Noorul-islam.NET :: އިނގިރޭސި މެގްނަ ކާރޓަރ އަށް ވުރެ މަތީ ދަރަޖައެއް ޚުޠުބަތުލް ޥަދާޢަށް ލިބިގެންވޭ!!

އިނގިރޭސި މެގްނަ ކާރޓަރ އަށް ވުރެ މަތީ ދަރަޖައެއް ޚުޠުބަތުލް ޥަދާޢަށް ލިބިގެންވޭ!!
Category »  މުޖުތަމަޢު

ތާރީޚް: 22 ފެބްރުއަރީ 2011

ލިޔުއްވީ : ޑރ. މުޙައްމަދު މުޢިއްޒު

ރާއްޖޭގެ ސިޔާސީ، އިޖްތިމާޢީ މައިދާނަށް އަންނަމުންދާ ބަދަލު ތަކުގެ ތެރެއިން މި ޤައުމަށް އައި އެއްމެ ބޮޑު ގޮންޖެހުމަކީ، ދިވެހިންގެ ޤައުމިއްޔަތު އޭގެ މައްޗަށް ބިނާވެގެންވާ އެއްމެ މުހިއްމު ތަނބުކަމުގައިވާ މާތް ވެގެންވާ އިސްލާމްދީނުގެ ނޫރު މި ޤައުމުގެ އެއްމެ ބޮޑު ރައުސްމާލު ކަމުގައިވާ އަޅުގަނޑުމެންގެ ޅަ ދަރީންނާއި ޒުވާނުންގެ ހިތްތަކުން ފަނޑުކޮށްލާ ފޮހެލުމުގެ ފިކުރީ މަސައްކަތް ކަމުގައިނޫނީ ނުވެއެވެ.

އިސްލާމް ދީނުގެ ޢަދުއްވުން އެބައެއްގެ ވާގިވެރިންގެ ގޮތުގައި އިޚްތިޔާރު ކޮށްގެން ތިބި ބައެއްގެ އަތްމައްޗަށް މި ޤައުމުގެ ސިޔާސީ ނައު ދޫކޮށްލުމުގެ ހިތި ނަތީޖާ ފެންނަމުންދާކަން އިންސާފުވެރި ވިސްނުމަކުން ވިސްނާ، ދީނަށް ލޯބިކުރާ ކޮންމެ ދިވެއްސެއް ޤަބޫލު ކުރާނެއެވެ. އެބައިމީހުންގެ ވާގިވެރިންގެ މަސައްކަތް މައިގަނޑުގޮތެއްގައި ބިނާވެގެންވަނީ ފިކުރީ ގޮތުން ، ތަޢުލީމީ ނިޒާމުގެ ތެރެއިން އަޅުގަނޑުމެންގެ ދަރީންގެ ވިސްނުމާއި ޤަބޫލުކުރާ ޤަބޫލުކުރުންތައް (ވެލިޔުޒް) ދީނާއި ބީރައްޓެހިކޮށް،  އަމިއްލަ މިނިވަންކަމުގެ ފަލްސަފާގެ މައްޗަށް (ލިބަރަލިޒަމް ގެ ފަލްސަފާގެ މައްޗަށް) ބިނާވެގެންވާ ގޮތުގައި ބައްޓަން ކުރުމުގައެވެ.

މިގޮތުން މި ރާއްޖޭގައި ހިންގޭ ތަފާތު ޙަރަކާތްތަކުގެ ތެރޭގައި އިނގިރޭސި ވިލާތުގައި މީލާދީން 1215 ވަނަ އަހަރު ލިޔެވުނު ޗާޓަރެއްކަމުގައިވާ މެގްނަ ކާޓަރ އަށް ޒުވާނުން އަހުލުވެރިކުރުވާ، ހުޅަނގުގެ ޤައުމު ތަކަށް ގެނެވުނު ތަރައްޤީގެ އިންޤިލާބު ތަކުގެ ފަހަތުގައިވާ، އަދި މުޅި ދުނިޔެއަށް އަންނަމުންދާ ޑިމޮކްރަސީގެ އިންގިލާބުގެ އަސްލަކީ، މި ޗާޓަރުގައި ބަޔާންކޮށްފައިވާ އިންސާނީ ޙައްޤުތަކާއި އަމިއްލަ މިނިވަންކަންކަމުގައި ވިސްނައިދިނުމެވެ.

އާދެ! މިފަދަ ފިކުރީ މެނިޕިޔުލޭޝަން ތަކުގެ ސަބަބުން އަޅުގަނޑުމެންގެ ޒުވާނުންނަށް ކަންކަމުގެ ޙަޤީޤަތް އޮޅި، ޤަބޫލުކުރަންޖެހޭ ކަންކަމާއި އިސްކަންދޭންޖެހޭ ކަންކަންދަނީ އޮޅެމުންނެވެ. ފިކުރީ ގޮތުން މަގުއޮޅެމުންނެވެ.

ކަމުގެ ޙަޤީޤަތަށް ބަލާލާއިރު، މިދެންނެވުނު މެގްނަ ކާޓަރ އަށްވުރެ 583 އަހަރު ކުރިން، މުޅި ދުނިޔެއަށް އިންސާނީ ޙައްޤުތަކާއި މިނިވަންކަމާއި އަދިވެސް ހުޅަނގުގެ ޤައުމުތަކުން  އިހަކަށްދުވަހު ޤަބޫލުކުރަންފެށި އެތައް އެތައް ކަމެއްގެ ފުރިހަމަ ލާމަސީލު މިންގަނޑެއް ނުވަތަ ބެންޗްމާރކްއެއް ވަނީ ޢާލަމްތަކަށް ރަޙްމަތެއްކަމުގައި މާތް ﷲ ފޮނުއްވި ކައު އިތުރު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޚުޠުބަތުލް ޥަދާޢުގައި މުޅި ދުނިޔެއަށް އިޢުލާން ކުރައްވާފައެވެ. އަދި އެކަލޭގެފާނުގެ ދިރިއުޅުމުގައި އެ ކަންތައްތައް ޢަމަލީ ގޮތުން އޭގެ ކުރިން ދައްކުވައިދީފައެވެ.

އަޅުގަނޑުމެންގެ މާތްވެގެންވަ އިސްލާމްދީނުގެ ނޫރު އަޅުގަނޑުމެންގެ ޅަ ދަރީންނާއި ޒުވާނުންގެ ހިތްތަކުން ފޮހެވެމުންދާ ދުވަސްވަރު އެ ކުދީންނަށް ވިސްނައިދޭންވީ މިފަދަ ޙަޤީޤަތްތައް ނޫންތޯއެވެ؟ މުޅި ދުނިޔެއަށް އަމަން އަމާންކަމާއި އިންސާފާއި ހަމަހަމަކަން ގެންދިނީ އިސްލާމް ދީންކަންނޫންތޯއެވެ؟ އިންސާނީ ޙައްޤުތަކާއި ނަފްސުގެ މިނިވަންކަން އޭގެ އެއްމެ މާނަ ފުރިހަމަގޮތުގައި ލިއްބައިދިނީ އިސްލާމްދީނުގައިކަން ނޫންތޯއެވެ؟ ރައްޔިތުންނާއި ވެރިމީހާގެ ޙައްޤުތަކާއި އެދެފަރާތުގެ ދެމެދުގައި އޮންނަންޖެހޭ ގުޅުމާއި އިންސާފުވެރިކަމާއި ޢަދުލުވެރިކަން އޭގެ އެއްމެ ފުރިހަމަގޮތުގައި އުގަންނައިދިނީ އިސްލާމީ ވަރުގަދަ ޝަޚުސިއްޔަތުތަކުންކަން ނޫންތޯއެވެ؟

ނަމަވެސް، ހިތާމައަކީ، އަޅުގަނޑުމެންގެ ޅަ ދަރީންނާއި ޒުވާނުންގެ ވިސްނުމާއި ފިކުރު އަޅުގަނޑުމެންގެ ކުރިމަތީގައި ޖަހާލަތުގެ އަނދިރީގެ ތެރެއަށް ޣަރަޤުވެގެންދާއިރުވެސް ހޭ ނާރާ ތިބޭތީއެވެ! ކަނޑައެޅިގެން އިސްލާމްދީނާއި އިދިކޮޅު ބަޔަކު ހަދާނެ ގޮތެއް ހަދަންދެން ، ޤައުމުގެ މަސްލަޙަތަށްވުރެ އަމިއްލަ މަސްލަޙަތު އިސްކޮށްގެން (ނޭނގި ނަމަވެސް) ވަރިހަމަ ވެފައި ތިބޭތީއެވެ! މާތް ﷲ އަޅަމެންނަށް ހެޔޮ ވިސްނުންދެއްވާ އިސްލާޙުގެ މަގަށް މަގު ދައްކަވާނދޭވެ!

 


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި