ނޫރުލްއިސްލާމް

www.noorul-islam.net


ކަލޭގެފާނުގެ ޒުހުދުވެރިކަމުގެ ސިއްރަކީ ކޮބައިތޯއެވެ؟

Category »  ވާހަކަ
Monday, June 14, 2010
ލިޔުއްވީ : މުޙައްމަދު އަނީލް (ނޫރުލްއިސްލާމްގެ އެޑިޓަރ)

ކަލޭގެފާނުގެ ޒުހުދުވެރިކަމުގެ ސިއްރަކީ ކޮބައިތޯއެވެ؟

 

ތާބިޢީ ބޭކަލެއް ކަމުގައިވާ އަލްއިމާމު ޙަސަނުލް ބަޞަރީ ރަޙިމަހުﷲ އާ ސުވާލުކުރެވުނެވެ.

"ދުނިޔޭގެ ކަންތަކާމެދު ކަލޭގެފާނުގެ ޒުހުދުވެރިކަމުގެ ސިއްރަކީ ކޮބައިތޯއެވެ؟"

އެކަލޭގެފާނު ޖަވާބުގައި ވިދާޅުވިއެވެ.

"ތިމަންކަލޭގެފާނަށް ކަނޑައެޅިފައިވާ ރިޒުޤު އެހެންމީހަކަށް އަތުނުލެވޭނެކަން އެނގިވަޑައިގެންނެވުމުން ތިމަންކަލޭގެފާނު ހިތްޕުޅު ހަމަޖެހިވަޑައިގެންނެވީމެވެ. އަދި ތިމަންކަލޭގެފާނު ކުރައްވަން ޖެހިވަޑައިގަންނަވާ ޢަމަލު، ތިމަންކަލޭގެފާނުގެ ފަރާތްޕުޅުން އެހެން މީހަކު ނުކުރާނެކަން އެނގިވަޑައިގެންނެވުމުން ޢަމަލުގައި މަޝްޣޫލުވެ ވަޑައިގެންނެވީމެވެ. އަދި ތިމަންކަލޭގެފާނު ކުރައްވާ ކަންތައްތައް ﷲ ސުބްޙާނަހޫ ވަތަޢާލާ ބައްލަވާ ވޮޑިގެންވާކަން އެނގިވަޑައިގަންނަވާތީ، އެއިލާހަށް އުރެދޭ ޙާލުގައި އެއިލާހާ ބައްދަލުކުރައްވަން ލަދުވެތިވެ ވަޑައިގެންނެވީމެވެ. އަދި މަރު ތިމަންކަލޭގެފާނަށް އިންތިޒާރު ކުރަމުން ގެންދާކަން އެނގިވަޑައިގަންނަވާތީ، ފަހެ ﷲ އާއި ބައްދަލުކުރެއްވުމަށް ކޮއްތު (ހެޔޮ ޢަމަލު) ގިނަ ކުރެއްވީމެވެ."

 

 

* އިމާމް ޙަސަނުލް ބަޞަރީ ރަޙިމަހުﷲ ގެ ކުރު ތަޢާރަފެއް:

އެކަލޭގެފާނު އުފަންވެ ވަޑައިގެންނެވީ ޢުމަރު ބުނުލްޚައްޠާބު ރަޟިޔަﷲ ޢަންހުގެ ޚަލީފާކަމުގެ ދުވަސްވަރު، ހިޖުރައިން 21 ވަނަ އަހަރު، މަދީނާގައެވެ.

ޢުމުރުފުޅުން 14 އަހަރު ވުމުގެ ކުރީގައި ޤުރްއާން ހިތުދަސް ކުރެއްވިއެވެ.

ހިޖުރައިން 36 ވަނަ އަހަރު، ޢުމުރުފުޅުން 15 އަހަރުގައި ޢިރާޤުގެ ބަޞަރާއަށް ދިރިއުޅުއްވުން ބަދަލުކުރެއްވިއެވެ. އޭގެ ފަހުގައި އޭރު ބަޞަރާގައި އުޅުއްވި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ވަރަށް ގިނަ ޞަޙާބީންގެ އަރިހުން ޢިލްމު ޙާޞިލު ކުރެއްވިއެވެ.

ޢުމަރު ބުނު ޢަބްދުލްޢަޒީޒުގެ ޚަލީފާކަމުގެ ޒަމާނުގައި އެކަލޭގެފާނުގެ އަރިސް ބޭފުޅެއްކަމުގައި ޙަސަނުލްބަޞަރީ ހެއްދެވިއެވެ. އަދި ހިޖުރައިން 102 ވަނަ އަހަރު ބަޞަރާގެ ޤާޟީ ކަމުގެ މަޤާމާ ޙަވާލުވެވަޑައިގެންނެވިއެވެ. އަދި މި މަޤާމަށް އެއްވެސް މުސާރައެއް ނުހިއްޕަވައެވެ.

އެކަލޭގެފާނު އަވަހާރަވީ ހިޖުރައިން 110 ވަނައަހަރުގެ ރަޖަބު މަހުގައެވެ.ނޫރުލްއިސްލާމް

www.noorul-islam.net