Noorul-islam.NET :: ރުޤްޔާ ޝަރްޢިއްޔާ

ރުޤްޔާ ޝަރްޢިއްޔާ
Category »  ދީނީ ލިޔުން

ތާރީޚް: 1 ޖެނުއަރީ 2011

ލިޔުއްވީ : އައިމަން ޞާލިޙް (ނޫރުލްއިސްލާމްގެ އެޑިޓޯރިއަލް ބޯޑުގެ މެންބަރު)

އެންމެހާ ޙަމްދުޘަނާ ހުރީ ހުރިހާ ކަމަކަށް ކަށަކުޅަދުންވަންތަ ވޮޑިގެންވާ ޢިއްޒަތްވަންތަ ރަޙްމާންވަންތަ ﷲ ސުބުޙާނަހޫ ވަތަޢާލާއަށެވެ. އެއީ މުޞީބާތުގައި ޖެހިފައިވާ އެއިލާހުގެ އަޅާ އެމުޞީބާތުން ދުރުކުރައްވާ އަދި ދަތިޙާލުގައި ޖެހިފައިވާ މީހާގެ ދުޢާ ޢިޖާބަކުރައްވާ، އައްސަވައިވޮޑިގެންވާ ގަދަކީރިތިވަންތަ އިލާހެވެ. އެއިލާހުގެ މިފަދަ ގިނަގުނަ ނިޢްމަތްތަކަށް ޙަމްދާއި ޝުކުރުހުއްޓެވެ. ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަނީ މިއުއްމަތަށް ރަޙްމަތެއްކަމުގައި ފޮނުއްވި މާތް ސާހިބާ މުޙައްމަދު ޞައްލަ ﷲ ޢަލަހިވަސައްލަމްއަށެވެ. އަދި މިޞަލަވާތުގައި އެކަލޭގެފާނުގެ މާތް ޞަޙާބީން ޝާމިލްކުރަމެވެ.

ރުޤުޔާ އަކީ ބޮލުގައި ރިއްސުމާއި ހުން އައުން ފަދަ ނުވަތަ އެފަދައެހެން ބައްޔެއް ނުވަތަ މުޞީބާތެއް ޖެހިފައިވާ މީހާކު އެކަމަކުން ސަލާމަތް ކޮށްދިނުމަށް އޭނަގެ މައްޗަށް ކިޔަވާ ކިޔެވުމަކަށް ކިޔާނަމެކެވެ.

ރުޤުޔާ ބެހިގެންވަނީ ހަތަރު ބަޔަކަށެވެ. އެއީ؛

1.     ﷲ ސުބުޙާނަހޫ ވަތަޢާލާގެ ކަލާމްފުޅުން ނުވަތަ އެއިލާހުގެ އިސްމުފުޅުތަކުންނާއި އަދި ސިފަފުޅުތަކުން ރުޤުޔާކިޔެވުން. މިއީ ހުއްދަކަމެކެވެ. އަދި އެދެވިގެންވާ ކަމެކެވެ.

2.      ޤުރުއާނާއި ޙަދީޘްފުޅުތަކުން ވާރިދުވެގެންވާ ދުޢާތަކުންނާއި ޛިކުރުތަކުން ރުޤުޔާކިޔެވުން. މީގެ ޙުކުމަކީވެސް ބަޔާންވެދިޔަ ބައިގެ ޙުކުމް ފަދައެވެ.

3.      ޤުރްޢާނާއި ޙަދީޘްފުޅުތަކުން ވާރިދުވެގެންނުވާ ދުޢާތަކުންނާއި ޛިކުރުތަކުން ރުޤުޔާކިޔެވުން. މިއީވެސް ހުއްދަވެގެންވާ ކަމެކެވެ. ނަމަވެސް ވާރިދުވެގެންވާ ދުޢާތަކާއި ޚިލާފުނުވުން ޝަރުތުވެގެންވެއެވެ.

4.      އެކިޔެވޭ އެއްޗަކުން އެއްވެސް މާނައެއް ދޭހަނުވާ އެއްޗަކުން ރުޤުޔާކިޔެވުން. މިއީ ހުއްދަވެގެނެއްނުވެއެވެ.

ރުޤުޔާ އަށް ކިޔެވުމުގައި އަންނަނިވި ޝަރުޠުތަކަށް ރިޢާޔަތް ކުރަންޖެހޭނެއެވެ. ޢިލްމުވެރިންވަނީ އަންނަނިވި ތިން ޝަރުޠުތައް ރުޤުޔާ ކިޔެވުމުގައި އެކުލެވޭނަމަ ރުޤުޔާ ކިޔެވުން ހުއްދަކަމާއި މެދު ޢިޖްމާޢުވެލައްވާފައެވެ.

1.     ﷲ ތަޢާލާގެ ކަލާމްފުޅުން ނުވަތަ އެއިލާހުގެ އިސްމުފުޅުތަކުން ނުވަތަ ސިފަފުޅުތަކުން ރުޤުޔާ އަށް ކިޔެވުން.

2.      ޢަރަބި ބަހުން ރުޤުޔާކިޔެވުން ނަވަތަ ޢަރަބިބަސް ނޫން ބަހަކުން ރުޤުޔާ ކިޔަވާނަމަ ރުޤުޔާ ކިޔެވޭމީހާއަށް ފަހުމުވާ ބަހަކަށްވުން.

3.      ރުޤުޔާކިޔަވާ މީހާ ނުވަތަ ރުޤުޔާކިޔެވޭމީހާ އާއި ދެމީހުންވެސް ރުޤުޔާއަކީ އޭގެ ޒާތުގައި އަޘަރުކުރުވާ  އެއްޗެއް ކަމަށް އިޢްތިޤާދުނުކުރުން. ނަމަވެސް ﷲ ތަޢާލާގެ އިޒުނަފުޅާއިލައިގެން އެއިލާހުގެ އިރާދަފުޅާއި ލައިގެން އަޘަރުކުރާ ކަމަށް ޤަބޫލުކުރުން.

އެއަށްފަހު ދަންނައެވެ. ހަމަކަށަވަރުން ރުޤުޔާ ޝަރުޢިއްޔަށް ނުވަތަ ފަންޑިތައަކީ ވަރަށް ގިނަ މީހުން އެކަމަކުން ޣާފިލުވެގެންވާ ކަމެކެވެ. ނުވަތަ އެއީ ބައެއް މީހުން އެކަމާއި ބެހޭގޮތުން ބަލަންވެސް ބޭނުންނުވާ ކަމެކެވެ. އެހެނެއްކަމަކު އެބައީމީހުންނަށް ހީވެފައި އޮންނަނީ އެއީ ޚުރާފާތެއް ކަމަށެވެ. ނަމަވެސް މުއުމިނުންނަކީ ރުޤުޔާ ޝަރުޢިއްޔާއަކީ ހައްގެންކަން ޤަބޫލުކޮށް، އެއަށް މަތިވެރި ޤަދަރެއްދީ، އޭގައި ގިނަގުނަ ފާއިދާތަކެއް ވާކަން ޤަބޫލުކޮށް، އެއަކީ ހުރިހާ ޙިއްސީ އަދި މަޢުނަވީ ބައްޔަކަށްވެސް ޝިފާއެއްކަމަށް ޤަބޫލުކުރާ ޙާލު އެއަށް ޙައްޤުގޮތުހައި އީމާންވާބައެކެވެ.

ރުޤުޔާ ޝަރުޢިއްޔާ އަކީ މަޝްރޫޢުވެގެންވާ ކަމެއްކަމާއިމެދު އައިސްފައިވާ ދަލީލުތައް ޤުރުއާންއާއި ނަބަވީ އިރުޝާދުތަކުގައި ވަރަށް ގިނައެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. { قُلْ هُوَ لِلَّذِينَ آمَنُوا هُدًى وَشِفَاءٌ }. [فصلت:44] މާނައީ:" ކަލޭގެފާނު ވިދާޅުވާށެވެ! އެފޮތަކީ އީމާންވިމީހުންނަށްވާ ތެދުމަގެކެވެ. އަދި ޝިފާއެއްވެސް މެއެވެ."

ރުޤުޔާގެ އަހުލުވެރިންގެ އަރިހުގައި ހުއްދަވެގެންވާ ރުޤުޔާގެ މަފްހޫމަކީ ވަރަށް ފުޅާ އަދި ތަނަވަސްވެގެންވާ އެއްޗެކެވެ. އެބޭކަލުންގެ އަރިހުގައި ޝަރުޢު ވެގެންވަނީ ލާބަޔާއި މަންފާކޮށްދޭ ކޮންމެ ރުޤުޔާއަށް ޢަމަލުކުރުމެވެ. އޭގެތެރެއިން ބައެއް ބޭބޭކަލުން ރުޤުޔާއަށް ކިޔެވުމުގައި ހަމައެކަނި ފާތިޙާ ސޫރަތުން ފުއްދަވާލައްވައެވެ. ނުވަތަ ފާތިޙާ ސޫރަތާއި ފަލަޤު ނާސި ދެސޫރަތުން ފުއްދަވާލައްވައެވެ. ނުވަތަ ހަމައެކަނި އާޔަތެއްގެ މައްޗަށް ފުއްދަވާލައްވައެވެ. އެއީ މިސާލަކަށް އާޔަތުލް ކުރުސީގެ މައްޗަށެވެ. ނުވަތަ ބައެއްމީހުން ސާފުޠާހިރުގެ ފެނަށް ކިޔަވައެވެ. ނުވަތަ މާމުޔަށް ކިޔަވައެވެ. މިހުރިހާ އެންމެންވެސް މިފަދައިން ގެންނަނީ ރުޤުޔާ ކިޔެވޭމީހާގެ ޙާލަތަށް ރިޔާޔަތްކޮށެވެ. އަދި އެންމެންވެސް ޢިޢުތިމާދުވާނީ ރަސޫލު ﷲ ޞައްލަ ﷲ ޢަލަހިވަސައްލަމްގެ މިޙަދީޘްފުޅުތަކުގެ މައްޗަށެވެ. { اعْرِضُوا عَلَيَّ رُقَاكُمْ ، لَا بَأْسَ بِالرُّقَى مَا لَمْ يَكُنْ شِركاً }. رواه مسلم. މާނައީ: "ތިޔަބައިމީހުންގެ ރުޤްޔާތައް ތިމަންކަލޭގެފާނަށް ތިޔަބައިމީހުން ހުށަހަޅާށެވެ. ޝިރުކެއްކަމުގައިނުވާ ރުޤްޔާ ކިޔެވުމުގައި މައްސަލައެއް ނެތެވެ."

އިސްވެބަޔާންވެދިޔާ ޙަދީޘްފުޅާއި އަދިވެސް އެހެން ބައެއް ޙަދީޘްފުޅުތަކުގެ މައްޗަށް ބުރަވެވަޑައިގެން މިއުއްމަތުގެ އިސްވެގޮސްފައިވާ ޢިލްމުވެރިންގެ ޢަމަލުފުޅުތަކަށް ބަލާލިނަމަވެސް އެބޭކަލުންގެ ޢަމަލުފުޅުތަކުންވަނީ ރުޤުޔާ ޚާއްޞަ، ވާރިދުވެގެންވާ އާޔަތްތައް ނޫން އެހެން އާޔަތްތަކުންވެސް ރުޤުޔާ އަށް ކިޔެވިދާނެކަން ސާބިތުވެގެންވެއެވެ. އެގޮތުން އިބުނު ޤައްޔިމް ރަޙިމަހު ﷲ އައްޠިއްބުއް ނަބަވީގައި ގެންނަވާފައިވެއެވެ. އިމާމް އަޙްމަދު ރަޙިމަހު ﷲ މާބަނޑު އަންހެނާ ވިހެއުމުގައި ދަތިއުނދަގޫތަކެއް ކުރިމަތިވުމުން ހުދުކުލައިގެ ކަރުދާސްގަނޑެއްގައި (އެބަހީ ސާފުއެއްޗެއްގައި) އިބުނު ޢައްބާސް ރަޟިޔަ ﷲ ޢަންހުގެ އަންނަނިވި މިޙަދީޘް ލިޔުއްވައި އުޅުއްވަތެވެ. { لا إِلَهَ إِلا اللَّهُ الْحَلِيمُ الْكَرِيمُ , سُبْحَانَ اللهِ وتَبَارَكَ اللهُ رَبُّ الْعَرْشِ الْعَظِيمِ ، الْحَمْدُ للهِ رَبِّ الْعَالَمينَ }. بخاري ومسلم. ދެން އެއަށްފަހު އަންނަނިވި އާޔަތްތައް ލިޔުއްވިއެވެ. { كَأَنَّهُمْ يَوْمَ يَرَوْنَ مَا يُوعَدُونَ لَمْ يَلْبَثُوا إِلا سَاعَةً مِنْ نَهَارٍ بَلاغٌ }. [الأحقاف:35]. { كَأَنَّهُمْ يَوْمَ يَرَوْنَهَا لَمْ يَلْبَثُوا إِلاَّ عَشِيَّةً أَوْ ضُحَاهَا }. [النازعات/46].

 

 


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި