ނޫރުލްއިސްލާމް

www.noorul-islam.net


ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާމީހުންގެ ހުކުމް

Category »  ސުވާލާއި ޖަވާބު
Tuesday, June 15, 2010
އަޞްލު : އެމްވީ އިސްލާމް ކިޔުއޭ www.mvislamqa.com

ސުވާލު ނަންބަރު: 695

 

ސުވާލު :އިސްލާމް ދީނުގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާމީހުންނަށް ދިނުން ހައްގު އުގޫބާތަކީ ކޮބާ؟ އަދި ހާއްސަކޮށް އެގޯނާ ކުރި ފަރާތަކީ ކުއްޖާގެ ބައްޕަ ކަމުގައިވާނަމަ އޭނާގެ އަދަބު ބޮޑުވާނެތޯއެވެ؟ އަދި އެފަދަ މީހުން ރަނގަޅުވާނެކަމަށް މާފުދީ މުޖުތަމަޢު ތެރެއަށް ދޫކޮށްލަންވާނެތޯއެވެ؟

ޖަވާބު:

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:

ޝައްކެތްނެތް ގޮތުގައި ކުޑަކުދިންނަށް ޖިންސީގޯނާ ކުރުމަކީ ބޮޑުވެގެންވާ ޖަރީމާއެކެވެ. އަދި އެތައް ނުބައި ކަމެއް އެކަމެއްގައި އެކުލެވިގެންވާ ކަމެކެވެ. އޭގެ ތެރޭގައި:

1.     އެއީ ބިމުގައި ފަސާދަކުރުން ކަމުގައިވުން. އަދި ﷲ އާއި ރަސޫލާ އާއި ހަނގުރާމަ ކުރުންފަދަ ކަމަކަށް ވުން. ބިމުގައި ފަސާދަ ކުރާ މީހުންނަށް ގަދަފަދަވެގެންވާ ޢުގޫބާތް ދިނުމަށް ކީރިތި ގުރްއާނުގައި އަންގަވާފައިވެއެވެ. ސޫރަތުލް މާއިދާގެ 33 ވަނަ އާޔަތުގައި އަންގަވާފައިވެއެވެ. (إِنَّمَا جَزَاءُ الَّذِيْنَ يُحَارِبُوْنَ اللهَ وَرَسُوْلَهُ وَيَسْعَوْنَ فِي الْأَرْضِ فَسَادًا أَنْ يُّقَتَّلُوْا أَوْ يُصَلَّبُوْا أَوْ تُقَطَّعَ أَيْدِيْهِمْ وَأَرْجُلُهُمْ مِّنْ خِلَافٍ أَوْ يُنْفَوْا مِنَ الْأَرْضِ ذَلِكَ لَهُمْ خِزْيٌ فِي الدُّنْيَا وَلَهُمْ فِي الْآخِرَةِ عَذَابٌ عَظِيْمٌ) މާނައަކީ: "މާތް ﷲ އާއި، އެކަލާނގެ ރަސޫލާއާއި ދެކޮޅުވެރިވެ ހަނގުރާމަކޮށް އުޅޭމީހުންނާއި، ފަސާދަކުރުމުގެ ގޮތުން ބިމުގައި މަސައްކަތްކޮށް އުޅޭމީހުންގެ ޖަޒާއެއް ކަމުގައިވާކަން ކަށަވަރީ، އެބައިމީހުން ގަތުލުކުރުމެވެ. ނުވަތަ ޞަލީބަށް އެރުވުމެވެ. ނުވަތަ ތަފާތުވާގޮތުގައި، އެބައިމީހުންގެ އަތްތަކާއި ފައިތައް ބުރިކުރުމެވެ(ކަނާއަތާއި ވައަތުފައި ބުރިކުރުން). ނުވަތަ ރަށުން އަރުވާލުމެވެ. އެހެނީ، އެބައިމީހުންނަށް ދުނިޔޭގައިވެސް ހުރީ ނިކަމެތިކަމެވެ. އަދި އާޚިރަތުގައި، އެބައިމީހުންނަށް ބޮޑުވެގެންވާ ޢަޛާބު ހުއްޓެވެ". ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމަކީ ބިމުގައިފަސާދަކުރުމުގެ ތެރެއަށް ވަންނާނެ ކަމެކެވެ. އަދިކިއެއްތަ، އެއީ އެންމެ ބޮޑު ފަސާދައެވެ.

2.     ކުޑަކުދިންނަށް ޖިންސީގޮތުން ގޯނާ ކުރުމުގެ ސަބަބުން އެކުދިންނަށް އަޚްލާގީ އަދި ޖިސްމާނީ ގޮތުން ތަފާތު ބަލިތަކާއި ކުރިމަތިލާން ޖެހެއެވެ. އަދި އެބަލިތަކުން ފަސޭހަވުމަށް އުދަގޫވެ، އެކުދިންގެ މުޅި ޢުމުރުގައި އެކަން ތަޙައްމުލުކުރަން ޖެހިދެއެވެ. އޭގެ ސަބަބުން އެކުއްޖާއާއި މުޖްތަމަޢަށް ނޭދެވޭ އަޘަރުތަކެއް ކުރެއެވެ.

3.     މިކަމުގެ ސަބަބުން ކުއްޖާ އަށް ނަފްސާނީ ގޮތުން ބޮޑެތި ގެއްލުންތަކެއްލިބި، މުޅި ޢުމުރުގައި އެކަން ތަޙައްމުލު ކުރަން ޖެހިދިޔުން.

4.     މިކަމުގެ ސަބަބުން ކުއްޖާ އާއި ޢާއިލާގެ އަގު ވެއްޓި، މުޖްތަމަޢުގައި އެކަހެރިވާ ގޮތް މެދުވެރިވުން.

ކުރިން ބަޔާން ކުރެވުނު ފަދައިން، ކުޑަކުދިންނަށް ޖިންސީގޯނާ ކުރުމަކީ ބިމުގައި ފަސާދަކުރުން ފަދަ ކަމެއް ކަމުން އެފަދަ ކަންތައް ކުރާމީހުންނަށް ބިމުގައި ފަސާދަކުރާ މީހެއްގެ ޢުގޫބާތް ދެވެން ޖެހޭނެއެވެ. ނަމަވެސް މި ޢުޤޫބާތްތައް ކަނޑައަޅާނީ ކަމާބެހޭ ފަރާތުންނެވެ. ނުވަތަ ޤާޟީމެދުވެރިކޮށް ޝަރީޢަތުންނެވެ. والله أعلم

 

ޖަވާބު ދެއްވީ: ފަޟީލަތުއްޝައިޚް މުޙައްމަދު ޢިޔާޟް ޢަބްދުއްލަޠީފް

 



ނޫރުލްއިސްލާމް

www.noorul-islam.net