Noorul-islam.NET :: އިސްލާމީ ޝަރީޢަތާ ޚިލާފަށް ދިވެހި ދިދައިގެ ދަށުގައި އެއްވެސް ޢަމަލެއް ހިންގުމުގެ ފުރުޞަތު ލިބިގެން ނުވޭ

އިސްލާމީ ޝަރީޢަތާ ޚިލާފަށް ދިވެހި ދިދައިގެ ދަށުގައި އެއްވެސް ޢަމަލެއް ހިންގުމުގެ ފުރުޞަތު ލިބިގެން ނުވޭ
Category »  މުޝްރިފްގެ ޤަލަމުން

ތާރީޚް: 28 ނޮވެމްބަރ 2011

ލިޔުއްވީ : ފަޟީލަތުއްޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދު (ނޫރުލްއިސްލާމްގެ މުޝްރިފް)

 

الحمد لله رب العالمين، والعاقبة للمتقين، ولا عدوان إلاّ على الظالمين، قال تعالى: ﴿ يُرِيدُونَ لِيُطْفِئُوا نُورَ اللَّـهِ بِأَفْوَاهِهِمْ وَاللَّـهُ مُتِمُّ نُورِهِ وَلَوْ كَرِهَ الْكَافِرُونَ ، والصلاة والسلام على نبينا محمدٍ وعلى آله الطيبين الطاهرين، وصحابته المبجلين، ومن تبعهم بإحسان إلى يوم الدين، وبعد:

ފަލަޞްޠީނުގެ އެތަށް މިލިޔަން މުސްލިމުން ބަނޑަށް ޖައްސައި، މަރައި، އަންހެނުންނާއި ކުޑަކުދީން ޙާލުގައި ޖައްސައި، އެތައް ހާސް ރައްޔިތުން އިޒްރޭލްގެ އަނިޔާގެ ޖަލުތަކުގައި ހޭދަކުރަމުންދާއިރު، އދގެ އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހަށް ކުރެވިފައިވާ އެއްވެސް ކަމެއްނުވެއެވެ.

ފުރާތު ކޯރު ލެޔަށް ބަދަލުކޮށް.، ބައިނަލްއަޤުވާމީ މުޢާހަދާތަކާ ޚިލާފަށް އެޤައުމަށް އަރައި މަރާލި އެތައް މިލިޔަން މުސްލިމު ލޮބުވެތި ރައްޔިތުންނާއި ކުޑަކުދީންނާއި އަންހެނުންގެ ޙައްޤުތަކާމެދު ވާހަކަ ދައްކާލާނެ ހަމަ އެކަކުވެސް ނުވަނީބާވައެވެ؟

ޓެރަރިޒަމް ނައްތާލުމުގެ ނަމުގައި އިސްލާމީ ޤައުމުތަކުގައި ހިންގަމުންދާ ޖަރީމާތަކަށް ޒިންމާވާނީ ފަހެ ކާކުހެއްޔެވެ؟ މިކަންކަން މިހެން ހުރި ހިނދު، އދގެ އިންސާނީ ޙައްޤުތަކާ ބެހޭ ސަފީރު ދިވެހި އިސްލާމީ ދައުލަތުގެ ދިދައިގެ ދަށުގައި އިސްލާމްދީނަށް ފުރައްސާރަކޮށް ﷲގެ މަތިވެރި ޙުކުމްފުޅު އުވާލަން ގޮވައި އޭނާގެ ކޮށި، ވިސްނުން ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި ފާޅުކުރަމުން ދިޔައިރު ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އެންމެހާ މެންބަރުން ތިއްބެވީ ނިޒާމީ ނުކުތާ ނަންގަވަން ކެރިވަޑައިނުގެން، ކޮންފަދަ މަޖުބޫރީ ޙާލަތެއްގައިބާވައެވެ؟

ދިވެހި ސަރުކާރުން ދަޢުވަތު ދީގެން މީނާ ދިވެހިރާއްޖެ ގެނައީ ވަރަށް ނުބައިވެގެންވާ ޙީލަތްތެރި ރޭވުމެއްގެ ދަށުންކަން ކަށަވަރެވެ. މިކަން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރަމެވެ. އަދި މިފަދަ ދަށުދަރަޖައިގެ ޢަމަލެއް ހިންގުމަށް ދިވެހި ދައުލަތުގެ ޤަދަރު އުފުލިގެންވާ ޢިއްޒަތްތެރި ޤާނޫނު ހަދާ މަޖިލީހުގައި ފުރުޞަތު ދެއްވިކަމީ ދިވެހި އުންމަތުގެ މޫނުގައި ޖެހި ތަފާލެއްކަމުގައި ނޫނީ ނުދެކެމެވެ.

ޑިޕްލޮމޭޓެއް ގޮތަށް އައިސްފައިވާ މީހެއްގެ ގޮތުން އައިސް ހުރި މީހަކު، އޭނާ ވަދެ ހުރި ޤައުމުގެ ޤާނޫނު އަސާސީ ޤަބޫލްނުކުރާ ކަމަށް ބުނުމަކީ ހަމަ ބުއްދި ހުރި މީހަކު ކުރާނޭ ކަމެއްނޫނެވެ. އދ. ޗާޓަރުގައިވާ ގޮތުން ޤައުމުގެ ތަކުގެ ޘަޤާފަތާއި ދީނާއި މިކަންކަމަކީ މިއީ އދ އިން ވަންނަ ކަންކަމެއްނޫނެވެ. އެހެންކަމުން ކަންކަމުގައި ރިޒަވޭޝަން ހެދުމުގެ ޙައްޤު ޤައުމުތަކަށް ލިބިދީފައިވެއެވެ. މީނާގެ އެންމެހާ ވާހަކަތަކެއްގައިވަނީ އދގެ އުޞޫލުތަކާ ޚިލާފުވެފައެވެ.

އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާ ޙައްދުތަކަކީ އެއްވެސް ގޮތަކުން ބަދަލުކުރެވޭނޭ އެއްޗެއްނޫނެވެ. އަދި އެއާމެދު ބަހުސްކުރުމުގެ އެއްވެސް ޖާގައެއް ނޯންނާނެއެވެ. އިސްލާމީ ޝަރީޢަތުގައިވާ ޙައްދުތަކަކީ ޤަޠުޢީ ޙުކުމްފުޅުތަކެކެވެ. އެއަށް ޢަމަލުކުރުން ލާޒިމްވެގެންވާ ﷲގެ ޢަދުލުވެރި މަތިވެރި ޙިކުމަތްތެރި ޙުކުމްފުޅުތަކެވެ. އެއާމެދު އިތުރަށް ބަހުސްކުރެވޭނޭ އެއްވެސްޖާގައެއް އެއްވެސް ބަޔަކަށް ލިބިގެނެއްނުވެއެވެ.

ކުރީން ދެންނެވި ފަދައިން، ޤައުމުތަކުގެ ދާޚިލީ ސަޤާފަތްތަކުގެ ތެރެއަށް ބޭނިގަތުމަކީ އދ. ޗާޓަރާ ޚިލާފުކަމަކަށްވާ ހިނދު، އ.ދގެ މިފަދަ އިސްމީހަކު، ރާއްޖެ ފަދަ އިސްލާމީ ޤައުމަކަށް އައިސް ރާއްޖޭގެ ޤާނޫނު އަސާސީއާއި، އެންމެހާ ޤާނޫނުތަކާއި އާދަކާދަތަކާއި ޘަޤާފަތްތަކާއި ފުށުއަރާ ގޮތަށް ވާހަކަދެއްކުމަކީ، ޤަބޫލުކުރެވޭނޭ ކަމެއްނޫނެވެ. އަދި މިފަދަ ކަންކަން ތަކުރާރުވަމުން ދާނަމަ އދ. އާމެދު ރާއްޖޭގެ ރައްޔިތުން ކުރަމުން އަންނަ އިޙްތިރާމާއި ޤަދަރަށް އުނިކަން އައުމަކީ ދުރުގައިވާ ކަމެއްނޫނެވެ.

އިސްލާމްދީނުގެ އަޞްލުތަކާ ޚިލާފަށް ދިވެހިރާއްޖޭގައި ޚިޔާލުފާޅުކުރުމަކީ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 27 ވަނަ މާއްދާއާއި ފުށުއަރާ ކަމެކެވެ. އަދި އިސްލާމްދީނުގެ އަޞްލުތަކަށް ޤާނޫނު އަސާސީގައި ފުރިހަމަ ޤަދަރާއި ޙިމާޔަތާއި އިޙްތިރާމް ދީފައިވާކަން ބޭރުގެ ފަރާތްތަކާއި މެހުމާނުން ދެނެވަޑައިގަތުން މުހިންމެވެ.

އަދި މިފުރުޞަތުގައި، އިސްލާމްދީނާއި ޤާނޫނު އަސާސީއާއި ފުށުއަރާ ގޮތަށް ވާހަކަ ދައްކާ އެންމެހާ ފަރާތްތަކާ ކެރިގެން ޘާބިތުކަމާއެކު މުޢާމަލާތުކުރުމަށާއި ދިވެހިޤައުމުގެ މަޞީރު އިސްލާމްދީނުގެ ތަރަހައިގެ ތެރެއިން ބޭރުވެގެން ދިއުމުގެ ފުރުޞަތު ނުދެއްވުމަށް ރައްޔިތުންގެ އަރިހުން އެދެމެވެ. އަދި މިފަދަ ކަންކަމާ ކުރިމަތިލުމުގައި ބުއްދިވެރިކަން އިސްކޮށް، ޙިކުމަތާ ވިސްނުންތެރިކަމާއެކު މަސައްކަތްކުރުމަށް ވެސް ގޮވާލަމެވެ. އަދި އަނިޔާވެރިކަމަށް ޖާގަ ދިނުމެއްނެތި، އިސްލާމްދީނާއި ޤާނޫނު އަސާސީއިން ރައްޔިތުންނަށް ލިބިދީފައިވާ އެންމެހާ ޙައްޤުތަކާއި ބާރުތަކުގެ ބޭނުން ހެޔޮގޮތުގައި ހިފައި ޢަލްމާނީ ސެކިއުލަރ މަޝްރޫޢުތައް ފެއިލްކޮށްލުމުގައި އެންމެހާ ދިވެހިރައްޔިތުން ގުޅިގެން އެކުވެރިކަމާއެކު މަސައްކަތްކުރުމަށް ވެސް އިލްތިމާސްކުރަމެވެ.

އަދި، މުނާސިބު ދަނޑިވަޅުގައި ރާއްޖޭގެ ވެރިކަން ހިންގުމުގެ ތިންބާރުން ދެބާރު މި ޖަރީމާގައި ބައިވެރިވި ހިނދު، ސްޕްރީމް ކޯޓުން އިސްލާމްދީނުގެ ދިފާޢުގައި ވަކާލާތުކުރައްވައި ބަސްފުޅު އިއްވި ކަމީ ކޯޓުގެ ހައިބަތާއި މަތިވެރިކަމާއެކު، އަޅުގަނޑުމެންގެ ހިތްތަކަށް ލިބިގެން ދިޔަ އުފާވެރިކަމެއްކަމުގައި ދަންނަވަމެވެ. އަދި ސްޕްރީމް ކޯޓްގެ ޙައްޤުގައި އަބަދުވެސް އަޅުގަނޑު މިކަން ހަނދާންކުރާނެ ވާހަކަ ދަންނަވައި ޝުކުރު އަދާކުރަމެވެ. އަދި ދިވެހިރާއްޖޭގެ އިންސާނީ ޙައްޤުތަކާބެހޭ ކޮމިޝަންވެސް މިކަމުގައި ސުކޫތުވުމަކީ ސުވާލު އުފެދޭ ކަމެއްކަން ވެސް ފާހަނގަކުރަމެވެ. އަދި، ރައްޔިތުންގެ މަޖިލީހުގައި ހިންގާފައިވާ މި ޖަރީމާއާ ގުޅިގެން ރައްޔިތުން މަޖިލީހުގެ ރައީސާއި، ރައީސުލްޖުމްހޫރިއްޔާ ދިވެހިރައްޔިތުންގެ ކިބައިން މަޢާފަށް އެދިވަޑައިގަތުމަށް ވެސް ގޮވާލަމެވެ.

އަބަދުވެސް ދިވެހި އުންމަތަށް ފާގަތިކަމާއި ބާއްޖަވެރިކަމަށް އެދެމެވެ.

وصلى الله على نبينا محمد وعلى آله وأصحابه أجمعين.

والحمد لله رب العالمين.

2 މުޙައްރަމް 1433

27 ނޮވެމްބަރ 2011

 

 

محمد شهيم علي سعيد

نور الإسلامގެ މުޝްރިފް

 

 



 

 
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ހެނދުނާއި ހަވީރުގެ ޛިކުރުތައް
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
މަންމަން ފަޞާޙާތްތެރިޔާ
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
ވަގުތު ފާއިތުވުމުގެ ކުރިން...
ފާޅުގައި ފާފަ ކުރުމުގެ ނުބައިކަން
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި