Noorul-islam.NET :: ދީނީ ޢިލްމުވެރިންނަށް ސިޔާސަތު ނޭނގޭނަމަ ދެން އެނގޭނީ ކޮންބަޔަކަށް ހެއްޔެވެ؟

ދީނީ ޢިލްމުވެރިންނަށް ސިޔާސަތު ނޭނގޭނަމަ ދެން އެނގޭނީ ކޮންބަޔަކަށް ހެއްޔެވެ؟
Category »  މުޖުތަމަޢު

ތާރީޚް: 3 ޖެނުއަރީ 2011

ލިޔުއްވީ : މުޙައްމަދު އަނީލް (ނޫރުލްއިސްލާމްގެ އެޑިޓަރ)

ސިޔާސަތު
(1)
ސަރުކާރު ހިންގުމާއި ސޮސައިޓީއެއްގެ ގޮތުގައި އެއްވެ ފައިވާ މީހުންތަކެއް. ޤާނޫނާއި ޤަވާޢިދުގެ ތެރޭގައި ގެންގުޅުމުގެ ޢިލްމު

(2) އިންސާނީ މުޖްތަމަޢެއްގެ މައްޗަށް ވެރިކަން ހިންގުމުގެ ފަންނު.

 

މިއީ ދިވެހި ބަހުގެ ރަދީފުގައި ސިޔާސަތު މާނަކުރެވިފައިވާ ގޮތެވެ. ކުރުކޮށް ބުނާ ނަމަ، ސިޔާސަތަކީ ވެރިކަމެއް ހިންގުމުގެ ޢިލްމާއި ފަންނެވެ. އޭގެ ހުނަރެވެ.

އިސްލާމްދީނަކީ އަޅުގަނޑުމެން އެންމެންވެސް ޤަބޫލުކުރާގޮތުގައި ދިރިއުޅުމުގެ ފުރިހަމަ ނިޒާމެވެ. އެއީ އިންސާނުން އެބައިމީހުންގެ ދުނިޔަވީ ޙަޔާތް، ﷲގެ ރުހިވޮޑިގަތުން ލިބޭނެގޮތަށް ވޭތުކުރުމަށް ﷲ ދެއްވާފައިވާ ނިޒާމެވެ. އޭގައި ވެރިންނާއި ރައްޔިތުންނާއި، މައިންބަފައިންނާއި ދަރިންނާއި، މުދައްރިސުންނާއި ދަރިވަރުންނާއި، ކުޑަކުދިންނާއި ބޮޑެތިމީހުން އެބައިމީހުންގެ ދިރިއުޅުން ވޭތުކުރަންޖެހޭ ގޮތް ވަނީ ބަޔާން ކުރައްވާފައެވެ.

އިސްލާމްދީނަކީ ފުރިހަމަ ސިޔާސީ ނިޒާމެކެވެ. އޭގައި މުޅި މުޖްތަމަޢާއި އިންސާނިއްޔަތުގެ މަޞްލަޙަތުވާ ކޮންމެ ކަމެއްގެ މައްޗަށް ރިޢާޔަތް ކުރާ ހަމައެކަނި ނިޒާމަކީ އިސްލާމީ ސިޔާސީ ނިޒާމެވެ. މި ނިޒާމާއިގެން ﷲ ސުބްޙާނަހޫ ވަތަޢާލާ ފޮނުއްވި މާތްނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްއަކީ ދުނިޔެ މިހާތަނަށް ދެކެފައިނުވާފަދަ ޙިކުމަތްތެރި ހަރުދަނާ ސިޔާސީ ލީޑަރެކެވެ.

ޤަބީލާތަކުގެ ތަޅާފޮޅުންތަކާއި ހަނގުރާމައާއި ދުޝްމަންކަމުގެ ތެރޭގައި އޮތް ދުނިޔެ މުޅިން ބަދަލުކުރައްވައި، އެއް ދިދައެއްގެ ދަށަށް ގެންނެވި ވަރުގަދަ ސިޔާސީ ލީޑަރެވެ. ދީނާއި ސިޔާސަތަކީ ވަކި ނުކުރެވޭނެ އެއްޗެއްކަން ބަޔާންކޮށްދެއްވި، އިލާހީ ނަޞްރާއި މަދަދު ލިބިވަޑައިގެންނެވި ނަބިއްޔާއެވެ.

13 އަހަރުގެ ދިގު މުއްދަތެއް، އަމިއްލަފުޅު ވަޠަނުގައި ގާތްތިމާގެ މީހުންގެ ތެރޭގައި ދީނަށް ގޮވާލައްވައި އެދީނުގެ ވަރުގަދަ ޢަޤީދާއެއްގެ މަތީގައި އެކަލޭގެފާނަށް ތަބާވީ މީހުން ތަރުބިއްޔަތު ކުރެއްވިއެވެ. ގާތްތިމާގެ މީހުންގެ ތެރެއިން ގިނަ ބައެއްގެ ދުއްތުރާތަކާއި ޖެއްސުމާއި ފުރައްސާރައާއި ކުރިމަތިލެއްވީ ހަމަހިމޭންކަމާއެކުގައެވެ. ގަދަ ދެއްކެވުމެއް ނެތިއެވެ. އީމާންވީ މީހުންނަށް ކާފަރުވި މީހުން ދެމުން ގެންދިޔަ އަނިޔާގެ ސަބަބުން ކެތްނުކުރެވިގެން، އައިސް އެކަލޭގެފާނުގެ އަރިހުގައި ދެންނެވި ހިނދު އެކަލޭގެފާނު ދެއްވި ޖަވާބާމެދު ވިސްނަވާށެވެ.

ލޮބުވެތި ޞަޙާބީން އައިސް ދެންނެވީ އެކާފަރުންގެ ހަލާކަށް އެދި އެބައިމީހުންގެ މައްޗަށް ދުޢާކޮށް ދެއްވުމަށެވެ. އެހިނދު އެކަމާ ހިތްޕުޅު ހަމަޖެހިވަޑައިނުގެން، އެކަލޭގެފާނުގެ ޞަޙާބީންނަށް ކެތްތެރިވުމަށް ނަސޭހަތްތެރިވެ ވަޑައިގެންނެވިއެވެ. ކުރީގެ އުއްމަތްތަކުގެ މީހުންނަށް އެބައިމީހުންގެ އުއްމަތުގެ ކާފަރުން ދެމުންދިޔަ އަނިޔާގެ ތެރެއިން މިންވަރެއް ބަޔާންކޮށްދެއްވިއެވެ. އެހުރިހާ އަނިޔާތަކާއެކުވެސް އެބައިމީހުން ﷲއަށް އީމާންވުމުން އެއްކިބާ ނުވާކަން ބަޔާންކޮށްދެއްވިއެވެ. އެއަށްފަހު އެކަލޭގެފާނު ދެއްވީ އުފާވެރިކަމުގެ ޚަބަރެކެވެ. އެއީ މިދީން ﷲ ތަޢާލާ ފުރިހަމަކޮށްދެއްވާނެ ކަމުގެ އުފާވެރިކަމުގެ ޚަބަރެވެ. އަދި އޭގެ މިސާލެއް ދައްކަވަމުން ޙަދީޘްކުރެއްވީ، ޞަންޢާއިން ފެށިގެން ޙަޟްރަމައުތާ ހަމައަށް ސަވާރީގައި އެކަނި ދަތުރުކޮށްފައިދާ މީހާ ﷲ ފިޔަވައި އެހެން އެއްވެސް ފަރާތަކަށް ބިރު ނުގަންނަ ޙާލުގައި އަމާންކަމާއެކީގައި ދަތުރު ކުރާނެ ކަމަށެވެ. މިއީ މުސްލިމުން މިސަރަހައްދުގައި ވެރިކަން ކުރާނެކަމުގެ އުފާވެރި ޚަބަރެކެވެ.

އަނިޔާތަކަށް ކެތްނުކުރެވޭ ހިސާބަށް ދިޔުމުން، މުސްލިމުންނަށް އެންގެވީ ޙަބުޝްކަރައަށް ހިޖުރަކުރުމަށެވެ. އެއީ އެތަނުގައި ޢަދުލުވެރި ވެރިއަކު ހުރީތީއެވެ.

އޭގެ ފަހުގައި ހިޖުރައަށް ވަޑައިގެންނެވިއެވެ. އަދި ހިޖުރައިގެ ކުރީގައި، މަދީނާގެ އަންޞާރުންގެ ކިބައިން އަހުދު ކަށަވަރު ހިއްޕެވިއެވެ. އެކަލޭގެފާނަށާއި އެކަލޭގެފާނުގެ ދީނަށް ނަޞްރުދިނުމަށެވެ.

ހިޖުރައަށްފަހު އެންމެ ފުރަތަމަ ފިޔަވަޅަކަށް މަދީނާގައި އެޅުއްވީ މުސްލިމުންގެ ތެރެއިން މައްކާއިން މަދީނާއަށް ހިޖުރަކުރި މުހާޖިރުންނާއި މަދީނާގެ އަހުލުވެރި އަންޞާރުންނާއި އަޚްވަންތަކުރެއްވުމެވެ. މިއީ އިސްލާމީ ދައުލަތް ޤާއިމު ކުރެއްވުމަށް އެޅުއްވި މުހިއްމު ފިޔަވަޅެކެވެ. މުޖުތަމަޢުގައި، އަޅާލާނެ ބަޔަކު ނެތި މުހާޖިރުން ދޫކޮށްލެއްވުމުގެ ބަދަލުގައި އެބައިމީހުންނާ ޙަވާލުވާނޭ ބަޔަކު ރަށުގެ އަހުލުވެރިންގެ ތެރެއިން ހަމަޖެއްސެވީއެވެ. އަދި ކޮންމެ އަންޞާރީއަކަށް މުހާޖިރަކު ހަމަޖެއްސެވުމުން، ބެލެހެއްޓުމާއި މެހުމާންދާރީގެ ކަންތައް އަދާކުރުމަށް ފަސޭހަވާނެތީއެވެ.

އެއަށްފަހު އިސްލާމީ އުއްމަތުގެ އެންމެ މުހިއްމު ބިނާ ބިނާކުރެއްވިއެވެ. އެއީ އިތުރު ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ މިސްކިތްކޮޅެވެ. އެއީ މުސްލިމުން އަޅުކަންކުރާ ތަނެވެ. ޢިލްމު އުނގެނޭ ތަނެވެ. ވެރިކަމުގެ މަރުކަޒެވެ.

އެއަށްފަހު މައްކާގެ މުޝްރިކުންނާ ހަނގުރާމަކުރުމުގެ ހުއްދަ ﷲ ދެއްވުމުން، އެންމެ ފުރަތަމަ އެޅުއްވުމަށް ޤަސްދު ކުރެއްވި ފިޔަވަޅަކީ މައްކާ އިޤްތިޞާދީ ގޮތުން ދަށްކޮށް، އެބައިމީހުންގެ ބާރު ދެރަކުރެއްވުމަށެވެ.

އެކަލޭގެފާނުގެ ސިޔަރަތު މުރާޖަޢާކޮށްލައިފި މީހަކަށް ސިޔާސަތަކީ ކޮބައިކަން ނިކަން ރަނގަޅަށް ފިލާނެއެވެ.

އެކަލޭގެފާނަކީ އެކަލޭގެފާނުގެ އަމިއްލަފުޅު ރައުޔަށް ކަންތައް ނިންމެވި ބޭކަލެއް ނޫނެވެ. ﷲގެ އަމުރުފުޅުތަކަށްފަހު އެކަލޭގެފާނުގެ ލޮބުވެތި ޞަޙާބީންގެ މަޝްވަރާ ހޯއްދެވިއެވެ. މިކަމުގައި ޢަރަބިންނާއި ޢަޖަމީން ތަފާތެއް ނުކުރައްވައެވެ. ޚަންދަޤުގެ ދުވަހު ފާރިސްކަރައިގެ ސަލްމަން ރަޟިޔަﷲ ޢަންހުގެ ލަފާ ޤަބޫލުކުރެއްވިއެވެ. އުޙުދުގެ ދުވަހު މަދީނާއިން ބޭރުގައި ހަނގުރާމަކުރެއްވުމަށް އަޣުލަބިއްޔަތު އޮތީތީވެ، އެގޮތަށް ނިންމެވިއެވެ.

މިނޫންވެސް މިފަދަ އެތައް ކަމެއް ސިޔަރަތުގެ ޞަފްޙާތަކުގައި ވެއެވެ. ނަމަވެސް އެވެސް އެނގޭނީ ސިޔަރަތު ދެކޭ ބަޔަކަށެވެ.

މުޅި ދުނިޔެ ނާމާން ކަނޑަކުން ސަލާމަތުގެ އައްސޭރިއަކަށް ގެނެސްދެއްވި މަތިވެރި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް އާއި އެކަލޭގެފާނުގެ ފަހަތުން އުއްމަތުގެ ލީޑަރޝިޕްގައި ތިއްބެވި ހަތަރު ޚަލީފާއިންނަކީ ޕޮލިޓިކަލް ސައިންސުން ޑިގްރީ ޙާޞިލު ކުރެއްވި ބޭކަލުންނެއް ނޫނެވެ.

އޭގެ ފަހުން ހިޖުރައިން 100 ގައި ވެރިކަމުގައި ހުންނެވި ޢުމަރު ބުނު ޢަބްދުލްޢަޒީޒަކީ ފިޤުހުވެރިއެކެވެ. ޢަދުލު އިންސާފުން މުޅި ދުނިޔެ ފުރާލެއްވި ޢަދުލުވެރިއެކެވެ. އެކަލޭގެފާނުގެ ޒަމާނުގައި ޒަކާތް ޤަބޫލުކުރާނެ ފަޤީރަކު ނެތި، ބައިތުލްމާލު ފުރުނެވެ. ނަމަވެސް މިއަދު ޕޮލިޓިކަލްސައިންސުން ޕީއެޗްޑީ ނަގައިގެން ތިބި މީހުން ކުރާ ވެރިކަންތަކުން ރައްޔިތުން ބަނޑަށް ޖެހުން ނޫން ކަމެއް ނުވެއެވެ.

އިޙްތިރާމާއެކު ދަންނަވަމެވެ. އިސްލާމްދީނަކީ ހަމައެކަނި ނަމާދާއި ރޯދައާއި ޒަކާތާއި ޙައްޖު ކަމަށް ޤަބޫލުކުރާ މީހުންނަށް ހީވާނީ ދީނުގެ ޢިލްމު އެނގޭ މީހުންނަށް ސިޔާސަތު ނޭނގޭނެ ކަމަށެވެ. ނަމަވެސް އިސްލާމްދީނަކީ އިންސާނާގެ ޙަޔާތުގެ ހުރިހާކަމެއް އޭގައި ހިމެނޭ ފުރިހަމަ ދިރިއުޅުމުގެ ނިޒާމެއްކަން ދަންނަ މީހާގެ ޤަބޫލުކުރުން ހުންނާނީ މުޅިން ތަފާތު ގޮތަކަށެވެ. އެއީ އިސްލާމްދީނުގެ ޢިލްމު ލިބިވަޑައިގެންވާ ބޭކަލެއްނަމަ އޭނާއަށް ސިޔާސަތަކީ ކޮބައިކަން ޙަޤީޤަތުގައިވެސް އެނގޭނެކަމެވެ.

މިހެން ނުވާންވީ ކީއްވެހެއްޔެވެ؟ އިސްލާމްދީނުގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމްއަކީ އެންމެ ވަރުގަދަ ސިޔާސީ ލީޑަރެވެ. އެކަލޭގެފާނުގެ ވާރުތަވެރިންނަކީ އުއްމަތުގެ ޢިލްމުވެރިންނެވެ. އެބޭކަލުންނަށް ސިޔާސަތު ނޭނެގޭނަމަ ދެން އެނގޭނީ ފަހެ ކާކަށްތޯއެވެ؟

ނަމަވެސް ދެއިރު އެއްގޮތަކަށް ވާހަކަ ދައްކަން ނުކެރުމަކީ ސިޔާސަތު ކަމުގައި ތިބާ ދެކޭނަމަ، އެ ސިޔާސަތު ޢިލްމުވެރިންނަށް ނޭނގިދާނެއެވެ. ދޮގު ބުހުތާނު ހެދުން ފަދަ ކަންތަކާއި މަކަރާއި ޙީލަތާއި ރިޝްވަތާއި މިކަންތައްތަކަކީ ސިޔާސަތު ކަމަށް ތިބާ ޤަބޫލުކުރާނަމަ، ތެދެކެވެ. ދީން ކިޔެވިއަކަސް މި"ސިޔާސަތެއް" ނޭނގޭނެއެވެ.

 

 


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި