Noorul-islam.NET :: އޯލެވެލް ނަތީޖާއަށް އިންތިޒާރު ކުރަމުން ދާ ދަރިވަރުންނަށް ...
އޯލެވެލް ނަތީޖާއަށް އިންތިޒާރު ކުރަމުން ދާ ދަރިވަރުންނަށް ...
Category »  އެޑިޓޯރިއަލް

ތާރީޚް: 21 ޖެނުއަރީ 2015

ލިޔުއްވީ : މުޙައްމަދު އަނީލް (ނޫރުލްއިސްލާމްގެ އެޑިޓަރ)

މިދުވަސްކޮޅަކީ ފާއިތުވި އަހަރުގެ ފަހުކޮޅުގައި ބޭއްވުނު އޯލެވެލް އިމްތިހާނާއި އެސްއެސްސީ އިމްތިހާނުގެ ނަތީޖާއަށް އިންތިޒާރުގައި ތިބި ދަރިވަރުންގެ ހިތްތައް އަތްމައްޗަށް ލައިގެން ހަމަ ނިދި ނުނިދިފައި ތިބި ދުވަސްކޮޅެކެވެ. އެއީ އެކަން ވާނެ ގޮތް ވެސް މެއެވެ. އެތައް ރެއެއްގެ ފޮނި މީރު ނިދި ނަގާލާފައި ކުރި މަސައްކަތުގެ ނަތީޖާ ފާޅުކުރެވޭ ދުވަހެވެ.

ނަތީޖާގެ އިންތިޒާރީ ވަގުތުގައި ދިވެހި ލޮބުވެތި ދަރިވަރުންނަށް ކުޑަކުޑަ ނަސޭހަތުގެ ބަހެއް ބުނެލަން ގަސްތު ކުރީމެވެ. އެއީ އަމިއްލަ ނަފްސަށާއި އެދަރިވަރުންނަށް އެއިން ފައިދާއެއް ލިބިގަނެވޭނެކަމުގެ އުއްމީދާއި ދުޢާއަށްފަހުގައެވެ.

ކޮއްކޮމެންނޭވެ! މިއަދުގެ ނަތީޖާ ލިބޭ ވަގުތު ދަރިވަރުން ދެ ބަޔަކަށް ބެހިގެންދާނެއެވެ.

 

ފާސްވާކުދިން

ފުރަތަމަ ބަޔަކީ އެބައިމީހުންގެ ނަތީޖާ ގަނޑުތައް ހިފައިގެން މައިންބަފައިންނާއި ޓީޗަރުންނާއި ސްކޫލްގެ ވެރިންނާއި ރަޙްމަތްތެރިންނާއި ގާތްތިމާގެ މީހުންކައިރިއަށް ވަކިވަކިން އުފަލުން ފޮޅިފައިވާ ޙާލު ދާނެ ބައެކެވެ. އެބައިމީހުން ގޮސް ބުނާނެއެވެ. އޭ ބަލާބަލާށެވެ! މިއީ އަހަރެންގެ ނަތީޖާ ޝީޓެވެ. އަހަރެން ހުރިހާ އެއްޗަކުން ފާސްވިއެވެ. އެންމެ މަތިން ފާސްވިއެވެ. މިއަދުގެ މިނަތީޖާ ޝީޓް ލިބޭނެކަން އަހަންނަށް އެނގޭތީ އަހަރެން އިމްތިޙާނަށް ތައްޔާރުވުމުގައި އަހަރެންގެ ހުރިހާ ވަގުތެއް ނަގާލީމެވެ. އަހަރެން މަސައްކަތް ކުރީ މިއަދު މިނަތީޖާ ނެރުމަށްޓަކައެވެ.

ދުނިޔޭގެ ޢަމަލުތައް ފުރިހަމަ ކުރުމަށްފަހު ޤިޔާމަތް ދުވަހުން ﷲ ސުބްޙާނަހޫ ވަތަޢާލާ ހިސާބު ބައްލަވައި ޢަމަލުގެ ފަތް ޙަވާލުކުރައްވާ ވަގުތު، އެމީހެއްގެ ފަތް ކަނާތަށް ލިބޭ މީހުން ފަދައިންނެވެ. އެބައިމީހުންނަކީ ދުނިޔޭގައި  އުޅުނު އިރު ﷲގެ އަމުރުފުޅުތަކަށް ފުރިހަމައަށް ކިޔަމަން ވީ މީހުންނެވެ. އެއީ ނަމާދު އޭގެ ވަގުތުގައި އަދާކުރި މީހުންނެވެ. އެއީ ﷲ އާއި އެއިލާހުގެ ރަސޫލާއަށް ތަބާވީ މީހުންނެވެ. އެމީހުން އެދުވަހުން އުފަލުން ބުނާނެއެވެ. ކީރިތި ޤުރްއާނުގެ އަލްޙާއްޤާ ސޫރަތުގައި ﷲ ވަޙީ ކުރައްވާފައިވާ ފަދައިންނެވެ. (فَأَمَّا مَنْ أُوتِيَ كِتَابَهُ بِيَمِينِهِ فَيَقُولُ هَاؤُمُ اقْرَءُوا كِتَابِيَهْ (19) إِنِّي ظَنَنْتُ أَنِّي مُلَاقٍ حِسَابِيَهْ (20)) މާނައީ؛ އެމީހެއްގެ ޢަމަލުގެފަތް އެމީހެއްގެ ކަނާތަށް ލިބިއްޖެމީހާ، ފަހެ އެމީހާ ބުނާނެއެވެ. ނިކަން ތިމަންގެ ފަތް ކިޔާބަލާށެވެ. ހަމަކަށަވަރުން ތިމަންނަގެ މި ޙިސާބާއި ބައްދަލުކުރަން ޖެހޭނެކަމުގެ ޔަޤީންކަން ތިމަންނައަށް އޮތެވެ.

އެދުވަހުން އޭނާ ވާނެ އުފާ މިއަދު ފުރިހަމަ ނަތީޖާ ހޯދާ ދަރިވަރަށް ތަޞައްވަރެއް ނުކުރެވޭނެއެވެ. އެހެންނަމަވެސް މިއަދު ރަނގަޅު ނަތީޖާގެ ވެރިޔާ އެކުރަމުންދަނީ އެފަދަ އުފަލެކެވެ. އެހެނީ ކާމިޔާބުގެ އަހުލުވެރިޔަކަށް އޭނާ ވެގެން ދިޔައީއެވެ. މިއަދު ތިޔަ ހޯދި ނަތީޖާއަކީ ދުނިޔޭގެ ވަގުތީ ދިރިއުޅުމުގައި ހެދި އިމްތިޙާނެއްގެ ނަތީޖާއެވެ. މިފަހަރު ފާސްނުވިނަމަ އަދި ކުރިއަށްއޮތް އިމްތިޙާނުގައިވެސް ބައިވެރި ވެވިދާނެއެވެ. އެއިން ފާސް ނުވެއްޖެނަމަ އެއިގެ ފަހުގެ އިމްތިޙާނުގައިވެސް ބައިވެރިވެވިދާނެއެވެ.

ތިޔަކާމިޔާބު ލިބުމުން އެންމެފުރަތަމަ ޙަމްދާއި ޝުކުރު ކުރަންވީ ގަދަކީރިތިވަންތަ ﷲ ސުބްޙާނަހޫ ވަތަޢާލާއަށެވެ. ސަބަބަކީ ތިޔަ ކާމިޔާބަކީ އެއިލާހުގެ ޙަޟްރަތުން އެއިލާހު ދެއްވި ތައުފީޤްގެ ސަބަބުން ލިބުނު ކާމިޔާބެކެވެ. ތިޔަ ކާމިޔާބު ދެއްވިކަމަށްޓަކައި އެއިލާހަށް ޝުކުރުކޮށްފިނަމަ، ތިޔަފަދަ އެތައް ކާމިޔާބެއް އެއިލާހު ދެއްވާނެއެވެ. އެއިލާހުގެ ކީރިތި ޤުރްއާނުގެ އިބްރާހީމް ސޫރަތުގައި ވަޙީގެ ބަސްފުޅުގައި ވާފަދައިންނެވެ. لَئِنْ شَكَرْتُمْ لَأَزِيدَنَّكُمْ وَلَئِنْ كَفَرْتُمْ إِنَّ عَذَابِي لَشَدِيدٌ (7) މާނައީ؛ ތިޔަބައިމީހުން (ތިޔަބައިމީހުންނަށް ތިމަންﷲ ދެއްވާ ނިޢުމަތްތަކަށް ޙައްޤުގޮތުގައި) ޝުކުރުވެރިވާނަމަ، ހަމަކަށަވަރުން ތިޔަބައިމީހުންނަށް ތިމަންއިލާހު (އެ ނިޢުމަތްތައް) އިތުރުކޮށްދެއްވާ ހުށީމެވެ. އަދި ތިޔަބައިމީހުން (ތިމަންއިލާހުގެ ނިޢުމަތްތަކަށް ޝުކުރުވެރިނުވެ، އެ ނިޢުމަތްތަކަށް) ކުފުރުވެރިވެއްޖެނަމަ، ހަމަކަށަވަރުން ތިމަންﷲގެ ޢަޛާބަކީ ގަދަފަދަވެގެންވާ އެއްޗެކެވެ.

އެއަށްފަހު މައިންބަފައިންނާއި ބެލެނިވެރިންނަށް ޝުކުރު އަދާކުރާށެވެ. އެބައިމީހުން ގިނަގުނަ އުއްމީދާއެކު ކޮއްކޮއަށް ކިޔަވައިދިނުމުގައި ބުރަތައް އުފުލިއެވެ. އެބައިމީހުން ކޮއްކޮއަށްޓަކައި ކޮށްދިން ކަންތައްތަކުގެ ބަދަލު އޭގެ ފުރިހަމަގޮތުގައި ކޮއްކޮއަކަށް ނުދެވޭނެއެވެ. އެހެނީ އެބައިމީހުން އަހަރެމެންނަށްޓަކައި އުފުލި ބުރައިގެ ބަދަލުގައި ދުނިޔޭގައިވާހާ އެއްޗެއް ހޯދައިދިނަސް އެއީ މަދުއެއްޗެކެވެ. އެހެންކަމުން އެދެމީހުންނަށް ހެޔޮކޮށްހިތާށެވެ. އެބައިމީހުންގެ ކުރިމަތީގައި ހަރުއަޑުން ވާހަކަ ނުދައްކާށެވެ. އެބައިމީހުންގެ ހިތުގައި ނުޖައްސާށެވެ. ކޮއްކޮއަށް އޯލެވެލްއިން މަތީ ފާހެއް ލިބުނަސް ކޮއްކޮގެ މައިންބަފައިންނަކީ ހަމަ އެމީހުންނެވެ. މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ އިސްލާމްދީނުގައި ﷲ ވާޖިބުކުރައްވާފައިވާ ކަމެކެވެ. އެއީ ނަމާދު ކުރުން ވާޖިބުވެގެންވާ ފަދައިންނެވެ.

އެއަށްފަހު ކޮއްކޮއަށް ތިޔަ ނަތީޖާ ހޯއްދަވައި ދެއްވުމުގައި ސްކޫލްގެ ޓީޗަރުން ކޮށްދެއްވި ބުރަ މަސައްކަތަށްޓަކައި އެބައިމީހުންނަށް ޝުކުރު އަދާކުރާށެވެ. ސްކޫލްގައި ކޮންމެ ދުވަހަކު ކޮއްކޮމެންނަށް ކިޔަވައިދެއްވުމުގައި އެބައިމީހުންގެ ގިނަގުނަ ވަގުތު ނަގާލިއެވެ. އެބައިމީހުންނަށް ޝުކުރު އަދާކުރާށެވެ. އަދި ސްކޫލްގެ މެނޭޖްމަންޓަށްވެސް ޝުކުރު އަދާކުރާށެވެ. ކޮއްކޮގެ ތިޔަކާމިޔާބީގެ ފަހަތުގައިވާ އެމީހުންގެ އެހީތެރިކަމުގެ އަތްވެސް ކުޑައެއް ނޫނެވެ. އެމީހުންނަށް ޝުކުރު ކުރާށެވެ. އަދި ދަންނާށެވެ! މީސްތަކުންނަށް ޝުކުރުއަދާ ނުކުރާ މީހާއަކީ ﷲ އަށް ޝުކުރުނުކުރާ މީހެއްކަމުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްވަނީ ބަޔާންކޮށްދެއްވާފައެވެ.

ކޮއްކޯއެވެ! ކާމިޔާބުގެ ވަގުތުގައި ހިތްތިރި ކުރާށެވެ! ބޮޑާވެ ނުގަންނާށެވެ! އަހަރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް މައްކާ ފަތަޙަ ކުރައްވައި އެރަށަށް އަރާވަޑައިގެންނެވިއިރު އަރާވަޑައިގެންނެވީ އިސްދަށަށް ޖައްސަވައިގެން، މަޑުމައިތިރިކަމާއި މަޑުމޮޅިކަމާއި ތަވާޟުޢުވެރިކަމާއެކުގައެވެ. ބޮޑާކަމާއެކުގައެއް ނޫނެވެ. ކާމިޔާބުގެ މިވަގުތުގައި މި ނަމޫނާގައި ހިފާށެވެ. ކިބުރުވެރި ނުވާށެވެ! ހަމަކަށަވަރުން އެމީހެއްގެ ހިތުގައި ކިބުރުވެރިކަމުގެ ޛައްރެއްގެ މިންވަރު ވާމީހާ އަށް ސުވަރުގެއަކަށް ނުވަދެވޭނެއެވެ.

ކޮއްކޯއެވެ! ﷲގެ ރަޙްމަތުން ކޮއްކޮއަށް ރަނގަޅު ނަތީޖާއެއް ލިބިއްޖެއެވެ. އެހެންކަމުން ތިޔަފަދަ ނަތީޖާއެއް ނުލިބުނު އެކުވެރިންނަށް މަލާމާތް ނުކުރާށެވެ. އެފަދަ މަލާމާތެއްގެ ސަބަބުން އެއިން އެކުވެރިއެއްގެ ހިތުގައި ޖެހި ކޮއްކޮގެ މައްޗަށް ބަދުދުޢާއެއް ކޮށްފިނަމަ، ކޮއްކޮގެ ކުރިމަގު ބަނަވެގެން ދިޔުމަކީ ވުން އެކަށީގެންވާ ކަމެކެވެ.

 

ފާސްނުވާކުދިން

 ކޮއްކޯއެވެ! ނަތީޖާގެ ދުވަހުގައި ދެވަނަ ބަޔަކީ ފާސް ނުވި ދަރިވަރުންނެވެ. އެދަރިވަރުން ނަތީޖާ ބަލައި ނާންނަން ވަރަށް މަސައްކަތް ކުރާނެއެވެ. ނުވަތަ އަންނާނީވެސް މީހުން އެންމެ މަދުވާ ގަޑި ބަލާފައެވެ. ސަބަބަކީ ތިމާގެ ނަތީޖާ އެހެންމީހަކަށް ފެނިދާނެތީއެވެ. ނަތީޖާ ޝީޓް އަތަށްއެރުމާއެކު ހިތް ރޮއެގަނެއެވެ. ބައެއް ދަރިވަރުންނަށް ގަދަކަމުން ލޮލުން ކަރުނަ ހިފެހެއްޓުނު ކަމުގައިވިޔަސް ގިނަ ދަރިވަރުން ކަރުނައަޅައި ރޯނެއެވެ. އަމިއްލަ ނަފްސަށް މަލާމާތް ކުރާނެއެވެ. އެއްވެސް މީހަކަށް އެ ނަތީޖާ ނުދައްކައި އަވަސްއަވަހަށް ސިއްރުސިއްރުން ފިލައިގެން ދާނެއެވެ. އެހެންނަމަވެސް ކިޔެވުމުގެ ދުވަސްވަރުގައި އޭނާ ވީ ކިޔެވުމަށް މަކަރުހަދައި ސްކޫލްތެރޭގައި ސަކަރާތްޖަހާ އުޅުނު ކުއްޖަކަށެވެ. ސްކޫލްތެރޭގައި މަޖާނަގައި އުފާކޮށްލަން އުޅުނު ކުއްޖަކަށެވެ. މިއަދުގެ ނަތީޖާ ލިބޭނެކަމުގެ ޔަޤީންކަން ނެތް ފަދައިން އުޅުނެވެ.

އެއީ ދުނިޔޭގެ ޢަމަލުތަކަށްފަހު ޤިޔާމަތްދުވަހުން ޙިސާބު ބެއްލެވި، އޭނާގެ ޢަމަލުގެފަތް އޭނާގެ ފުރަގަހުން އޭނާގެ ވާތަށް ދެވޭ މީހާގެ ޙާލަކީވެސް މިފަދަ ޙާލެކެވެ. (وَأَمَّا مَنْ أُوتِيَ كِتَابَهُ بِشِمَالِهِ فَيَقُولُ يَا لَيْتَنِي لَمْ أُوتَ كِتَابِيَهْ (25) وَلَمْ أَدْرِ مَا حِسَابِيَهْ (26) يَا ‎لَيْتَهَا كَانَتِ الْقَاضِيَةَ (27) مَا أَغْنَى عَنِّي مَالِيَهْ (28) هَلَكَ عَنِّي سُلْطَانِيَهْ (29)) މާނައީ؛ އަދި އެމީހެއްގެ ޢަމަލުގެފަތް އެމީހެއްގެ ވާތަށް ދެވިއްޖެމީހާ (ދަންނާށެވެ!) ފަހެ އެމީހާ ބުނާނެތެވެ. އޭ ސަހަރޯއެވެ. ތިމެންގެ މިފަތް ތިމަންނައަށް ނުދެއްވެވުނު ނަމަ ކިހާ ރަނގަޅުވީސް ހެއްޔެވެ؟ އަދި ތިމަންނަގެ ހިސާބު ތިމަންނައަށް ނޭނގުނުނަމަ ކޮންފަދަ ހެއްޔެވެ! އޭ ސަހަރޯއެވެ. ތިމަންނަގެ މަރު އެއީ ތިމަންނަގެ ނިމުންކަމުގައި ވީނަމަ ކޮންފަދަ ހެއްޔެވެ؟ ތިމަންގެ މުދާ ތިމަންނައަށް އެއްވެސް ކަމެއް ފުއްދައެއް ނުދިނެވެ. ތިމަންގެ އާރާއިބާރު ތިމަންގެ ކިބައިން ފިލައި ހިނގައްޖެއެވެ.

އެދުވަހުން ފާސް ނުވެ، ޢަމަލުގެ ފަތް އޭނާގެ ވާތަށް ދެއްވޭ މީހާ އަކީ ބޮޑުވެގެންވާ އަބާއްޖަވެރިއެވެ. އަދި ޙަޤީޤީ އަބާއްޖަވެރިކަމަކީ އެއީއެވެ. މިއަދުގެ ނަތީޖާގައި ދަށް ވަނަ ލިބުނު ނުވަތަ ފާސްނުވި ކޮއްކޮއަށް ބުނަމެވެ. ކޮއްކޯއެވެ! ތިޔައީ ދުނިޔޭގެ ކުޑަ އިމްތިޙާނެކެވެ. ފާސްނުވުމުން އަދި ކުރިއަށްއޮތް އިމްތިޙާނުގައިވެސް ބައިވެރި ވެވިދާނެއެވެ. އެއިން ފާސް ނުވެއްޖެނަމަ އެއިގެ ފަހުގެ އިމްތިޙާނުގައިވެސް ބައިވެރިވެވިދާނެއެވެ. މަސައްކަތް ކުރަންވީ ނާކާމިޔާބުވީ ސަބަބުތައް ހޯދައި، އެސަބަބުތައް ނައްތާލައި އަލުން އާ ޢަޒުމަކާއި އެކީ ދިރިއުޅުން ކުރިއަށް ގެންދިޔުމަށެވެ.

ކޮއްކޯއެވެ! ވިސްނާލާށެވެ. މި ދުނިޔެމަތީގެ ދިރިއުޅުމުގެ މިބޮޑު އިމްތިޙާނު ނިމި ﷲގެ ޙަޟްރަތުގައި ވާތުން އޭނާގެ ފަތް ލިބޭ މީހާ އަށް އެލިބެނީ ޙަޤީޤީ ނާކާމިޔާބެވެ. ސަބަބަކީ އެއީ އަލުން ރީސިޓް ހެދޭނެ އިމްތިޙާނެއް ނޫނެވެ. ނަމަވެސް މިއަދު ދުނިޔޭގެ، ރީސިޓް ހެދޭ އިމްތިޙާނެއްގެ ނަތީޖާއާމެދު ކޮއްކޮގެ ލޮލުން ތިޔައަންނަނީ ކަރުނައެވެ. އެހެންކަމުން ޤިޔާމަތްދުވަހުގެ ނަތީޖާއިން ފާސްވުމަށް މަސައްކަތް ކުރާށެވެ!

ކޮއްކޯއެވެ! ނާކާމިޔާބުވީ ތިމާގެ އިހުމާލުން ކަމުގައި ޤަބޫލުކުރާށެވެ! އަދި މިފަހަރު މިގޮތަށް ކަންތައް ވެގެން ދިޔުމުން، ﷲއަށް ވަކީލުކުރާށެވެ. ފަހެ ހަމަކަށަވަރުން ﷲ އަށް ވަކީލުކުރާމީހާއަށް އެއިލާހު ފުދިވޮޑިގެންވެއެވެ.

ކޮއްކޯއެވެ! ނުބައި ބަހެއް ނުބުނާށެވެ! ހުތުރު ބަހެއް ދުލުން ބޭރު ނުކުރާށެވެ! ހިތާމައެކެވެ. ލޮލުން ކަރުނަ އަންނާނެއެވެ. އެހެންނަމަވެސް އަތްފައިންނާއި ދުލުން ގޯހެއް ނަހަދާށެވެ!

ކޮއްކޯއެވެ! މި އިމްތިޙާނުން ފާސް ނުވުމަކީ ދިރިއުޅުން ހުއްޓޭނެ ކަމެއް ނޫނެވެ. އަދި އަލުން އާ ހިތްވަރަކާއެކު ކުރިއަށް ދާށެވެ. އަދި ޤަބޫލުކުރާށެވެ! މި އިމްތިޙާނުން ތިމަންނައަށް ފާސް ނުވެވުނީ އެއީ ތިމަންނައަށްޓަކައި އެންމެ ރަނގަޅު ގޮތް ކަމުގައި ވީތީވެއެވެ. ސަބަބަކީ މުއުމިނުންގެ ހުރިހާ ކަމެއް އެއީ އޭނާއަށްޓަކައި ހެވެއްކަމުގައިނޫނީ ނުވެއެވެ. އޭނާއަށް އުފަލެއް ލިބިއްޖެނަމަ އޭނާ ﷲ އަށް ޙަމްދު ކުރެއެވެ. އަދި ހިތާމައެއް ލިބިއްޖެނަމަ އޭނާ ﷲ އަށް ވަކީލު ކުރެއެވެ.

ކޮއްކޯއެވެ! ހަނދާންކުރާށެވެ! އިމްތިޙާނުން ފާސްނުވީތީވެ، ނުވަތަ އެހެން އެއްވެސް ސަބަބަކާހުރެ އަމިއްލަ ނަފްސު ހަލާކުގެ ތެރެއަށް އެއްލާނުލާށެވެ! އަމިއްލައަށް މަރުވުންފަދަ ޙަރާމް ކަންތައްތަކުން ދުރުހެލިވެ ރައްކާތެރިވާށެވެ. ދަންނާށެވެ. އަމިއްލަ އަށް މަރުވުމަކީ ކަނޑައެޅިގެން ބޮޑު ފާފައެކެވެ. އެފާފައިން ތައުބާވާނެ ވަގުތެއްވެސް ނުލިބި އަމިއްލައަށް އަމިއްލަ ނަފްސު ހަލާކުކޮށްލަނީއެވެ. ކީރިތި ޤުރްއާނުގެ އައްނިސާ ސޫރަތުގައި ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَلَا تَقْتُلُوا أَنْفُسَكُمْ إِنَّ اللَّهَ كَانَ بِكُمْ رَحِيمًا (29) وَمَنْ يَفْعَلْ ذَلِكَ عُدْوَانًا وَظُلْمًا فَسَوْفَ نُصْلِيهِ نَارًا وَكَانَ ذَلِكَ عَلَى اللَّهِ يَسِيرًا (30)) މާނައީ: އަދި ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތައް ތިޔަބައިމީހުން ޤަތުލު ނުކުރާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންގެ މައްޗަށް ރަޙީމްވަންތަ އިލާހަކުކަމުގައި ﷲ ވޮޑިގެންވެއެވެ. އަދި ދެކޮޅުވެރިކަމާއި އަނިޔާވެރިކަމުގެ ގޮތުން އެކަންތައް ކުރާމީހާ (ދަންނާށެވެ!) ފަހެ ތިމަންﷲ އެމީހަކު ނަރަކައަށް ވައްދަވާ ހުށީމެވެ. އަދި އެކަންތައްއެއީ ﷲ އަށް ދާދި ފަސޭހަކަމެއް ކަމުގައި ވެއެވެ.

ކޮއްކޯއެވެ! ނާކާމިޔާބުގެ ވަގުތުގައި ކެތްތެރިވާށެވެ! ނަމާދާއި ކެތްތެރިކަމުން ވާގިހޯދާށެވެ! ﷲ އަށް ބިރުވެތިވެ އެއިލާހުގެ ޙަޟްރަތުގައި ދުޢާ ދަންނަވާށެވެ! ދެން އަންނަ އިމްތިޙާނުން ފުރިހަމަ ވަނައެއް ހޯދުމުގެ ޢަޒުމުގައި މަސައްކަތް ކުރާށެވެ! ﷲ ކޮއްކޮއަށް ކާމިޔާބު ދެއްވާށިއެވެ. އާމީން!

 

 

ނޯޓް: މި ލިޔުން އޯލެވެލް ހަދައި ނަތީޖާއަށް އިންތިޒާރުކުރާ ކުދިންނަށް، އީމެއިލް ނުވަތަ ހާޑްކޮޕީގެ ގޮތުގައި ފޯރުކޮށްދެއްވި ކޮންމެ ބޭފުޅަކަށް ﷲ ސުބްޙާނަހޫވަތަޢާލާ ރަޙްމަތްލައްވައި ފާގަތި ދިރިއުޅުއްވުމެއް ދެއްވެވުން އެދި އެއިލާހަށް ދުޢާ ދަންނަވަމެވެ.

މިއީ 29 ޖެނުއަރީ 2010 ގައި ނޫރުލްއިސްލާމް ވެބްސައިޓްގައި ޝާއިޢު ކުރެވުނު ލިޔުމެކެވެ.


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި