Noorul-islam.NET :: މޯލްޑިވްސް އިސްލާމިކް ބޭންކުގެ އިންތިޒާރީގައި ދިވެހިން

މޯލްޑިވްސް އިސްލާމިކް ބޭންކުގެ އިންތިޒާރީގައި ދިވެހިން
Category »  މުޖުތަމަޢު

ތާރީޚް: 11 ފެބްރުއަރީ 2011

ލިޔުއްވީ : މުޙައްމަދު އަނީލް (ނޫރުލްއިސްލާމްގެ އެޑިޓަރު)

ރިބާ އަކީ އިސްލާމް ދީނުގައި ޙަރާމް ކަމެއްކަން ނުދަންނަ ދިވެއްސަކު މިހާރު މަދު ވާނެއެވެ. ﷲ ގެ ރަޙްމަތަށްފަހު، ފާއިތުވި 5 ވަރަކަށް އަހަރުގެ ތެރޭގައި ދީނުގެ ޢިލްމުވެރިން ކުރެއްވި ބުރަ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުންނެވެ. ނަމަވެސް ރިބާއިން ސަލާމަތްވެ، ތިމާގެ ދިރިއުޅުމުގެ ކަންތައްތައް ހަމަޖެއްސުމުގެ ފުރުޞަތު ދިވެހިންނަށް ލިބިފައި ނެތެވެ.

ޒަމާނުއްސުރެ ދިވެހިންނަށް ފެންނަން ހުރި ބޭންކު ތަކުގެ ސިސްޓަމަކީ ރިބަވީ ސިސްޓަމް ތަކެކެވެ. އެކަމާހުރެ، އެ ބޭންކުތަކުން ލޯން ނެގުން އެއީ ޙަރާމްކަމެއްކަން، އިސްލާމްދީނުގެ އަޞްލުތަކުގެ އަލީގައި ދީނުގެ ބޮޑެތި ޢިލްމުވެރިން ބަޔާން ކުރެއްވިއެވެ.

ޢިލްމުވެރިންގެ ބަޔާން ކުރެއްވުމަށް ބޯލަނބައި ގިނަބަޔަކު ދިޔައީ ރިބަވީ ބޭންކުތަކުގެ ލޯންތަކާއި އެއްކިބާވެ، ﷲ އަށްޓަކައި ރިބާއަށް ނޫނެކޭ ބުނަމުންނެވެ. އެގޮތުން ތިމާމެން ކުރަން ބޭނުންވާ ގިނަ ކަންތައްތަކެއް، މި ރިބަވީ ބޭންކުތަކާހެދި ނުކުރެވުނު ކިތަންމެ މީހުން މިދިވެހި ބިމުގައި ވެއެވެ.

ﷲ އާއި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ފަރާތުން ހަނގުރާމަ އިޢުލާނުވެވުނު މީހުންގެ ތެރޭގައި ތިމާމެން ނުހިމެނި ވޭތޯ ބެލުމަށް މުސްލިމު ދިވެހިން ދިޔައީ ޢަޒުމާއެކު މަސައްކަތް ކުރަމުންނެވެ. އަދި ރިބާއިން ސަލާމަތްވެވިދާނޭ ނިޒާމެއްގެ އުއްމީދުގައި އެމީހުން ތިއްބެވެ.

އެފަދަ މުސްލިމު ދިވެހިންގެ ހިތްތަކަށް ލިބޭ އުފަލާއި ހިތްހަމަޖެހުމެއްގެ ގޮތުގައި މި އިވިގެން ދަނީ 2011 މާޗް މަހުގެ 7 ވަނަ ދުވަހު އިސްލާމީ ޝަރީޢަތާ އެއްގޮތަށް ހިންގޭ ފުރަތަމަ ދިވެހި އިސްލާމީ ބެންކުގެ ޚިދުމަތް ފެށޭނެ ކަމުގެ އުފާވެރި ޚަބަރެވެ.

މިއީ ގިނަ ދިވެހިންތަކެއްގެ ޤުރްބާނީގެ ނަތީޖާއެވެ. ﷲ ގެ ރަޙްމަތާއި ފަޟްލަށްފަހުގައެވެ.

މި ފުރުޞަތުގައި ދިވެހިރާއްޖޭގެ ފުރަތަމަ އިސްލާމީ ބޭންކުގެ ވެރިންނަށާއި މުއައްޒަފުންނަށާއި މުސްލިމު ދިވެހިންނަށް މަރުޙަބާ ދަންނަވަމެވެ.

ﷲ ގެ ދީން މި ބިންމަތީ ޤާއިމުކޮށްދެއްވައި، ފުރިހަމަ ކޮށްދެއްވުމަކީ އެއިލާހުގެ ވަޢުދުފުޅެކެވެ. އެ ވަޢުދުފުޅަކީ މިއަދު އަޅުގަނޑުމެންނަށް މިއިވޭ ވަޢުދުތައްފަދަ ވަޢުދެއް ނޫނެވެ. އެހެނެއްކަމަކު އެއީ އެކަން ފުރިހަމަ ގޮތުގައި ތަންފީޒު ވެގެންދާނޭ ވަޢުދު ތަކެކެވެ.

ނިކަން ބައްލަވާށެވެ. މާޒީ އަށް ފިކުރު ކުރައްވާށެވެ. މީގެ ހައެއްކަ އަހަރު ކުރިން އިސްލާމީ ޙިޖާބާއި، ރިބާއާއި، ދީނީ ނަސޭހަތްތަކުގެ ބައްދަލުވުންތަކުގެ ޙާލާމެދުގައެވެ. އިސްލާމީ ޙިޖާބުން ޙިޖާބުއަޅާ އަންހެނުން އޭރު ވަރަށް މަދެވެ. އިސްލާމްދީނުގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސުއްނަތް އެބައިމީހުންގެ ޙަޔާތުގައި ތަންފީޒު ކުރާ މީހުން މަދެވެ. ރިބާ އަކީ ޙަރާމް އެއްޗެއްކަން ދަނެ އެރިބާއާއި ދުރުވެގަތް މީހުން މަދެވެ. ދީނީ ނަސޭހަތުގެ ބައްދަލުވުންތައް ފަޅުވެފައިވިއެވެ.

ނަމަވެސް މިއަދު ﷲގެ ރަޙްމަތަށްފަހު ދިވެހި ދީނީ ޢިލްމުވެރިންނާއި ދީނީ މުފައްކިރުންނާއި ދީނަށް ލޯބިކުރާ ބައެއްގެ ބުރަ މަސައްކަތުން އެކަން މިއޮތީ ބަދަލުވެފައެވެ. އެކަމަށްޓަކައި ހުރިހާ ޙަމްދެއް ހުރީ ﷲ އަށެވެ. މިއަދު އިސްލާމީ ޙިޖާބުގެ ރައްކާތެރިކަން ގިނަ ދިވެހި އަންހެނުން ދަނީ ލިބިގަންނަމުންނެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސުއްނަތުގެ އަސަރުތައް ދިވެހިންގެ ކިބައިން ފެންނަމުން އެބަދެއެވެ. ގިނަ ބަޔަކު ރިބާއަށް ނޫނެކޭ ބުނަމުން ދެއެވެ. ވަޢުޟު ނަސޭހަތުގެ ބައްދަލުވުންތަކުގެ ހާޒިރީ ސްޓޭޖް ޝޯވ ތަކުގެ ހާޒިރީއަށްވުރެ އެތައް ގުނައެއް މައްޗަށް ޖެހިލައިފިއެވެ.

މިއީ ﷲ ގެ ރަޙްމަތެވެ. އަޅުގަނޑުމެންނަށް އޮތީ އެއިލާހަށް ޝުކުރުވެރިވުމެވެ. އެއިލާހީ ޝުކުރުވެރިވާ އަޅުންނަށް ނިޢުމަތްތައް އިތުރުކޮށްދެއްވާ އިލާހެވެ.


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި