Noorul-islam.NET :: މުޖްތަމަޢުގެ މުތްތައް
މުޖްތަމަޢުގެ މުތްތައް
Category »  އުޚްތުން

ތާރީޚް: 10 ޑިސެމްބަރު 2014

ލިޔުއްވީ : އައްޝައިޚް މުޙައްމަދު ޝާފިޢު

 

އިސްލާމްދީނުގައި އަންހެނުން އަދާކުރާ ދައުރަކީ ފިރިހެނުން އަދާކުރާ ދައުރަށްވުރެ ކުޑަދައުރެއްނޫނެވެ. އަނބިމީހާއަކީ ގޭގެ އޮޅިގަނޑެވެ. އެހެންކަމުން، މުޖްތަމަޢުގެ އޮޅިގަނޑަކީ އަންހެނުންނެވެ. ހިތްހަމަޖެހޭ، އުފާވެރި ދިރިއުޅުމެއްގެ ބިންގަލަކީ ދީންވެރި، ހެޔޮލަފާ، ޞާލިޙް އަންބެކެވެ. އާޢިލާއެއްގެ އުފާވެރިކަމާއި ހަމަޖެހުން ބިނާވެފައިއޮންނާނީ އަނބިމީހާގެ ސުލޫކާއި އަޚްލާޤުގެ މައްޗަށެވެ. ދަރީން ތަރުބިއްޔަތުކޮށް، ރަނގަޅު އަޚްލާޤާއި ސުލޫކު އެކުދީންގެ ކިބައިގައި އަށަގަންނުވައި އެކުދީން މުޖްތަމަޢަށް ބޭނުންތެރި ބަޔަކަށް ހެދުމަކީ އިސްލާމްދީނުގައި މައިމީހާގެ އެންމެ މުހިއްމު މައްސޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭކަމެކެވެ. މިކަންކުރެވޭނީ ފުރިހަމަ އިސްލާމީ ތަރުބިއްޔަތު އެކުދީންނަށް ދީގެންނެވެ. މިއީ ނުހަނު ބުރަ މައްސޫލިއްޔަތެކެވެ. އެހެންކަމަން، ދަރީން އިސްލާމްދީނުގެ ބިންގަލުގެ މަތީގައި ތަރުބިއްޔަތު ކުރުމަށްޓަކައި އަނބިމިހާއަކީ އިސްލާމްދީނުގެ ރިވެތި އަޚްލާޤުގެ ގަހަނާއިން ޒީނަތްތެރިވެފައިވާ މީހަކަށްވުމީ ކޮންމެހެން ބޭނުންކަމެކެވެ. އޭނާގެ ކިބައިގައި ނެތް ސިފައެއް ދަރީންގެ ކިބައިގައި އަށަގެންނެވުމަކީ ވަރަށް އުނދަގޫކަމެކެވެ. އެކަންވާރަކުން ނުކުންނާނީ އެކަންވާރެއްގައި ހުރި އެއްޗެކެވެ. ތިމާގެ ދަރީންނަށް އިސްލާމްދީނުގައި ކަންތައްތައް އޮންނަ ގޮތް އޮޅުންފިލުވައިދީ ދީން އުނގަންނައި ދެވޭނީ ތިމާއަށް ދީން ފަހުމް ވެގެންނެވެ. އެހެންކަމުން، ތިރީގައި މިބަޔާންކުރަނީ މުސްލިމް އަންހެނާގެ ދިރިއުޅުން ޒީނަތްތެރިކުރުމަށް ބޭނުންކުރެވިދާނެ ގަހަނާތަކެވެ. މިތަޞައްވުރަށް ޢަމަލުކުރުމުން އެކަމުގެ ފޮނި މޭވާ ލިބޭނެކަމާމެދު ޝައްކެއްނެތެވެ. އުފާވެރިކަމާއި ހިތްހަމަޖެހުންވަނީ އިސްލާމްދީނަށް ޢަމަލުކުރުމުގައެވެ.

އަންހެނުންނަކީ މުޖްތަމަޢުގެ ޒީނަތްތެރިކަމެވެ. އަނބިމީހާއަކީ އާޢިލާގެ ގަހަނާއެވެ. އަހަރެމެން ޒީނަތްތެރިވާން ގެންގުޅޭ ރަންފަށް، އަނގޮޓި، އުޅާ، ހާރުފަދަތަކެތި ގެއްލިއްޖެނަމަ ނުވަތަ ހަލާކުވެއްޖެނަމަ އައުއެއްޗެއް ގަނެވިދާނެއެވެ. ގެއްލުން ފޫބެއްދިދާނެއެވެ. އެހެންނަމަވެސް، ޢިއްފަތްތެރި، ޤަދަރުވެރި، ތެދުވެރި، ތަޤްވާވެރި، ކިޔަމަންތެރި، ޞާލިޙް އަންބެއް ބީވެގެން ހިނގައްޖެނަމަ އެއީ ފޫބެއްދޭ ވަރަށްވުރެ ބޮޑު ގެއްލުމެކެވެ.

ހެޔޮލަފާ ޞާލިޙް އަންބެއްގެ ސިފަތައް

އޭނާގެ އަޤީދާ: އޭނާގެ ޢަޤީދާއަކީ ސުންނަތުގެ އަހުލުވެރިންގެ ޢަޤީދާއެވެ. އެއީ ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ ސުންނަތެވެ. ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ އަނބިއަނބިކަނބަލުންނާއި ޞަޙާބާއިން ދިރިއުޅުއްވި ގޮތެވެ.

އޭނާގެ މަންހަޖު: އޭނާގެ ދިރިއުޅުން ބިނާވެފައި އޮންނާނީ މާތްވެގެންވާ ކީރިތި ޤުރުއާނުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ މީސްތަކުންނަށް އަންގަވާފައިވާ ގޮތްތަކުގެ މައްޗަށެވެ. އޭނާގެ ޢަމަލުތަކަކީ މާތްނަބިއްޔާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމައާއި އިތުރު އެކަލޭގެފާނަށް ތަބާވީ މީހުންގެ ޢަމަލުތަކެވެ. ޞަޙާބާއިންގެ މަގެވެ.

އޭނާގެ އަޚްލާޤު: އޭނާގެ ދިރިއުޅުމުގެ މުޢާމަލާތްތައް ހުންނާނީ އިސްލާމްދީނުގެ އިންތަކުގެ ތެރޭގައެވެ. އޭނާ ޒީނަތްތެރިވާނީ އިސްލާމްދީނުގެ ރިވެތި އަޚުލާޤުގެ ގަހަނާއިންނެވެ.

އޭނާގެ ސުލޫކު: އޭނާއަކީ ޢިއްފަތްތެރި މީހެކެވެ. ލަދުވެތި މީހެކެވެ. އެއީ ސާފުޠާހިރުކަމަށް ލޯބިކުރުމާއެކު، އޭނާގެ ޢަޥްރަ ނިވާކުރުމަށް ޚާއްޞަ ސަމާލުކަމެއް ދޭމީހެކެވެ.

އޭނާގެ ޝަޚްސިއްޔަތު: އޭނާގެ ޝަޚްޞިއްޔަތު ބިނާކުރާނީ އެންމެހާ މުއުމިނުތަކުންގެ މަންމަ، އަދި ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ ލޮބުވެތި އަނބިކަނބަލުން ޢާއިޝާ ރަޟިޔަ ﷲ ޢަންހާގެ މަތިވެރި ޝަޚްޞިއްޔަތުގެ މައްޗަށެވެ. އަދި ރަސޫލު ﷲ ޞައްލަ ﷲ ޢަލައިވަސައްލަމްގެ ޞަޙާބާއިންގެ ދިރިއުޅުއްވުމުގެ މައްޗަށެވެ.

އޭނާ ލޯބިކުރަނީ: އޭނާ ލޯބިކުރަނީ ﷲ އަށާއި އެއިލާހުގެ ރަސޫލާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމް އަށެވެ. އޭނާގެ ޢަމަލުތަކަކީ ﷲ ރުހިވޮޑިގަންނަވާ ޢަމަލުތަކެވެ. އެއީ އެއިލާހުގެ ވަޖްހުފުޅު އަދައިގެން އިޚްލާޞްތެރިކަމާއެކު ކުރާ ޢަމަލުތަކެވެ.  

އޭނާގެ ހުސް ވަޤުތު: އޭނާ ހުސްވަގުތުތައް ހޭދަކުރަނީ އާޚިރަތް ހަނދުމަކުރުމުގައެވެ. ﷲ އަށް ގިނަގިނައިން ތަޥްބާވުމާއި ފާފަފުއްސެވުން އެދި ދެންނެވުމާއި ކަށްވަޅުގެ އަނދިރިކަމާއި ނާމާންކަމުން ސަލާމަތްކުރެއްވުމަށާއި ނަރަކައިގެ ވޭންދެނެވި ޢަޛާބުން ސަލާމަތްކުރެއްވުމަށް ﷲ އަށް ދުޢާ ދެންނެވުމުގައެވެ.

އޭނާގެ އެކުވެރީން: އެއީ މާތް ﷲ އަށް ބިރުވެތިވެ، އެއިލާހު އެންގެވި ގޮތާއި ފޮތުގައި ޘާބިތުކަމާއެކު ހިފަހައްޓާ މުސްލިމާއިންނެވެ. އަދި ހެޔޮކަންތައްތައް ކުރުމަށް އޭނާއަށް ވާގިވެރިވާ ނުބައިކަންތައްތަކާއި މުންކަރާތްތަކާ ދުރުހެލިވުމަށް އޭނާއަށް އެހީވާ މުސްލިމާއިންނެވެ.

އޭނާ ނަފްރަތުކުރަނީ: ﷲ އެންގެވިގޮތާއި ޚިލާފަށް އުޅޭ، އެއިލާހުގެ އަމުރުފުޅުތަކާއި ދެކޮޅުހަދައި، ޢަޥްރަ ނިވާނުކޮށް އުޅޭ، މުޖްތަމަޢުގައި ފަސާދަ އުފައްދާ، އަދި އަންހެނުންގެ މިނިވަންކަމަށޭ ބުނެ އަންހެނުންނަށް އިސްލާމީ މުޖްތަމަޢުގައި ލިބިފައިވާ މަތިވެރި މަޤާމު ނަގާލުމަށް މަސައްކަތްކުރާ މީހުންނެވެ.

އޭނާގެ ދުޝްމަނުން: އޭނާގެ ޢަދުއްވަކީ އެންމެހާ މުސްލިމުންނާއި މުސްލިމާއިންގެ ޢަދުއްވު ޝައިޠާނާއެވެ. މިއުޒިކާއި، ފާސިދު މަޖައްލާތަކާއި، ކޭބަލްޓީވީން ފޮނުވާ ލާދީނީ ޑްރާމާތަކާއި އަދި މިނޫންވެސް ހުރިހާ ޝަޢިޠާނީ އުފެއްދުންތަކަކީ އޭނާގެ ދާއިމީ ދުޝްމަނުންނެވެ.

އޭނާގެ ކައިވެނި: އެއީ އިސްލާމްދީނުގެ ޙުދޫދުތަކުގެ ތެރޭގައި ކުރެވިފައިވާ ކައިވެންޏެކެވެ. އޭނާގެ ކައިވެނީގެ ކުރީގައި ހިލޭ ފިރިހެނުންނާއި އެއްވެސް ގުޅުމެއް ނުބާއްވާނެއެވެ. އޭނާގެ ކައިވެނީގެ ޙަފްލާގައި މިޔުޒިކް ކުޅުމާއި، ނެށުމާއި ދެޖިންސް މަސްހުނިވުންފަދަ އިސްލާމްދީނާ ޚިލާފު ކަންތައްތަކެއް ނުހިމެނޭނެއެވެ. އޭނާގެ ކައިވެންޏަކީ ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ ލޮބުވެތި ދަރިކަނބަލުން ފާޠިމަތުގެފާނާއި، ޢަލީގެފާނު (އެދެކަނބަލުންނަށް ﷲ ރުއްސުން ލައްވާށި) ކުރެއްވިފަދަ ސާދާ ކައިވެންޏެކެވެ.

އޭނާގެ އުއްމީދު: އޭނާގެ އުއްމީދަކީ ފުރިހަމަ އިސްލާމީ ތަރުބިއްޔަތު ލިބިފައިވާ ޢާއިލާއެއް ބިނާކުރުމެވެ. އެހެންކަމުން، އިސްލާމްދީނުގެ މަތީގައި ޘާބިތުކަމާއެކު ފައިތިލަ ޘާބިތުކުރެވިފައިވާ ޖީލެއް އުފެއްދުމަށް އޭނާ ވާގިވެރިވާނެއެވެ. އެކަމުގެ ހިތް ހަމަޖެހުން ލިބިގަތުމަކީ އޭނާގެ އުއްމީދެވެ.

އޭނާގެ މުނިފޫހިފިލުވުން: އެއީ ފައިދާ ހުރި މަޢުލޫމާތު ލިބޭ ފޮތްތައް ކިޔުމާއި، ދީނީ ފޮތްތައް ކިޔުމާއި، ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ ސީރަތު ދިރާސާކުރުމާއި، ދީނީ ދަރުސްތައް އަޑުއެހުމާއި، ކީރިތި ޤުރުއާން ހިތުދަސްކުރުމަށް މަސައްކަތްކުރުމާއި، އަދި މީނޫންވެސް އިސްލާމްދީނުގައި ހުއްދަ މުނިފޫހިފިލުވުމުގެ ވަޞީލަތްތަކުގެ ބޭނުން ކޮށްގެން ތިމާގެ ދަރީންނާއި ޢާއިލާގެ އެހެންމީހުންގެ ދާޢީއަކަށް ވުމަށް މަސައްކަތްކުރުމެވެ.

އޭނާގެ ހެދުން އެޅުން: އޭނާގެ ހެދުމަކީ ފުރިހަމަ ޖިލްބާބެވެ. އެޙިޖާބަކީ؛

<!--[if !supportLists]-->E   <!--[endif]--> އޭނާގެ ހަށިގަނޑު އެއްކޮށް ނިވާވާ ހެދުމެކެވެ.

<!--[if !supportLists]-->E   <!--[endif]--> ހިލޭ ފިރިހެނުންނަށް ފެންނަހެން ޒީނަތްތެރި ކުރެވިފައިވައިވާ ހެދުމެއްނޫނެވެ. އަދި އެމީހުންގެ ސަމާލުކަން ހޯދުމަށްޓަކައި ވިދާ ބަބުޅާގޮތަށް ޖަރީކުރެވިފައިވާ ހެދުމެއްވެސް ނޫނެވެ.

<!--[if !supportLists]-->E   <!--[endif]--> ހަށިގަނޑުގެ ވަނާތައް ފެންނަގޮތަށް ހުންނަ، ކަނދޮޅުދުލި ފަދަ ތުނި ހެދުމެއްނޫނެވެ.

<!--[if !supportLists]-->E   <!--[endif]--> ހަށިގަނޑުގެ ވަނާތަކުގެ ބައްޓަން ފާޅުވާގޮތަށް ހުންނަ ގަޔަށް ބާރު ހެދުމެއްވެސް ނޫނެވެ.

<!--[if !supportLists]-->E   <!--[endif]--> ފިރިހެނުން ލާ ހެދުމާއި ވައްތަރު ހެދުމެއްނޫނެވެ. އަދި ލާދީނީ އުޞޫލުތަކުގެ ހެދުމެއްވެސް ނޫނެވެ.

<!--[if !supportLists]-->E   <!--[endif]--> ދެއްކުންތެރިކަމާއި ބޮޑާކަން އެކުލެވިފައިވާ ހެދުމެއްވެސް ނޫނެވެ. މީހުންގެ ސަމާލުކަން ހޯދުމާއި މީހުންގެ ހިތްތައް އޭނާއަށް ލެންބުމަށާއި ވަސްވާސް އުފެއްދުމަށް ލާ ހެދުމެއްވެސް ނޫނެވެ. އެހެނީ، ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ. "مَنْ لَبِسَ ثَوْبَ شُهْرَةٍ فِي الدُّنْيَا أَلْبَسَهُ اللهُ ثَوْبَ مَذِلَّةٍ يَوْمَ القِيَامَةِ" މާނައި: "ދުނިޔެމަތީގައި ދެއްކުންތެރިކަމުގެ ހެދުން އަޅައިފި މީހާ، ޤިޔާމަތް ދުވަހުން މާތް ﷲ، ނިކަމެތިކަމުގެ ހެދުން އަޅުއްވާހުއްޓެވެ". (އަބޫދާއޫދްގެ ކިބައިން ރިޥާވެފައިވާ ޞައްޙަ ޙަދީޘެއް).

 

ކަށްވަޅަކީ ތިބާގެ ގޮޅިއެވެ.

އޭ ލޮބުވެތި އުޚުތެވެ! ﷲ އަށް ބިރުވެތިވާށެވެ. އަބަދުވެސް ﷲ ތިބާއަށް ބައްލަވާވޮޑިގެންވާކަން ހަނދާންކުރާށެވެ. ތިބާގެ ކޮންމެ ޢަމަލެއް ލިޔެވެމުން ދާކަން ހަނދާން ނައްތާނުލާށެވެ. މިއަދު ތިބާ ބޭނުންކަމެއް ކުރެވިދާނެއެވެ. ބޭނުންގޮތަކަށް އުޅެވިދާނެއެވެ. ތިބާގެ ވަށައިގެންވާ މީސްތަކުންގެ ތެރެއިން ގިނަމީހުންވަނީ ޝައިޠާނާގެ އަވާގައި ޖެހިފައެވެ. ޝައިޠާނާވަނީ އެމީހުން ހެއްލުންތެރި ކޮށްފައެވެ. މީސްތަކުން މަގުފުރެދުމުގައި ޝައިޠާނާވަނީ އޭނާގެ ވަޢުދު ކިތަންމެ ރަނގަޅަށްވެސް ފުއްދާފައެވެ. އެކަމަކު މާދަމާ ތިބާޔަށް ކުރެވޭނީ ކޮންކަމެއް ހެއްޔެވެ؟ މާދަމާ އަލުން ދިރުއްވާ ދުވަހުން ފެންނާނީ މިއަދު ތިބާ ކުރި ހެޔޮ ޢަމަލެކެވެ. އެދުވަހުން ކުރެވޭނެ އެއްވެސްކަމެއް ހަމަހިލާ ނޯންނާނެއެވެ.

ޣާފިލްކަމުގެ ނިދީގައި މިދުނިޔޭގެ އަގުހުރި ވަގުތުތައް ބޭކާރު ނުކުރާށެވެ. އޭ ﷲ ގެ އަޅާއެވެ. ތިބާގެ ހަށިގަނޑުން ފުރާނަ އަލްވަދާޢު ކިޔާނެއެވެ. ތިބާގެ ފުރާނަ ނޭވާހޮޅިޔަށް އެޅޭނެ ވަޤުތުގެ މަތީން ހަނދާންކުރާށެވެ. އެވަޤުތަކީ ތިބާގެ ލޯބިވާ ފިރިމީހާއާއި، ލޮލުގެ ކޮއި ފަދަ ދަރީންނާއި، މައިންބަފައިން ދޫކޮށް މިދުނިޔެއާއި ވަކިވާންޖެހޭ ވަޤުތެވެ. އޭގެ ފަހުން ތިބާގެ ފުރާނަނެތް މަސްގަނޑު ކޮނޑުތަކުގައި އުފުލި، އަނދިރި ކުޑަކުޑަ ގޮޅިއަކަށް ލެވޭނެއެވެ. އެއީ ތިބާގެ ޖަގަހައެވެ. އަނދިރި ކުޑަކުޑަ ގޮޅިއެކެވެ. އެހިނދު، ނަކީރާއި މުންކަރު - ދެމަލާއިކަތުން - ވަޑައިގެން ތިބާ ހޭއަރުއްވާ، 3 ސުވާލު ކުރައްވާނެއެވެ. އެވަޤުތު ކަންތައްތައް ވެގެން ދާނެގޮތް، މި ހެއްލުންތެރި ދުނިޔޭގެ ދިރިއުޅުމާއި ހަނގުރާމަ ކުރަމުންދާއިރު، އަމިއްލަ ސިކުނޑިން ވިސްނާލާނެ ވަޤުތެއް ވޭހެއްޔެވެ؟

އަދި އަލުން ދިރުއްވިގެން ހިސާބު ބެއްލެވޭ ބޮޑުވެގެންވާ އެދުވަހު، ތިބާގެ ޢަމަލުތަކުގެ ފަތް ލިބޭނީ ކޮންފަރާތަކުން ކަމާމެދު، ތިބާގެ އިޙްޞާޞްތައް ހުންނާނެ ގޮތް މިއަދު އިޙްޞާޞްކުރެވޭ ހެއްޔެވެ؟ ޖަހަންނަމައިގެ މަތީގައި ޞިރާޠުމަގު އަޅައިލެވޭ ހިނދު، މިދުނިޔެމަތީގައި ތިބާ ﷲ އާއި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް އެންގެވި ގޮތަށް ނޫޅުނުނަމަ، އެމަގު ހުރަސްކުރާނީ ކޮންފަދަޔަކުންތޯއެވެ؟

ﷲ އަށް ބިރުވެތިވާށެވެ. މިދުނިޔެއަކީ އެއްވެސް އަގެއް ނެތް ތަނެއްކަން ހަނދާންކުރާށެވެ. ތިބާގެ އަޖަލުވަނީ ކަނޑައެޅިފައެވެ. ﷲ ގެ ޙަޟްރަތަށް ރުޖޫޢަވާން ޖެހޭނެކަން އެންމެ ވަގުތުކޮޅަކަށްވެސް ހަނދާން ނައްތާ ނުލާށެވެ. ކޮންމެ ވަގުތެއްގައިވެސް މަރު ތިބާގެ މައްޗަށް ވެރިވެގެންފާނެއެވެ. އެއީ ތިބާގެ ފޭރާމަށްވުރެ ކައިރީގައިވާ އެއްޗެކެވެ.

(حَتَّى إِذَا جَاء أَحَدَهُمُ الْمَوْتُ قَالَ رَبِّ ارْجِعُونِ). 99

(لَعَلِّي أَعْمَلُ صَالِحًا فِيمَا تَرَكْتُ كَلاَّ إِنَّهَا كَلِمَةٌ هُوَ قَائِلُهَا وَمِن وَرَائِهِم بَرْزَخٌ إِلَى يَوْمِ يُبْعَثُونَ). 100

"އަދި އެބައިމީހުންގެ ތެރެއިން މީހެއްގެ ގާތަށް މަރު އައިސްފި ހިނދު އޭނާ ބުނާނެއެވެ. 'އޭ މިއަޅާ ހައްދަވައި ގެންގުޅުއްވާ އިލާހެވެ. މިއަޅާ ނުކޮށް ދޫކޮށްލި ހެޔޮ ޢަމަލުތަށް ކުރުމަށްޓަކައި މިއަޅާ އަނބުރާ ދުނިޔަށް ފޮނުއްވާނދޭވެ'. އެހެނަކުން ނުވާނެއެވެ! ހަމަކަށަވަރުން އެއީ ހަމައެކަނި، އެނާގެ ދުލުން ބޭރުކޮށްލާ ބަހެކެވެ. އަދި އަލުން ދިރުއްވަންދެން އެބައިމީހުންގެ ކުރިމަތީގައިވަނީ ބަރުޒަޚެވެ"

(އަލްމުއްމިނޫން ސޫރަތުގެ 99 އާއި 100 ވަނަ އާޔަތް)

ލޮބުވެތި މުސްލިމް އުޚްތެވެ. ތިބާގެ ޢަމަލުތައް ﷲ ސުބުޙާނަހޫ ވަތަޢާލާ ރުހިވޮޑިގެންވާ ގޮތުގައި ލެހެއްޓެވުން އެދި އެއިލާހުގެ ޙަޟްރަތުގައި ދުޢާ ދަންނަވަމެވެ. މިހިރަ ކަންތައްތަކާމެދު ސަމާލުވާށެވެ. ކާމިޔާބީއަށްޓަކައެވެ.

<!--[if !supportLists]-->E   <!--[endif]-->ދީނުގެ ކަންތައްތަކަކީ ކުޑަކަމެއް ކަމުގައި ނުދެކޭށެވެ. ދީނުގެ ކޮންމެ ކަމަކަށްވެސް ރައްކާތެރިވެވެން އޮތް އެންމެ މަތީ ދަރަޖައަކަށް ރައްކާތެރިވާށެވެ. ދީނަށް އަލަށް ވަންނަ ކަންތައްތަކަށް (ބިދުޢަތަކަށް) ސަމާލުކަން ދޭށެވެ. އެހެނީ ކޮންމެ ބިދުޢައަކީ މަގުފުރެދުމެކެވެ.

<!--[if !supportLists]-->E   <!--[endif]-->ފަރްޟް ފަސްނަމާދުގެ މައްޗަށް ރައްކާތެރިވާށެވެ. އެންމެ ނަމާދެއްވެސް ނާޅާށެވެ. ނަމާދު އޭގެ ވަޤުތުގައި އަދާކުރާށެވެ. ނަމާދު ފަހުންކުރަން ފަސްނުކުރާށެވެ. ކަމެއްކުރަން ހުއްޓައި ނަމާދު ވަޤުތު ޖެހިއްޖެނަމަ އެކަމެއް މަޑުޖައްސާލާފައި ނަމާދުކުރުމަށް އަވަސްވެ ގަންނާށެވެ. އެހެނީ ނަމާދަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ އެންމެ ލޯބިވެވޮޑިގަންނަވާ ޢަމަލެވެ. އަދި ތިބާއާއި އެއިލާހުގެ ޙަޟްރަތާއި ގުޅުވައިދޭ ވާފަށެވެ.

<!--[if !supportLists]-->E   <!--[endif]-->ފުރިހަމަ އިސްލާމީ ޖިލްބާބުން ޙިޖާބުވާށެވެ. ތިބާގެ ރައްކާތެރިކަމަކީ އެއީއެވެ.

<!--[if !supportLists]-->E   <!--[endif]-->ޣީބަބުނުމާއި، ނެތިމޮށުމާއި، ދެބައޮޑުވުމާއި، ޙަސަދަވެރިވުން ފަދަ ހެޔޮކަންތައްތައް ފުހެލާ ކަންތައްތަކާ ގާތްނުވާށެވެ. އެހެނީ ފެން އަލިފާން ނިވާފަދައިން އެފަދަ ކަންތައްތައް ހެޔޮކަންތައްތައް ފުހެލައެވެ.

<!--[if !supportLists]-->E   <!--[endif]-->ހުޅަނގުގެ ފިކުރުތަކަށް ތިބާގެ ނަފްސު ހެއްލުނަ ނުދޭށެވެ. އެއީ ޝައިޠާނާގެ މަގެވެ. ހުޅަނގުގެ މީހުން ކުރާ ކަންތައްތައް ނަކަލު ނުކުރާށެވެ. އެމީހުން ހެދުންއަޅާގޮތާއި، ބޮލުގެ އިސްތަށިގަނޑު ހަދާގޮތާއި، ޒީނަތްތެރިވާ ގޮތްތައް ނަކަލު ނުކުރާށެވެ. އެކަންކަމަށް ހިތްކިޔަ ނުދޭށެވެ. ދެއްކުންތެރިކަމުން ދުރުހެލިވާށެވެ. ތިބާގެ ޒީނަތްތެރިކަން ތިބާގެ ފިރިމީހާގެ ކުރިމަތީގައި މެނުވީ ހާމަނުކުރާށެވެ.

<!--[if !supportLists]-->E   <!--[endif]-->ގެއާއި ދަރީން ދޫކޮށް އެއްވެސް ބޭނުމެއްނެތި ގިނަވަގުތު ބޭރުގައި ނޫޅޭށެވެ.

<!--[if !supportLists]-->E   <!--[endif]-->އާޚިރަތް ހަނދުމަކުރުން ހަނދާންނައްތާ ނުލާށެވެ.

<!--[if !supportLists]-->E   <!--[endif]-->ތިބާގެ ފިރިމީހާއާއި މައިންބަފައިންނަށް ފުރިހަމައަށް ކިޔަމަންވާށެވެ.

<!--[if !supportLists]-->E   <!--[endif]-->މުޖްތަމަޢުގައި ހުންނަ ޝައިޠާނީ އަޘަރުތަކުން ދުރުހެލިވާށެވެ. ކޭބަލްޓީވީއާއި، ޚުރާފާތްތަކާއި ރާއްސާއި (ހޮރަސްކޯޕް) ފާޙިޝް މަންޒަރުތައް ޖަހާފައި ހުންނަ މަޖައްލާތަކާއި، މިޔުޒިކާއި، ފިރިހެނުންނާއި މަސްހުނިވުމުން ދުރުހެލިވާށެވެ.

ތިރީގައި މިހިރި ކަންތައްތައް ކުރުމަށް ޚާއްޞަ ސަމާލުކަމެއް ދޭށެވެ.

<!--[if !supportLists]-->        <!--[endif]-->ﷲ ސުބުޙާނަހޫ ވަތަޢާލާ އާ އޮންނަ ގުޅުން ބަދަހިކުރާށެވެ. ޢަޤީދާ ހަރުދަނާކުރާށެވެ. އީމާންކަން ވަރުގަދަ ކުރާށެވެ. ހަރުދަނާ އީމާންކަން ފުނޑުފުނޑު ކޮށްލެވޭ ފަދަ ހަތިޔާރެއް، ނިއުކްލިއަރ ހަތިޔާރު އުފައްދާފައިވާ މިދުނިޔޭގައިވެސް، އުފެއްދިފައިނުވެއެވެ. އެ އީމާންކަމުގެ ފުރިހަމަ ލައްޒަތު ލިބިގެން އެތައްއެތައް މުސްލިމުންނެއްވަނީ ސުވަރުގެއިން ޖާގަހޯދާފައެވެ. އެއީ އިސްލާމީ ތާރީޚު ހެކިދޭކަމެކެވެ.

<!--[if !supportLists]-->        <!--[endif]-->ނަމާދުކުރާށެވެ. ﷲ އަށް ބިރުވެތިވާނެއެވެ.  ޒަކާތްދޭށެވެ. ﷲ އަށް ބިރުވެތިވާނެއެވެ. ރޯދަހިފާށެވެ. ﷲ އަށް ބިރުވެތިވާނެއެވެ. ކުޅަދާނަ ވެގެންވާނަމަ ގެފުޅު ޤަޞްދުކުރާށެވެ. (ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރާށެވެ). މިހިރި މިހިރަ ކަންތައްތަކަކީ ތިބާގެ ތަޤުވާވެރިކަން އިތުރުކޮށްދޭނެ ކަންތައްތަކެވެ.

<!--[if !supportLists]-->        <!--[endif]-->ރަޙުމަތްތެރިން ހޮވުމުގައި ވިސްނާށެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާގެ ދީނުގައި ވަރުގަދަޔަށް ހިފަހައްޓައިގެން ތިބޭ އެކުވެރިންނާއި ގުޅުން ބަދަހިކުރާށެވެ. ތިބާގެ ރަޙުމަތްތެރީންގެ ލިސްޓުން ޖާގަދޭންވީ ބަޔަކީ އެބައިމީހުންނެވެ. މިދުނިޔޭގެ އެދުންތަކުން ފޯވެފައިތިބޭ، ގޯސްކަންތައްތައް ކުރުމަށް ވާގިވެރިވާ ރަހުމަތްތެރިންނެއް ނޫނެވެ.

<!--[if !supportLists]-->        <!--[endif]-->އެއިލާހުގެ ޙަޟްރަތަށް ގިނަގިނައިން ކުއްތަންވާށެވެ. ފާފަފުއްސެވުން އެދި އާދޭސް ދަންނަވާށެވެ. ﷲ އީ އަޅުތަކުންގެ ފާފަފުއްސަވާ އަލްޣަފޫރެވެ. އެއީ ކޮޅުނެތްކޮޅަށް ރަޙުމަތްވަންތަ އައްރަޙީމެވެ.

ލޮބުވެތި އުޚުތެވެ. ތިބާގެ ޙަޔާތުގެ ކޮންމެ ދުވަހަކީ މުހިއްމު ދުވަހެކެވެ. ފާއިތުވެގެންދާ ކޮންމެ ސިކުންތަކީ ތިބާގެ އުމުރުން ކުރުވެގެންދާ ސިކުންތެކެވެ. މީހުން ކިޔާ އެއްޗަކަށް ނުބަލާށެވެ. މީހުން ތިބާޔާ މެދު ދެކެފާނެ ގޮތަކާމެދު ލަދުނުގަންނާށެވެ. މީހުން ކިޔާ އެއްޗެއްސާއި ކުރާ ފުރައްސާރަޔަށް ބީރު ކަންފަތެއް ދޭށެވެ. ފަހުޒަމާނުގައި ދީނަށް އުޅޭ މީހާގެ މިޘާލަކީ އަނގުރު އަލިފާންގަނޑެއް އަތަށްލައިގެން ހުންނަ މީހެއްގެ މިޘާލުކަމަށް، ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ހަދީޘްކުރައްވާފައިވާކަން ތިބާޔަށް އެނގޭދޯއެވެ؟ އެހެންކަމުން ޘާބިތުކަމާއެކު ހިފަހައްޓާލާށެވެ. މާތް ﷲ ތިބާއަށް ހެޔޮދަރުމަ ދެއްވާށިއެވެ. އާމީން!


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި