ނޫރުލްއިސްލާމް

www.noorul-islam.net


މުޞާފަޙާކޮށް (އަތާ އަތްޖޯޑުކޮށް) ސަލާމްކުރުން

Category »  ސުވާލާއި ޖަވާބު
Sunday, May 16, 2010
ލިޔުއްވީ : ފަޟީލަތުއްޝައިޚް ޙުސައިން ރަޝީދު އަޙްމަދު

 

ސުވާލު: ވަޒީފާގެ ދާއިރާގައި އުޅެންޖެހުމުން ބައެއްފަހަރު އެކިއެކި މީހުންނާއި ސަލާމްކުރަން ޖެހެއެވެ. އެހެންކަމުން ހިލޭއަންހެނުންނާއި ފިރިހެނުން އަތާއަތްޖޯޑުކޮށް ސަލާމްކުރުމަކީ ކޮންކަހަލަކަމެއްތޯއެވެ؟ އަދި އަޅުގަޑަށްވުރެ މަޤާމުގެ ގޮތުންމަތީ ވެރިޔަކު ސަލާމްކުރުމަށް އަތް ދިއްކޮށްލައިފިނަމަ ކަންތައް ކުރަންވާ ރަނގަޅު ގޮތަކީ ކޮބައިތޯއެވެ؟

 

ޖަވާބު: މުސްލިމުންނަށް އަނގަބަހުން އިސްލާމީ ސަލާމުން ސަލާމްކުރުމީ ސުއްނަތްވެގެންވާ ކަމެކެވެ. ފިރިހެނުންނާއި ފިރިހެނުންނެވެ. އަންހެނުންނާއި އަންހެނުންނެވެ. އަދި އަންހެނުންނާއި ފިރިހެނުންނެވެ. ބޮޑިތިމީހުންނާއި ކުޑަކުދިންނެވެ. އެކަހެރިމީހުންނާއި ގިނަމީހުންނެވެ. ސަވާރީގައި އަންނަމީހުންނާއި މަޑުކޮށްލައިގެން ތިބިމީހުންނެވެ. ހުރިހާ ޙާލަތްތަކުގައެވެ. ހުރިހާ ތަނެއްގައެވެ.

އަތާއަތް ޖޯޑުކުރުމީ ދީނުގައި ވަކި ޙާލަތްތަކުގައި ސުއްނަތްވެގެންވާ ކަމެކެވެ. ދުރުގައި ނުފެނިހުރުމަށްފަހު ބައްދަލުވާ ޙާލަތުގައެވެ. ނުވަތަ ބައްދަލުނުވެ ވަގުތު މެދުކެނޑުމަށްފަހު ވެސް ސުއްނަތްވެގެން ވެއެވެ. ފިރިހެނުންނާއި ފިރިހެނުންނެވެ. އަންހެނުންނާއި އަންހެނުންނެވެ. ކުޑަކުދިންނާއި ބޮޑެތިމީހުންނެވެ. ނަމަވެސް ހިލޭ އަންހެނުންނާއި ފިރިހެނުންނަށް އަތާއަތް ޖޯޑުކުރުމީ އެއްވެސް ޙާލަތެއްގައި ހުއްދަވެގެންވާ ކަމެއް ނޫނެވެ. ޚާއްޞަކޮށް ޒުވާނުންގެ މެދުގައެވެ. މިއީ ލޮބުވެތި ރަސޫލާގެ ސުއްނަތުން ސާބިތުވާގޮތެވެ. އެކަލޭގެފާނު ޢަމަލުކުރަށްވާފައިވާ ގޮތެވެ. އެކަލޭގެފާނު އަމުރުކުރަށްވާފައިވާ ގޮތްވެސް މެއެވެ. މިކަން މިގޮތަށް ޙަރާމްކަމުގައި ލޮބުވެތި އަޞްޙާބު ބެއިކަލުންފެށިގެން ސަލަފުގެ ދަންނަބޭކަލުންނާއި މިއަދާހަމައަށް ވަޑައިގެންފައިވާ އިހުގެ ހުރިހާ ދަންނަބޭކަލުން އެއްބަސްވެ ވަޑައިގަންނަވައެވެ.

މިހާރަކަށް އައިސް މިއަދުގެ މަދު ޢިލްމުވެރިންތަކެއް މިކަން އެބަހުއްދަކުރަށްވަމުން ދާތަން ފެނެއެވެ. އެމީހުންގެ އަމިއްލަ އެދުމުގެ މައްޗަށް ބުރަވެ ތިބެގެންކަން ނޭގެއެވެ. އެގޮތަށް ހުއްދަކުރަށްވަނީ އެމީހުންގެ ކިބައިގައި ދީނުގެ އެއްވެސް ދަލީލެއް، ނައްޞެއް އޮވެގެނެއް ނޫނެވެ.

