިލާއަށް ބޮޅެއް އިތުރުކުރެއެވެ. އަދި ހަމައެހެންމެ ތިމާގެ ގަދަރާއި ޖާހު މަތިވެރިވާވަރަކަށް ތިމާގެ ހިތުގައި އެހެންމީހުންނަށްވާ ގަދަރާއި އިޙްތިރާމް އިތުރުވުމަކީވެސް އުފާވެރިކަން ލިބިގަތުމަށް އެޅޭ ސީދާ ފިޔަވަޅެކެވެ. މިއިންކޮންމެ ކަމެއްގައިވެސް ހެއްދެވި ފަރާތަށް ޝުކުރުވެރިވުން ހުއްޓެވެ.

ހިތްނުތަނަވަސް ވުމާއި ހިތާމަވެރިކަމަކީ އެއްވެސްމީހަކު އިޙުސާސްކުރަން ޝައުޤުވެރިވާނެ ކަމެއްނޫނެވެ. އެހެންނަމަވެސް މިދުނިޔޭގައި މިކަންތައް ތަޖުރިބާކުރަން އެންމެންވެސްޖެހެއެވެ. އެޙާލަތުގައި އެއީ ﷲގެ ޙަޞްރަތުން މެދުވެރިވި އިމްތިޙާނެއްކަމަށް ޤަބޫލުކޮށް ކެއްތެރިވުމަކީ މުއުމިނުންގެ ސިފައެކެވެ.

އުފާވެރިކަމުގެ ޢަލާމާތްތަކާ ޚިލާފަށް، ހިތްދަތިވުމުގެ ޢަލާމާތް ތަކުގެ ތެރޭގައި ތިމާއަށް ޢިލްމު އިތުރުވުމުގެ ސަބަބުން ތިމާގެ ކިބުރުވެރިކަމާއި ބޮޑާކަން އިޙުސާސްވުން ހިމެނެއެވެ. ހެޔޮ ޢަމަލުތައް ކުރެވުމުން، ތިމާގެ ހިތަށް ފަޚުރުވެރިކަން ވަދެ، އެހެންމީހުންނާއި މެދު ތިމާގެ ހިތުގައި ގަދަރު ކުޑަވުމާއި އަދި ތިމާގެ ރަނގަޅުކަން ތިމާ އަމިއްލަޔަށް ހީވުމަކީވެސް ހިތްދަތި ވުމުގެ ޢަލާމާތެކެވެ. އަދި އުމުރުން ދުވަސްވެ ގައިގެ ބާރުދެރަވާ ހިނދުގައިވެސް އާޚިރަތަށްޓައި ފިކުރާ ބެހެއްޓުމުގެ ބަދަލުގައި، ދުނިޔޭގެ އެދުންތަކަށް ޝައުޤު އުފެދި ފައިސާގެ ފަހަތުން ހިނގޭ ގޮތްވުމަކީވެސް ހިތްދަތިކަމާއި ވޭނުގެ ޢަލާމާތެކެވެ. މީގެ އިތުރުން އަތްމަތި ތަނަވަސްވެ، މުދާވެރިކަން އިތުރުވާ ވަރަކަށް ދަހިކަމާއި މުށްބާރުވުން ތިމާގެ ކިބައިގައި ހަރުލައެވެ. އަދި ޖާހުގެ ގޮތުން ތިމާ މަތިވެރިވާ ވަރަކަށް ކިބުރުވެރިވެ ތިމާގެ ނަޒަރުގައި އެހެންމީހުންގެ ގަދަރު ކުޑަވެއެވެ. މިކަންކަމަކީވެސް ހިތްނުތަނަވަސްވުމުގެ ނިޝާންތަކެކެވެ.

ތިމާއަށް މިންވަރުވާ ކޮންމެ ނިޢުމަތަކީ ﷲގެ ޙަޟްރަތުން ކުރިމަތިކުރައްވާ އިމްތިހާނެކެވެ. އެއިން ކޮންމެ ނިޢުމަތަކާ މެދު އެކަލާނގެ ޙަޟްރަތުގައި ޖަވާބުދާރީވާންޖެހޭނެއެވެ. ވެރިކަމާއި މުދަލާއި ޖާހާއި މަންޞަބާއި މިއިން އެއްވެސް ކަމަކީ ﷲގެ ޙަޟްރަތުން މެނުވީ މިންވަރުވާނެ ކަންތައްތަކެއްނޫނެވެ. ކަރާމާތްތެރިކަމަކީވެސް ﷲތަޢާލާ ގެ ޙަޟުރަތުން އަންނަ އިމްތިޙާނެކެވެ.

ސުލައިމާނުގެފާނަށް ބަލްޤީސްގެ ޢަރުޝި ފެނުނު ހިނދު ސުލައިމާނުގެފާނު ވިދާޅުވި ބަސްފުޅު ﷲތަޢާލާ ބަޔާންކުރެއްވިއެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ. ((هَذَا مِنْ فَضْلِ رَبِّي لِيَبْلُوَنِي أَأَشْكُرُ أَمْ أَكْفُرُ وَمَنْ شَكَرَ فَإِنَّمَا يَشْكُرُ لِنَفْسِهِ وَمَنْ كَفَرَ فَإِنَّ رَبِّي غَنِيٌّ كَرِيمٌ )) މާނައަކީ؛ "މިކަންމިވީ އަހުރެންގެ ވެރިރަސްކަލާނގެ فضل ވަންތަ ކަމުންނެވެ. (އެއީ) އަހުރެން نعمة އަށް شكر ކުރަނީތޯ، ނުވަތަ ދެކޮޅުވެރިވަނީތޯ امتحان ކުރެއްވުމަށްޓަކައެވެ. شكر ކުރާމީހާ (ދަންނާށެވެ!) ފަހެ، އޭނާ شكر ކުރާކަން ކަށަވަރީ، ހަމައޭނާގެ އަމިއްލަ نفس އަށެވެ. އަދި (نعمة އަށް) ދެކޮޅުހަދާމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އަހުރެންގެ ވެރިރަސްކަލާނގެއީ، ފުދިވޮޑިގެންވާ، ދީލަތިވަންތަ ރަސްކަލާނގެއެވެ."(( سورة النمل 40))

މުޞީބާތްތަކާއި ވޭނާއި ހިތްދަތިކަމަކީވެސް ﷲގެ ޙަޟްރަތުން މެދުވެރި ކުރެއްވޭ ކަންތައްތަކެވެ. ނިޢްމަތްތަކާއި މެދު އިމްތިޙާނު ކުރައްވާ ފަރާތުން ނިޤުމަތްތަކާ މެދުގައިވެސް އިމްތިޙާނު ކުރައްވައެވެ. ﷲތަޢާލާ ވަޙީކުރެއްވިއެވެ. (( فَأَمَّا الْإِنْسَانُ إِذَا مَا ابْتَلَاهُ رَبُّهُ فَأَكْرَمَهُ وَنَعَّمَهُ فَيَقُولُ رَبِّي أَكْرَمَنِ * وَأَمَّا إِذَا مَا ابْتَلَاهُ فَقَدَرَ عَلَيْهِ رِزْقَهُ فَيَقُولُ رَبِّي أَهَانَنِ * كَلَّا بَل لَا تُكْرِمُونَ الْيَتِيمَ )) މާނައަކީ؛ " ފަހެ، އިންސާނާ ދަންނާށެވެ! އޭނާގެ ވެރިރަސްކަލާނގެ، އޭނާ امتحان ކުރައްވައި، އަދި އޭނާ މާތްކުރައްވައި، އަދި އޭނާޔަށް نعمة ދެއްވައިފިހިނދު، ފަހެ، އޭނާ ބުނެތެވެ. ތިމަންގެ ވެރިރަސްކަލާނގެ ތިމަން މާތްކުރައްވައިފިއެވެ. އަދި ދަންނާށެވެ! އެކަލާނގެ، އެ އިންސާނާ امتحان ކުރައްވައި، އަދި އޭނާގެ رزق ދަތިކުރައްވައިފިހިނދު، ފަހެ، އޭނާ ބުނެތެވެ. ތިމަންގެ ވެރިރަސްކަލާނގެ، ތިމަން ނިކަމެތިކުރައްވައިފިއެވެ. ހަމަހިލާ އެހެންނަކުން ނުވާނެއެވެ. އަދި ކިއެއްތަ! ތިޔަބައިމީހުން ޔަތީމުންނަށް މާތްކޮށެއް ނުހިތަމުއެވެ." (سورة الفجر 15،1716)

ވީމާ އިސްވެދެންނެވުނު ޖުމުލަތަކުން ޢިބުރަތް ލިބިގަނެ ތިމާގެ ޢަމަލުތަށް ސީދާކުރުމަށް މަސައްކަތްކޮށް އެކަމުގެ ހެޔޮ ތައުފީޤް ﷲތަޢާލާގެ ޙަޟްރަތުން ލިބިގަތުމަށް އެދި ދުޢާކުރަންވީއެވެ.


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
ވަގުތު ފާއިތުވުމުގެ ކުރިން...
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި