ނޫރުލްއިސްލާމް

www.noorul-islam.net


ކުންޔާ

Category »  މުޖުތަމަޢު
Sunday, May 09, 2010
ލިޔުއްވީ : ފަޟީލަތުއްޝައިޚް މުޙައްމަދު ޢިޔާޟު ޢަބްދުއްލަޠީފް

މުސްލިމުންގެ ކޮންމެ ކަމެއްގައި ވެސް، ޝަރީޢަތުގައި ކަން އޮތްގޮތް ދެނެގަތުމަކީ މުހިންމު ކަމެކެވެ. އަދި އެގޮތަކަށް ޢަމަލު ކުރުމަކީ ވެސް އެހާމެ މުހިންމު ކަމެކެވެ. މިގޮތުން މިފަހަރު މި ބަލައިލަނީ "ކުންޔާ" އާއި ބެހޭ ގޮތުންނެވެ. އެހެންކަމުން ކުންޔާ އާއި ގުޅުން ހުރި ބައެއް ޙުކުމްތައް ބަޔާން ކުރެވޭތޯ ބަލާނަމެވެ. ﷲ ތަޢާލާ ވާގިދެއްވާށިއެވެ. އާމީން.

 

-        ކުންޔާ އަކީ ނަމުގެ ކުރިޔަށް "އަބޫ" ނުވަތަ "އުންމު" ހިމެނިގެންވާ ނަންތަކެވެ.

-        ކުންޔާ އަކީ މީހަކަށް މާތްކޮށް ހިތުމުގެ ގޮތުން ބޭނުން ކުރެވޭ އެއްޗެކެވެ. ލަގަބާއި ތަފާތުކޮށްނެވެ.

-         ލަގަބަކީ މީހަކަށް މާތްކޮށް ހިތުމުގެ ގޮތުންވެސް އަދި ދެރަކޮށްލުމުގެ ގޮތުންވެސް ބޭނުން ކުރެވޭ އެއްޗެކެވެ.

-        ފާސިގަކަށްވެސް، ކާފިރަކަށްވެސް، އަދި ބިދްޢަވެރިއަކަށްވެސް ކުންޔާ އެއް ކިޔިދާނެއެވެ. ޚާއްޞަ ގޮތެއްގައި އެނޫން ނަމަކުން އެމީހަކު ފާހަގަ ކުރަން ނޭގޭނަމަ، ނުވަތަ އެމީހެއްގެ ނަމަކީ އިސްލާމީ ޝަރީޢަތާ ފުށުއަރާނަމެއް ނަމަ އެވެ.

އަލްމަސަދު ސޫރަތުގެ ފުރަތަމަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (تَبَّتْ يَدَا أَبِي لَهَبٍ وَتَبَّ) މާނައަކީ: "އަބޫލަހަބުގެ ބާރުކެނޑި، ގެއްލި ހަލާކުވެއްޖެ އެވެ. އަދި، ގެއްލި ހަލާކުވެއްޖެ އެވެ". އިމާމް ނަވަވީ- ރަޙިމަހު ﷲ- ވިދާޅުވިއެވެ. "އެނޫންނަމަކުން އެމީހަކު ވަކިކުރަން ނޭގެނީނަމަ، ނުވަތަ އެނަމެއް ބޭނުން ކުރުމުން ފިތުނަ އެއް އުފެދިދާނެ ކަމުގެ ބިރު ހީވާ ކަހަލަ ނަމެއްނަމަ، ފާސިގަކަށްވެސް، ބިދުޢަވެރިއަކަށްވެސް އަދި ކާފިރަކަށްވެސް ކުންޔާ ކިޔިދާނެކަމުގެ ބާބެވެ، ﷲ ތަޢާލާ ވަޙީ ކުރެއްވިއެވެ. (تَبَّتْ يَدَا أَبِي لَهَبٍ وَتَبَّ)، އަބޫލަހަބުގެ އަޞްލު ނަމަކީ ޢަބްދުލް ޢުއްޒާ އެވެ. އެހެންނަމަވެސް ގުރްއާނުގައި "އަބޫލަހަބޭ" އޮތީ ބުނެވޭގޮތުން އެނޫންނަމަކުން އޭނާ ވަކިކުރަން ނޭނގޭތީވެއެވެ. ނޫންނަމަ އޭނާގެ ނަމުގެ ނުބައިކަމުން ކަމުގައި ވެސް ބައެއް ޢިލްމުވެރިން ދެކިލައްވައެވެ. ސަބަބަކީ "ޢުއްޒާ" އަކީ ބުދަކަށް ކިޔޭނަމެކެވެ. އެހެންކަމުން ޢުއްޒާގެ އަޅޭ އޮތުމުން ޝަރްޢީ ހަމަތަކާއި ފުށުއަރައެވެ. އެހެންކަމުން "އަބޫލަހަބު" މިނަން ނުވަތަ ކުންޔާ ގުރްއާނުގައި ބޭނުން ކުރެވުނީ އެވެ.

-        ދަރިންގެ ނަމުން ކުންޔާ ކިޔުން ލާޒިމެއް ނޫނެވެ. ބައެއްފަހަރު ފުރާނަނެތް އެއްޗަކަށް ނުވަތަ ޙައިވާނަކަށް ނިސްބަތްކޮށްވެސް ކުންޔާ ކިޔައެވެ. މިޘާލަކަށް "އަބޫތުރާބު" ނުވަތަ ވެލީގެބައްޕަ، "އަބޫހުރައިރާ" ނުވަތަ ކުޑަކުޑަ ބުޅަލުގެ ބައްޕަ، ފަދަ ކުންޔާތައް ހުރެއެވެ.

-        ކުންޔާގައި ކިޔޭނަމަކީ ދަރިއެއްގެ ނަމަކަށް ވުން ލާޒިމެއް ނޫނެވެ. މިޘާލަކަށް "އަބޫބަކްރުއްޞިއްދީގް" އެކަލޭގެފާނުގެ "ބަކުރު" އޭ ކިޔާ ދަރިޔަކު ނުހުރެއެވެ.

-        ކުންޔާގައި ބޭނުން ކުރެވޭ ނަމަކީ އެންމެ ބޮޑު ދަރިފުޅުގެ ނަމަކަށް ވުން ވެސް ލާޒިމެއް ނޫނެވެ. އެހެންނަމަވެސް އެންމެ ރަގަޅު ގޮތަކީ އެންމެ ބޮޑު ދަރިފުޅުގެ ނަން ކުންޔާ ގެ ގޮތުގައި ބޭނުން ކުރުމެވެ. عَنْ هَانِئٍ أَنَّهُ لَمَّا وَفَدَ إِلَى رَسُولِ اللَّهِ صلى الله عليه وسلم- مَعَ قَوْمِهِ سَمِعَهُمْ يَكْنُونَهُ بِأَبِى الْحَكَمِ ، فَدَعَاهُ رَسُولُ اللَّهِ صلى الله عليه وسلم فَقَالَ : ( إِنَّ اللَّهَ هُوَ الْحَكَمُ وَإِلَيْهِ الْحُكْمُ فَلِمَ تُكْنَى أَبَا الْحَكَمِ ؟ ) ، فَقَالَ : إِنَّ قَوْمِي إِذَا اخْتَلَفُوا فِي شَيْءٍ أَتَوْنِي فَحَكَمْتُ بَيْنَهُمْ فَرَضِيَ كِلاَ الْفَرِيقَيْنِ ، فَقَالَ رَسُولُ اللَّهِ صلى الله عليه وسلم : ( مَا أَحْسَنَ هَذَا فَمَا لَكَ مِنَ الْوَلَدِ ؟ ) قَالَ : لِي شُرَيْحٌ ، وَمُسْلِمٌ ، وَعَبْدُ اللَّهِ ، قَالَ : ( فَمَنْ أَكْبَرُهُمْ ؟ ) قُلْتُ : شُرَيْحٌ قَالَ : ( فَأَنْتَ أَبُو شُرَيْحٍ ).މާނައަކީ:  މާތް ﷲ ރުއްސުންލެއްވި ހާނިއު ގެ ފަރާތުން ރިވާވެގެންވެއެވެ. އެކަލޭގެފާނުގެ ގައުމުގެ މީހުންނާއި އެކު މަދީނާ އަށް ވަޑައިގަތްހިނދު، އެކަލޭގެފާނަށް "އަބުލްޙަކަމް" އޭ ކިޔާ އަޑު ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- އަށް އިވިވަޑައިގެން ސުވާލުކުރެއްވިއެވެ. " ޙަކަމް އަކީ ﷲ އެވެ. އަދި ހުރިހާ ޙުކުމް އެއް މިލްކުވެގެންވަނީ ވެސް ﷲ އަށެވެ. ކަލޭގެފާނަށް އަބުލްޙަކަމް ގެ ކުންޔާ ދެވުނީ ކިހިނެއްވެގެން ހެއްޔެވެ؟"، ޖަވާބުގައި ހާނީ ދެންނެވިއެވެ. "ތިމަންމެން ގައުމުގެ މީހުން ކަމެއްގައި ދެބަސްވެއްޖެނަމަ ތިމަންކަލޭގެފާނުގެ އަރިހަށް އާދެއެވެ. ދެން ތިމަންކަލޭގެފާނު ނިންމާގޮތަކާ ދެެބައިމީހުންވެސް ރުހި ގަބޫލުވެއެވެ."،  ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. "ތިޔައީވާ ހާދަހައި ރަގަޅު ކަމެކެވެ. ކަލޭގެފާނުގެ ދަރިޔަކު ހުރޭހެއްޔެވެ؟"، ހާނީ ދެންނެވިއެވެ. "ތިމަންކަލޭގެފާނުގެ ޝުރައިޙް އާއި ޢަބްދުﷲ ތިބެއެވެ." ޙަދީޘް ކުރެއްވިއެވެ. "ބޮޑީ ކޮންކުއްޖެއް ހެއްޔެވެ؟"، ހާނީ ދެންނެވިއެވެ. "ބޮޑީ ޝުރައިޙް އެވެ"، ޙަދީޘް ކުރެއްވިއެވެ. "އެހެންކަމުން ކަލޭގެފާނަކީ އަބޫ ޝުރައިޙްއެވެ".

-       އަންހެންކުއްޖެއްގެ ނަމުން ކުންޔާ ކިޔުމަކީ މައްސަލައެއް ނޫނެވެ.

އިމާމް ނަވަވީ-ރަޙިމަހުﷲ- ވިދާޅުވިއެވެ. ފިރިހެނަކަށް އަންހެން ކުއްޖަކަށް ނުވަތަ ފިރިހެން ކުއްޖަކަށް ނިސްބަތްކޮށް ކުންޔާ ކިޔުން، ނުވަތަ އަންހެނަކަށް ފިރިހެން ކުއްޖަކަަށް ނުވަތަ އަންހެން ކުއްޖަކަށް ނިސްބަތްކޮށް ކުންޔާ ކިޔުމަކީ މައްސަލައެއް އޮތް ކަމެއް ނޫނެވެ. ސަލަފުންގެ ތެރެއިން ބައެއް ޞަޙާބީންނާއި ތާބިޢީންނަށް އަންހެންކުދިންގެ ނަމުން ކުންޔާދެވިފައި އެބަހުއްޓެވެ. ޢުޘްމާން ބިން ޢައްފާން-ރަޟިޔަﷲ ޢަންހު- ގެ ތިން ކުންޔާ ހުންނަ ކަމަށްވެއެވެ. އެއީ: އަބޫ ޢަމްރު، އަބޫ ޢަބްދުﷲ އަދި އަބޫ ލައިލާ އެވެ.

-        ދަރިޔަކު ނުލިބޭމީހަކުވެސް ކުންޔާ އެއް ބޭނުން ކުރުމަކީ މައްސަލަ އެއް ނޫނެވެ. عَنْ عَائِشَةَ أَنَّهَا قَالَتْ : يَا رَسُولَ اللَّهِ كُلُّ صَوَاحِبِي لَهَا كُنْيَةٌ غَيْرِي ، قَالَ : ( فَاكْتَنِي بِابْنِكِ عَبْدِ اللَّهِ بْنِ الزُّبَيْرِ ) فَكَانَتْ تُدْعَى بِـ " أُمِّ عَبْدِ اللَّهِ " حَتَّى مَاتَتْ . މާނައަކީ: ޢާއިޝާ-ރަޟިޔަﷲ ޢަންހާ- ގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ-ޞައްލަﷲ ޢަލައިހިވަސައްލަމަ- އަށް އެކަމަނާ ދެންނެވިއެވެ. "އޭ ﷲ ގެ ރަސޫލާ އެވެ. ތިމަންކަމަނާ ފިޔަވާ ހުރިހާާ ރަޙްމަތްތެރިންގެ ކުންޔާ އެއް ވެއެވެ"، ރަސޫލުﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. "ކަމަނާ އަށް އަބްދުﷲ ބިން ޒުބައިރު ގެ ނަމުން ކުންޔާ ލިބިގަންނާށެވެ." ޢާއިޝާ-ރަޟިޔަ ﷲ ޢަންހާ- އަވަހާރަވުމަށް ދާންދެން އެކަމަނާގެ ކުންޔާ އަކީ "އުންމު ޢަބްދިﷲ" އެވެ.

-        ފިރިހެނަކަށް ނުވަތަ އަންހެނަކަށް ކައިވެނި ކުރުމުގެ ކުރިން ނުވަތަ ދަރިޔަކު ލިބުމުގެ ކުރިންވެސް ކުންޔާ ކިޔިދާނެއެވެ. عَن عبد الله بن مسعود رضي الله عنه : أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَنَّاهُ أَبَا عَبْدِ الرَّحْمنِ وَلَمْ يُولَدْ لَهُ ". މާނައަކީ: "މާތް ﷲ ރުއްސުންލެއްވި ޢަބްދުﷲ ބިން މަސްޢޫދުގެ ފަރާތުން ރިވާވެގެންވެއެވެ. އެކަލޭގެފާނަށް ދަރިކަލަކު ލިބިވަޑައިގަތުމުގެ ކުރިން ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- އެކަލޭގެފާނަށް އަބޫ ޢަބްދުއްރަޙްމާނު ގެ ކުންޔާ ދެއްވިއެވެ".

-        ކިރުތުނބުން ނުވީއްލޭ ކުޑަކުދިން ނުވަތަ ކުއްޖަކު ވިހާތަނުން ކުންޔާ އެއް ދިނުމަކީ ވެސް މައްސަލައެއް ނޫނެވެ. ކުޑަކުދިންނަށް ކުންޔާ ދިނުމުގެ ފައިދާތައް ޢިލްމުވެރިން ބަޔާން ކުރައްވާފައިވެއެވެ. އޭގެތެރޭގައި އެކުދިންގެ ޝަޚްޞިއްޔަތު ވަރުގަދަވުން، ހަޑިހުތުރު ލަގަބުތަކުން ދުރުހެލިކުރުވުން، އަދި ދަރިޔަކު ލިބެންދެން އެކުއްޖާ ދިރި ހުރުމުގެ އުއްމީދު ކުރުން ހިމެނެއެވެ. ކުޑަކުދިންނަށް ކުންޔާ ކިޔުއްވިކަމަށް ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ ސުންނަތުން ޘާބިތުވެއެވެ. عَنْ أَنَسِ بْنِ مَالِكٍ رضي الله عنه قَالَ : كَانَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ أَحْسَنَ النَّاسِ خُلُقًا ، وَكَانَ لِي أَخٌ يُقَالُ لَهُ : " أَبُو عُمَيْرٍ " أَحْسِبُهُ فَطِيمًا قَالَ : فَكَانَ إِذَا جَاءَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ فَرَآهُ قَالَ : ( أَبَا عُمَيْرٍ مَا فَعَلَ النُّغَيْرُ ؟ ) قَالَ : فَكَانَ يَلْعَبُ بِهِ . މާނައަކީ: މާތް ﷲ ރުއްސުންލެއްވި އަނަސް ބިން މާލިކް ގެ ކިބައިން ރިވާ ވެގެންވެއެވެ. "ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ އަކީ މީސްތަކުންގެ ތެރޭގައި ހުންނެވި އެންމެ އަޚްލާގް ރަގަޅު ބޭފުޅާއެވެ. ތިމަންކަލޭގެފާނުގެ އަބޫ ޢުމައިރު އޭ ކިޔާ ކިރުބޯވަރުގެ ކުޑަ ކޮށްކޮ އަކު ހުރެއެވެ. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- އަށް އެކުއްޖާފުޅުފެނުމުން، އެކުއްޖާފުޅާއި އެކު ސަމާސާ ކުރައްވާ ކުޅެހައްދަވައެވެ. އަދި ޙަދީޘް ކުރައްވައެވެ. އަބޫ ޢުމައިރުއެވެ، ބުލްބުލް އޭ ކިޔުނު ކުޑަކުޑަ ދޫނި ހެދީ ކިހިނެއް ހެއްޔެވެ؟".

މިޙަދީޘް އަށް ބިނާކުރައްވާ އަލްއިމާމް އަލްބުޚާރީ އެކަލޭގެފާނުގެ "ޞަޙީޙް" ގައި ބާބު ބަންނަވާފައިވެއެވެ. "ކުޑަކުދިންނަށް ކުންޔާދިނުމާއި، ދަރިޔަކު ލިބުމުގެ ކުރިން ކުންޔާ ދިނުމުގެ ބާބު".

އިމާމް ނަވަވީ-ރަޙިމަހު ﷲ- ވިދާޅުވިއެވެ. "މި ޙަދީޘް ގައި ގިނަގުނަ ފައިދާ ތަކެއް އެކުލެވިފައިވެއެވެ. އޭގެ ތެރޭގައި ދަރިޔަކު ނުލިބޭ މީހަކަށް ކުންޔާ ކިޔުމާއި، ކުޑަކުދިންނަށް ކުންޔާ ކިޔުން ހިމެނެއެވެ. އަދި އެއީ ދޮގު ހެދުމުގެ ތެރެއަކަށްވެސް ނުވަދެއެވެ".

ނަތީޖާ:

އިސްވެ ބަޔާން ކުރެވުނު ވާހަކަތަކުން ދޭހަވަނީ:

1.    ކުންޔާ އަކީ ސުންނަތެއްކަން.

2.     ކުންޔާ، އަމިއްލަ ދަރިއަކަށް ނިސްބަތްވާން ނުޖެހޭކަން.

3.     ކުންޔާ ކިޔުމުގައި ފުރާނާނެތް އެއްޗަކަށް ނުވަތަ ޙައިވާނަކަށް ނިސްބަތްކޮށްވެސް ކިޔިދާނެކަން.

4.     ކުންޔާ އަކީ ބައެއް މީހުންނަށް ހީވެފައިވާ ފަދައިން އެންމެ ބޮޑު ފިރިހެން ދަރިއަށް ވުން ލާޒިމް ނޫންކަން.

5.     ކުންޔާ ގައި އެންމެ މާތްކަން ބޮޑު ގޮތަކީ އެންމެ ދޮށީ ދަރީގެ ނަމުން ކުންޔާ ކިޔުން ކަން. އެއީ އަންހެން ކުއްޖަކަށް ވިޔަސްވެސް މެ އެވެ.

6.     އެއް ކުންޔާ އަށް ވުރެ ގިނަ ކުންޔާ އެކަކަށް ކިޔިދާނެކަން.

7.     ދަރިޔަކު ލިބުމުގެ ނަޞީބު ލިބިފައިނުވާ މީހުންނާއި ކައިވެނި ނުކޮށް ތިބޭ މީހުންނަށް ވެސް ކުންޔާ ކިޔިދާނެކަން.

8.     ކިރުތުނބުން ނުވިއްލޭ ކުޑަކުދިންނަށް ވެސް ކުންޔާ ކިޔޭކަން.

 

 ނޫރުލްއިސްލާމް

www.noorul-islam.net