ދީނުގެ މިވެނި ކަމެއް ދީނުގައި އޮތީ ކިހިނެއްތޯ ބަލަންވެއްޖެނަމަ އެކަން ބަލަން އޮންނަނީ ޤުރުއާނާއި ސުއްނަތުންނެވެ. ދެން އަޅުގަނޑުމެންޖެހެނީ ދީނުގެ އިހުގެ ދަންނަބޭކަލުން އެކަމާމެދު ގޮތެއް ނިންމަވާފައިވޭތޯ ބެލުމެވެ. އެބޭކަލުންގެ އިއްތިފާޤުން އެކަމަކާމެދު ގޮތެއް ނިންމަވާފައި އޮތްނަމަ އިތުރަކަށް އަޅުގަނޑުމެން އަމިއްލައަށް ނިންމޭނެ އިތުރު ގޮތެއް، ނުވަތަ ދެވޭނެ އައު ފަތުވާއެއް އޮންނާނެކަމަކަށް އަޅުގަނޑު ނުދެކެމެވެ. އަލްއަޙްޒާބު ސޫރަތުގެ 36 ވަނަ އާޔަތުގައި ﷲ ވަޙީކުރަށްވާފައިވަނީ، ކަމަކާމެދު ﷲއާއި އެއިލާހުގެ ރަސޫލާ ޙުކުމެއް އަންގަވާފައިވާނަމަ އަމިއްލައަށް ތިމާމެން ހިތުހުރި ގޮތަކަށް އެކަމާމެދު ގޮތެއް ކަނޑައެޅުމަކީ އެއްވެސް މުސްލިމް އަންހެނަކާއި ފިރިހެނަކަށް ހުއްދަވެގެންވާ ކަމެއް ނޫންކަމަށެވެ. މިމައްސަލައާމެދު ތަފްޞީލީ ލިއުމެއް ތަރިކަ މަޖައްލާގައި އަޅުގަނޑު ލިޔެފައިވާނެއެވެ. އޭގައި މިކަމުގެ ދަލީލުތަކާއި ޢިލްމުވެރިންގެ ބަސްފުޅުތައް ބަޔާންކޮށްފައިވާނެއެވެ.

ކަމަކާމެދު ސުވާލު އުފެދި، އެކަމެއް ހުއްދަނޫންކަން އަޅުގަނޑުމެންނަށް އެނގިއްޖެނަމަ މީހާ ބޮޑުމީހަކަށް ވިއޭ ކިޔައިގެން އެކަމެއް ހުއްދަ ނުކުރެވޭނެއެވެ. އިސްލާމް ދީނުގައި ކަންކަން ޙަރާމްކުރެވިފައިވަނީ މީސްމީހުންގެ މަޤާމަށް ބަލައިގެނެއްނޫނެވެ. އެހެންކަމުން ތިމާއަށް ވުރެން ބޮޑުމީހަކު ނުވަތަ މަޤާމުގެގޮތުން މަތީމީހަކު އަތް ދިއްކޮށްލި ކަމުގައިވިއަސް ތިމާ އެމީހަކާ ދިމާއަށް އަތްދިއްކޮށްލައި، ސަލާމްކޮށްގެން ނުވާނެއެވެ. އެފަދަ ޙާލަތެއްގައި އަނގަބަހުން ފުއްދާލުމީ އޮތް އެންމެ ރީތިގޮތެވެ. އަދި ﷲ އަށް ބިރުވެތިވެ ލައްވާށެވެ!

ދީނުގެ ކަމެއް ހުއްދަތޯ ބެލުމަށްޓަކާ ތަނުގެ އާދަކާދައަށް ވެސް ބަލާކަށް ނުޖެހެއެވެ. އާދަކާދައަކީ ތިމާ އިސްލާމް ވުމުން އިސްލާމް ދީނާ އެއްގޮތަށް ބަދަލުކުރަންޖެހޭ އެއްޗެކެވެ. ނޫންނަމަ ތިމާ ޤަބޫލުކޮށްގެންއުޅޭ އިސްލާމްކަމުގެ ފަހެ ބޭނުމެއް އެބައޮތްތޯއެވެ؟ ދީނުގެ އިތުބާރުހުރި ދަންނަބޭކަލުންގެ މެދުގައި ކަމަކާމެދު އިޚްތިލާފު އުފެދިފައި އޮތްނަމަ، އެމައްސަލައަކަށް ފަތުވާ ދިނުމުގައި ޒަމާނާއި ޙާލަތާއި މަޞްލަޙަތަށް ބެލުމަކީ އެންމެ ރަނގަޅު ކަމެކެވެ.

 

ނޯޓް: މިއީ ފަޟީލަތުއްޝައިޚް ޙުސައިން ރަޝީދު އަޙްމަދު ލިޔުއްވާފައިވާ، ދީނީ ސުވާލާއި ޖަވާބު ފޮތުން ނަގާފައިވާ ލިޔުމެކެވެ.

 



ނޫރުލްއިސްލާމް

www.noorul-islam.net